﷽
------------------------
ސޯފާގައި އިށީނދެގެން އިން، އައިރާގެ ނަޒަރު އިރުއިރުކޮޅަކާ އަތުގައި އޮތް ފޯނުގެ ސްކްރީނަށް ހުއްޓެއެވެ. އޭރު ގަޑިން ރޭގަނޑު ނުވައެއް ޖަހާ ބޮޑުވެއްޖެއެވެ. ކަނޑުނޫކުލައިގެ އަބާޔާއެއް ލައިގެން އެއަށްވުރެ ތަންކޮޅެއް އަލި ކުލައެއްގެ ޝޯލްއެއް އަޅާލައިގެން ރީތިވެލައިގެން އިން ގޮތުން ހީވަނީ ތަނަކަށް ދާން ތައްޔާރުވެގެން އިންހެންނެވެ. މޭކަޕެއްކޮށްފައި ނުވި ނަމަވެސް، އޭނަގެ ރީތިކަން ފަނޑެއް ނުވެއެވެ. ޤުދުރަތުން އައިރާއަށް ދެއްވާފައިވަނީ އަލި ހަންގަނޑެކެވެ. ބޮޑު ލޮލަކާއި، އެ ދެލޮލަށް ފުރިހަމަކަން ގެނެސްދޭ ކަޅުކުލައިގެ ކަޅިއަކާއި ތޫނު ކަޅިރަވައެއް އައިރާއަށް ލިބިފައިވެއެވެ. އެ ދެލޮލަށް ހިމާޔަތްދެމުންދާ ދިގު އެސްފިޔަތަކަކީވެސް އޭނަގެ ދެލޮލުގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ސިފައެކެވެ. މަޑު ފިޔާތޮށިކުލައިގެ ތުންފަތާއި، އެ ވަށް މޫނު، ބުރުގާގެ ތެރެއިން ފެންނަނީ ވަރަށް ވެސް ފުރިހަމައަށެވެ. އެހެންނަމަވެސް އެ މޫނުމަތީގައި އެއްވެސް އުފާވެރިކަމެއް ނެތެވެ. ވާއަތުގެ ކަށި އިނގިލީގައި އަޅާފައިވާ އަނގޮޓީގައި ފިރުމައިލުމާއެކު، ފުންނޭވާއެއް ދޫކޮށްލިއެވެ.
ފާއިތުވަމުން ދިޔަ ކޮންމެ ސިކުންތަކާއެކުވެސް އައިރާގެ މާޔޫސްކަން ދިޔައީ އިތުރުވަމުންނެވެ. އިންތިޒާރުގެ ވަގުތުތައް ގުނަމުން ގޮސް ނުވަގަޑި ބަޔަށް ވުރެ ބޮޑުވެއްޖެއެވެ. އަނެއްކާވެސް ފޯނުން ގަޑި ބަލައިލެވުނެވެ. ދެވިސްނުމެއްގައި އިން ފަދައަކުން ކުޑަ އިރުކޮޅެއްވަންދެން އައިރާ އިނެވެ. އެއަށްފަހު އޭނަ، ފޯނުގެ ގެ ރީސެންޓް ކޯލް ލޮގު ހުޅުވާލާފައި އެންމެފަހުން ގުޅާފައިވާ ނަންބަރަށް ގުޅާލަންވެގެން އުޅުނެވެ. އެހެންނަމަވެސް، ގޭގެ ބެލްއަޅައިލި އަޑާއެކު ހަރަކާތް މަޑުޖައްސައިލެވުނެވެ. ކުޑަ ހައިރާންކަމަކާއެކު، ސޯފާއިން ތެދުވެގެން ގޮސް ސްކްރީނަށް ބަލައިލިއެވެ. ބޭރުގައި ހުރީ އަންހެން ކުއްޖެކެވެ. އައިރާ އެހެން ހުއްޓާ ދެވަނަ ފަހަރަށްވެސް ބެލްއަށް ފިތައިލާ އެ ކުއްޖާ ބެލް އަޅައިލިއެވެ. ހީވަނީ ނުހުޅުވައިގެން ލަސްވެގެން އުޅޭހެންނެވެ.
