"ތަރާވީހު، ޒިކުރު، ގުރުއާން އަދި ތަހައްޖުދުއިން ނަފުސާއި ފުރާނައަށް އިތުރު ހިތްހަމަޖެހުން ލިބޭނެއެވެ. ރަމަޟާންމަހަކީ ބަދަލުވުމަށް އަދި ރޫހާނީ ގުޅުން ވަރުގަދަ ކުރަން ލިބޭ ރަގަޅު ފުރުސަތެކެވެ. ތައުބާވެ ހެޔޮ އަމަލުތައް ކުރުމަށް ލިބޭ އެންމެ ފަހުގެ ޗާންސްކަމުގައިވެސް ހަމަ ވެދާނެއެވެ."

***

އޭނަ ގޮސް ނޫޑުލްސް ހޫނުކުރަން ދޮންމަންމައާއި ހަވާލުކުރުމަށްފަހު ތަބައް ކޮޓަރިއަށް ލާފައި ނިކަން ފޮނިކޮށް ހިނިތުންވެލިއެވެ.

"އަޔާ...މިހާރު ވަރަށް ހޮޓް ދޯ..."

އަޔާޝް ޖަވާބެއްނުދިނުމުން ތުން އޫކޮށްލާފައި އޭނަ އަވަސްއަވަހަށް ސިޑިން ފައިބައިގެން ދަމުން ތަގުވާއަށް ގޮވާލިއެވެ." ދޮންމަންމާ....އަޔާ ދިޔައިމަ ތަށިތައް ކޮޓަރިން ނަގާލާފައި ސާފުކޮށްލައްޗޭ."

ތަގުވާއަށް އިތުރު މަސައްކަތެއް ޖެއްސުނުކަމުގެ އުފަލުގައި ހީލިޔަސް ހިތުގައި އުފަންވެފައިވާ ބިރުވެރިކަމުގެ ރާޅު ދޭތެރެއަކުން ހަށިގަނޑުގައި ދަތުރުކޮށްލައެވެ. އަޔާޝް އޭނަދެކެ ލޯބިނުވާކަމުގެ ޝައްކާއި ވަހުމް ސިކުނޑިން ނެރެއެއްނުލެވުނެވެ. އެލޯބި ހޯދަން ކުރަންވީ ކޮންކަމެއްހެއްޔެވެ؟ އިސްތަށިގަނޑުގެ ސްޓައިލް ތަފާތުކޮށްލާ ހެދުން އަދިވެސް ކުރުކޮށްލަންވީ ހެއްޔެވެ؟ ނޫނީ މޭކަޕްކުރެވޭވަރު ކުޑައީހެއްޔެވެ؟އަޔާޝް ހިތްހަމަނުޖެހެނީ އޭނަގެ ކޮން ސިފައެއް ދެކެހެއްޔެވެ؟ ލިވިންރޫމަށް ނުކުތްއިރު އާސީން އޮތީ ސޯފާގައި އޮށޯވެލައިގެންވެ. ސަމާލުކަން ހުރީ ފޯނަށެވެ. އޭނަ އެ ސޯފާގެ އަނެއްކޮޅަށް ވެއްޓިގަތް ގޮތަށް ކުޝަން މޭގައި ޖައްސާބާރުކޮށްލިއެވެ.

"ސްޓްރެސްވެފައިތަ؟ ކޮން ވިސްނުމެއްގައި؟"

"ބައިވަރު..ހިތް ހަލާކު..ބޯ ހަލާކު.....ލައިކް ހަމަ މަރުވަނީހެން ފީލްވަނީ...." އޭނަގެ ނަޒަރު ހުރީ އެއް ދިމާލަކަށް ހުއްޓިފައެވެ.

"ކިހިނެއްވީތަ؟"

"މިގޭގައި އުޅެއެއްނު ސަންތިމަރިޔަބު..އޭނައާއި ހެދި ބޯ ހަލާކުވަނީ...އޭނަ ފެނުނަސް ދަތް ބިންދައިގެންދާވާރުވޭ..."

"ކީއްވެތަ؟ތި ރުޅި ޑިޒާވްއެއްނުވޭކަން ނޭގޭ....އާސީއަށް އޭނަ ވަރަށް ލަވްލީ....ކެއަރިން.....އަނެއްކާ ދޮންބެގެ ރުޅި ވައިރަލްވީދޯ..ހެހެ..........."

"ޢެހެންކަމަށްވާނީ..އާސީ ކަމެއްކޮށްދޭންވީނު..ޕްލީޒް ޕްލީޒް....ދޮންބެ ބުނެފި ދޮންމަންމަ ކައްކާ އެއްޗެހި ނުކާނަމޯ..."

