ހިތުގައި ތިނަން ވާތީ... 21

އިވްލީންގެ ހަރަކާތްތަކަށް ބަލަން ހުރި އާކިލްއަށް ނެގުނީ މުޅީން ގޯސް މާނައެކެވެ. އޭނާއަށް ފެނުނީ އިވްލީން މިރާހަށް ބެލިގޮތެވެ. ރިމްޝާ އާއި މިރާހުގެ ގާތްކަމުން އިވްލީނަށް އުނދަގޫވާންވީ ކީއްވެ ހެއްޔެވެ؟ އިވްލީންގެ ހިތުގައި އާކިލްއަށް ދެވުނު މަގާމް ފަނޑުވެ، އެ މަގާމް މިރާހަށް ދިނީ ހެއްޔެވެ؟ އެކުވެރިކަމަށްވުރެ ބޮޑު ގުޅުމެއް އެދެމެދުގައި ވަނީ ހެއްޔެވެ؟ މިރާހްގެ ސަބަބުން އިވްލީންގެ ހިތަށް އެހާ ތަދުވާނީ، އެ ހިތުގައި އެހެން އިހުސާސެއް ވާތީއެވެ. އެއީ އާކިލްއަށް ވިސްނުނު ގޮތެވެ.

********

"މާޒީ އިއާދަވާން ދެން ފުރުސަތެއް ނުދެވޭނެ..." އާކިލް އަމިއްލަ ނަފުސަށް އިވޭ ވަރަށް ބުނެލުމަށްފަހު، އިވްލީނާއި ދިމާއަށް ހިނގައިގަތެވެ.

އިވްލީންގެ ކަރުގައި އަޅާފައިވާ ފަށުގެ ފުލުން އޭނާއަށް މަޑު ހޫނުކަމެއް އިހުސާސްވިއެވެ. އެވަގުތު އޭނާގެ ހިތް އެދުނީ، ފަސްއެނބުރި ބަލައިލުމަށެވެ. އިވްލީންގެ ހިތުގެ ހިނގުން އަވަސްވިކަން އޭނާއަށް އެނގުނެވެ. ފަށުފުލުގައި އަތް ޖައްސައިލި އިވްލީނަށް ބޭއިހުތިޔާރުގައި އާކިލް ހުރި ދިމާއަށް ބަލައިލެވުނެވެ. ހީވީ ނޭނގޭ ބާރަކުން އޭނާ އެދިމާއަށް އަނބުރުވައިލި ހެންނެވެ. އާކިލް ހަލުވި ފިޔަވަޅުތަކެއްގައި އިވްލީންގެ ކައިރިއަށް ދިޔައިރު، އެ ދެލޮލުން ފެންނަމުން ދިޔައީ ކުރިން އޭނާއަށް ނުފެންނަފަދަ އިހުސާސެކެވެ.

"އަހަރެމެން ދެމީހުން ގުޅުން ތަގުދީރުގަ ލިޔެވިފަ ވަނީތަ؟..." މަހުމޫދުގެ ބަސްތައް ހަނދާންވެ، އިވްލީނަށް ހިތާއިހިތުން ވާހަކަ ދެއްކުނީ ފަށުފުލުގައި މަޑުމަޑުން ފިރުމައިލަމުންނެވެ. އިވްލީންގެ ނަޒަރު ބަދަލުވިއެވެ. ކުރިން ފަސްޖެހުނު އެތައް ކަމަކާއި ކުރިމަތިލާން ހިތްވަރު ލިބުނީ އަޖައިބު ކުރުވަނިވި ގޮތަކަށެވެ.

އާކިލް ދާދި ކައިރިއަށް އައުމުން، އިވްލީން ފަށުފުލުގެ މަތީގައި އަތް އަޅައި، ފޮރުވިއެވެ. އާކިލްގެ ނަޒަރު އިވްލީންގެ އަތުން މޫނަށް ހުއްޓުނެވެ.

