ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގެ ފައިނަލަށް ހދ. ނައިވާދޫ އާއި ގއ. ދެއްވަދޫން ދަތުރުކޮށްފިއެވެ.
މިއީ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ފައިނަލަށް ނައިވާދޫ ޖެހިޖެހިގެން ދަތުރުކުރި ދެވަނަ ފަހަރެވެ. އަނެއްކޮޅުން މިއީ މުބާރާތުގެ ފައިނަލަށް ދެއްވަދޫ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.
މުބާރާތުގެ ފަިއނަލަށް ނައިވާދޫ ދަތުރުކޮށްފައިވަނީ މިދިޔަ އަހަރުގެ ޗެރިޓީ ޝީލްޑް އުފުލާލި ފުޓްސަލްގެ ވަރުގަދަ ބ. އޭދަފުށި ބަލިކޮށްގެެންނެވެ. މި މެޗުގެ ފުރިހަމަ ވަގުތު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އެއާއެކު ޕެނަލްޓީގައި ނައިވާދޫން ކުރިހޯދާފައިވަނީ 4-6 ގެ ނަތީޖާއަކުންނެވެ.

ހިއުންޑާާއި ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގައި ނައިވާދޫއާ އޭދަފުށި ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: އިމޭޖަސް
ފުރަތަމަ ފައިނަލަށް ދެއްވަދޫ ދަތުރުކޮށްފައިވަނީ ވިލިމާލެއާ ވާދަކޮށް ވާދަވެރި ކުޅުމަކަށްފަހު 4-3 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.
ނައިވާދޫއާ އޭދަފުށި ބައްދަލުކުރި މެޗުގައި އެންމެ ފުރަތަމަ ލީޑުނެގީ ނައިވާދޫއެވެ. އަބްދުﷲ ޝާފިއު (ޝާއްޕެ)ގެ ގޯލުން ލީޑު ނެގި ނަމަވެސް މުހައްމަދު ފާސިރު (ފާއްޓޭ) ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުގެ ކުރިން ނަތީޖާ ހަމަހަމަކޮށްފައެވެ.
މީގެކުރީގެ މުބާރާތްތަކުގައި އޭދަފުއްޓަކީ ޕެނަލްޓީގައި ކާމިޔާބު ޓީމެކެވެ. ނަމަވެސް މިފަހަރު އެ ނަސީބެއް ނެތެވެ.

ހިއުންޑާާއި ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގައި ދެއްވަދޫއާ ވިލިމާލެ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: އިމޭޖަސް
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މެޗުގައި ދެއްވަދޫން ލީޑުނެގި ލަނޑު ޖެހީ އަލީ ހައިޝަމް (ޗުމްޕު) އެވެ. އޭގެފަހުން އަލީ ޝިޔާހު (ޝިޔަޅޭ) ވިލިމާލެއަށް ނަތީޖާ ހަމަހަމަކޮށްދިން އިރު، ހުޒައިފަަތު ރަޝީދު (ހުޒޭ) ވަނީ ދެއްވަދޫއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދީފައެވެ.
މެޗުގެ ދެވަނަ ހާފުގައި ދެއްވަދޫއަށް ލީޑު ފުޅާކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އިމްރާން (އިންމި) އެވެ. އޭގެފަހުން ވިލިމާލޭގެ އަބްދުﷲ ސަމީހު އެ ޓީމަށް އިތުރު ލަނޑެއް ޖަހައިދިންއިރު، ބެންޗުން އަރައި ވިޝާހު އަބްދުލް މަޖީދު (ވިއްޓު) އިތުރު ލަނޑެއް ކާމިޔާބުކޮށްދިނެވެ.

ހިއުންޑާާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ދެއްވަދޫއާ ވިލިމާލެ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: އިމޭޖަސް
އޭގެފަހުން ފަސް ފައުލު ހަމަވެގެން ދުރު ޕެނަލްޓީން ޝިޔާހު ވަނީ ވިލިމާލެއަަށް އެ ޓީމުގެ ތިންވަނަ ލަނޑު ޖަހާފައެވެ.
ދެއްވަދޫ އާއި ނައިވާދޫ ކުޅޭ މުބާރާތުގެ ފައިނަަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރުދުވަހުގެ ރޭގަނޑުއެވެ.