ވެމްކޯ ބަލިކޮށް ކަޒަކިސްތާނުގެ ތުރާން ވީސީ ސެމީއަށް

ކާވާ ވިމެންސް ޗެމްޕިއަންސް ލީގު 2026 ގައި ރާއްޖޭގެ ކުލަބު ވެމްކޯއާއި ކަޒަކިސްތާނުގެ ތުރާން ވީސީ ބައްދަލުކުރި މެޗުގެ ތެރެއިން--- ސަން ފޮޓޯ: މުޙައްމަދު ޝާތިއު ޢަބްދުﷲ

ކާވާ ވިމެންސް ޗެމްޕިއަންސް ލީގުގެ ގްރޫޕް އޭގައި ރާއްޖޭގެ ކުލަބު ވެމްކޯ ބަލިކޮށް ކަޒަކިސްތާނުގެ ތުރާން ވީސީން ގްރޫޕުގެ އެއްވަނަ މަގާމާއެކު ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މި ނަތީޖާއާއެކު ތިން ޓީމު ހިމެނޭ ގްރޫޕް އޭގެ އެއްވަނަ ތުރާން ހޯދީ ވެމްކޯގެ އިތުރުން ލަންކާގެ ހިރްދަރަމާނީ ބަލިކޮށްގެންނެވެ.

މިއަދު ވެމްކޯއާ ދެކޮޅަށް ކުޅުނު މެޗުގެ ސެޓުތައް ތުރާން ކާމިޔާބުކޮށްފައިވަނީ 25-21, 25-08 އަދި 25-08 އިންނެވެ. މެޗުގެ ފުރަތަމަ ސެޓުގައި ވެމްކޯގެ ފަރާތުން ރަނގަޅު ވާދައެއް ފެނުނު ނަމަވެސް ޖެހިގެން އައި ދެ ސެޓުގައި އެ ޓީމުގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ.

ކާވާ ވިމެންސް ޗެމްޕިއަންސް ލީގު 2026 ގައި ރާއްޖޭގެ ކުލަބު ވެމްކޯއާއި ކަޒަކިސްތާނުގެ ތުރާން ވީސީ ބައްދަލުކުރި މެޗުގެ ތެރެއިން--- ސަން ފޮޓޯ: މުޙައްމަދު ޝާތިއު ޢަބްދުﷲ

އެއާއެކު މި ގްރޫޕުން ސެމީގެ ޖާގަ ދެން ހޯދާނެ ޓީމެއް ކަށަވަރުވާނީ މާދަމާރޭ ލަންކާގެ ހިރްދަރަމާނީއާ ރާއްޖޭގެ ކުލަބު ވެމްކޯ ބައްދަލުކުރާ މެޗުންނެވެ. މި މެޗުން މޮޅުވާ ޓީމަކަށް ސެމީން ޖާގަ ލިބޭއިރު، ބަލިވާ ޓީމެއް މުބާރާތުން ކަޓާނެއެވެ.

މި މުބާރާތުގައި ނޭޕާލް ޕޮލިސް ކުލަބު ހިމެނެނީ ހުރައާއި ހޫމޯގެ އިތުރުން އިރާނުގެ ސެޕަހަން އާއެކު ގްރޫޕް ބީގައެވެ.

ގްރޫޕް އޭގައި ހިމެނެނީ ރާއްޖޭގެ ކުލަބު ވެމްކޯއާއި ސްރީ ލަންކާގެ ހިރްދަމާނީ ސްޕޯޓްސް ކުލަބާއި ކަޒަކިސްތާނުގެ ތުރާން ވީސީއެވެ.

މާލޭގެ ސޯޝަލް ސެންޓަރުގައި މުބާރާތް ކުރިއަށްދާނީ މިމަހުގެ ހަތަރަކުން ދިހައެއްގެ ނިޔަލަށެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މުބާރާތުގެ ފޯމެޓު ރޭވިފައިވާ ގޮތުން ކޮންމެ ގްރޫޕަކުން އެންމެ މޮޅު ދެ ޓީމަށް މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ލިބެއެވެ.

ކާވާ ވިމެންސް ޗެމްޕިއަންސް ލީގު 2026 ގައި ރާއްޖޭގެ ކުލަބު ވެމްކޯއާއި ކަޒަކިސްތާނުގެ ތުރާން ވީސީ ބައްދަލުކުރި މެޗުގެ ތެރެއިން--- ސަން ފޮޓޯ: މުޙައްމަދު ޝާތިއު ޢަބްދުﷲ

ސެމީ ފައިނަލުން ބަލިވާ ދެ ޓީމަށް ބްރޮންޒް މެޑަލް މެޗު ލިބޭއިރު، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ ފެބްރުއަރީ 10 ވަނަ ދުވަހުގެރޭ 20:30 ގައެވެ.

މުބާރާތުގެ ފޯރިގަދަ މެޗުތައް ބެލުމަށް ޓިކެޓު ވިއްކާ އަގަކީ 25 ރުފިޔާއެވެ. ކޮންމެ މެޗެއް ފެށުމުގެ ގަޑިއެއްހާއިރު ކުރިން އެ މެޗެއްގެ ޓިކެޓު ވިއްކަން ފަށާނެއެވެ. ޓިކެޓު ދޫކުރާނީ އެކަމަށް ހާއްސަކޮށް ސޯޝަލްގައި ޤާއިމުކޮށްފައިވާ ކައުންޓަރުންނެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އެސްއެސް މީޑިއާއެވެ. އެހެންކަމުން މުބާރާތުގެ ހުރިހާ މެޗެއް އެސްއެސް ޓީވީގެ އިތުރުން ސަން ޕްލޭ އެޕްލިކޭޝަން މެދުވެރިކޮށް ވަގުތުން ގެނެސްދޭނެއެވެ.

މުބާރާތުގެ ހުރިހާ މެޗަކާއެކު ކަވަރޭޖު ގެނެސްދެނީ ގިނަ ސްޕޮންސަރުންތަކެއްގެ އެހީތެރިކަމާއެކު އެވެ. އެގޮތުން ރެޑްސްޓާ، ސްޕެޑިކޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، ލިއޯ ޓްރޭޑިން ޕްރައިވެޓް ލިމިޓެޑް، އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ ފާހަގަކޮށްލެވެއެވެ.

ދެން ސްޕޮންސަރުންގެ ގޮތުގައި ހިމެނެނީ އޯލް އިން އޯލް އިންވެސްޓްމަންޓް، ތިބްޔަން ޕްރީސްކޫލް، ޕްރޮވިޑެންސް ޕްރައިވެޓް ލިމިޓެޑް، މަމަކް، ޝަވަރުމާޝީ އަދި ފިނިޓް އިންވެސްޓްމަންޓެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު