މިއިންސާނެއްގެ ހަޔާތުގައި ވަގުތު ދެބަޔަކަށް ބަހައިލެވޭ ހާލަތް އާދެއެވެ. ކުރިއާއި ފަހަތެވެ. ކުށެއް ކުރެވުމުގެ ކުރިންނެވެ. ފަހުން ހޭލެވުމުންނެވެ. ކުރިން ބޮޑާކަމާއި ފަހުން ހިތްތިރިވުމެވެ. ކުރިން ދުނިޔެ ތައުރީފުކޮށްފައި ފަހުން ފުރާނަވެސް ރޫރޫއަޅައިގަނެއެވެ. މިއީވެސް ކުށުގެ ފަސާނާއެއް ނޫނެވެ. ހިތެއްގެ ވާހަކައެވެ. މުއްސަދިކަމާއި ނިއުމަތްތަކުން ވަށާލާފައިވިޔަސް އެކަނިވެރިވެފައެވެ. ފަރުވާކުޑަވުމަކީ މިނިވަންކަންކަމުގައި އޮޅުނެވެ. ޖަލެއްގެ ބަދަލުގައި ކުށުގެ އިހުސާސްގެ ފުންމިނެއް ނޭގޭ ވަޅުގަނޑަކަށްވެއްޓި މައިބަދަވެސް ބިނދި މޭ ހުސްވެފައިވާ ހާލަތުގައެވެ.

މިއީ ރަހުމަތުގެވެސް ފަސާނާއެކެވެ.

ތިމާ ބަރުބާދުކޮށްލާ މަގަކީ ﷲގެ ހަޟުރަތަށް ރުޖޫއަ ވާ މަގަކަށްވެސް ވެދެއެވެ. ބައެއްފަހަރު ވާރޭވެސް ވެހެނީ އަދަބެއްގެ ގޮތުންނޫނެވެ. ހަޑިމިލަތައް ދޮވެލުމަށެވެ.

***

މާލޭގެ އިމާރާތްތަކާއި އެޕާޓްމެންޓްތައް ފެންނާންހުރީ ދަޅަ އަރާ ކުލަކުލައިގެ ޖަވާހިރުތައް ފަދައިންނެވެ. ފަޒާގައި ހިފާފައިވީ ވާރެއާއި ލޮނުގެ ވަހެވެ. ތަންކޮޅެއް ކައިރީގައި ހުރި މިސްކިތުން އިވެމުންދިޔަ ބަންގީގެ އަޑު އިވެމުންދިޔައެވެ. މުގައްދަސް ކަލިމަ ވައިގެ ތެރޭގައި ދައުރުވަމުންގޮސް ކަންފަތްތަކާއި ހަމަޔަށް ފޯރާއިރު އީމާންކަމުގެ އަހުލުވެރިންގެ ގައިން ހީބިހި ހަލުވާވަރުވެއެވެ.

ކާދިން އުފަންވީ މުއްސަދިކަމާއި މަޝްހޫރުކަމުން ބޭރު ދުނިޔެވެސް ދަންނަ އާއިލާއަކަށެވެ. އެމީހަކު އަތްނުލާ ނަން އެކަނި އިވުނަސް ދޮރުތައް ހުޅުވޭ އާއިލާއެކެވެ. އޭނަގެ ބައްޕަ ފައިސަލް ރާޝިދުއަކީ ސިޔާސީގޮތުން އުޑުގައި ވިދާ ބަބުޅާ ތަރިއެކެވެ. މަޑުމައިތިރި ޝަޚުސިއްޔަތެކެވެ. ވިސްނުން ތޫނެވެ. އޭނަގެ ވާހަކަތަކުގައި ހުންނަ ޖާދޫއިން މީހުން އެއްކޮށްލަން އެވަރުގެ ކުޅަދާނަކަމެއް ހުރި މީހަކު ރާއްޖެއަކު ނެތެވެ. އޭނަގެ މަންމަ މެހެރްއަކީ ލަވަކިޔުންތެރިއެކެވެ.އެ އަޑާއި މޫނުވެސް ސޯޝަލް މީޑިއާގައި ވައިހިފާލާފައިވާ ފަރާތެކެވެ. އޭނަ ބޮޑުވީ ސަންގުމަރުމަރުހިލައިގެ ތަޅުންމައްޗާއި ކެމެރާތަކުގެ އަލި އެޅިގެންނެވެ. އެކަމަކުވެސް އޭނައަށް އިހުސާސްކުރެވުނީ އެކަނިވެރިކަމެވެ.