"ކޮން އިރެއް މަޑުކޮށްގެން ހުންނަ...... ތާ....." ދޮރު ހުޅުވައިލުމާއެކު ކުރިމަތީގައި ހުރި އަންހެން ކުއްޖާ، ވާހަކަ ދެއްކިއެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި މަޑުޖެހޭ ގޮތްވިއެވެ. އެއީ ރީތި އަންހެން ކުއްޖެކެވެ. ފަންއިސްތަށިގަނޑު ކޮނޑާ ހިސާބަށް ކޮށާލާފައިވާއިރު، އިސްތަށިގަނޑުގެ ވަކި ހިސާބެއްވަނީ ކެއްކި ރަތްކުލައަކުން ޑައީ ކޮށްލާފައެވެ. ތުންފަތުގައި ޖައްސާލާފައިހުރީ މެޓް ލިޕްސްޓިކެކެވެ. ލާފައިހުރީ ފެހިކުލައިގެ ފަތްތަކެއް ކުރަހާފައިހުރި ހުދުކުލައިގެ ގަމީހަކާއި، ކަޅު، ޖީންސްއެކެވެ.
"ތީ ކާކު؟" އެ އަންހެން ކުއްޖާ ހައިރާންވެފައި ހުރެ އައިރާއާ ސުވާލުކޮށްލިއެވެ. "ކޮބާ ކުޑަބެ؟"
"ކުޑަބެ؟" އައިރާއަށް ލިބުނީ ހައިރާންކަމެކެވެ.
"އާނ... މީ އަހަރެންގެ ކުޑަބެ....." އެ އަންހެން ކުއްޖާގެ ނަޒަރު އެޕާރޓްމެންޓު ދޮރުގެ އެއްފަރާތުގައި ހަރުކޮށްފައިވާ ނަންބޯޑަށް ހުއްޓުމާއެކު، އަނެއްކާވެސް މަޑުޖެހުމެއް އައެވެ. އެއީ އެ ފަންގިފިލާގެ އެޕާރޓްމެންޓް "އޭ" އެވެ. ލިފްޓުން ފައިބާއިރު މޫނު ޖެހެނީ އެ އެޕާރޓްމެންޓުގައެވެ. ވާއަތް ފަރާތުގައި އިތުރު ދޮރެއް ހުރިއިރު، އެ ދޮރުގެ އެއްފަރާތުގައި އެޕާރޓްމެންޓު "ބީ" ޖަހާފައި ވެއެވެ.
"ސޮރީ....." އެ އަންހެން ކުއްޖާ އަވަސް އަވަހަށް ބުނެލިއެވެ. އަދި ގޮސް އަނެއް އެޕާރޓްމެންޓުގައި ބެލް އަޅަން ފެށިއެވެ. އައިރާއަށްވެސް ދޮރު ލައްޕާލަން ނޭނގިފައި ހުރެވުނީއެވެ. ދޮރު ނުހުޅުވުމުން ފޯނު ނަގާ އެންމެފަހުން، އެ ކުއްޖާ ކޮންމެވެސް މީހަކަށް ގުޅައިލިއެވެ.
"ދޮރު ހުޅުވަބަ. ބޭރުގަ މިހުރީ..." އެ ކުއްޖާ ބުނެލިއެވެ.
"ގެއަކު ނޫން މިހުރީ... ކީއްވެ ނުބުނެ ތި ދިޔައީ؟" އެކޮޅުން ވާހަކަ ދެއްކީ ޒުވާން ފިރިހެނެކެވެ.
"ދެން... ކޮންތާކު ތިހުރީ އަޅެ ކުޑަބެ؟ އެވަރުން ހުޅުމާލެ އައިމަ.... އަނެއްކާ މާލެ ދާން ވީ؟" އޭނަ ޝަކުވާގެ ރާގަކަށް ވާހަކަ ދެއްކިއެވެ.
"ނޫނޭ. މަޑުކުރޭ... މިދަނީ... އެކަމަކު އިރުކޮޅެއް ވާނެ. ތަންކޮޅެއް ދުރުގަ މިހުރީ..." ފޯނުން ވާހަކަ ދެއްކި ޒުވާނާ ބުނެލިއެވެ.
"އޯކޭ މަޑުކޮށްލާނަން..." އެ ކުއްޖާ ބުނެލިއެވެ. އޭނަ ފުންނޭވާއެއް ދޫކޮށްލާފައި އައިރާއަށް ބަލައިލިއެވެ. އޭރުވެސް އައިރާ ހުރީ ދޮރު ކައިރީގައެވެ. އެ ކުއްޖާ ބަލައިލުމުން އައިރާ މާފަށް އެދުނީ އޭނަ ހިތްހަމަ ނުޖެހުނީއޭ ހިތާއެވެ. އެ ދެއްކި ވާހަކަތައް އަޑުއަހަން މަޑުކޮށްގެން ހުރީތީ އެ ކުއްޖާ ނުރުހުނީ ކަމަށް އައިރާ ހީކުރިއެވެ. އެހެންނަމަވެސް، ފަހަތަށް އެނބުރުމާއެކު، އޭނަ އެނބުރި އައިސް އައިރާމެން އެޕާރޓްމެންޓް ކައިރީގައި މަޑުކޮށްލިއެވެ.
