ހިތުގެ ޝިފާއަކީ ﷲގެ ކަލާމްފުޅެވެ. ވިސްނާ ފިކުރުކޮށްގެން ގުރުއާން ކިޔަވާ އޭގައި ހުރިގޮތަށް އަމަލުކުރަން ފެށުމުން ހިތާއި ސިކުނޑިއަށް އަޖައިބެއްފަދަ ބަދަލުތަކެއް އަންނާނެއެވެ. ހިތާއި ސިކުނޑީގެ ހަމަޖެހުމަކީ ﷲ ތައާލާއާއި އޮތް ގުޅުން ރަގަޅުކުރުމެވެ."
***
އަޔާޝް ދޮރު ލެއްޕި އަޑުއިވުމުންވެސް ޔަލްވީގެ މެޔަށް ފިނިގަނޑެއް އަރައިގެން ދިޔައެވެ. ފިރިމީހާދެކެ ލޯބިވުމުގެ ބަދަލުގައި ހިތުގައި ބިރުވެރިކަން ހިނގުމަކީ ހަމަ "ނޯމަލް"ކަމެއް ހެއްޔެވެ؟ އަޔާޝްދެކެ އޭނަ ބިރުގަންނަން ފެށީހެއްޔެވެ؟ އޭނަ އަޔާޝްގެ ގާތުގައި ދޮންމަންމަގެ ވާހަކަދެއްކީ ރުހުން ލިބޭނެކަމުގެ އުއްމީދުގައެވެ. ކާއެއްޗެއްސަށް ޒަހަރު އަޅާފާނެކަމުގެ ވާހަކަދެއްކުމުން އަޔާޝް އޭނައަށް އެންގީ ކެއްކުމަށެވެ. އޭނައަށް އެކަން ކުރެވޭނީ ކިހިނެއްހެއްޔެވެ؟ މުއްސަދި ފިރިހެނެކެވެ. ޚާދިމާއެއް ގެނައިއްޔާ ވާނީ ކިހިނެއްހެއްޔެވެ؟ އެވަގުތު ހަޔާގެ ފޯނެއް އައެވެ.
"ޔަލްވީ..އަހަރެން މިއޮތީ ހޮސްޕިޓަލުގައި...."
"ވަޓް ހެޕެންޑް؟ އަނެއްކާ ނުބުނައްޗޭ ކިއުއެކްސްއަށް ޕޮޒިޓިވް ވީއޭ..." އޭނަ ހިނގައިގަތީ ލައިބްރަރީ ކޮޓަރިއާއި ދިމާލަށެވެ.
ގެއިން އެންމެ ރައްކާތެރިތަނަކީ އެއީކަމަށް އޭނަ ދެކެއެވެ. އަޔާޝްވެސް އެއްވެސް ވަރަކަށް އެކޮޓަރިއަށް ވަދެނުލާނެއެވެ. މިފަހަކަށް އައިސް ދޮންމަންމަ ބަދިގެއާއި އެކު ފޮތްކޮޓަރިވެސް ޖަގަހައަކަށް ހަދައިފިއެވެ.
"އެކްސިޑެންޓެއްވެގެން..ތިއޭޓަރަށް ވައްދަން އުޅެނީ......އެކަނި ފަޔަށް އަނިޔާވެގެން އެތަން ފަހައިލަންވެގެން. ޔަލްވެސް ދުޢާކޮށް ދެއްޗޭ....މިހާރު ބޭނުންވަނީ ހަމައެކަނި ދުޢާ....."
"ސްކޭރީ....."
"ޔަލްވީ....."އަޔާޝްގެ އަޑު އިވުމުން އޭނަ އަވަހަށް ފޯނު ބާއްވަނީ ކަމަށް ބުނެފައި ކަނޑާލައިފިއެވެ. އޭނަ ހުރީ ވަރަށް ތާޒާވެލާ މޭކަޕްކޮށްގެން ސެންޓް ބުރުވާލައިގެންނެވެ. ތަންކޮޅެއް ކުރު ޓޮޕްކޮޅަކާއެކު ދޫ ހަރުވާޅެއްލައިގެންނެވެ.
"ކޯނޗެއް ކެއްކީ؟" އަޔާޝްގެ އަޑު ތަންކޮޅެއް މަޑެވެ.
"އަމް....އަ....އަދި ކިރިޔާ ހޭލެވުނީ....."
"ޔަލްވީ ބުނީމެއްނު ކައްކާނަމޭ..ދޮންމަންމަ ޒަހަރުއަޅާފާނެއޭ..މިހާރު ލަންޗް ގަޑިޖެހިއްޖެ..އަހަރެން ބުނިންދޯ ޔަލްވީ ކައްކައިފިއްޔާ ގެއަށް އަންނާނަމޭ..."
ޔަލްވީގެ މޭގަނޑު ނެގިނެގިފައި ޖެހެން ފެށިއެވެ. ހިންދިރުވައިލެވުނެވެ. ދައްކަންވީ އުޒުރެއްވެސް ނޭގުނެވެ.
"އެހެންވިއްޔާ ކައްކަންވީނު..އަހަރެން ބޭރުން ނުކާންވެގެން ގެއަށް މިއައީ........."އަޔާޝް ބުނެލިއެވެ. ޔަލްވީ ކާކޮޓަރިއާއި ދިމާލަށް ހިނގައިގަތުމުން އޭނަވެސް ފަހަތުން އައެވެ. އޭރުވެސް ޔަލްވީގެ ހިތަށް ވެރިވި ބިރުވެރިކަން ފިލާނުދެއެވެ. ސީއީއޯއަކަށް ވީމަހެއްޔެވެ؟ ޔަގީނުންވެސް ވަރަށް މީހުން ކޮންޓްރޯލްކުރާ ވައްތަރެވެ. އެންމެންވެސް ޖެހިލުންވެ ބިރުގަންނަފާޑުގެ ޝަޚުސިއްޔަތެކެވެ.
"ދޮންމަންމަ ޗިކަން ރޯސްޓްކޮށްފައިވެސް އެބަހުރި..އޭނަ ބަދިގެއަށް ވެރިކަން ކުރަނީ އެހެންމީހަކު ވަނުމުގެ ހުއްދައެއްނެތް...އާސީންވެސް..އެއްވެސް އެއްޗެއްގައި އަތްލުމުގެ ފުރުސަތެއް ނުދޭ. އެހެންވެ ބޮޑަށް ވަންނަހިތް ނުވަނީ..."
"އޭނަ ބަދިގެއަށް ނުވަންނާށޭ ބުނަންވީ؟އާސީންއާއި ޔަލްވީއަށް ކެއްކޭނެތަ؟"އަޔާޝް ގެ ބުމަ ކައިރިވިއެވެ.
"ނުވާނެ އެކަމެއް.....ލޭޒީބޯންސް.....މިގޭގައި ދޮންމަންމަ ނުކުރާކަމެއް ނުވެއެއްނު.."
"އަޔާ އޭނަގެ ފަޅިއަށް އެރީ؟ މެއިޑަކު ގެނައީމަވީނު..ކިހިނެއް މިހާ ބޮޑު ގެއެއްގެ ހުރިހާ މަސައްކަތެއްކުރާނީ..."
"ބީ ކެއަފުލް..."އަޔާޝްގެ ތޫނު ނަޒަރު އޭނަގެ މޫނަށް ހުއްޓުނެވެ.
"އަޔާ ނަފްރަތުކުރާކަން އޭނަވެސް ދަނޭ..އެހެންވެ އެވަރުން މޭޒުމަތި ފުރާލަނީވެސް ހިތް އަތުލަން...ނޫނީ ކޮންމެވެސް ރޭވުމެއް.."
"ހުއްޓާލާ..."އަޔާޝް ރުޅިއަންނަގޮތްވިއެވެ.
"އަޔާ......އޭނަ ބޭނުންވަނީ އަޔާ އޭނަ ކައްކާ އެއްޗެހި ކައިފާ ތައުރީފުކުރަން...އޭނަ މަންމައެއްގެ މަގާމަށް ގެނައުން...އެއަށް ކިޔަނީ މެނިޕުލޭޝަން ކަން ނޭގޭ......މަކަރުވެރިކަމުގެ އިންތިހާ އަންހެނެއް...އޭނަ މިގެއިން ފޮނުވާލަންޖެހެނީ..މެއިޑެއްވެސް މާ ރަގަޅުވާނެ..........."
އަޔާޝް ކުއްލިއަށް މޭޒުގެ ކައިރިފަށުގައި ހިފެހެއްޓިލެއް ބާރުކަމުން ތަށިތައް ވެސް ގުޑައިލިއެވެ."އޭނައާއި ބެހޭގޮތުން ވިޔަސް ތިފާޑަށް ވާހަކަނުދައްކާ.."
