ޒުވާން ގައުމީ ފުޓުބޯޅަ ޓީމުގެ ޓްރަޔަލްއަށް ބޮޑު ތަރުހީބެއް

އެފްއޭއެމުން ބޭއްވި 20 އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމަށް ކުޅުންތެރިން ނެގުމުގެ ޓްރަޔަލްގެ ތެރެއިން-- ފޮޓޯ: ޕީއެސްއެމް

ރާއްޖޭގެ ވިހި އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުންތެރިން ހޮވުމަށް ބޭއްވި އޯޕަން ޓްރަޔަލްއަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

ގަލޮޅު ފުޓުބޯޅަ ދަނޑުގައި މި ޓްރަޔަލް ކުރިއަށްދިޔައީ ހޮނިހިރު ދުވަހުގެ ހަވީރު 15:30 އިން ފެށިގެން 18:00 އާއި ހަމައަށެވެ.

ޓްރަޔަލްގައި ކުޅުންތެރިންގެ ހުނަރު ބެލުމަށް، އެފްއޭއެމުގެ ޓެކްނިކަލް ޓީމުގެ ބައެއް އިސް ފަރާތްތަކުގެ އިތުރުން ތަޖުރިބާކާރު ކޯޗިން ޓީމެއް ވަނީ ބައިވެރިވެފައެވެ.

އޭގެތެރޭގައި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ސީނިއާ ގައުމީ ފުޓުބޯޅަ ޓީމުގެ ހެޑު ކޯޗު ކަމަށްވާ ހަންގޭރީގެ އިސްތަވާން އުރުބާނީ އާއި އެފްއޭއެމުގެ ރައީސް އަޙްމަދު ތާރިގު ގެ އިތުރުން އިސްވެރިންގެ ތެރޭގައި ހިމެނޭ ޖެނެރަލް ސެކްރެޓަރީ އަޙްމަދު ޒަރީރުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ގައުމީ ޓީމަށް ކުޅުންތެރިން ހޮވުމަށް ޓްރަޔަލް ބާއްވަނީ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ޤައުމީ ޓީމަށް ކުޅުންތެރިން ނެގުމަށެވެ.

ރާއްޖޭގައި ބާއްވާ ސާފްގެ 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ރާއްޖެ ހިމެނެނީ ނޭޕާލާއި ބޫޓާނާއި ސްރީލަންކާ އާއެކު ގްރޫޕް އޭގައެވެ. ގްރޫޕް ބީގައި ހިމެނެނީ އިންޑިއާ އާއި ބަންގްލަދޭޝްގެ އިތުރުން ޕާކިސްތާނެވެ.

މާލޭގައި މުބާރާތް ކުރިއަށްދާނީ މިއަހަރުގެ މާޗު މަހުގެ 23 އިން ފެށިގެން އޭޕްރީލް 7 ގެ ނިޔަލަށެވެ.

އެފްއޭއެމުން ބޭއްވި މި ޓްރަޔަލްގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވަނީ 2007 2008 އަދި 2009 ގައި އުފަންވެފައިވާ ކުދިންނަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު