ޖަރުމަނުގެ ރައީސްގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ވަޑައިގަންނަވަނީ

ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް ވޯލްޓާ އާއި ރައީސް ޑރ. މުއިއްޒު---

ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް ވޯލްޓާ ސްޓައިންމަޔާގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެ ގައުމަށް ވަޑައިގަތުމަށް ނިންމައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނިގޮތުގައި މި ދަތުރުފުޅު ކުރައްވާނީ އަންނަ ހަފުތާ ހޯމަ ދުވަހުން އެ ހަފުތާ ހުކުރު ދުވަހުގެ ނިޔަލަށް ކަމަށެވެ.

މި ދަތުރުފުޅުގައި ރައީސް, ޖަރުމަނުވިލާތުގެ ރައީސާއި އެ ގައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

"މި ބައްދަލުވުން ތަކުގައި ދިވެހިރާއްޖެއާއި ޖަރުމަނުލިވާތުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައި. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވުމަށް އެޅޭ ބާރަކަށް ވެގެންދާނެ," ރައީސް އޮފީހުން ބުންޏެވެ.

ރައީސްގެ މި ދަތުރުފުޅުގެ ބައެއްގެ ގޮތުގައި ހިމެނިގެން، ބާލިންގައި ހުންނަ ހަމްބޮލްޓް ޔުނިވާސިޓީއަށް ވަޑައިގެން "މޫސުމީ ބަދަލަށް ހޭނުމުގައި ދިވެހިރާއްޖޭގެ ތަޖުރިބާ" ހިއްސާކުރައްވައި އެ ޔުނިވާސިޓީގައި ތަގުރީރުކުރެއްވުމަށް ވަނީ ނިންމަވައިފައެވެ. މި ދަތުރުފުޅުގައި ޖާމަން ކައުންސިލް ފޯ ފޮރިން ރިލޭޝަންސަށްވެސް ރައީސް ޒިޔާރަތް ކުރައްވައި ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް އޮފީހުން ބުނީ, މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ އިތުރުން ދިވެހިރާއްޖޭގެ ބައެއް ވިޔަފާރިވެރިންގެ މައްޗަށް އެކުލެވޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. މި ދަތުރުފުޅުގައި ޖަރުމަނުވިލާތުގައި ބިޒްނަސް ފޯރަމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ބިޒްނަސް ފޯރަމުގައި ދެ ގައުމުގެ ވިޔަފާރިވެރިން ބައިވެރިވެވަޑައިގެން، ދިވެހިރާއްޖޭގައި ވިޔަފާރިއާއި އިންވެސްޓްމަންޓްތަކަށް ހުރި ފުރުސަތުތަކުގެ ތަފްސީލު މަޢުލޫމާތު ދެއްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސްގެ މި ދަތުރުފުޅު މި ދިމާވަނީ ރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބު ވަގުތާއެވެ. ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރީ ފަހެއް ޖުލައި 1966 ގައެވެ.

comment ކޮމެންޓް