"ކޭން އައި ވެއިޓް އިންސައިޑް؟ ކުޑަބެ ބުނީ އަދި އިރުކޮޅެއް ވާނެޔޭ..." އެއްވެސް ޖެހިލުމެއްނެތި އެ އަންހެން ކުއްޖާ ސުވާލުކޮށްލިއެވެ.
"އަނނ. އާނ... އޯކޭ..." އައިރާ ބުނެލިއެވެ. ޖެހިލުމެއްނެތި އެ ކުއްޖާ އެ އެޕާރޓްމެންޓް ތެރެއަށް ވަނެވެ. އޭނަ ވަށައިގެން ނަޒަރު ހިންގައިލިއެވެ. އެއީ އެއްކޮޓަރީގެ އެޕާރޓްމެންޓެކެވެ. އެހެންނަމަވެސް ތަނަވަސް ބޮޑު ސިޓިން ރޫމަކާއި ބޭރަށް ނުކުމެލަން ބެލްކަންޏެއް ހުރުމުން ހިތްހަމަ ޖެހެއެވެ. ހުދުކުލައިގެ ފާރުތަކުން ތަނުގެ ސާފުތާހިރުކަން ފެނެއެވެ. ސިޓިން ރޫމުގައި އެލް ޝޭޕުގެ ސޯފާސެޓެއް ހުރިއިރު، ކުރިމަތީގައި ކުޑަ ބިއްލޫރި މޭޒަކާއި، ޓީވީއެއްވެސް ފާރުގައި ހަރުކޮށްފައި ހުއްޓެވެ. ކައްކާ ތަންކޮޅުވެސް ހުރި ވަކީންނެވެ.
"ހުރިހާ އެޕާރޓްމެންޓެއްވެސް ހުންނަނީ ހަމަ މިހެންތަ؟" އެ ކުއްޖާ ސުވާލުކޮށްލިއެވެ. އޭނަގެ އަޑުގައި ބީރައްޓެހިކަމެއް ނެތެވެ.
"ނޭނގެ... އިށީންނަންވީނު..." ސޯފާއަށް އިޝާރާތްކޮށްފައި އައިރާ ބުނެލިއެވެ.
"އޯހް. ތެންކިއު... ބައިދަވޭ އައެމް އީލާފް. އެކަމް ޔޫ ކޭން ކޯލް މީ އީލު..." އީލާފް އޭނަގެ ތަޢާރަފެއް ދެމުން ހިނިތުންވެލިއެވެ. އޭނަ ވާހަކަ ދައްކާއިރު ހީވަނީ ދެކެފަރިތަ ރައްޓެއްސަކާ ވާހަކަ ދައްކާހެންނެވެ. އައިރާވެސް ރައްދުގައި ހިނިތުންވެލިއެވެ.
"އެންޑް ޔޫ އާ؟" އީލާފް އަނެއްކާވެސް ވާހަކަ ދެއްކިއެވެ. އައިރާއާ އަލަށް ދިމާވިނަމަވެސް އީލާފްގެ ކިބައިން އެކަމެއް ފާޅެއް ނުވެއެވެ. އޭނަ ފަހަރަކު ސުވާލެއް އައިރާއާ ކުރަން ފެށިއެވެ.
"އައިރާ..." އައިރާ ތަޢާރަފްވެލިއެވެ. އޭނަ ފްރިޖު ކައިރިއަށް ގޮސް ފިނި ފެންފުޅިއެއް ނަގާ ތައްޓަކަށް އަޅައިގެން ގެނެސް އީލާފް އަށް ދިއްކޮށްލިއެވެ. މިވަގުތު ގޭގައި ޖޫސްކަހަލަ އެއްޗެއްވެސް ނެތީތީއެވެ.
"އޯހް. ތެންކިއު..." ފެންތަށީގައި ހިފަމުން އެތިފޮދެއް ބޯލުމަށްފަހު، އީލާފް އެ ތަށި ކުރިމަތީގައި ހުރި ކުޑަ މޭޒުމަތީގައި ބެހެއްޓިއެވެ.
