ޕްރެޒިޑެންޓްސް ކަޕް 2026 ގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފަހު މެޗު ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ.
މުބާރާތުގެ ސެމީއަށް ނިއު ދަތުރުކޮށްފައިވަނީ މިއަދު ހަވީރު ކުލަބު އީގަލްސްގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.
މެޗުގައި ފުރަތަމަ ލީޑުނެގީ ވެސް ނިއުރޭޑިންޓުންނެވެ. މިއީ މި ސީޒަނުގައި ނިިއުއާ ގުޅުނު ބްރެޒިލް މިޑްފީލްޑަރު ގިލެރްމޯ ޑަ ސިލްވާ ކާމިޔާބުކުރި ލަނޑެކެވެ.
ނަމަވެސް އީގަލްސް ވަނީ ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ތެރޭގައި ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ހިސާމް ސަލީމް ކާމިޔާބުކޮށްފައިވަނީ އިބްރާޙީމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ނަގައިދިން ކޯނަރުގައި ބޮލުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި އަލީ އަޝްފާގު (ދަގަނޑޭ) ވަނީ މި މެޗުގައި ކުޅެން އަރާފައެވެ. އޭނާ އެރުމާއެކު ނިއުގެ ހަމަލާތައް ކުރިއަށްވުރެ ވަރުގަދަވެގެންދިޔަ އެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 57 ވަނަ މިނެޓުގައި ޑަ ސިލްވާ ވަނީ މެޗުން ނިއު މޮޅުވި ލަނޑު ޖަހައިދީފައެވެ.
އޭގެފަހުންވެސް ނިއުއަށް ލަނޑުޖަހަން ފުރުސަތަކެއް ލިބުނެވެ. ހާއްސަކޮށް އަލީ ފާސިރު (ސެންޓޭ) އާއި އެ ޓީމުގެ ބިދޭސީ ފޯވާޑް އަލް ހާޖީއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ.
މި ގްރޫޕުން ސެމީ ފައިނަލަށް ދަތުރުކުރާނެ ދެވަނަ ޓީމެއް ޔަގީންވާނީ އަންނަ ހޯމަދުވަހު އޮޑި އާއި އީގަލްސް ބައްދަލުކުރާ މެޗުންނެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ދެވަނަ ޖާގަ ލިބިގެންދާނެއެވެ.