"އަމިއްލައަށް ހުރެ ޒުވާބެއް ކުރަނީތަ؟..." މާހައުލުގައިވި ނުތަނަވަސްކަން ފިލުވައިލުމަށް އާކިލް ސަމާސާކޮށްލިއެވެ.

"ވެދާނެ ތިހެން ކަމަށްވެސް...." އާކިލް ކުރި ސަމާސާގައި ބައިވެރިވެލަމުން އިވްލީން ބުނެލިއެވެ.

އާކިލް ކައިރިއަށް އައުމުން، ފަށުފުލުން އިހުސާސްވި ހޫނުކަން ފިލައިދިޔައެވެ. އެ ހުރިހާ ކަމަކުން އިވްލީނަށް އެއްކަމެއް އެނގުނެވެ. ފަށުފުލާއި ބެހޭގޮތުން އޭނާގެ މަންމަމެން ދައްކާފައިވާ ވާހަކައިގައި ކޮންމެވެސް ހަގީގަތެއް ވާ ކަމެވެ. އެކަމަކު، އެކަހަލަ ވާހަކަތައް ގަބޫލުކުރުމަކީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟ އިވްލީން މަޑުމަޑުން ދެފަރާތަށް ބޯ ހޫރައިލިއެވެ. ހުރިހާ ކަމަކީވެސް އިއްތިފާގެވެ.

"އީވް!..." އާކިލް ގޮވައިލީ އަސަރުން ފުރިގެންވީ ރާގަކަށެވެ.

ހިޔާލަކަށް ގެއްލިފައި ހުރި އިވްލީނަށް އާކިލްއަށް ބަލައިލެވުނީ ތަފާތު ނަޒަރަކުންނެވެ. އެތައް ދުވަހެއް ފަހުން، އާކިލް އެފަދަ ގޮތަކަށް ގޮވައިލުމުން، އިވްލީންގެ ހިތުގެ ހިނގުން އަވަސްވިއެވެ.

"އަހަރެން ބޭނުމެއް ނޫން ދެން އީވްއާ ދުރަށް ދާކަށް..." އާކިލް ބަލަން ހުރީ ސީދާ އިވްލީންގެ ދެލޮލަށެވެ.

"އޭނ؟..." އިވްލީނަށް ލިބުނީ ސިހުމެކެވެ.

އާކިލް ކުއްލިއަކަށް އެފަދަ ވާހަކައެއް ދައްކަފާނޭ ކަމަށް އިވްލީން ފަހަރެއްގައިވެސް ހިއެއް ނުކުރެއެވެ. ދެލޯ ބޮޑުކޮށްލިގޮތަށް އޭނާއަށް ހުރެވުނީ ކަޅި ޖަހާލަންވެސް ހަނދާންނެތިފައެވެ.

"އަހަރެން ބުނި އެއްޗެއް ނޭނގުނުތަ؟... ޕްރޮޕޯސް ކުރަނީއޭ މި.. ޕްރޮޕޯސް..." އިވްލީނަށް ވީގޮތް ފެނި އާކިލް ބުނެލިއެވެ. "އަހަރެން މިބުނީ އީވް ހުއްދަ ދީފިއްޔާ، އަލުން އީވްއާ ގުޅެން ބޭނުންވެޔޭ... ދެން އެންމެ ދުވަހެއްވެސް ބޭކާރު ނުކޮށް، މެރީ ކުރަން ބޭނުންވެޔޭ..."

ދެމީހުންގެ ދެމެދަށް ވެރިވީ ހިމޭންކަމެވެ. އިވްލީން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އާކިލް އެފަދަ ގޮތަކަށް ކައިވެންޏަށް އެދިފާނޭކަމަށް އޭނާ އުއްމީދު ކުރާނީވެސް ކިހިނަކުން ހެއްޔެވެ؟

"ދެން ހަމަ އެއްވެސް އެއްޗެއް ނުބުނާނަންތަ؟... އަހަންނާ ގުޅެން ބޭނުން ނުވަނީތަ؟... މާފު ނުކުރާނަންތަ؟..." އާކިލް ތުންފިއްތައިލިއެވެ. "އަހަރެން ދާންވީތަ؟..."

އާކިލް އުޅުނީ ހިނގައިގަންނާށެވެ. އިވްލީން އޭނާ ހުއްޓުވާނެކަން އާކިލްއަށް އެނގުނެވެ. ކަންތައް ވީވެސް އެހެންނެވެ. އިވްލީން އަވަސް އަވަހަށް އާކިލްގެ އަތުގައި ހިފައި ހުއްޓުވިއެވެ.

"އާކިލްއާ އެކީ އުފަލުގަ އުޅެވިދާނެބާ؟... ދެމީހުން ދުރަށްދާން ޖެހިދާނެބާ؟... އާކިލް ހިތްއެދޭފަދަ ބައިވެރިއަކަށް އަހަންނަށް ވެވިދާނެބާ؟... މީ އަހަރެންގެ ހިތަށް އުނދަގޫކުރި ސުވާލުތަކެއް...." އިވްލީންގެ ހިތަށް އުނދަގޫ ކުރަމުންދިޔަ ވާހަކަތައް ދުލާއި ހަމައަށް ގެނައެވެ.

"ދެން މިހާރު؟..." އާކިލްއަށް އަހައިލެވުނެވެ.

"މިހާރު އަހަންނަށް ހީވަނީ، އަހަރެންގެ ހަޔާތުން ހާދަ ދުވަހެއް ބޭކާރު ކުރެވިއްޖެއޭ... އަހަރެން ހާދަ މޮޔައޭ...." އިވްލީން ދޫކޮށްލީ ފުން ނޭވާއެކެވެ.

އާކިލް ހުރީ އިވްލީން ދެއްކި ވާހަކައިން ނަގަންވީ މާނައެއް ނޭނގިފައެވެ. އޭނާ ދެއްކީ، އާކިލްގެ ސަބަބުން އިވްލީންގެ ހަޔާތުން ދުވަސްތަކެއް ގެއްލުނު ވާހަކަ ހެއްޔެވެ؟

"އަހަންނާ ހެދިތަ؟.." އާކިލްއަށް އުނދަގޫ ގޮތަކަށް އިސްޖަހައިލެވުނެވެ.

"ދެން ކާކާ ހެދިތަ؟..." އިވްލީން ދެލޯ ހަނިކޮށްލިއެވެ.

"ސޮރީ...." އާކިލްއަށް އަމިއްލަ ކުށް ގަބޫލު ކުރެވުނެވެ.

އިވްލީން އާކިލްއަށް ބަލަން އިރުކޮޅަކު ހުރެފައި ލުއި ހިނގަނޑެއް ޖަހައިލިއެވެ. އޭނާ އާކިލްގެ ބުރަކަށީގައި މަޑުމަޑުން ޖަހައިލިއެވެ.

"މޮޔަމޮޔަ ކުއްޖާ... އަހަރެން މި ކުށްވެރި ކުރަނީ އެހެން މީހެއް ނޫނޭ... އަމިއްލަ ނަފުސޭ..." އިވްލީން އަނެއްކާވެސް ހީގަތެވެ. "އަހަރެން އެހާ ލޯބިވާއިރުވެސް އެ ލޯބި ސިއްރު ކޮށްގެން ކިހާ ދުވަހެއް މި ބޭކާރު ކުރެވުނީ... ނޫންނަމަ، މިއަދު އަހަރެމެން އުޅޭނީ...."