ގޭގެ ބޮޑުކަމާއި ކޮޓަރިތައް ކިތަންމެ ގިނަވިޔަސް ހިމޭންކަމުން ކަށްވަޅެއްފަދައެވެ. ޚާދިމުން އުޅެނީ ހިޔަނިތައް ފަދައިންނެވެ. ބަސްމަދެވެ. ކުރަން ހުންނަ މަސައްކަތްތައް ނިންމާލާފައި ލޯމަތިން ގެއްލިދެއެވެ. ދޮރުފާރަވެރިންވެސް އެތަނުގައި ތިބެނީ ޖެހި ބުދުތަކެއްފަދައިންނެވެ. ބައްޕަ ދިރިއުޅޭބައި ގިނަފަހަރު ތަޅުލެވިފައެވެ. މަންމަގެ ޝެޑިއުލްގެ ބާރުބޮޑުކަމުން އޭނައަށް ވަގުތެއްނުދެވެއެވެ. ކުޑައިރުއްސުރެ ކާދިންއަށް ދަސްވީ ލޯތްބާއި ކުލުނަށްވުރެ ކާމިޔާބުގެ އަޑު ހަރުކަމެވެ.

އޭނައަށް ދުނިޔެއިން ހުރިހާ އެއްޗެއް ލިބުނެވެ. ނުފެނުނީ ދާންވީ ސީދާ މަގެވެ.

އޭނަގެ އެކުވެރިންގެ ތެރޭގައިވެސް ހިމެނެނީ ވިޔަފާވެރިންނާއި، މިނިސްޓަރުންގެ ފެންވަރުގެ ދަރިންނެވެ. އެމީހުންގެ ބަހުރުވަ ހުންނަނީ އިނގިރޭސި ދިވެހި އަދި ސޯޝަލްމީޑިއާގައި ޓްރެންޑްވާ ބަސްތައް އެއްކޮށްލެވިފައެވެ. އެކުދިން އަޅާ ހެދުންތަކާއި ބޭނުންކުރާ އެއްޗެހީގައިވެސް އަގުހުރެއެވެ.

ދީނަކީވެސް ކާދިންއަށްޓަކާ ރަސްމިއްޔާތެއްފަދައެވެ. އީދުނަމާދަށްވެސް ދަނީ މައިންބަފައިންނާއެކު ދާއިރު ފޮޓޯތައް ނަގާތީއެވެ. އޭނަ ރޯދައަށް ހުންނަނީވެސް އިންސްޓާގައި އެކަންވެސް ފެޝަނަކަށްވެފައިވާތީއެވެ. އުމްރާއަށް މައިންބަފައިންނާއެކު ދިޔުމުން އެކަންވެސް ވައިރަލްވިއެވެ. ޚާއްސަކޮށް މަންމަ ފޮޓޯތައް ލުމުން ލައްކައިން މެސެޖްއައެވެ. އޭނައަށް ގުރުއާނުގެ ކުރު އާޔަތްތައް އެނގެއެވެ. ފިލްޓާކޮށްފައިވާ ފޮޓޯތަކުގައި ކެޕްޝަންގެ ގޮތުގައި ލިޔެވޭވަރުގެ އާޔަތްތަކެވެ.

ދީނާއިމެދު ފުންކޮށް ވިސްނަން ދަސްކޮށްދެވިފައެއްނެތެވެ.

އޭނަ ހީކުރާގޮތުން މާލެއަކީވެސް އޭނަގެ އަމިއްލަ ތަނެކެވެ.

މާމަ ދުނިޔޭގައި ހުރިއިރު ބުނި ހަނދާނެއްވެއެވެ." ހިތަކީ އަމާނަތެކެވެ. ދުނިޔެއަށް އެ ހިތް މިލްކުވިޔަ ނުދޭށެވެ."

އޭގެ ހަގީގީ މާނަ އޭރަކު އޭނައަށް އެނގިފައެއްނެތެވެ.

***

ކުއްލިއަކަށް ވާރޭވެހެން ފެށީ އިންޑިއާ ކަނޑުން އައި ރިހިކުލައިގެ ބަރަނިފަށްތަކެއްހެން ފަޒާ ފުސްކޮށްލަމުންނެވެ. ކާދިންއާއި އެކުވެރިން ޕާޓީކުރަން ތައްޔާރުވަމުން ދަނިކޮށް ވާރޭ އައުމަކީ އޭނަ ދެކުނުގޮތުން ނުބައި ފާލެކެވެ. އިސްކޮޅަށްވުރެ ބޮޑު ލޯގަނޑުކުރިމަތީގައި ހުރިއިރު އެހާ ޅައުމުރުގައި ލިބިފައިވާ ހަ ފޫޓުގެ ދިގު އިސްކޮޅާއިމެދުވެސް ފަޚުރުވެރިވިއެވެ. އޭނަ އަގުބޮޑު ސެންޓްފުޅި ގައިގެ އެތަން މިތަނަަށް ޖަހަން ފެށުމުން ކޮޓަރިތެރޭގެ ވަސް އިތުރަށް ހިތްގައިމުވިއެވެ.

އޭނަގެ ފޯނަށް ފުލުފުލުގައި މެސެޖް އަންނަމުން ދިޔައެވެ.

"ބްރޯ އާ ޔޫ ކަމިން އޯ ނޮޓް؟"

"ޑޯންޓް ޑިޗް.."

"ބްރިންގ ދަ ކާރ..."

އޭނަ ހިނިއައެވެ. އެކާރަކީ އޭނަގެ ބައްޕަ ފައިސަލް އުފަން ދުވަހުގެ ހަދިޔާއަކަށް ދެއްވި ސްޕޯޓްސްކާރެކެވެ. ރިހިކުލައިގެ ތަންކޮޅެއް ތިރި އަދި އިންޖީނު ހިންގައިލުމުން ދިރި އޮތްއެއްޗެއްހެން ހީވާފަދައެވެ. އޭނައަށް އެވަރުގެ ހަދިޔާއެއް ލިބިދާނެކަމަށް ހިޔެއްނުކުރެއެވެ. ދެންފަހަރަކުން ޖެޓެއް ލިބޭނެކަމަށް އޭނަ އުއްމީދުކުރެއެވެ. ބައްޕަ ތަޅުދަނޑިދެއްވީ ނިކަން ހަމަޖެހިލައިގެން ހުރެއެވެ."ބީ ރެސްޕޯންސިބްލް.." އެޖުމްލައާއެކު ބައްޕަގެ ނަޒަރުވީ ފޯނަށް ހުއްޓިފައެވެ.

ޒިންމާދާރުވުމަކީ އެހާ ވިސްނަން ޖެހޭ އެއްޗެއްގެ ގޮތުގައި ނަގައެއް ނުގަނެވުނެވެ. ދުރުން އިވުނު އަޑެއްފަދައެވެ.

ކާދިން ތަޅުދަނޑި ހިފައިގެންގޮސް ކާރަށް އެރިއެވެ. އިންޖީނުގެ އަޑު ކަންފަތުގައި ޖެހުމުން ހަށިގަނޑުގެ ލޭވެސް ހޫނުވެލުމާއެކު އަމިއްލަ ބާރާއި ގަދަރު އިހުސާސްވިއެވެ. މިއުޒިކްގެ އަޑުން ކާރުތެރެ ފަޅައިލުމާއެކު ބާސްތަކުގެ ގުގުމުން އޭނަގެ މޭކަށިގަނޑަށްވެސް ގުޑުން އެރިފަދައެވެ.ކާރު ދުއްވައިލުމާއެކު ފަސޭހަކަމާއެކު ދުއްވައިގަތީ ކާރުވެސް އިންތިޒާރުގައި އޮތްހެންނެވެ. ފާރަވެރިޔާ ވަގުތުން ދޮރު ހުޅުވައިލަދިނެވެ.

ބާރު ދުވެއްޔަކީ މިނިވަންކަމެވެ. އެއީ ސަލާމަތްވުމެވެ. ގޭގައި އޭނައަށްޓަކާ އިންތިޒާރުކުރާ ހިމޭން އެކަނިވެރިކަން ނައްތައިލާނެ މަގެކެވެ.

އޭނަގެ ފޯނު ވައިބްރޭޓްވާންފެށިއެވެ. ކޮންމެވެސް މީހަކު އޭނަ ޓެގްކުރީއެވެ. އެވަގުތު އޭނައަށް ފޯނާއި ދިމާލަށް ބަލައިލެވުނީއެވެ. ހަމަ އެންމެ ސިކުންތުކޮޅަކަށެވެ. އެ ސިކުންތުކޮޅު ހުރިހާ ކަމެއް ބަދަލުކޮށްލީއެވެ.

ބާރުދުވެއްޔެއްގައިގޮސް ގޯޅި އަޅަންޖެހުނީ އެވެ. މަގުތަކުގެ އަލިތައްވެސް ފިޔަޖަހާއިރު ވާރޭގެ ސަބަބުން އެހާ ސާފެއްނޫނެވެ. ކާދިންއަށް ބަލައިލެވުނުއިރު އަންހެނަކު ތަންކޮޅެއް ދުރުން މަގު ހުރަސްކޮށްލަނީއެވެ. އަތުގައި ދެކޮތަޅެއް އޮތެވެ. ފާހަގަވީ ނަގައިގެން ހުރި ކަޅުކުލައިގެ ކުޑައެވެ. ކާދިންގެ ސިކުނޑި ގަނޑުވިއެވެ. ފައިތިލަ ހަރަކާތްކުރިލެއް ތަންކޮޅެއްލަސްވީއެވެ. އަޑުއައީ ފިލްމެއްގެ މަންޒަރެއްފަދައިންނެއް ނޫނެވެ. މަޑު އަޑެކެވެ. އެކަމަކު ތަންކޮޅެއް ބަރުކަން ނޭގެއެވެ.

ކާރު މަގުން ކައްސާލައިގަތްއިރު ބުރަކި ހަޅޭއްލައިގަތެވެ. އޭރުވެސް މިއުޒިކް ކުޅެވެމުން ދިޔައެވެ. ތިންވަރަކަށް ސިކުންތުވާންދެން ހިމޭންވިއެވެ. ދުނިޔެވެސް ހުއްޓުނުފަދައެވެ. އެއާއެކު ހަޅޭކުގެ އަޑާއި މީހުންތައް ދުވެފައި އަންނަ މަންޒަރުފެނުނެވެ. ކޮންމެވެސް މީހަކު އޭނަގެ ކާރުގެ ބިއްލޫރިގަނޑުގައި ތަޅައިގަތެވެ.

ކާދިން ހުންގާނުގައި ބާރަށް ހިފަހައްޓާލައިގެން އިންއިރު އިނގިލިތައް ތުރުތުރުލަނީއެވެ. ނޭވާވެސް ތަންކޮޅެއް ކުރެވެ. އޭނަ އަވަހަށް ދޮރު ހުޅުވާލާފައި ވާރޭގެ ތެރެއަށް ނުކުތެވެ.

މަގު ހުރަސްކުރި އަންހެންމީހާ އޮތީ މަގުމަތީގައެވެ. ޒުވާން މޫނެކެވެ. އޭނަގެ މަންމައާއި އެއް އުމުރެއްހެން ހީވެއެވެ. ތަފާތަކީ އަޅައިގެން ހުރި ހެދުމާއި މޭކަޕެއް ނެތުމެވެ. އަޅައިގެން ހުރި ހުދުކުލައިގެ ޝޯލް ތެމިފައިވަނީ ފެނާއި ރަތްކުލައިންނެވެ.

ކާދިންގެ ކަންފަތުތެރޭ ރަގަބީލު ޖެހިގަތެވެ. ދުނިޔެ ދައުރުވަމުން ދިޔައީ އެތިކޮޅުތަކެއްފަދައިންނެވެ. ކޮންމެވެސް މީހަކު ހަޅޭއްލަވައިގަތެވެ."އެމްބިއުލެންސަށް ގުޅާ...."

"މިކުއްޖާ ދުއްވީ މާ ބާރަށް. ލައިސަންއޮތް ކަމެއްވެސް ނޭގޭ..."

ކާދިން ފަހަތަށް ޖެހުނެވެ."ނޫން....ބާރަށް ނޫން....އޭނަ ހުރަސްކުރި ތަނެއް ނުދެކެން...."

ވާރޭވެސް އެ ޖުމްލަތަކާއި ދެކޮޅު ހަދާކަށް ނޫޅުނެވެ. އެއްރާގަކަށް ވެހެމުން މާހައުލުގެ ނުތަނަވަސްކަން އިތުރުކުރަނީއެވެ.

ގަޑިއެއްހާއިރުފަހުން ޚަބަރު ފެތުރިގަތީ ހިކި ހުއިތަކެއްގައި ހުޅުހިފިފަދައިންނެވެ. ދަންވަރުވީއިރު މުޅި ރާއްޖޭގައި އެނޫން ވާހަކައެއްނެތެވެ. ދައްކާނެ އެހެން ވާހަކައެއް އުފަންވީއެވެ. ކާރެއްގައި ޖެހިފައި ނިޔާވީ މުރުޝިދާ ކިޔާ އަންހެނެކެވެ.

"މަޝްހޫރު ސިޔާސީ ލީޑަރު ފައިސަލް ރާޝިދުގެ ފުރާވަރު ފިރިހެންދަރިފުޅު ނުރައްކާތެރި އެކްސިޑެންޓެއްގެ ތުހުމަތުގައިވާކަމަށެވެ. ފަރުވާކުޑަކޮށް ކާރު ދުއްވިކަމާއިމެދު ސުވާލު އުފައްދަންފެށިއެވެ. ފައިސަލްމެންގެ ގޭގެ ބޭރުގައި ކެމެރާތައް ގިނަވެގަތެވެ. ރިޕޯޓަރުން ޚަބަރު އަތުލަން އެއްވިއެވެ. ސޯޝަލް މީޑިއާ ގޮވިއެވެ. ބައެއްމީހުން އޭނަގެ ދިފާއުގައި ވަކާލާތުކުރިއިރު އަނެއްބަޔަކު އޭނަ ކުށްވެރިކުރިއެވެ.

ފައިސަލްގެ ގެއަށް އައި ގާނޫޫނީ ވަކީލުން އަވަހަށް ބަޔާން ނެގިއެވެ.

"އޭނަ މަގުހުރަސްކުރީ ކުއްލިއަކަށެވެ."

"ކާރު ބާރަށް ދުއްވިކަމުގެ އެއްވެސް ހެއްކެއް ފެންނާކަށް ނެތެވެ."

"އެއީ ހަމަ ބަދުނަސީބު އެކްސިޑެންޓެކެވެ."

ފައިސަލްގެ ނުފޫޒު ކިތަންމެހާވެސް ރަގަޅަށް މަސައްކަތްކުރިއެވެ. ހެކިވެރިންގެ ބަޔާންތައް އުނިކޮށްލެވުނެވެ. ސީސީޓީވީ ފުޓެޖް ސާފެއްނޫނެވެ. ކޮންމެ ފިޔަވަޅެއް އެޅީ ފަރުވާތެރިކަމާއެކުގައެވެ.