"އެކަކުވެސް ނެތް ދޯ ގެއަކު... އެކަނިތަ ތިއުޅެނީ؟" އީލާފް އަނެއްކާވެސް ސުވާލުކޮށްލިއެވެ.
"ހޫމް..." އައިރާ ބުނެލިއެވެ. އޭނަ މޫނުމަތީގެ މާޔޫސްކަން ސިއްރުކުރަން މަސައްކަތްކުރިއެވެ.
"އެހެންތަ؟ ވަރަށް ފޫހިދޯ އެކަނި އުޅެން. އީލުވެސް ގޭގަ..." އީލާފްއަށް ބުނެވުނީ އެވަރަށެވެ. އޭނަގެ ފޯނު ރިންގުވެއްޖެއެވެ. އެ ފޯނަށް ޖަވާބު ދެމުން ކަންފަތުގައި ޖައްސައިލި އީލާފް "ހަލޯ" އޭ ބުނެލިއެވެ.
"ދިޔައީތަ؟ ބުނީމެއްނު މަޑުކުރާށޭ މިދަނީއޭ..." ފޯނުން ވާހަކަ ދައްކަމުން ދިޔަ ޒުވާނާ ބުނެލިއެވެ.
"ނޫން ނުދަން. މިހުރީ މަޑުކޮށްގެން." އީލާފް ބުނެލިއެވެ.
"ކޮބާ؟ ކޮންތާކު ތިހުރީ؟ ނުބައި ތަނަކަށްތަ ތި ދިޔައީ އަނެއްކާ؟ މިތާކު އީލު ފެންނާކަށް ނެތް..." އަނެއްކާވެސް އެކޮޅުން ބުނެލިއެވެ.
"މަޑުކުރޭ. މި ނުކުންނަނީ..." އީލާފް ބުނެލިއެވެ. އެއަށްފަހު އައިރާއަށް ބަލައިލިއެވެ. ދޮރާ ދިމާލަށް އީލާފް ހިނގައިގަތުމުން އައިރާވެސް އޭނައާ އެކު ދިޔައެވެ. ދޮރު ހުޅުވާލާފައި އީލާފް ނުކުތުމަށްފަހު، އައިރާއަށް ޝުކުރު އަދާކުރިއެވެ. އެވަގުތު އަނެއް އެޕާރޓްމެންޓާ ދިމާލުގައި ހުރި ޒުވާނާވެސް އެނބުރުނެވެ. އޭނައަށް އީލާފް ލޮލުގައި އަޅައިގަތެވެ. އެ ޒުވާނާގެ މޫނުމަތީން ހައިރާންކަމެއް ފާޅުވެގެން ދިޔައެވެ.
"ކުޑަބެ..." އީލާފްއަށް އެ ޒުވާނާ ފެނުމާއެކު ގޮސް ބައްދައިލިއެވެ.
"އެ އެޕާރޓްމެންޓުގަ ކީއްކުރަނީ؟" އެ ޒުވާނާ ސުވާލުކޮށްލިއެވެ.
"ކުޑަބެ އަންނަންދެން އެ އެޕާރޓްމެންޓުގައި މަޑުކޮށްލީ..." އީލާފް ބުނެލިއެވެ. އޭނަ ހުރީ ނިކަން ހެވިފައެވެ. އައިރާއަށް އެ ޒުވާނާއަށް ބަލައިލެވުނެވެ. ޑައީކޮށްލާފައިހުރި އިސްތަށިގަނޑު ހުރީ ކޮންމެވެސް ވަރަކަށް ހޭވިފައެވެ. ތުބުޅި މަތިމަސް ހުރީ ރީތިކޮށް ކޮށާ އެއްވަރުކޮށްލާފައެވެ. ދިގު އިސްކޮޅެއް ލިބިފައިވާ އެ ޒުވާނާ ލާފައިހުރި ހުދުކުލައިގެ ޓީޝާޓް ގަޔަށް ހިފާލާފައިހުރިއިރު، ބަނޑުގެ މަސްތައް އެތުރިފައިވާލެއް ފުރިހަމަކަން ފެންނަމުން ދިޔައެވެ. އަތްކުރު ޓީޝާޓެއްކަމުން އެ ބާރުގަދަ މުލައްދަނޑިއާއި އަތްވެސް އޮތީ ހާމައަށެވެ. އެ ޒުވާނާވެސް އައިރާއަށް ނަޒަރެއް ދިނެވެ. އެހެންނަމަވެސް، ރަނގަޅަކަށް ބަލާނުލެވި އުޅެނިކޮށް، އައިރާ އެތެރެއަށް ވަދެ ދޮރު ލައްޕައިފިއެވެ.
