ދެކުނާއި މެދުރާއްޖެތެރެއަށް މޫސުން ގޯސް، ކުރިއަށް އޮތް ތިން ދުވަހު ދުންފުހުގެ އަސަރު ކުރާނެ: މެޓް

ވިއްސާރަ ދުވަހެއްގައި ކުޑަކުއްޖަކު މަގުމަތީގައި: މެޓް އޮފީހުން ބުނީ ދެކުނާއި މެދުރާއްޖެތެރެއަށް މޫސުން ގޯސް ކަމަށް. ކުރިއަށް އޮތް ތިން ދުވަހު ދުންފުހުގެ އަސަރު ކުރާނެ ކަމަށް --- ފޮޓޯ/ މާލެ ސިޓީ ކައުންސިލް

ދެކުނާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނެ ކަމަށާއި ކުރިއަށް އޮތް ތިންދުވަހު ރާއްޖެއަށް ދުންފުހުގެ އަސަރު ކުރާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް މިއަދު ވިއްސާރަކޮށް ގުގުރާނެ ކަމަށާއި ދެކުނުގެ ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. ނަމަވެސް އުތުރުގެ މޫސުން ރަނގަޅުވާނެ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.

މެޓް އޮފީހުން ވަނީ، އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން، ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު ފަސް މޭލާއި 15 ދެމެދުގެ ބާރުމިނެއްގައި ވައި ގަދަވާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލު ބާރުމިނަށް ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން ވަނީ ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. އަދި ރާޅުތަކުގައި ދެ ފޫޓާއި ފަސް ފޫޓުގެ އުސްމިނެއް ހުންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އެ އޮފީހުން ބުނީ ކުރިއަށް އޮތް ދެ ދުވަހު ރާއްޖެއަށް މޫސުން ރަނގަޅު ވާނެ ކަމަށާއި ނަމަވެސް ކުރިއަށް އޮތް ހުކުރު ހޮނިހިރުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ކެރީގެ އަސަރު ކުރުން އެކަށީގެންވާ ކަމަށެވެ.

މެޓް އޮފީހުން ބުނީ ނިމިދިޔަ ދެތިން ދުވަހު ރާއްޖެއަށް ދުންފުހުގެ އަސަރު ވަރަށް ކުޑަ ކަމަށާއި ނަމަވެސް މިއަދު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުހުގެ އަސަރު ކުރާނެ ކަމަށެެވެ.

ވައިގެ ކޮލެޓީ ދައްކުވައިދޭ އައިކިއު އެއާއިން ދައްކާ ގޮތުގައި މާލޭގައި ވައިގެ ކޮލެޓީ ހުރީ 118 ގައެެވެ. މިއީ ނުރައްކަލުގެ އޮރެންޖު ސަމާލެވެ. ވިލިމާލޭގައި ވައިގެ ކޮލެޓީ 158ގައި ހުރިއިރު މިއީ ނުރައްކަލުގެ ރަތް ސަމާލެވެ. މީގެ އިތުރުން ކުޅުދުއްފުށި ސިޓީ ވެސް ނުރައްކަލުގެ އޮރެންޖު ސަމާލުގައި އޮތް އިރު އެ ސިޓީގައި ވައިގެ ކޮލެޓީ އުޅެނީ 115ގައެވެ. އަދި ށ. ފުނަދޫގައި ވައިގެ ކޮލެޓީ އުޅެނީ 63 ގައެވެ. މިއީ ރީނދޫ ސަމާލެކެވެ.

އެހެންކަމުން ނާޒުކު ހާލަތުގައިވާ ފަރާތްތައް ބޭރަށް ނުކުތުމުގެ ކުރިން މާސްކު އެޅުމަށާއި ނުސާފު ވައި ވަނަ ނުދިނުމަށްޓަކައި ދޮރުތައް ލައްޕައިފައި ބެހެއްޓުމަށާއި ނާޒުކު ހާލަތުގައިވާ ފަރާތްތައް ކުޅިވަރުކުޅުމާއި ކަސްރަތުކުރުން މަޑުޖައްސާލަން ސިއްހީ މާހިރުން އިލްތިމާސްކުރެއެވެ.

comment ކޮމެންޓް