އިވްލީން އޭނާގެ ޖުމުލަ ފުރިހަމަނުކޮށް ހުއްޓައިލީ އާކިލްއަށް ވިސްނޭނެކަމަށް ބަލައިފައެވެ. އިވްލީން ބުނިހެން އެދުވަހު ދެމީހުން ދުރުނުވިނަމަ، އެކުގައި އުޅޭނޭގޮތް އާކިލްއަށް ސިފަކޮށްލެވުނެވެ.

"ޕްލީޒް ސްޓޭ... ދެން ދުވަހަކުވެސް ނުދާތި!... ދާން މަސައްކަތްވެސް ނުކުރާތި!..." އާކިލް އިވްލީންގެ އަތުގައި ހިފައި، އެ މަޑު އަތްތިލައަށް ފިތައިލިއެވެ.

އިވްލީން ފުޅާ ހިނިތުންވުމެއް ހަދިޔާކޮށްލާފައި، އަވަސް އަވަހަށް ބޯ ޖަހައިލިއެވެ. ލިބުނު އުފަލަކުން އާކިލްއަށް އަމިއްލަ އިހުސާސްތައް ކޮންޓްރޯލް ކުރެވުނީ ކިރިޔާއެވެ. އޭނާ ބޭނުންވީ އިވްލީން އުރާލައި، ވަށައިގެން އެނބުރިލާށެވެ. އެކަމަކު، އެކަން ކުރާކަށް ނުކެރުނެވެ.

*******

ރިމްޝާ އާއި ވާހަކަ ދައްކާލެވުމުން، މިރާހުގެ ހިތަށް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބުނެވެ. އިތުބާރު ކުރަމޭ މީހެއްގެ ދުލުން ބުނެލާ އެންމެ ޖުމުލައަކުން ހާދަހާ ކަމެއް ބަދަލުވެއެވެ.

މޭޒުމަތީގައި ހުރި ތަށިތައް ނަގައިގެން އެނބުރު މިރާހުގެ ޖީބުގައި އޮތް ފޯނު ވައިބްރޭޓް ވިއެވެ. ފުލުފުލުގައި ތިން މެސެޖު އައިކަން އޭނާއަށް އެނގުނެވެ. އާކިލް ފޯނު ނެގީ ބަދިގެއަށް ވަދެފައެވެ. އޭނާއަށް ހީވީ ރަނގަޅަށެވެ. ތިން މެސެޖު ލިބިފައި އޮތެވެ.

"އެންޖޯއިންގް ޕީސް؟..." ފުރަތަމަ މެސެޖު ކިޔައިލުމާއިއެކު މިރާހުގެ ދެބުމަ ގޮށްޖެހުނެވެ.

"އިޓް ވޯންޓް ލާސްޓް..." ދެވަނަ މެސެޖުން އާކިލްގެ ދެއަތް މުށްކެވުނެވެ.

"ހަނދާންކުރައްޗޭ ކާކުކަން ކައުންސިލް ކޮންޓްރޯލް ކުރަނީ..." އަނެއްކާވެސް އެމީހާގެ މެސެޖެކެވެ.

މިރާހް ފޯނަށް ބަލަން ހުއްޓައި، އިތުރު މެސެޖެއް އައެވެ.

"ދާދި ފަސޭހައިން އަހަންނަށް އިވްލީންގެ ކެފޭގެ ދުވަސް ދުއްވާލެވިދާނެ..." މިފަހަރު އިންޒާރުގެ މެސެޖެކެވެ. މިފަހަރުގެ އިންޒާރު އޮތީ ދިވެހިން ލިޔެފައެވެ.

މިރާހްގެ އިނގިލިތަކުގައި މަޑު ތުރުތުރުލުމެއް އުފެދުނެވެ. ހާސްވެގެން ނިތްކުރިމަތިން ދާ ހިއްލައިލިއިރު، މިރާހްގެ ނޭވާވެސް ވަނީ އަވަސްވެފައެވެ. އޭނާގެ ހިތް އެދުނީ ފޯނު ދުރަށް ހޫރައިލުމަށެވެ.

