އަދިތިޔާއަށް ކަރަން އުފައްދާ ހޮރޯ-ކޮމެޑީ ފިލްމެއް

ބޮލީވުޑްގެ އެކްޓަރު އަދިތިޔަ ރޯއި ކަޕޫރު--ފޮޓޯ/ފިލްމުފެއަ

ބޮލީވުޑްގެ ފިލްމު ޕްރޮޑިއުސަރު/ޑައިރެކްޓަރު ކަރަން ޖޯހަރު އުފައްދަން ތައްޔާރުވަމުން އާ ހޮރޯ-ކޮމެޑީ ފިލްމުގެ ލީޑް އެކްޓަރަކަށް އަދިތިޔަ ރޯއި ކަޕޫރު ގެންނަން ނިންމާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ދަރުމާ ޕްރޮޑަކްޝަންސް ބެނާގެ ދަށުން އުފައްދަން ނިންމާފައިވާ މި ފިލްމުގެ ސްކްރިޕްޓް އަދިތިޔައަށް ހުށަހަޅާފައިވާ ކަމަށާއި ފިލްމުގެ ވާހަކަ އެކްޓަރަށް ވަރަށް ކަމުގޮސްފައިވާ ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

ހޮރޯ ކޮމެޑީ އަދި ހޮރޯ ތުރިލާ ފިލްމުތަކަކީ ދަރުމާއިން ވަރަށް މަދުން އުފައްދާ ޖޯންރާގެ ފިލްމުތަކަށް ވެފައި އަދިތިޔައާ އެކު އުފައްދަން ނިންމި ފިލްމުގެ މަސައްކަތް ފެށޭނެ ދުވަހަކަށް ދަރުމާގެ ފިލްމު ޕްރޮޑަކްޝަން ޓީމުތަކުން ވަރަށް ބޮޑަށް އިންތިޒާރުކުރާ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.

ފިލްމު ޕްރޮޑިއުސަރު ކަރަން ޖޯހަރު އަދި އެކްޓަރު އަދިތިޔަ ރޯއި ކަޕޫރު--ފޮޓޯ/ފިލްމުފެއަ

މި ފިލްމުގެ މަސައްކަތް މި އަހަރުގެ މެއި މަހުތެރޭ ފަށަން ތައްޔާރުވަމުން އަންނައިރު ފިލްމުގެ ކާސްޓުންގެ ގޮތުގައި ގެންނަން ބޭނުންވާ އިތުރު ތަރިންތައް ހޯދުމުގެ މަސައްކަތް ދަރުމާއިން ކުރަމުން އަންނަ ކަމަށް ބޮލީވުޑް ހަންގާމާއިން ވަނީ ބުނެފައެވެ.

ކަރަންގެ ފިލްމު ކުންފުނިން ކުރިން ގެނެސްދީފައިވާ ބިރުވެރި ފިލްމުތަކުގެތެރޭ 2005 ވަނަ އަހަރު ގެނެސްދިން ފިލްމު "ކާލް" އަދި ވިކީ ކޯޝަލް ލީޑް ރޯލް ކުޅުނު 2020 ވަނަ އަހަރުގެ ފިލްމު "ބޫތު-ޕާޓް 1: ދަ ހޯންޓެޑް ޝިޕް" ހިމެނެއެވެ.

އަދިތިޔާ ދަރުމާގެ ފިލްމަކަށް ގެންނަން އުޅޭކަމަށް ރިޕޯޓުތަކުން ބުނެފައިވާއިރު މީގެކުރިން ވެސް އެކްޓަރު ވަނީ ކަރަންއާ އެކު ތިން ފިލްމެއްގައި މަސައްކަތް ކޮށްފައެވެ.

އެއީ ބަތަލާ ޝްރައްދާ ކަޕޫރާ އެކު ކުޅުނު ފިލްމު "އޯކޭ ޖާނޫ"، "ޔޭ ޖަވާނީ ހޭ ދިވާނީ" އަދި "ކަލަންކް"އެވެ. އަދިތިޔަ އެންމެފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ ޑައިރެކްޓަރު އަނޫރާގް ބާސޫގެ ފިލްމު "މެޓްރޯ އިން ދިނޯ"އެވެ.

comment ކޮމެންޓް