"ވަޓް؟ ދޮންބެ ހާދަހާ ދެން ޑިފިކަލްޓް....... "ފޯނުގައި އޮތް އާސީން ފުންމައިގެން ތެދުވެ ކައިރިވެލިގޮތުން މޫނާއި މޫނު ނުޖެހުނީ ހަމަކިިރިޔާއެވެ." މިދުވަސްކޮޅު ބޭރުން ގެންނަ އެއްޗެހި މިގެއަށް ވައްދަން ނުވާނެ...ދޮންބެ އަހަރެމެން އެވަރަށް ބިރުގަންނަވާފައި ކިހިނެއް އެހެދީ.."

އާސީން އެހާ ކަންބޮޑުވި ސަބަބު އެނގުމުން އޭނަ ވަކިން ބޮޑަށް ތުންފިތައިލިއެވެ.

"އާސީ މަށަށް ސިމްޕަތީ ނުވަންތަ؟ އަޔާ ނޫޅޭ އޯޑަރުކޮށްގެން ގެންނަން...މަގޭ ކައިރީ ބުނީ ކައްކަން.... ކިހިނެއް ކޮންމެ ގަޑިއަކަށް އެ ބޯރިން މަސައްކަތްކުރެވޭނީ...މިވަރުން ދަންޏާ މަށަށް ހީވަނީ އާސީއާއި ދެމީހުން ބަދިގޭގެ ވަޒީފާދޭނެހެން....."

"އަގްގް...ނުވާނެ ތިކަމެއް..އޯލްރެޑީ މަގޭ އަތުގައި އަބަދު ލޯޝަންލާއިރުވެސް ޑްރައިވެފައި މިހުންނަނީ....ފެނުގައި އަތެއްނުލެވޭނެ....."އާސީން ވަގުތުން ދެކޮޅުހެދިއެވެ.

"ޢެހެންވިއްޔާ ބައްޕަ ގާތުގައި ބުނެބަލަ ގެއަށް ނޭޕާލުން ނަމަވެސް ކުއްޖަކު ގެންނަން. މީރުކޮށް ކައްކާ އެހެން މަސައްކަތްކުރެވޭވަރުގެ ވަރުގަަދ އަންހެނެއް..ބައްޕަގެ ބޮލަށް އެރިގެން ދެން މިކަންވާނީ..އަޔާ އަންގަނީ ކޮންމެ އިރަކު ކައްކަން..ނުވީތާކަށް ރޫމަށް ގެންނާށޭ..އަޅެ މަ މީ ސާވެންޓެއްތަ؟އާސީ....ސީރިޔަސްކޮށް؟އާސީ ނަމަ ކިހިނެއް ހަދާނީ؟"

"ނޭގޭ...ސްޓްރެސް ފިލާނީ ފޮނި އެއްޗެއް ކައިލީމަ....މިހިރީ ޓާކިޝް ޑިލައިޓް..."

އާސީން ކޮފީ މޭޒުމަތީގައި ހުރި ޕެކެޓް ދިއްކޮށްލުމާއެކު އޭނަގެ ލޯ ވިދަންފެށިއެވެ.

"ޑެލިޝް......ލައިކް ހަމަ ހެވެންލީ...އަނގަޔަށް މެލްޓް އެބަވޭ...ކޯނޗެއް ފޯނުން ތި ހާވަނީ؟"ޔަލްވީ ކުޝަންމަތީގައި ފޮށި ބަހައްޓައިގެން ފަހަރަކު އެއްޗެއް ކާންފެށުމުން ހާސްކަން ކުޑަވިއެވެ. ރުޅިވެސް އެވަގުތަށް ހިނދުނެވެ.