"ސްޓޮޕް..." މިރާހަށް ބުނެވުނެވެ.

ފޯނު ވައިބްރޭޓްވާ އަޑެއް ނުކެނޑުނެވެ. ފުލުފުލުގައި މެސެޖު އަންނަމުން ދިޔައެވެ.

"އެއްވެސް މީހެއް ކައިރީ ބުނެފިއްޔާ ވާނެގޮތް އެނގޭދޯ..." މިރާހް ފޯނު ހޫރައިލިއެވެ.

ފޯނު ގޮސް ވެއްޓުނީ ފުށް ބަސްތާ ތެރެއަށެވެ. މިރާހް އަމިއްލަ ނަފުސަށް ކުދިކިޔަމުން ގޮސް ފުށް ބަސްތާގެ ތެރެއަށް އަތް ކޮށްޕައިލިއެވެ.

********

އޮފީހުގެ މަސައްކަތްތަކުގައި އަވަދިނެތި އިން ރިމްޝާގެ ހުރިހާ ސަމާލުކަމެއް ހުއްޓިފައިވީ، ކޮންޕިއުޓަރުގެ ސްކްރީނަށެވެ. ކީބޯޑުން އެއްޗެހިތަކެއް ލިޔަމުންދިޔައިރު، އިނގިލިތަކުގެ ހަރަކާތް އަވަހެވެ.

"ކޮން މަސައްކަތެއްގަ؟..." ޝައުކަތުގެ އަޑަށް ރިމްޝާ ދިޔައީ ސިއްސައިގެންނެވެ.

ޝައުކަތަކީ އޮފީހުގައި ރިމްޝާގެ ވެރިއެކެވެ. މިރާހްގެ ބޭބެވެސް މެއެވެ. އެ ހުރިހާ ކަމަކާއިއެކު ރިމްޝާ ޝައުކަތަށް އިހުތިރާމް ކުރެއެވެ.

"މީ އީވްގެ ކެފޭގެ އިންސްޕެކްޝަން ރިޕޯޓް ލިޔެލަނީ..." ރިމްޝާ ބުނެލިއެވެ.

"އަދިވެސް ބިޒްނަސް ރެޖިސްޓަރ އާނުކުރޭދޯ؟..." ޝައުކަތު ބޭނުންވީ ޔަގީންކުރާށެވެ.

"ނޫން... އީވް އެއީ ބަރާބަރަށް ހުރިހާ ކަމެއް ކުރާ މީހެއް..." ރިމްޝާ ޔަގީންކަން ދިނެވެ.

"ގަވާއިދުތައް ހުރީ ބަދަލުވެފަ... މިހާރު ދުވަސްކޮޅެއް ވެއްޖެ... ނޭނގޭތަ؟..." ޝައުކަތު އަހައިލިއެވެ.

"އިނގޭ..." ރިމްޝާ ދިނީ ކުރު ޖަވާބެކެވެ.

"އާ ގަވާއިދާ އެއްގޮތަށް ކަންކަން ކޮށްފަ ހުރިކަން ކަށަވަރު ކުރިންދޯ؟..." ރިމްޝާ އެއްޗެއް ނުބުނެ ވިސްނަން އިނުމުން ޝައުކަތު ބުންޏެވެ.

ރިމްޝާ ބޯ ޖަހައިލިއެވެ. އޭނާއަށް ޝައުކަތަށް ބަލައިލެވުނީ ކުރިން ބެލި ނަޒަރަކުން ނޫނެވެ.

