3 ކިލޯގެ ޑްރަގް އަތުލުން: އަންހެން މީހާ ނަފުސާނީ ބަލި ތަހައްމަލު ކުރާތީ، ބަންދަށް ލުއި ދޭން އެދިއްޖެ

ތިން ކިލޯގެ ޑްރަގާއެކު ހައްޔަރު ކުރި ދެ މީހުން: އޭގެ ތެރެއިން އަންހެން މީހާގެ ބަންދަށް ލުއިދޭން ކޯޓުގައި ވަނީ އެދިފައި -- ފޮޓޯ/ ފުލުހުން

މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު، ތިން ކިލޯގެ ޑުރަގާއެކު ހައްޔަރު ކުރި ޒުވާން އަންހެން މީހާ ނަފުސާނީ މައްސަލަތަކެއް ތަހައްމަލު ކުރަމުން އަންނާނީ އޭނާގެ ބަންދަށް ލުއި ދޭން ކްރިމިނަލް ކޯޓުގައި އެދިއްޖެއެވެ.

ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މިދިޔަ ޖަނަވަރީ މަހުގެ ހަތަރު ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ޅ. ނައިފަރު / ފަލަކް، ޝާއިން ޢަލީ (27އ) އާއި އއ. ފެރިދޫ / އިޙްރާމްގެ، އާއިޝަތު މާޝާ އަޙްމަދު (20އ) އެވެ.

އެ ދެ މީހުންގެ ބަންދު މިހާތަނަށް ދެތިން ފަހަރު އިތުރުކޮށްފައިވާއިރު، އެންމެ ފަހުން ބަންދަށް ޖެހީވެސް 30 ދުވަހެވެ. އެއީ ކުރިން ޖެހި 30 ދުވަސް ހަމަ ވެގެންނެވެ.

އެންމެ ފަހުގެ ބަންދު އަމުރުން އެނގޭ ގޮތުގައި އަންހެން މީހާވަނީ އޭނާއަކީ ނަފުސާނީ މައްސަލަތަކެއް ތަހައްމަލު ކުރަމުން އަންނަ މީހެއް ކަމަށް ބުނެފައެވެ.

އެ އަންހެން މީހާއަށް އެންޒައިޓީ އެޓޭކް ޖެހޭ ކަމަށާއި އެހެންކަމުން، އޭނާގެ ބަންދަށް ލުއި ދިނުމަށް އޭނާގެ ވަކީލު އެދިފައިވެއެވެ. އެހެންނަމަވެސް، ވަކި ޚާއްސަ ތަނެއްގައި ބަންދު ކުރުމަށް ޑޮކްޓަރުން ލަފާ ދީފައިނުވާ ކަމަށް ފުލުހުންނާ ހަވާލާދީ ބަންދު ރިޕޯޓުގައި ބުނެފައިވެއެވެ.

https://sun.mv/216538

އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުން ހިންގި އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން ހެންވޭރު ގެއެއްގެ އެޕާޓްމަންޓެއް ބަލައިފާސްކުރުމަށް ފަހުގައެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އަމުރުން އެނގޭގޮތުގައި އެ ތިން ކިލޯގެ ޑްރަގް ފެނުނު އެޕާޓްމަންޓް ކުއްޔަށް ނަގާފައިވަނީ މާޝާގެ ނަމުގައެވެ. އަދި ފެނުނު މަސްތުވާތަކެތި ހާމައަށް ބަހައްޓާފައި ހުރިއިރު އެ ތަނުން އެ ތަކެތި ބަންދު ކުރަން ގެންގުޅޭ ސާމާނު ވެސް ފެނިފައިވާ ކަމަށް އަމުރުގައިވެއެވެ.

ކޯޓު އަމުރުން އެނގޭގޮތުގައި މި މައްސަލައިގައި ދެން ތުހުމަތު ކުރެވޭ ޝާއިންއަކީ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ.

މަސްތުވާތަކެތީގެ މައްސަލަަތަކުގައި ވަރަށް ގިނަ އަދަދެއްގެ ޒުވާނުން މިހާރަކަށް އައިސް އަންނަނީ ހައްޔަރުކުރަމުންނެވެ. ޑްރަގް ބޮޑެތި ނެޓްވޯކްތަކުގައި ވެސް ޒުވާނުން ހަރަކާތްތެރިވަމުން އަންނަކަން ފުލުހުން ހިއްސާކުރާ މައުލޫމާތުތަކުން ހާމަވެއެވެ.

comment ކޮމެންޓް