"ނުވެސް ދަންނަ އެޕާރޓްމެންޓެއްގައި މަޑުކުރީ؟" ދޮރުގެ ކޯޑު ޖަހަމުން، ސުވާލުގެ ބެލުމަކުން އީލާފްއަށް ބަލައިލާފައި އެ ޒުވާނާ ވާހަކަ ދެއްކިއެވެ.
"ފުރަތަމަ އައިސް އެ އެޕާރޓްމެންޓުގައޭ ޓަކި ޖެހުނީ... ނޭނގޭނެއެއްނު." އީލާފް ތުންފަތަށް ގޮތެއް ހަދައިލިއެވެ.
އެޕާރޓްމެންޓުގެ ދޮރު ހުޅުވުމާއެކު، އީލާފްވެސް އެތެރެއަށް ވަނެވެ. އޭނަ ވަށައިގެން ނަޒަރު ހިންގައިލިއެވެ. އޭރުވެސް ސިޓިން ރޫމުގައި ފޮށިތައް ހުއްޓެވެ. ލެދަރ ސޯފާސެޓެއް ހުރިއިރު، ފަތި ޓީވީއެއް ވެސް ރެކުމަތީގައި ހުއްޓެވެ. އޭގެ އިތުރުން، ސޯފާތައް ކައިރީގައި ވަށް ކުޑަ މޭޒެއް ހުއްޓެވެ. އޭގެ މަތީގައި އޭރުވެސް އޭނަގެ ދޮންބެގެ ޕާސްޕޯޓު އޮތެވެ. އަނެއް އެޕާރޓްމެންޓަށް ވުރެ މިތަން ޖާގައިގެ ގޮތުން ތަނަވަސްކަން އީލާފްއަށް ފާހަގަކުރެވުނެވެ. އެހެންނަމަވެސް މާ ބޮޑު ތަފާތެއް ނެތެވެ. އީލާފް ގޮސް ސޯފާގައި އިށީނދެ ހަށިގަނޑު ދަމާލިއެވެ. އޭނަ އޭނަގެ ކުޑަބެއަށް ބަލައިލިއެވެ.
"ކުޑަބޭ...." އީލާފް ދަމާލާފައި ގޮވާލިއެވެ.
"މިހާރު ކިހިނެއްވީ؟ އެ އެޕާރޓްމެންޓަށް ދާންޖެހުނު ގޮތް ކިޔައިދީބަލަ ފުރަތަމަ."
ޒަހްރާނަކީ އުމުރުން އަށާވީސް އަހަރުގެ ޒުވާނެކެވެ. އޭނަގެ ފިރިހެންވަންތަ ސިފަތަކަކީ އަންހެން ކުދިން ނުހަނު ގަޔާވާ ސިފަތަކެވެ. އެ ސިފަތަކާ މެދު ޚުދު އޭނަވެސް ފަޚުރުވެރިވެއެވެ. ރާއްޖޭން ބޭރުގައި އުޅެފައި އޭނަ ރާއްޖެ އެ އައީ އިއްޔެއެވެ. އީލާފްއަށް އެ އެޕާރޓްމެންޓަށް އަންނަން އެނގުނީ، އޭނަ މެސެޖުން އެއީ ކޮންތަނެއްކަން އީލާފްގެ ގާތު ބުނެފައިވާތީއެވެ.
އީލާފް ވީގޮތް ކިޔައިދިނުމުން ޒަހްރާނަށް ފުންނޭވާއެއް ދޫކޮށްލަމުން ބޯ ހޫރާލެވުނެވެ. އުމުރުން ނަވާރަ އަހަރު ވީއިރުވެސް އީލާފްގެ އުޅުން އަދިވެސް ހުންނަނީ ކުޑަ ކުއްޖެއް ހެންނެވެ. އަނގަވެސް އެހާ ގަދަވާނެއެވެ. ވާހަކަ ނުދައްކާ މީހަކާ ދިމައެއް ނުވާނެއެވެ.
"ކީއްވެ މިހާ ލަސްކޮށްފަ ތިއައީ؟" ޒަހްރާން ސުވާލުކޮށްލިއެވެ.
"އިއްޔެ ނާދެވުނީމަ މިއައީ..." އީލާފް ބުނެލިއެވެ. "ވަރަށް ފޫހިވެސް ވެފަ މިހުރީ..."