*******

ރާޅުފަށުގައި ހިނގަމުންދިޔަ އިވްލީނާއި އާކިލް ތިބީ އެހެން ދުނިޔެއެއްގައެވެ. ދެމީހުންގެ ތުންފަތުގައި ލުއި ހިނިތުންވުމެއްގެ އަސަރު ވީއިރު، އަލަތު ކައިވެނި ކޮށްގެން އުޅޭ ދެމީހުން ފަދައިން އިރުއިރުކޮޅައި، އެކަކު އަނެކަކަށް ބަލައި، ހިނިތުންވެލައެވެ. ހިނގަމުން ދިޔައިރު، ދޭތެރެ ދޭތެރެއިން އާކިލްގެ އަތް އިވްލީންގެ އަތުގައި ބީހިލައެވެ. އެއިން ކޮންމެ ފަހަރަކު އިވްލީންގެ ހިތް އެދުނީ އާކިލް އޭނާގެ އަތުގައި ހިފައިލުމަށެވެ. ދެމީހުންގެ ދެމެދުގައިވި ދުރުކަން ނެތިކުރުމަށެވެ. ހުދު އާކިލްގެ ހާލަކީވެސް އެއީއެވެ. އިވްލީންގެ އަތުގައި ހިފައިލަން، އޭނާގެ ބަސްނާހާ ހިތް އެދެމުން ދިޔައީ ހިތަށް ކުޅަދާނަވާނޭ މިންވަރަކަށް ނޫނެވެ. އަމިއްލަ ހިތަށް ވިސްނައިދޭން އުޅެއުޅެ ވަރުބަލިވެގެން، ހިތުގެ އެދުމަށް އިޖާބަދޭން އާކިލްއަށް މަޖުބޫރުވިއެވެ. އާކިލް އިވްލީންގެ އަތުގައި ހިފައިލިއެވެ.

އިވްލީންގެ ތުންފަތުގައިވި ހިނިތުންވުން ފުންވިއެވެ.

"އެދުވަހު ކަންތައްވީގޮތް އެނގޭކަށް ބޭނުމެއް ނުވޭތަ؟..." ވަކި ހިސާބަކަށް ގޮސްފައި އާކިލް ހުއްޓުނެވެ. "މިބުނީ އަހަރެން އީވް ދޫކޮށްލާފަ ދިޔަ ސަބަބު އެނގޭކަށް ބޭނުމެއް ނުވޭހޭ... އަހަރެން ހީކުރީ އީވް އިސްވެ އަހާނެކަމަށް.."

"އަހަންނަށް އެނގޭ ކޮންމެސް ބޮޑުކަމެއް ދިމާވީމަކަން އާކް އެގޮތަށް އަހަރެން ދޫކޮށްލާފަ ދާނީ..." އިވްލީން ދޫކޮށްލީ ފުން ނޭވާއެކެވެ.

"ތީގެ މާނައަކީ އަހަންނަށް މާފުކުރީއޭތަ؟..." އާކިލް އަހައިލީ ސަމާސާ ރާގެއްގައެވެ.

"ނޯ ނޯ.." އިވްލީން ތުން ފިއްތައިލިއެވެ.

"ސޮބާހު..." އާކިލް އެއްޗެއް ބުނަން އުޅުނު ވަގުތު އޭނާގެ ފޯނު ރިންގްވާން ފެށިއެވެ. އިސްކްރީނަށް ބަލައިލި އާކިލްއަށް ހާސްވެފައި، ފުރަތަމަވެސް ބަލައިލެވުނީ އިވްލީންގެ މޫނަށެވެ.

"މި ކޯލް އެބަ ނަގާލަން..." އާކިލް އޭނާގެ ފޯނުގެ އިސްކްރީން އިވްލީނަށް ދެއްކިއެވެ. ގުޅަނީ އާކިލްގެ މަންމައެވެ.

********

"ކީއްވެ ސޮބާހު އިންޒާރު ދެނީ؟.." މިރާހުގެ ފޯނު ހިފައިގެން ހުރި ރިމްޝާ، މިރާހަށް އެ ފޯނުގެ އިސްކްރީން ދައްކައިލިއެވެ.

މިރާހް ތެޅިގަނެފައި ރިމްޝާގެ އަތުން ފޯނު އަތުލިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު