ހިޔާވެހި ފައިނޭންސް ސްކީމުގެ ތެރެއިން މިހާތަނަށް 989 މިލިއަން ރުފިޔާގެ ލޯނު އެޕްރޫވްކޮށްފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ރޭ ވިދާޅުވެއްޖެއެވެ.
ސަރުކާރުން ސަބްސިޑީ ދީގެން ހިންގާ ހިޔާވެހި ފައިނޭންސިން ސްކީމަކީ ގެދޮރު އިމާރާތް ކުރުމަށް ރާއްޖޭގައި ދޫކުރާ އެންމެ ކުޑަ ރޭޓުކަމަށްވާ ފަސް ޕަސެންޓުގެ ރޭޓުގައި ފައިނޭންސިން ދޫކުރުމަށް ފަރުމާކޮށްފައިވާ ސްކީމެކެވެ.
ދައުލަތުގެ މީޑިއާގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި މިނިސްޓަރު ވިދާޅުވީ، ހިޔާވެހި ލޯނު ދޫކުރަނީ އިކުއިޓީއަށް ދައްކަން ޖެހޭ އަދަދު ކުޑަކޮށްދީގެން ކަމަށެވެ.
އެގޮތުން، މިހާތަނަށް 989 މިލިއަން ރުފިޔާގެ ލޯނު އެޕްރޫވްކުރެވިފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ރައީސް މުއިއްޒާއި ހައުސިން މިނިސްޓަރު -- ފޮޓޯ/ ރައީސް އޮފީސް
އެ ލޯނުތަކުގެ ލިޔެކިޔުންތައް ނިމޭވަރަކުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ލޯނުތައް ދޫކުރަމުންދާނެ ކަމަށް މުއްތަލިބް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ، އެ ލޯނު ދޫކުރާ މީހެއްގެ, ބީއެމްއެލްއިން ކަނޑައަޅާ ޝަރުތުތައް ހަމަވާން ޖެހޭނެ ކަމަށެވެ.
ސަރުކާރުން މާބޮޑަށް އޭގެތެރެއަށް ވަދެ، މިވެނި މީހަކަށް ދޭށޭ އެވެނި މީހަކަށް ދޭށޭ ކަނޑައެއްނޭޅޭ ބެންކުން ދޭ އެއްޗަކަށްވާތީ. އެހެންވީމަ ބެންކުގައި އޮންނަ އުސޫލުގެ ތެރެއިން އެ ލިބޭ ފަރާތްތަކަށް ވީހަވެސް ފަސޭހަ ގޮތަކަށް ކަނޑައެޅީމަ އެއަށް އަގުހެޔޮކުރުމަށް އިކުއިޓީއާއި ޕްރޮފިޓް ރޭޓު ދަށްކޮށްގެން މި ކުރިއަށް ގެންދަނީހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް
ހިޔާވެހި ފައިނޭންސިންއަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުން ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ސްޓޭޓަސް ބަލައިލެވޭނެއެވެ.
މި ސްކީމުގެ ދަށުން:
- ފައިސާ އަނބުރާ ދެއްކުމުގެ މުއްދަތު 25 އަހަރު ދުވަހަށް ބަހާލެވޭ (18 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމަނައިގެން)
- އިކުއިޓީގެ ގޮތުގައި ހަމަޖައްސަންޖެހޭ 20 އިންސައްތަ ކަސްޓަމަރަށް ނުވަތަ ސަރުކާރު މެދުވެރިކޮށްވެސް ހަމަޖެއްސޭނެ
- އިމާރަތް ކުރާ ތަން ފިޔަވާ އިތުރު ރަހުނެއް ބޭނުމެއް ނުވޭ
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ހިޔާވެހި ސްކީމަށް ކޮންމެ އަހަރެއްގެ ބަޖެޓުގައި އެއް ބިލިއަން ރުފިޔާ ހިމަނާނެ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.
އެ މަނިކުފާނު ވަނީ މި ދަައުރުގައި، 18 އަހަރުން މަތީގެ އެންމެންނަށް ބޯހިޔާވެހިކަން ކަށަވަރުކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.