މާޓުކުރިތަކެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ކުށް ސާބިތުވެ، އުމުރުން 65 އަހަރުގެ މީހަކު އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ހުކުމް ކުރީ އައްޑޫ ސިޓީ ހިތަދޫ، ވެހެތާނުގެ އަބްދުﷲ ޞާދިގުގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ، ސެޕްޓެންބަރު 17، 2024ގެ 19:14ހާއިރު ސްރީލަންކަން އެއާލައިންސްގެ ފްލައިޓަކުން ރާއްޖެ އައިސް، ސާދިގު ވީއައިއޭގައި ހުއްޓައި ކަސްޓަމްސްއިން އޭނާ ހުއްޓުވައި އޭނާގެ ލަގެޖް ފޮށިތަކުގެ ތެރެއިން ފޮށްޓެއް އެކްސްރޭއިން ބެލި ކަމަށެވެ.
އެ ފޮށީގައި އޮތް މާޓުކުރިތަކެއްގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައިވާކަން ފާހަގަވި ކަމަށް އެ ހުކުމުގައިވެއެވެ. އެގޮތުން ފޮރުވާފައިވާ އެކި ޕެކޭޖްތަކުން އެކި ބަރުދަނުގެ މަސްތުވާތަކެތި ފެނުނު ކަމަށާއި އޭގެ ތެރޭގައި، 169.5 ގުރާމާއި 35 ގުރާމާއި 68.5 ގުރާމުގެ ޑައިމޯފިން ހިމެނޭ ޕެކޭޖުތައް ހިމެނުނު ކަމަށް ހުކުމުގައިވެއެވެ. އެހެންވެ، އޭނާގެ މައްޗަށް ވަނީ މަސްތުވާއެއްޗެއް ރާއްޖެއަށް އެތެރެކުރުމުގެ ދައުވާކޮށްފައެވެ.
ކްރިމިނަލް ކޯޓުން ވަނީ، އެ މައްސަލައިގެ އިބުތިދާއީ އަޑުއެހުމުގައި ދިފާއުން އެއްވެސް ހެއްކެއް ހުށަހަޅައިފައިނުވާ ކަމަށް ބުނެފައެވެ. ނަމަވެސް ޝަރީއަތުގެ މަރުހަލާގައި ސާދިގު ވަނީ ދައުވާއަށް އިންކާރުކޮށް، އެއީ އޭނާ ހަވާލުކުރި މާޓުކުރިތަކެއް ކަމަށާއި އޭގައި މަސްތުވާތަކެތި ހުރި ކަން ނޭނގޭ ކަމަށް ބުނެފައެވެ.
އެ މައްސަލައިގައި ހެކި ދިން މީހުންގެ ތެރެއިން، ކަސްޓަމްސްއިން ބުނި ގޮތުގައި، މަސްތުވާތަކެތި ފެނުމުން ސާދިގާ ސުވާލުކުރުމުން އޭނާ ބުނެފައިވަނީ އެއީ ހޮޓަލެއްގެ ސާފުކުރާ މީހަކު ދިން އެއްޗެއް ކަމަށެވެ. އަދި އިތުރަށް ލަންކާއަށް ދަތުރުކޮށްފައިވާ ސުވާލުކުރުމުން، އެއީ ދައްތައެއް ދިން އެއްޗެއް ކަމަށް ބުނި ކަމަށްވެސް ކަސްޓަމްސްގެ ހެކިބަހުގައިވެއެވެ.
އެހެންވެ، ޝަރީއަތުން ވަނީ މަސްތުވާތަކެއްޗާ ގުޅުމުން ސުވާލުކުމުން ސާދިގު ޖަވާބުދީފައި ވަނީ ތަފާތު ގޮތްތަކަށް ކަމަށް ބުނެފައެވެ. އަދި މައްސަލަ ހިނގައިދިޔަ ގޮތަށް ބަލާއިރު، އޭނާ ދޮގު ހަދައި އޮޅުވާލަން މަސައްކަތްކޮށްފައިވާ ކަމަށް ޝަރީއަތުން ނިންމައިފައިވެއެވެ.
ޝަރީއަތުން ނިންމީ އެ މައްސަލައިގައި، ސާދިގުގެ މައްޗަށް ކުށުގެ ދައުވާ ސާބިތުވާ ކަމަށެވެ.
އެހެންވެ، އޭނާ 25 އަހަރަށް ޖަލަށް ލާން ހުކުމްކޮށް، އެއް ލައްކަ ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ. ނަމަވެސް އޭނާ ބަންދުގައި ހޭދަކުރި މުއްދަތު ހުކުމުން ކެނޑުމުން، އޭނާ ތަންފީޒު ކުރަން ޖެހެނީ 23 އަހަރާއި ހަތް މަހާއި 14 ދުވަސް ކަމަށް ހުކުމުގައިވެއެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާނަމަ, އެ އެތެރެކުރި މަސްތުވާއެއްޗަކާއި އޭގެ ބަރުދަނަށް ބަލައި، މަރުގެ އަދަބު ދެވޭ ގޮތަށް ކަނޑައަޅައި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނު މިދިޔަ އަހަރު ވަނީ އިސްލާހުކޮށްފައެވެ.