އައްޑޫގެ ޞިއްޙީ ނިޒާމަށް އިންގިލާބީ ބަދަލެއް އަންނާނެ: މިނިސްޓަރު ނާޒިމް

މިނިސްޓަރު ވަނީ އައްޑޫގެ ސިއްޚީ ނިޒާމު ފުޅާވެ އިންގިލާބީ ބޮޑު ބަދަލެއް އަންނާނެ ކަމަށް ވިދާޅުވެފައެވެ. -- ފޮޓޯ: ރައީސް އޮފީސް

އައްޑޫ ސިޓީގެ ޞިއްޙީ ނިޒާމު ފުޅާވެ އިންގިލާބީ ބޮޑު ބަދަލެއް މި ދައުރުގެ ތެރޭގައި އަންނާނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުلله ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ނާޒިމް މިފަދައިން ވިދާޅުވެފައި ވަނީ އައްޑޫ ސިޓީގައި ގާއިމްކޮށްފައިވާ ކެތް ލެބާއި އައިނު ފިހާރަ ރަސްމީކޮށް ހުޅުވުމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާވަމުން އަންނަ ގޮތް ވަރަށް ސާފުކޮށް ފެންނަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އަދި މާލެ ސަރަހައްދުގެ ޞިއްޙީ ނިޒާމަށް އަންނަމުންދާ ބަދަލުތައް، އަތޮޅުތެރެއަށްވެސް އަންނަމުންދާކަމީ އެކަމުގެ ހެއްކެއް ކަމަށް އޭނާ ވަނީ ވިދާޅުވިއެވެ.

ޕީޕީއެމްގެ ވެރިކަމުގައި ހެލްތު މިނިސްޓަރުކަން ކުރެއްވި ނާޒިމް ވިދާޅުވި ގޮތުގައި ސިއްޚީ ނިޒާމު ފުޅާކުރުމަކީ މި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރައްވަމުން ގެންދަވާ މަސައްކަތެކެވެ. އެހެންކަމުން ޞިއްޙީ ގޮތުން ރައްޔިތުންނަށް ދަތިވާ ކޮންމެ ކަމެއް ހައްލުކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

އަދި ޞިއްޙީ ދާއިރާއަށް އަންނަ ކޮންމެ ހެޔޮ ބަދަލަކީ އިޖްތިމާއީ ގޮތުންނާއި ގައުމަށް އަންނަ ހެޔޮ ބަދަލެއް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ، ރައީސް ނިންމަވާފައި ވަނީ އައްޑޫގެ ޞިއްޙީ ނިޒާމު ގުޅި ލާމެހިފައިވާ ނިޒާމެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކަމަށެވެ. އެގޮތުން އައްޑޫގެ އެކި ރަށްރަށުގެ ހެލްތް ސެންޓަރުތައް އަޕްގްރޭޑްކުރުމާއެކު ގިނަ ޚިދުމަތްތަކެއް އެ ސިޓީގައި ގާއިމްވެގެން އަންނާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ވަނީ އައްޑޫގެ ޞިއްޙީ ނިޒާމަށް މި ސަރުކާރުގެ ދައުރުގެ ތެރޭގައި ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށާއި، ގިނަ ޚިދުމަތްތަކެއް ފެށި މި ފަސް އަހަރަކީ އައްޑޫގެ ޞިއްޙީ ނިޒާމުގެ އައު ބާބެއް ފެށީގެންދާނެ ފަސް އަހަރަށް ވެގެންދާނެ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް