ގަޑިއިރަކަށް ފަހު، އައްޑޫގެ ގުޅިފައިވާ ރަށްތަކަށް މިއަދު ކަރަންޓު ދީފިއެވެ.
ބޮޑު އާބާދީއެއް ދިރިއުޅޭ އައްޑޫއަށް ކަރަންޓު ފޯރުކޮށްދެނީ، ފެނަކަ ކޯޕަރޭޝަނުންނެވެ.
އެ ކޯޕަރޭޝަންގެ ހިތަދޫ ބްރާންޗުގެ ވައިބާ ގްރޫޕުގައި މިއަދު 11:02ގައި ބުނީ، އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެން އެ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.
އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭރު އެ ބްރާންޗުން ބުނެފައިވެއެވެ. އޭގެ ގަޑިއިރެއް ފަހުން 12:10ގައި ފޮނުވި މެސެޖެއްގައި ވަނީ، އައްޑޫގެ ރަށްތަކަށް ކަރަންޓު ދެވިފައިވާ ކަމަށެވެ.
ކަރަންޓު ކެނޑުނު ގަޑިތަކުގައި ދިމާވި ދަތިތަކަށް އެ ކޯޕަރޭޝަނުން ވަނީ މައާފަށް އެދިފައެވެ.
އައްޑޫއިން ދޭތެރެއަކުން ކަރަންޓު ކެނޑެއެވެ. އެ މައްސަލައިގައި އައްޑޫ ރައްޔިތުން ޝަކުވާ ކުރާތާ އެތައް ދުވަހެއް ވަނީ ވެފައެވެ.
އައްޑުއަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މިދިޔަ މާރިޗު މަހުގެ 13ވަނަ ދުވަހު އެ ސިޓީއަށް އެއް މެގަވޮޓުގެ ޖެނެރޭޓަރު ސެޓެއް ގެންދިޔައެވެ. އެއަށް ފަހު، ހަމަ އެ މަހުގެ 25ވަނަ ދުވަހު ވަނީ 1.8 މެގަވޮޓްގެ އިތުރު ޖަނަރޭޓަރެއް އެ ސިޓީއަށް ފޮނުވައިފައެވެ. އެ ޖަނަރޭޓަރު އޮޕަރޭޝަނަށް ގެނައީ މާރިޗު މަހުގެ 31ވަނަ ދުވަހުގައެވެ.
ފެނަކައިންނާއި އައްޑޫ ސިޓީ ކައުންސިލުން ވެސް މީގެ ކުރިން ބުނި ގޮތުގައި އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ބޭނުންވަނީ 15 ކިލޯވޯޓްގެ ޖަނަރޭޓަރެވެ.
ގިނަ ބަޔަކު ދެކޭ ގޮތުގައި އައްޑޫގެ ކަރަންޓު މައްސަލަ ހައްލުވާނީ އެ ސިޓީގައި އަލަށް ގާއިމުކުރާ ޕަވާ ހައުސް ނިމުމުންނެވެ. ނަމަވެސް، އެ ތަނުގެ މަސައްކަތް މި ސަރުކާރުން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައެއް ނުވެއެވެ.