އޭނަ ގަނޑުވިއެވެ. އަޔާޝްގެ އަމަލު ހުރިގޮތަކުން ނޫނެވެ. އޭނަ ރުޅިއަންނަކަމަށް ދައުވާކުރާ މީހާ ދިފާއުކުރަން ވަކީލެއްގެ ގޮތަށް ވާހަކަ ހުރުމުންނެވެ. އަނބިމީހާއަށްވުރެ ދޮންމަންމަގެ މަގާމުވެސް މަތިވެރިއެވެ.
"ޔޫ އާ އަންބިލީވަބްލް..."އޭނަގެ ހިތް ބިއްލޫރިކޮޅެއްފަދައިން ފުނޑުފުނޑުވިފަދައެވެ. ހިތަށް އެރި ލަފުޒުތައް ދުލުން ބުނެވުނީ އޮޅިގެންނެވެ.
"އަހަރެމެން ރެއިޒްކުރި އަންހެނާގެ ޝަކުވާ ކުރަނީ މިގޭތެރޭގައި ހުރެގެން..."
"ރެއިޒްޑް ޔޫ؟ އަޔާ އަމިއްލައަށް ބުނީ އޭނަ އަޔާމެންގެ ދިރިއުޅުމުގެ އުފާތައް ފޭރިގަތްވާހަކަ....."
އަޔާޝްގެ ލޮލުން އަލިފާނުގެ ކަނި ބުރައިލިހެން ހީވިއެވެ. މުށްކަވައިލެވުނު އަތް ޖީބަށް ޖެހިއެވެ.
"އެކަމަކުވެސް ތި ފާޑަށް ވާހަކަދެއްކުމުގެ ހައްގެއް ނެތް...ކޮންމެވެސް އެއްޗެއް ކައްކާ..އަހަރެން މަޑުކުރާނަން..."
ޔަލްވީގެ ހިތަށް ފުން އަސަރެއްކުރިއެވެ. އޭނައަށް ޔަގީންވީ އެހިތުގައި އޭނައަށްޓަކާ ލޯބީގެ ކުޑިފަށެއްވެސް ނެތްކަމެވެ. ނަފްރަތުކުރާމީހާއަށްވުރެވެސް އޭނައޮތީ ފަހަތުގައެވެ. ދެރަވީ ވަރަށް ބިރުވެސް ގަތެވެ. އަޔާޝް އޭނަ ދޫކޮށްފިއްޔާ ވާނީ ކިހިނެހެއްޔެވެ؟ ކޮންމެ ހާލެއްގައިވެސް އެކީ ދިރިއުޅެން ބޭނުމެވެ. އަޔާޝްއާއި ނުލާ އޭނައަށް ދިރިނުހުރެވޭނެއެވެ.
މޭޒުމަތީގައި އެތައް ބާވަތެއްގެ އެއްޗެއް ތައްޔާރަށްހުރިއިރުވެސް ކައްކަން ޖެހުމުން އަމިއްލަ ނަފުސަށް ހަމްދަރުދީވިއެވެ.
"އިޓްސް ޔޯ ފޯލްޓް ޔަލް...ކީއްކުރަން ދޮންމަންމަ ވިހަ އަޅާފާނެއޭ ބުނީ...އަޔާއަށް ޝައްކުބަލި ޖެހުނީ...އެކަމަކު ކެއްކުން...މިހާ ފޫހި މަސައްކަތެއް ދުނިޔެއަކުނުވާނެ..ކިހިނެއް ހަދާނީ؟ކިހިނެއް މިކަމުން ސަލާމަތްވާނީ..ދޮންތަ ކައްކަން މޮޅުވާނެ..ކޮންމެ ފަަހަރަކު ގޭގައި ކައްކާ އެއްޗެހި ފޮނުވަން ބުނާނީ.."
"ޔަލްވީ...މިއަދު ކާނީ ކޮޓަރީގައި...."އަޔާޝް ގެ އަޑު އިވުމުން އޭނަގެ ހިތް ހުއްޓުނުހެން ހީވިއެވެ.
"އިޓްސް ލައިކް....ގަސްތުގައި ހަމަ ޖެއްސުންކުރަނީތަ؟
އަޔާޝް ފޯނުގައި ހުރެ ވާހަކަ ދައްކަމުން ސިޑިން އަރައިގެން ދާތަން ބަލަން ހުރެފައި އޭނަ ފުން ނޭވާއެއް ދޫކޮށްލިއެވެ. ރުޅިގަދަނުވާން ކެތްކުރިޔަސް އެތެރެއެތެރެއިން ހަޅޭއްލަވައިގަނެވުނެވެ. ޚިޔާލީ ދުނިޔޭގައި ހުރެ ކޮޓަރީގައިވާހާ އެއްޗެއް ހޫރުވައިލެވިއްޖެއެވެ. ކައްކަން ބޭނުންވާ ސާމާނު ނުފެނިގެން ކަބަޑްތަކާއި އެއްޗެހި ހުޅުވާފައި ބާރުބާރަށް ދޮރުފަތްތައް ލައްޕާ އަޑުފަށްގަނޑު ގަދަވެގެން ތަގުވާއަށްވެސް އެތެރެއަށް ވަދެ ބަލައިލެވުނެވެ.
"އެއްޗެއް ނުފެނިގެންތަ ޔަލް؟" ތަގުވާގެ އަޑުގައިވީ ހިތްހެޔޮކަމެވެ.
ޔަލްވީ ރުޅިއައިސްގެން ގޮސް ފަޅައިގެންދާވަރުވިއެވެ. ކަޅި އަޅައިގަންނަމުން ޗުސް ކަނޑައިލިއެވެ.
ތަގުވާގެ އެހީތެރިކަން ހޯދަން މަޖުބޫރެވެ.
"އަޔާޝް ބޭނުމީ ނޫޑުލްސް ކާން...ފިޔާ ކޮޅެއް ކޮށާލަދީފާނަންތަ؟"ޔަލްވީގެ އަޑު ތަންކޮޅެއް ބަރެވެ.
"އޯ...ކުރިން ބުނެލިނަމަ. އަޔާ އެހެން ބޭނުންވާ ޚާއްސަ ހުރި އެއްޗެއް ހުރިނަމަ ކުރިޔާ ލާ ބުނެލައްޗޭ." ތަގުވާ އަވަހަށް ނޫޑުލްސް ކައްކަން ބޭނުންވާ އެއްޗެހި ގެނެސްދިނެވެ. ޔަލްވީއަށް އެހީތެރިކަން ނުލިބުނުނަމަ އެތައް އިރެއް ނެގީހެވެ. އޭނަ ދެކުނުގޮތުން މިއީ ތަގުވާ ކުރަން ޖެހޭ މަސައްކަތެކެވެ. ޝުކުރުވެރިވުމަކީ އޭނަ ދަންނަ އެއްޗެއް ނޫނެވެ.
"މޭވާކޮޅެއްވެސް ކޮށާލަދީފާނަންތަ؟ ބޮލުގައި ރިއްސާތީ މިއުޅެނީ.."
ތަގުވާ ތަބަކެއްގައި ނޫޑުލްސް މޭވާ އަދި ޖޫސްތަށިތައް ރީތިކޮށް އަތުރާދިނުމުން އޭނަ ހިނގައިގަންނަމުންވެސް ހިތާހިތުން ކުދިކިޔައިގަތެވެ.
"ޔަލް...." އާސީން ލިވިން ރޫމްތެރޭގައި ހުރެ ގޮވައިލިއެވެ." ކީއްވެ ތަބައް ތިގެންދަނީ؟ ދޮންބެ ބަލިވީތަ؟"
"ނޫން..ބިޒީވެގެން...."
"ކިއުއެކްސްގެ ސްޓްރެސް ދޯ..ދޮންބެ ގާތު ބުނޭ ޗުއްޓީ ނަގައިގެން ގޭގައި މަޑުކޮށްލާށޭ...ތިއްތިބެވެސް ކާންވެސް ގެއަށް ނާދޭ..ސާޖަރީއެއް އޮތީޔޯ....އަވަހަށް ތި ލާފައި އާދޭ...އެބަހުރި ޓާކިޝް ޑިލައިޓް ބޮކްސް އެއް ލިބިފައި............."
އޭނަގެ ކުޅު ދިޔާވިއެވެ.
"ރިއަލީ؟ މިއަންނަނީ...."
ކޮޓަރިއަށް ވަންއިރު އަޔާޝް ފެންނާކަށް ނެތެވެ. މާގަނޑުން ފެން އޮހޭ އަޑުއިވުމުން ފެންވަރަނީކަން އެނގުނެވެ. މޭޒުމަތީގައި ތަބައް ބަހައްޓާފައި އޭނަ ފޯނު ހިފައިގެންގޮސް ބެލްކަނީގައި އެއްޗެއް ބަލަން އިންދާ އަޔާޝް ނިކުތް އަޑުއިވުނެވެ.
"މި ފިނިވެފައި މިހިރީ..ހޫނުކޮށްގެން އާދޭ.."
އަޔާޝްގެ އެ ޖުމްލައިން އޭނަގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔައެވެ.
"އަޔާ ޕްލީޒް....ގަސްތުގައި....ކީއްވެ ތިހެން ހަދަނީ؟"އޭނަގެ ލޮލަށް ކަރުނަ އައީ ރުޅިންނެވެ.
"ނޫޑުލްސް ފިނިވީމަ ކެވޭނެތަ؟ އެހެންނޫނަސް ނޫޑުލްސް ސޫޕް ހަދާކަށް ނުބުނަން...ބޮލެއް ހުރިއްޔާ ސޫޕް ފިނިވީމަ ނުބޮވޭނެކަން އެނގޭނެ..."
"ފައިން...."ޔަލްވީ ތަބައް ނަގައިގެން ހިނގައިގަތެވެ.
މިގޭގައި ދުވަސްކޮޅެއްވާއިރަށް ދޮންމަންމައަށްވުރެ އޭނަ ނިކަމެތިވާނެއެވެ. މިވަރުގެ ގެއަކަށް އައުމުން ރާނީއެއްހެން އިއްޒަތުގައި އުޅެވޭނެކަމުގެ ހުވަފެން އޭނަ ދެކުނެވެ. ނަމަވެސް މިވީ ކިހިނެއްހެއްޔެވެ؟ މިނޫނީ މުއްސަދި މަހުޖަނެއެއްގެ ގޭގައި އަންހެންވެރިން މަސައްކަތްކުރާ ގެއެއް ނުހުންނާނެއެވެ. ޔަގީނުންވެސް ރާއްޖޭގެ ކޮންމެ ގެއެއްގައިހެން ޚާދިމުން ގެންގުޅެއެވެ. ދިވެހިން އެހާ މުރާލި ނޫނީއެވެ. ޔަގީނުންވެސް އަތުގެ އިނގިއްޔެއް ހަލުވައިލުންވެސް އޭނައަށް ވަނީ ބުރައަކަށެވެ. ސައި ނޫނީ ކޮފީ ބޯލިޔަސް އެ ޖޯޑު ދޮންނަން ޖެހެނީ ތަގުވާއެވެ. ކާކޮޓަރީގެ އެކި ދިމާލަށް އެއްޗެހި އުކާ ހަދަނީވެސް ތަގުވާގެ މަސައްކަތް ބުރަކުރުމުގެ ނުބައި ނިޔަތުގައެވެ. މަސައްކަތްކުރާހިތް ނުވުމުގެ އިތުރުން ކުރަން ހުރި މީހާދެކެ ނަފްރަތުކުރާތީ ޖެއްސުމަށް ކުރާ ކަންތައްތައް އެނބުރި އޭނައާއި ޖެހުނީހެއްޔެވެ؟ އެންމެ ރަގަޅެވެ. އޭނައަށްވެސް ދެބައި ކުޅެލަން އެނގެއެވެ.
އޭނަ ގޮސް ނޫޑުލްސް ހޫނުކުރަން ދޮންމަންމައާއި ހަވާލުކުރުމަށްފަހު ތަބައް ކޮޓަރިއަށް ލާފައި ނިކަން ފޮނިކޮށް ހިނިތުންވެލިއެވެ.
"އަޔާ...މިހާރު ވަރަށް ހޮޓް ދޯ..."
އަޔާޝް ޖަވާބެއްނުދިނުމުން ތުން އޫކޮށްލާފައި އޭނަ އަވަސްއަވަހަށް ސިޑިން ފައިބައިގެން ދަމުން ތަގުވާއަށް ގޮވާލިއެވެ." ދޮންމަންމާ....އަޔާ ދިޔައިމަ ތަށިތައް ކޮޓަރިން ނަގާލާފައި ސާފުކޮށްލައްޗޭ."
ނުނިމޭ