އާސީން އަވަހަށް ފޯނު ދުރަށް އެއްލައިލިއެވެ. ފަޅާނޭރީ ހަމަ ކިރިޔާއެވެ. އޭނަގެ ލޯބީގެ ފަސާނާ އިތުރު މީހަކާއި ހިއްސާކުރާނެ ހިތްވަރެއް އަދި ނެތެވެ. އޭނަ ފަދަ ނާކާމިޔާބު އަންހެންކުއްޖަކު މި ކާއިނާތުގައި ވާނެކަމެއް ނޭގެއެވެ. އޭނައާއި އިބްރާހިމްގެ ގުޅުން ހައްތާ ދުރުވަމުންދާއިރު އަނގައިން ބުނާނެ ވަގުތެއްވެސް ނުވެއެވެ. އަނެއްހެން ބުނަންޏާ އިބްރާހިމް ގެ ސޯޝަލްމީޑިއާ އެކައުންޓްތައް ހުޅުވުނު އަދަދެއްވެސް ނޭގެއެވެ. ގިނައީ ދީނީ ޕޯސްޓްތަކެވެ. ރަމަޟާންމަސް އަންނާތީ ޚާއްސަ ޕޯސްޓްތަކެވެ. އޭނައަށް އެކަން ގޯހެއްނޫނެވެ. މައްސަލައަކީ އިބްރާހިމްގެ އެކުވެރިކަން ހީނަރުވުމުގެ އަސްލަކަށް ވެސް "ވަގުތު" ވީކަމެވެ. ވަގުތު ކުށްވެރިކުރުމަކީ ބަހަނާއެއް ނޫންހެއްޔެވެ؟ ލޯބިވާނަމަ ސައުވީސްގަޑިއިރުން އެންމެ މިނިޓެއް ނަމަވެސް ދެވޭނެއެވެ. އެގޮތަކަށް އަމަލެއްނުކުރާނެއެވެ. މާޔޫސްވެފައި އިންދާ ޔަލްވީ އެކުރި ސުވާލަށް ދޭނެ ޖަވާބެއް ނުވިސްނުނެވެ.

އިބްރާހިމް އެންމެ ފަހު ޕޯސްޓުގައިވަނީ ރަމަޟާންމަހާއި ބެހޭގޮތުންނެވެ.

"ރަމަޟާން މަސް އަންނަނީ މާޒީ ފައިސަލާކުރާކަށް ނޫނެވެ. އެކަމަކު ހިތްތައް އަލުން ދިރުވުމަށެވެ. އެއީ ﷲ ތައާލާ މި ޒަޚަމްވެފައިވާ އުއްމަތުންގެ ގެއްލިގެންދިޔަ އެއްޗަކަށްވުރެ އެފަރާތުގެ ރަހުމަތު ބޮޑުކަން އަންގައިދޭ ހަނދުމަކޮށްދިނުމެކެވެ."

***

ހަޔާ ލޯ ހުޅުވައިލުމާއެކު އެންމެ ކުރިންވެސް ހަނދާނަށް އައީ އޭނަ ހޭނެތުނު ވަގުތު ޑޮކްޓަރ މިނާހްގެ މޫނަށް ބަލައިލުމުން ހިނިތުންވެލަމުން ދިން ހިތްވަރެވެ. އިންސާނުންގެ ތެރޭގައި މާތް މީހުންވެސް އުޅެއެވެ. ޚާއްސަކޮށް އެފަދަ ހިތްހެޔޮ ޑޮކްޓަރުންނެވެ. އެންމެ ބަލިވެ ހާލުގައި ޖެހުނުވަގުތު ހިތްވަރުދޭން ހުރި އިންސާނަކަށް ވީވެސް އެ ޑޮކްޓަރެވެ. ތިއޭޓަރަށް ވެއްދިއިރު އާއިލީ މީހަކަށް އަދި އެކުވެރިއަކަށްވެސް ނާދެވުނެވެ. އުޒުރުވެރިވީއެވެ. ނޫނީ ބަލިވީއެވެ. އެކަކު ނަޔަސް އަންނާނެކަމަށް ޔަގީންކުރި ބަނޑުއަޅާ ވިހޭ މައިމީހާއަށްވެސް ނާދެވެނީއެވެ. އެކަކުނެތަސް ﷲ ތައާލާ ވޮޑިގެންވޭ ނޫންހެއްޔެވެ؟ ކަށްވަޅަށް ދިޔުމުން އެންމެ ގާތް މީހުންވެސް ދޫކޮށްލާފައިދަނީއެވެ. އެނބުރިދާންޖެހެނީ ހެއްދެވި ފަރާތުގެ ހަޟުރަތަށެވެ. އިންސާނުންނަށް ބަރޯސާވެ ލޯބިވުމަކީ ހިތަށް ތަދުވާނެކަމެކެވެ. އެފަދަ ވިސްނުންތަކުން އަމިއްލަ ނަފުސަށް ހިތްވަރުދީގެން ހިނިތުންވެލައިގެން އޮތީއެވެ.

މިއީވެސް އިމްތިހާނެކެވެ. ރޯދަ މަހުގެ ބަރަކާތް ލިބުމަކީ ނަސީބެކެވެ. އުމުރުވެސް އެފަދައެވެ. ބައެއްމީހުން އަޖޫޒުވާންދެން ދުނިޔޭގައި ތިބޭއިރު އަނެއްބައިމީހުންނަށް ދިރިއުޅެން ލިބެނީ މަދު ދުވަސްކޮޅެކެވެ. އެކަމަކު އެތައް ޒަމާނެއްވާންދެން ދިރިއުޅުން ބޭކާރުކުރިމީހަކަށްވުރެ ބައެއްފަހަރު މަދު ދުވަސްކޮޅަކަށް ދުނިޔޭގައި ހުރި މީހާގެ ހެޔޮ އަމަލުތައް ގިނަވެދާނެއެވެ. ވަގުތުގެ އަގު ވަޒަންކުރާ މީހެއްވެއްޖެއްޔާ ވަގުތަށް ހުރުމަތްތެރިިކޮށް ހިތާ އެންމެ ރަގަޅުގޮތުގައި އެވަގުތުގެ ބޭނުންހިފާނެއެވެ.

ހަޔާ ހެއްދެވިފަރާތަށް ހަމްދުކުރިއެވެ. އެންމެ ކުރިންވެސް ބޭނުންވީ ނަމާދުކޮށްލުމަށެވެ. ވުޟޫކުރަން ނަރުހެއްގެ އެހީތެރިކަމަށް އެދެން އުޅެނިކޮށް ދޮންތަ ސަބާ ދޮރުން ވަންތަން ފެނުނެވެ.

"ސޮރީ ޑާލިން...ސަމްތިން ކޭމް އަޕް....ކިހިނެއް ފަޔަށް ވެފައި ތިއޮތީ؟"

ހަޔާ ތަފްސީލު ކިޔާދިނެވެ. ސަބާ ވުޟޫކުރަން އެހީތެރިވެދިނެވެ. ސަޔާއެކު ސެންޑްވިޗް ގެނެސް ކެވޭ ހިސާބުގައި ބެހެއްޓިއެވެ."ކުޑަކޮށް ކެއީމަ ވަރުޖެހޭނީ. ރަމަޟާން މަސް މިހާ ކައިރިވެފައި އޮތްވާ ހޮސްޕިޓަލުގައި ބޭއްވިިކަން ދެރަ...އަނެއްކާ މި ވައިރަސްދެކެ އެހާ ބިރުގަނޭ..އަވަހަށް ގެއަށް ފޮނުވަން ބުނެބަލަ..އަހަރެމެންނާއި އެކަށީގެންވާވަރުގެ ތަނެއްވެސް ނޫން...މި ސާޖަރީއަށް އަރާނެ ވަރެއްވެސް އަދި ނުބުނޭ؟މިތަނުން އޮޕަރޭޝަން ކުރަން އެއްބަސްވީ ކީއްވެތަ؟"

"ނޭގޭ...މިތަނަށް ގެނައި މީހަކުވެސް...ހޭލެވުނީ މިތާ އޮތްވާ..ތިއީ އަދި ނުވިސްނާ އޮތްކަމެއް.އެމީހުން ޕޭ ކުރަން ނުވެސް ބުނޭ..."

"ސްޓުޕިޑް..މިއީ ޕްރައިވެޓްތަނެއް...ދަރާ ވިކިދާނެ..."

އެވަގުތު އެތަނަށް ވަން އިސްކޮޅުން ދިގު ޒުވާނާ ފެނުމުން ސަބާވެސް ހައިރާންކަމާއެކު ބަލަން ހުއްޓެވެ.

"ހޮލީވިޑްތަރިއަކާއި ވައްތަރީ.."ސަބާ ވައިއަޑަކުން ކިޔައިލިއެވެ..

"ދޮންތާ..ޑޮކްޓަރެކޭ. ޑޮކްޓަރ މިނާހް...."

"ހަމަ އިންސާނެއްނު.."

"ކިހިނެއް ހަޔާ؟"

"ޑަކުތަރު ސާހަބް ފެނުމުންވެސް ޕެއިންތައް ގޮއްސިއޭ ބުނީ...."ސަބާ ހުރިހާ ދަތްތައް އިޝްތިހާރުކޮށްލިއެވެ.

"އޯ...ތީވެސް އާ ފަރުވާއެއްނު، ހަމައެކަނި މީހަކަށް ބަލައިލީމަ...ގޯހެއްނޫން....އަގުވެސް ހެޔޮވާނެތާ............"މިނާހް ހިނިތުންވެލިއެވެ. ހަޔާގެ ދޮންތައަކީ ލާނެތްކަމެއް ދެއްވާފައި ހުރި އަންހެންކުއްޖެއްތާއެވެ.

"ބައިދަވޭ ޝީއިޒް ސިންގަލް.."ސަބާ ބުނެދިނެވެ.

"އޯ....ތިކަމެއް ނުދެެނެހުރިން..."

ހަޔާއާއި އިންނަން އުޅުނުކުއްޖާ ފުރަތަމަ ރޭ ޕާޓީތެރެއިން ފިލައިފި..."

މިނާހް ޔަގީންކުރި ސަބާގެ ނުބައި ސަމާސާއެއްކަމަށެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު