މިދިޔަ ސުކޫލު ބަންދުގައި ރާއްޖޭން ބޭރަށް 48،000އަށް ވުރެ ގިނަ ދިވެހީން ދަތުރުކުރި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގައި ފަސިންޖަރުންތަކެއް: މިދިޔަ ސުކޫލު ބަންދުގައި ރާއްޖޭން ބޭރަށް 48،000އަށް ވުރެ ގިނަ ދިވެހީން ދަތުރުކުރި ---- ފޮޓޯ/ އެމްއޭސީއެލް

މިދިޔަ ސުކޫލު ބަންދުގައި 48،000އަށް ވުރެ ގިނަ ދިވެހީން ރާއްޖޭން ބޭރަށް ދަތުރުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފިއެވެ.

'ސަން'އިން ވާނީ، މިދިޔަ ސުކޫލު ބަންދުގައި ރާއްޖޭގައި ބޭރަށް ދަތުރުކުރި ދިވެހީންގެ އަދަދާއި އެންމެ ގިނަ ދިވެހީން ދަތުރުކުރި ގައުމުގެ މައުލޫމާތު ދިނުމަށް އިމިގްރޭޝަނުގައި އެދިފައެވެ.

އިމިގްރޭޝަނުން މިއަދު ފޮނުވި ޖަވާބުގައި ވަނީ، ޗުއްޓީ ދެމިގެންދިޔަ މުއްދަތު ކަމަށްވާ މިދިޔަ ޑިސެމްބަރު 25އިން ޖެނުއަރީ 27ގެ ނިޔަލަށް ޖުމުލަ 48،635 ދިވެހީން ރާއްޖޭން ބޭރަށް ދަތުރުކޮށްފައިވާ ކަމަށެވެ. އެއީ، ޑިސެމްބަރުގައި ރާއްޖޭން ބޭރަށް ދަތުރުކުރި 16،012 ދިވެހީންނާއި ނިމުނު ޖެނުއަރީގައި ދަތުރުކުރި 32،623 ދިވެހީންނެވެ.

އިމިގްރޭޝަނުގެ ހިސާބުތަކުން އެނގޭ ގޮތުގައި، އެންމެ ގިނަ ދިވެހީން ރާއްޖޭން ބޭރަށް ދަތުރުކޮށްފައި ވަނީ ޑިސެމްބަރު 29ގައެވެ. އެ ދުވަހު އެކަނި 2،902 މީހުން ދަތުރުކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނަ މީހުން ދަތުރުކުރީ އެ މަހު 28ގައެވެ. މިގޮތުން، އެ ދުވަހު ވަނީ، 2،701 މީހުން ރާއްޖޭން ބޭރަށް ދަތުރުކޮށްފައެވެ.

އޭގެއިތުރަށް، އެންމެ މަދުން މީހުން ދަތުރުކުރީ ސުކޫލުތަކުގެ ކިޔެވުން ފެށުނު ދުވަސް ކަމަށްވާ ޖެނުއަރީ 27ގައެވެ. އެ ދުވަހު ރާއްޖޭން ބޭރަށް ދިޔައީ، 365 ދިވެހީންނެވެ. ނަމަވެސް، ދިވެހީން ދަތުރުކުރި ގައުމުތަކުގެ ވަކި ތަފާސްހިސާބުތައް ދެވެން ނެތް ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

https://sun.mv/216361

ފާހަގަކުރެވޭ ގޮތުގައި، ޑިސެންބަރު މަހު ދަރިވަރުންގެ ބޮޑު ޗުއްޓީ މި އަހަރު ލިބުނީ، ހަތަރު އަހަރަށް ފަހުގައެވެ. އެހެންވެ، އެ ދުވަސްވަރަށް ދަތުރުކުރި މީހުންގެ އަދަދު އިތުރުވެ، ގައުމީ އެއާލައިން މޯލްޑިވިއަންގެ ދަތުރުތައް ވެސް އިތުރުކުރިއެވެ.

އެގޮތުން، މިދިޔަ ޑިސެންބަރުން ފެށިގެން މިދިޔަ މަހުގެ ބޮޑު ބަންދުގެ ނިޔަލަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް 3،700 އަށް ވުރެ ގިނަ ދަތުރުތައް މޯލްޑިވިއަނުން ތާވަލުކުރިއެވެ.

comment ކޮމެންޓް