ސައުދީ އަރަބިއްޔާގެ އަލް ނަސްރުގެ މެނޭޖުމަންޓާއި ކްރިސްޓިއާނޯ ރޮނާލްޑޯ ދެމެދު ޖެހިފައިވާ މައްސަލަ ހައްލުނުވެ ދިގުލައިގެންދާ ނަމަ އޭނާ ވިއްކާލަން އެ ކުލަބުން ތައްޔާރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ރޮނާލްޑޯއާއި އަލް ނަސްރު މައްސަލަ ގޯސްވީ ހިލޭ ޓްރާންސްފާއެއްގެ ދަށުން އަލް އިއްތިހާދުން އަލް ހިލާލަށް ސޮއިކުރި ކަރީމް ބެންޒެމާގެ އެއްބަސްވުން ދިޔަގޮތާ މެދު ނުރުހިގެން އެ ކުލަބުގެ ދެ މެޗެއްގައި ނުކުޅުމުގެ ސަބަބުންނެވެ.
ރޮނާލްޑޯ ރުޅިއައީ ސައުދީގެ ކުލަބުތަކުގެ ހިންގުމުގެ އޮނިގަނޑާމެދު އެވެ. މިކަން ބޮޑުވެގެން ސައުދީ ޕްރޯ ލީގުންވެސް ވަނީ މައްސަލައިގައި ވާހަކަދައްކާފައެވެ. އެ ލީގުގެ ތަރުޖަމާނު ބުނީ ވަކި ކުޅުންތެރިއަކަށް ވުމުން ތަފާތު ނުކުރެވޭނެ ކަމަށާއި ރޮނާލްޑޯ ކަމުގައި ވިޔަސް އެއްވެސް އެތުލީޓަކަށް ވިޔަސް ލިބިފައި އޮންނަން ޖެހޭ ބާރަށް ވުރެން އިތުރު ކަމެއް ނުކުރެވޭނެ ކަމަށެވެ.
"އެކި ކުލަބުތަކާއި ލީގުގެ މަސްލަހަތު ގެއްލޭ އެއްވެސްކަމެއް ކުރަން ޖާގައެއް ނުދޭނަން" ތަރުޖަމާނު ބުންޏެވެ.
ސައުދީ ޕްރޯ ލީގަށް ރޮނާލްޑޯ ބަދަލުވީ 2022 ވަނަ އަހަރުގައެވެ. މިހާރު ރޮނާލްޑޯގެ އުމުރު 41 އަހަރަށް އަޅާފައިވާއިރު، އޭނާ ވަނީ މިދިޔަ އަހަރު އެ ކުލަބާއެކު އިތުރު ދެ އަހަރުދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ރިޕޯޓުތައް ބުނާގޮތުން ރޮނާލްޑޯގެ މިހާރުގެ ވިސްނުމަކީ އެމެރިކާގައި ބާއްވާ ވޯލްޑްކަޕުގެ ކުރިން އެ ގައުމުގެ ޓީމަކާ ގުޅުމަށެވެ.