މަސްތަކެއްވީއިރުު އެ ޚަބަރުގެ ހޫނުކަން ކެނޑި އެހެން މައްސަލަތަކަށް ސަމާލުކަން ލިބުނެވެ. މައްސަރެއްވީއިރު އެ ވާހަކަދައްކާނެ އެއްވެސް ފަރާތެއްނުވިއެވެ. އެކަކުވެސް ކުށްވެރިއެއްނުވިއެވެ. ޖަލަކަށް ނުގެންދެވުނެވެ. ފަރުވާތެރިކަމާއެކު އާއްމުންނަށް ދޫކޮށްލެވުނު ބަޔާނެއް ފިޔަވާ މާފަށްވެސް އެދިފައެއްނުވެއެވެ.

ގާނޫނީގޮތުން ކާދިން މިނިވަންވިއެވެ.

ނަމަވެސް އޭނަގެ ރޭތަކަށް އެފަދަ މިނިވަން ކަމެއް ނުލިބުނެވެ.

***

ފުރަތަމަ ބިރުވެރި ހުވަފެން އޭނަގެ ނިދިން ހޭލެއްވީ އެކްސިޑެންޓްވިތާ ތިންވަނައަށްވީ ރޭގައެވެ. އޭނަ ހުރީ ހަމަ އެ މަގުގައެވެ. ވާރޭވެސް ބޯކޮށްވެހެމުން ދިޔައެވެ. މަގުމަތީގައިވާ ބޮކުތައް ފިޔަޖަހައެވެ. އެ އަންހެންމީހާހުރީ އޭނަގެ ކުރިމަތީގައެވެ. އެއްވެސް އަނިޔާއެއް ވެފައެއްނެތެވެ.ނަމަވެސް ލޮލުގެ ބަދަލުގައި ހުރީ ވަޅުގަނޑެކެވެ.

"ކީއްވެ އަހަރެން ނުފެނުނީ؟" މުރުޝިދާ ސުވާލުކުރީ ނިކަން ހަމަޖެހިގެން ހުރެއެވެ.

އޭނަ ޖަވާބުދޭން އުޅުމުންވެސް އަޑުނުނިކުތެވެ. އެއާއެކު ފައިދަށުން ބިންގަނޑު ކަނޑައިގެންދިޔައެވެ. އަޑުކޮޅަށް ހަޅޭއްލަވައިގަތުމާއެކު އިނދެވުނީ އެނދުގައި އިށީދެލައިގެންނެވެ. ދަލުން ބެޑްޝީޓުވެސް ތެމިފައެވެ. މޭ ފަޅާލާފައި ހިތް ނިކުމެދާނެހެން ހީވިއެވެ. ކޮޓަރިވެސް ކުޑަވެފައި އަނދިރިކަމުގެ އިހުސާސްކުރެވުނެވެ. ތެދުވެ ހުރިހާ ބޮކިތައް ދިއްލާލާފައި ވަށައިގެން ހޯދައިލުމުން ޔަގީންވިއެވެ. އޭނަ މިއޮތީ އަރާމު ކޮޓަރީގައި ސަލާމަތުންނެވެ.

އެއީ ހުވަފެނެކެވެ. ކުށްވެރި އިހުސާސެވެ.

މައްސަލައަކީ ލޯ މަރައިލުމުންވެސް ތަކުރާރުކޮށް އެ ސިފަ ފެންނަކަމެވެ.

