ހައިވޭ އެކްސިޑެންޓް: އަނިޔާވި ދެ މީހަކު ދުކޮށްލައިފި އަނެއް ދެ މީހުންގެ ހާލު ރަނގަޅު

ހައިވޭ އެކްސިޑެންޓް: އަނިޔާވި ދެ މީހަކު ދުކޮށްލައިފި އަނެއް ދެ މީހުންގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެފި-- ފޮޓޯ: އެމްވީ ކްރެއިސިސް

ދެ ކާރަކާއި ސައިކަލްތަކެއް ޖެހި ރޭ ބުރިޖު ހައިވޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ހަތަރު މީހުންގެ ތެރެއިން ދެ މީހަކު ދޫކޮށްލާފައި ވާކަމަށާއި އަނެއް ދެ މީހުންގެ ހާލު ރަނގަޅުކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މީޑިއާތަކާއި ހިއްސާކުރި މެސެޖެއްގައި ވަނީ ރޭގެ އެކްސިޑެންޓުގައި ހަތަރު މީހަކަށް އަނިޔާވި ކަމަށާއި އޭގެތެރެއިން ދެ މީހަކު ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާކަމަށެވެ. އަދި އަނެއް ދެ މީހުންގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ވަނީ މި އެކްސިޑެންޓުގައި ހިމެނޭ އުޅަނދުތަކަށް ވެސް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާކަމަށާއި މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން ދާކަމަށް ބުނެފައެވެ.

މި އެކްސިޑެންޓާ ގުޅިގެން ސަން އިން ސުވާލުކުރުމުން އައިޖީއެމްއެޗުން ބުނީ، އެކްސިޑެންޓުގައި އަނިޔާވެ ފަރުވާއަށް އެ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ އުމުރުން 31 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާއަށް އައިޖީއެމްއެޗުގެ އިމަޖެންސީގައި ފަރުވާދެމުންދާ ކަމަށެވެ.

ނަމަވެސް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ މީހުންނާ ގުޅޭ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ ރޭގެ 12:45 ހާއިރު، ހައިވޭގެ މާލެއިން ހުޅުމާލެއަށް ދާފަޅީގެ ކާރު ލައިނުގައި މަޑުކޮށްގެން އޮތް ކާރެއްގައި ދުއްވާފައި ދިޔަ ކާރެއް ޖެހި، އެ ކާރު ސައިކަލު ލޭނަށް އެރި ވަގުތު އިތުރު ހަތަރު ސައިކަލެއް ކާރުގައި ޖެހިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް