އޭސީސީގެ ދިފާއު: ސީޕީއައި ބިނާކޮށްފައި ވަނީ ކޮރަޕްޝަން އޮތް މިންވަރުގެ ދިރާސާއަކަށް ނޫން

އޭސީސީގެ ރައީސް ޝާމިލް އާއި އެ ކޮމިޟަންގެ ބައެއް މެންބަރުން: ސީޕީއައިއަކީ، އެއީ ކޮރަޕްޝަން އޮތް މިންވަރު ބަލާ ދިރާސާއެއް ނޫން ކަމަށް އޭސީސީން ވަނީ ބުނެފައި --- ފޮޓޯ: އޭސީސީ

ބައިނަލްއަގުވާމީ ކޮރަޕްޝަން އިންޑެކްސް (ސީޕީއައި)އަކީ، އޭގެ ޒާތުގައި ގައުމުތަކުގެ ކޮރަޕްޝަން އޮތް މިންވަރު ބަލާ ދިރާސާއެއް ނޫން ކަމަށް، އިންޑެކްސް ބިނާވަނީ މީހުން ދެކޭ ގޮތަށް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިއަދު ބުނެފިއެވެ.

ސީޕިއައިގައި ރާއްޖެއަށް ލިބިފައި ވަނީ، 100 އަކުން 39އެކެވެ. އެއީ ކޮރަޕްޝަން ބޮޑު ކަމަށް ދެކެވޭ ގައުމުތަކަށް ދޭ އަދަދެކެވެ. އެ އިންޑެކްސްއިން، ކޮރަޕްޝަން ކުޑަ ކަމަށް ބަލަން ފަށަނީ، 100 އަކުން 50 ނުވަތަ އެއަށް ވުރެ މަތިން ލިބުމުންނެވެ.

ރާއްޖެ މިހާރު ރޭންކު ކުރެވިފައިވަނީ ސީޕިއައިގައި ހިމެނޭ 182 ގައުމުގެ ތެރެއިން 91 ވަނައިގައެވެ.

ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ބުނީ، ރާއްޖޭގެ ސީޕީއައިގެ ނަތީޖާ ކަންބޮޑުވާންޖެހޭ މިންވަރެއްގައި ހުރުމަކީ، ދައުލަތުގެ ނިޒާމުގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ނާޒުކު ކަންތައްތަކެއް ހުރިކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.

https://www.sun.mv/217773

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާ އޭސީސީން އެ ކަމުގެ ދިފާއުގައި ނެރުނު ބަޔާނެއްގައި ވަނީ، ސީޕީއައިއަކީ ގައުމުތަކުގައި ކޮރަޕްޝަން އޮންނަ ވަރު ކަމަށް ދެކޭ މިންވަރު ބަލާ އެންމެ އާންމު މިންގަނޑު ކަމަށެވެ.

އެ ދިރާސާއަކީ ކޮރަޕްޝަން އޮތް މިންވަރު އަމިއްލައަށް ބަލާ ދިރާސާއެއް ނޫން ކަމަށާއި އެއީ ދެކޭ ގޮތް ނުވަތަ ޕަސެޕްޝަންގެ މައްޗަށް ބިނާކުރާ ދިރާސާއެއްކަން އޭސީސީން ފާހަގަކުރިއެވެ. އެހެންވެ، ސީޕީއައިގެ އިންޑެކްސްގެ ސްކޯ އަދި ރޭންކިން ބިނާވަނީ ދެކޭގޮތުގެ މައްޗަށް ރިޢާޔަތްކޮށް ނެގޭ މަޢުލޫމާތުގެ މައްޗަށް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

މިދިޔަ އަހަރު ރާއްޖޭގެ ސްކޯއާއި ރޭންކު ކަނޑައަޅަން ބޭނުންކޮށްފައި ވަނީ ތިން މަސްދަރެއް ކަމަށް އޭސީސީން ވަނީ ބުނެފައެވެ. އެއީ، ގްލޯބަލް އިންސައިޓް ކަންޓްރީ ރިސްކް ރޭޓިންއާއި ވޯލްޑް ބޭންކް ކަންޓްރީ ޕޮލިސީ އެންޑް އިންސްޓިޓިއުޝަނަލް އެސެސްމަންޓާއި ވެރައިޓީސް އޮފް ޑިމޮކްރަސީއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އާދަމް ޝާމިލް -- ފޮޓޯ/ އޭސީސީ

އޭސީސީން ބުނި ގޮތުގައި، އެ ދިރާސާތަކަކީ ރާއްޖޭގައި ކޮރަޕްޝަން އޮތް މިންވަރު ސީދާ ވަޒަންކޮށްފައިވާ ދިރާސާތަކެއް ނޫނެވެ.

ގިނަ ޤައުމުތަކާ ޚިލާފަށް، ދިވެހިރާއްޖޭގެ ސްކޯ އެކުލަވާލުމަށް ބޭނުންކުރެވިފައިވަނީ، މަދު މަސްދަރުތަކެއް ކަމަށްވުމާއެކު، މި ސްކޯގެ ނަތީޖާއަކީ މާނަހުރި ރަނގަޅު ނަތީޖާއެއްކަމުގައި ހެދުމަށްޓަކައި މިކަން ގައުމީ ފެންވަރުގައި މަޝްވަރާކުރެވި ރައްޔިތުންގެ ސަމާލުކަމަށް ގެނައުން މުހިންމު ކަމެއްގެ ގޮތުގައި، މި ކޮމިޝަނުން ދެކެންއެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)

މީގެ އިތުރުން، ރާއްޖޭގެ ނަޒާހަތްތެރިކަމުގެ ގައުމީ ނިޒާމު ނުވަތަ ނެޝަނަލް އިންޓެގްރިޓީ ސިސްޓަމް އިތުރަށް ވަރުގަދަކޮށް، ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން އެ ކޮމިޝަނުން ފާހަގަކުރިއެވެ.

އެގޮތުން، ރާއްޖޭގެ ދިގުރާސްތާ ގައުމީ ޕްލޭނާއި، ޑިޖިޓަލައިޒް ކުރުމަށް ކުރިއަށްގެންދާ ހަރަކާތް މޯލްޑިވްސް 2.0 އާ އެއްކޮށްލާނެ، "ގައުމީ އެންޓި-ކޮރަޕްޝަން ސިޔާސަތު"، އދ. ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)ގެ އެހީތެރިކަމާއެކު އެކުލަވާލުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށް އޭސީސީން ބުންޏެވެ.

https://sun.mv/215087

ފާހަގަކުރެވޭ ގޮތުގައި، އޭސީސީގައި ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ނުބެލި، އެއްވެސް ފިޔަވަޅެއް ނޭޅި، ކަންތައްތައް ދޫވެގެން ދާތީ އަބަދު ވެސް އެ ވާހަކަ ދެކެވެއެވެ.

ކޮންމެ ސަރުކާރަކުން ވެސް ވެރިކަމަށް އައުމުގެ ކުރިން ދައްކާ އެއް ވާހަކައަކީ އޭސީސީ މިނިވަންކަމާއެކު ހިންގާނެ ވާހަކައާއި ގައުމުގައި ހުރި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ބަލާނެ ވާހަކައެވެ. ނަމަވެސް، މިހާތަނަށް އެކަން އޭގެ އެންމެ އެދެވޭ ގޮތަށް ހިނގާފައެއް ނުވެއެވެ.

މިހާރު ވެސް އޭސީސީއަށް ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ހުށަހަޅާފައި، ނުބެލި އެބަހުއްޓެވެ. އެހެންވެ، އޭސީސީއަށް އަބަދުވެސް އާންމުންގެ ފާޑުކިޔުން އަމާޒުވެއެވެ.

comment ކޮމެންޓް