***

ދުވަސްތައް ފާއިތުވަމުން ދިޔައީ ހައިރާންވާހާ އަވަހަށެވެ. ގަޑިވެސް ކަށީގެ ވާޖިބު އަދާކުރަމުން ދިޔައެވެ. ބައެއް އިންސާނުންނަށް ވަގުތުގެ އަގު ވަޒަންކުރަން ނޭގި ބޭކާރުގޮތުގައި ދުއްވާލާއިރު ބުއްދިވެރިން އެކަން ދަނެގެން މަގުސަދު ހާސިލުކުރަނީއެވެ. ކާދިންގެ އެކަނިވެރިކަން ކުރިއަށްވުރެ ބޮޑުވިއެވެ. ރޭގަނޑު ބޭރަށް ދިޔުން ހުއްޓައިލިއެވެ. މޭޒުމަތީގައި ކާރުގެ ތަޅުދަނޑި އަތްނުލާ އޮތްތާގައި އޮވެއެވެ. މިއުޒިކާއި ލަވައިގެ އަޑުންވެސް ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. މާ އަޑުހަރީއެވެ. އުދަގޫދެނިވި ހަލާކު ހުރި އެއްޗެކެވެ. ހުސްކަން ނޫން އެއްޗެއް އިހުސާސެއް ނުކުރެވެއެވެ.

އެކުވެރިން އޭނަ ވަކިވާކަށް ނޭދެއެވެ. އެމީހުންގެ އުފާވެރި މަޖާ ދިރިއުޅުމަށް އޭނަ ގެންނަން މަސައްކަތްކުރިއެވެ.

"ބްރޯ..މާބޮޑަށް އޯވާތިންކްކުރަނީ..."

"އެއީ ކޭޑްގެ ކުށެއްނޫން.."

"މިއީ އާއްމުކޮށް ދިމާވާކަންތައް....މައްސަލައެއްނޫން.."

"ބައްޕަ ކިހާ ރަގަޅަށް އެ މައްސަލަ ހެންޑްލްކުރީ..ޗިލް..."

ބައްޕަ އެ މައްސަލަ ހައްލުކުރިވާހަކަ އިވުމުން އެތެރެހަށި ޚަންޖަރަކުން ގޯޅައިލެވުނުހެން ހީވިއެވެ. އެކަން ނިންމީ އިންސާފުވެރިކޮށްހެއްޔެވެ؟

ކާދިން ކާކޮޓަރިއަށް ކޮފީއަށް ބޯން ދިޔައިރު ދެ ޚާދިމުން މަސައްކަތެއްގައި އުޅެމުން ދިޔައެވެ.ދެމީހުން ވާހަކަދައްކަމުން މަޑުމަޑުން ބުނެލި އެއްޗަކުން ކާދިންގެ މެޔަށް ބާރުވެލިއެވެ.

"ﷲ ހުރިހާކަމެއް ދެކެދެނެވޮޑިގެންވޭ...."

ކާދިން ކޮފީތަށި ހިފައިގެން ކޮޓަރިއަށް ދިޔަސް އެ ޖުމްލަ އޭނަގެ ފަހަތުން އަަންނަފަދައެވެ."ﷲ ސީސް އެވްރީތިން"

ކާދިންގެ ސިކުނޑި ފަޅައިގެން ދާހެން ހީވުމުން އޭނަ ލެޕް ހިފައިގެންގޮސް ބެލްކަންޏަށް ނުކުތެވެ. އެކުވެރިން ބުނާފަދައިން ކުރީގެ މާޒީއަށް އެނބުރިދާންވީއެވެ. ނޫނީ ސިކުނޑި އޭނަގެ އުފާވެރިކަމާއި ހަމަޖެހުން ކާލަފާނެއެވެ. އޭނަ ހުޅުވީ އިންސްޓްގްރާމްއެވެ. ސިކުނޑި ދައްކަންފެށީ އެހެން މަންޒަރެކެވެ. ދެއްކުންތެރިކަމެވެ. އަސްލެއްނެތް ހިނިތުންވުންތަކެވެ. މަޖުބޫރުވެގެން މަޖާ ނަގަނީއެވެ. އަމިއްލަ ފޮޓޯތައް ފެނުމުންވެސް ބޮލަށް އުދަގޫވިއެވެ.

އޭނަ އިސްއުފުލައިލިއިރު ފެނުނީ ހަރުގަނޑުގައި އޮތް ޚަތިމެވެ. ދުވަހަކު އަތްނުލާ އެއްޗެކެވެ. ތެދުވެގެން ގޮސް ވަތްގަނޑު ހުޅުވައިލުމުން ލޮލުގައި އަޅައިގަތީ މާމަގެ ތަސްބީހައެވެ. އޭނަ އެ ނެގިއެވެ. ފަރުވާތެރިކަމާއެކު ބަލަން ހުއްޓެވެ. އެވަގުތު ކަންފަތުގައި ޖެހުނީ ބަންގީގެ އަޑެވެ. އަޖައިބެއް ނޫންހެއްޔެވެ؟ މިއީ ކުރިން ދުވަހަކު އޭނައަށް ފާހަގަވީ ކަންތައްތަކެއް ނޫނެވެ. އަޒާންއާއި ތަސްބީހައާއި ގުރުއާނެވެ. މިއިން ލިބޭނީ ކޮން އުފާވެރިކަމެއް ހެއްޔެވެ؟ އުފާވެރިކަމަކީ ކާމިޔާބެވެ. އޭނަގެ މައިންބަފައިންނެވެ. އެކަމަކު އެއީ ހަގީގީ އުފާވެރިކަން ހެއްޔެވެ؟

"ބުނަންވީ ކީކޭކަމެއް ކުރަންވީ ކޮންކަމެއްކަމެއްވެސް ނުވިސްނޭ.....މަންމައާއި ވާހަކަަދައްކައިލަން ވީކަން ނޭގޭ....މާމަ ގެ އުފާވެރިކަން ގުޅިފައިވީ ކޮންކަމަކާއިކަން މަންމައަށް އެނގޭނެ..........."ކާދިން ކޮޓަރިން ނުކުތްއިރުވެސް ތަސްބީހަ އަތުގައި އޮތެވެ.

އޭނަ މަޑުމަޑުން ދޮރު ލައްޕައިލިތަނާހެން ފޯނަށް މެސެޖެއްއައެވެ."ބްރޯ... އެންމެން ރޯދައަށް ރެޑީވާން ބާބެކިއު ހަދަން އުޅެނީ..ކޭޑް ނެތީމަ އެހާ އެންޖޯއިއެއް ނުކުރެވޭ.ތިއީނު މީހަކީ.........."

ކާދިންއަށް ރަމަޟާންއާއި ބެހޭގޮތުން އެހާ ބޮޑު އެއްޗެއް ނޭގެއެވެ. އެނގެނީ އެވެސް ދީނުގެ އަޅުކަމެއްކަމާއި ބަނޑުހައިކަން މަތީ ތިބެންޖެހޭކަމެވެެ. ގޭގައި ކެއުމުގެ ފޯރިއެއްހުރެއެވެ. ޕާޓީތަކާއި މުނިފޫހިފިލުވުމާއި ކުޅިވަރު އިތުރުކުރާ މަހެއްގެ ގޮތުގައި އޭނަ ދެކުނެވެ.

އޭނައަށް މަންމަ ފެނުނީ ނިކަން ނަލަ ހެދުމެއް އަޅައިގެން ކޮރިޑޯއިން އަންނަތަނެވެ. މުޅި ހިސާބުގައި މަންމަގެ މީރުވަހެވެ. ޒުވާން އަންހެންކުއްޖެއްފަދައިން އިސްތަށިގަނޑު ސްޓައިލްކޮށްފައި ކުރު ހެދުމެއްގައެވެ.

"މަންމާ..ބޭނުން ވާހަކައެއް ދައްކަން....."ކާދިން ގޮވައިލިއެވެ.

"މަންމަ މިދަނީ ޕާޓީއަކަށް ..ސޮރީ ޑާލިން...."މެހެރް އޭނަގެ ނިތްކުރިއަށް ދޮނެއްދިނެވެ."ޑޭޑްއާއި ވާހަކަދައްކާލާ...."

އެއާއެކު މެހެރްގެ ނަޒަރު އޭނަގެ އަތުގައި އޮތް ތަސްބީހައަށް ހުއްޓުނެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު