ސިންގަޕޫރުގެ ފޭކު ފުލުސް އޮފީހެއް ކެމްބޯޑިއާއިން ހޯދައިފި

ކެމްބޯޑިއާ ކައިރީގައި ހަދާފައި ހުރި ފޭކް ފުލުހުންގެ އޮފީސް. ފޮޓޯ/ނޭޝަންތައިލެންޑް

ސިންގަޕޫރުގެ ފުލުހުންގެ އޮފީހެއް ނަކަލުކޮށްގެން ސްކޭމަރުން ހަދާފައިވާ ވަގު ފުލުހުންގެ އޮފީހެއް ކެމްބޯޑިއާގެ ކޮމްޕައުންޑަކުން ފެނިއްޖެއެވެ.

އެ ތަން ފެނިފައިވަނީ މިދިޔަ ޑިސެމްބަރު މަހު ތައިލެންޑްގެ އަސްކަރިއްޔާއިން ހިންގި އޮޕަރޭޝަނެއްގައެވެ.

ބައިނަލްއަގްވާމީ އޮބްޒާވަރުންނަށާއި ނޫސްވެރިންނަށް ތައިލެންޑްގެ އަސްކަރިއްޔާއިން ވަނީ އެތަން ދައްކާލާފައެވެ.

އޭބީސީ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ އޮފީސް ހުރީ ކެމްބޯޑިއާ-ތައިލެންޑް ބޯޑަރު ކައިރީގައި އޮންނަ އޯސްމާޗް ޓައުންގައެވެ.

އެ ސަރަހައްދުގައި ހުރި އިމާރާތުގެ ތެރޭގައި ސިންގަޕޫރުގެ ވަގު ޕޮލިސް އޮފީހެއް ހުރިއިރު، އެ އޮފީހުގައި ސިންގަޕޫރު ފުލުހުންގެ ލޯގޯގެ އިތުރުން "ވުޑްލެންޑްސް އީސްޓް އެންޕީސީ" ލިޔެފައިވާ ނިޝާނެއް ވެސް ހުއްޓެވެ.

ފުުލުސް އޮފީހުން ހޯދާފައިވާ ބައެއް ސާމާނު. ފޮޓޯ/ނޭޝަންތައިލެންޑް

ޑިސެމްބަރު މަހު ކެމްބޯޑިއާއާ އެކު ބޯޑަރުގައި ހިނގި ހަމަނުޖެހުންތަކަށް ފަހު އެ ތަން މިހާރު ވަނީ ތައިލެންޑް ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ވަގު ސިންގަޕޫރު ޕޮލިސް އޮފީހުގެ އިތުރުން ޕޮލިސް ސްޓޭޝަންތަކުގެ މޮކްއަޕްތަކާއި ޗައިނާ، އޮސްޓްރޭލިއާ، އިންޑިއާ، އިންޑޮނޭޝިއާ، ވިއެޓްނާމް އަދި ބްރެޒިލްގެ ގާނޫނު ތަންފީޒުކުރާ ފަރާތްތަކުގެ ޔުނީފޯމް ވެސް އެތަނުން ފެނިފައިވެއެވެ.

ތައިލެންޑްގެ އަސްކަރީ އޮފިޝަލުން ބުނީ އެ އިމާާރާތުގައި އެތައް ހާސް ބަޔަކު ތިބި ކަމަށާއި އޭގެ ތެރެއިން ގިނައީ ހިއުމަން ޓްރެފިކިންގެ ޝިކާރައަކަށް ވެފައިވާ މީހުން ކަމަށެވެ.

އޯސްމާކް އަކީ މީގެ ކުރިން އެމެރިކާއިން ސްކޭމް އޮޕަރޭޝަންތައް ހިންގުމުގެ މަރުކަޒެއްގެ ގޮތުގައި ނަން ދީފައިވާ ތަނެކެވެ.

comment ކޮމެންޓް