ހދ. ކުމުންދޫ ފަޅުގައި ބާއްވައިގެން މަރާމާތު ކުރަމުން ދާތާ ގިނަ ދުވަސްވީ ދޯންޏެއް އަޑިއަށް ގޮސް، ގެއްލުންތަކެއް ލިބިއްޖެއެވެ.
ކުމުންދޫ ކައުންސިލުން ބުނި ގޮތުގައި، 'އަޒުމް' ނަމަކަށް ކިޔާ އެ ދޯނި ފަޅުތެރެއަށް އަޑިއަށް ދިޔައީ ރޭގެ ވަގުތެއްގައެވެ. އެހެންވެ، އެ ދޯނި ފުން ކުރުމުގެ މަސައްކަތަށް ކުމުންދޫ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.
އެ ކައުންސިލުން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި، އަޑިއަށް ގޮސްފައި ވަނީ، އެ ދޯނިން ބައެކެވެ. އެއް އަރިއަކަށް ދޯނިން ބައެއް އަޑިއަށް ގޮސްފައިވާއިރު، އެއީ މާރާމާތުގެ މަސައްކަތް ކުރާ ދޯންޏެއްކަން އެނގެއެވެ. އެ ގޮތުން، ދޯނީގެ ބައެއް ފިލާތައް ފަޅު ތެރޭގައި ހުރި މަންޒަރު ފޮޓޯތަކުން ފެނެއެވެ.

އަޒުމް ދޯނިން ބައެއް ކުމުންދޫ ފަޅަށް އަޑިއަށް ގޮސްފައި --- ފޮޓޯ/ ކުމުންދޫ ކައުންސިލް
އިތުރު މައުލޫމާތު ހިއްސާކުރައްވައި، ކުމުންދޫ ކައުންސިލް މެންބަރު އަލީ އަންވަރު 'ސަން'އަށް ވިދާޅުވީ، އެ ދޯނި އަޑިއަށް ދިޔަ ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 06:30 ހާއިރު ކަމަށެވެ.
އެހެންވެ، އެ ސަރަހައްދަށް ދިޔައިރު، ދޯނި އަޑިއަށް ގޮސްފައިވާ ކަމަށާއި އަޑިއަށް ދިޔަ ސީދާ ސަބަބެއް ސާފުވެފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދު އެ ރަށު ފަޅުތެރެ ގަދަ ނޫންކަން ފާހަގަކުރައްވައި، އަންވަރު ވިދާޅުވި ގޮތުގައި، އަޑިއަށް ދިޔައީ މާލެ ދަތުރުކުރާ ދޯންޏަކަށް ހެދުމަށް ގިއުގަނޑު ނުވަތަ އޮނިގަނޑު ތައްޔާރު ކުރަމުން ދިޔަ ދޯންޏެކެވެ.

އެ މަސައްކަތަށް ފަޅުތެރޭގައި އޮންނަތާ އަހަރެއްވަރު ވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ކުމުންދޫގެ ސަންލައިޓް ގެއަށް ނިސްބަތްވާ އެ ދޯނި ކުރިން ބޭނުންކުރީ ކަންނެލި މަސްވެރި ކަމަށެވެ.
ރޭގެ ހާދިސާއަށް ފަހު, ދޯންޏަށް ލިބިފައި ހުރި ގެއްލުންތައް އެނގޭނީ، ދޯނި ފުންކުރެވުމުން ކަން އޭނާ ފާހަގަކުރެއްވިއެވެ.
އޭގެއިތުރަށް، އަންވަރު ވިދާޅުވީ، ތާނގި ފަދަ ތަކެތި ބަނދެގެން ދޯނި ފުންކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.