އީލާފް އެހެން ބުނެލި ގޮތުން ކޮންމެވެސް ކަމެއް ވެއްޖެކަން ޒަހްރާނަށް ދެނެގަނެވުނެވެ. އޭނައަށް އޭގެ މާނަ ނެގުނީ މުޅީން ނުބައި ކޮށެވެ.
"ބަސްމާ ކަންތައް؟" ޒަހްރާން ސުވާލުކޮށްލުމާއެކު، އީލާފް ނޫނެކޭ ބުނެލިއެވެ.
"ބައްޕަ ކަންތައް...." އީލާފް ސޯފާމައްޗަށް ދެފައި އަރުވާލައިގެން، އިށީނދެލިއެވެ.
"ބައްޕަ ކީއްކުރީ؟" ޒަހްރާން އެނގެން ބޭނުންވިއެވެ.
"އިސްތަށިގަނޑު ކޮށާލާފަ ކުލަ ޖެއްސީމަ އެކަމާ ހިތްހަމަ ނުޖެހިފަ.... ކަޅުކުރަން ކަންނޭނގެ ދެން ޖެހޭނީ..." އީލާފް ފޫހި ރާގަކަށް ބުންޏެވެ. ޒަހްރާން ގާތަށް ކުޑަކޮށް ހިނި އަންނަ ގޮތްވިއެވެ. އީލާފްއަކީ ކިތަންމެ އަނގަ ގަދަޔަސް ބައްޕަގެ ބަސް އަހާ ކިޔަމަންތެރި ކުއްޖެކެވެ.
"ދެން ހިނގާބަ ގެއަށް ދާން. އީލު ވަރަށް ފޫއްސޭ... ދޮންބެވެސް އަބަދު ބިޒީކޮށް. ޓައިމެއްވެސް ނުވޭ... ބައްޕަވެސް ހަމަ އެހާ ބިޒީ... " އީލާފް ބުނެލިއެވެ. ޒަހްރާން ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރައިލިއެވެ.
"ސީރިއަސްކޮށޭ..... ހިނގާބަ. ބަސްމާ މަންމަ ކުޑަބެ ތިބުނާހާ ގޯހެއް ނޫނޭ." އީލާފް އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
"ބަސްމާ މަންމަ؟ ސީރިއަސްލީ!" މަލާމާތުގެ އަސަރުތައް ޒަހްރާންގެ އަޑުގައިވެއެވެ. ދެބުމަ އަރުވައިލާ ލޯ މަރާލަމުން އަތުން އީޝާރާތެއް ކޮށްލުމާއެކު ޒަހްރާން ބުނެލިއެވެ. އޭނަ ދެފަރާތަށް ބޯ ހޫރައިލިއެވެ.
"ދެން ކުޑަބޭ... ޕްލީޒް. ހިނގާބަ..." އީލާފް އަނެއްކާވެސް ބުނެލިއެވެ. މިފަހަރުވެސް ޒަހްރާން އެކަމަށް އިންކާރުކުރުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރައިލިއެވެ. އޭނަ ގެއިން ނުކުތް ސަބަބު އެގޭގައި އުޅެނިކޮށް އޭނަ އެގެއަކަށް ނުވަންނާނެއެވެ. އެއީ އޭނަ އަމިއްލަ ނަފްސަށް ވެފައިވާ ވަޢުދެކެވެ.
"ކޮބާ ދޮންބެ؟" ޒަހްރާން ސުވާލުކޮށްލިއެވެ.
"މިބުނީނު ބިޒީއޭ. އީލު ގެއިން ނުކުތްއިރުވެސް ގެއަކަށް ނާދެ." އީލާފް އަނގަޔަށް ގޮތެއް ހަދާލައިގެން އިނދެ ވާހަކަ ދެއްކިއެވެ.
އެ ވާހަކަ އަޑު އަހަން އިނދެފައި، ޒަހްރާން އެއްޗެއް ބުނަން އުޅުނު ވަގުތު އީލާފްގެ ފޯނު ރިންގުވިއެވެ.
(ނުނިމޭ)
ނޯޓް: ވާހަކައަކީ އަމިއްލަ ޚިޔާލަކަށް ލިޔަމުން ގެންދާ ޚިޔާލީ ވާހަކައެކެވެ. ވުމާއެކު ވާހަކައިގެ ހިމެނޭ ކަންތައްތަކާއި ވާހަކައިގެ ސިފަކުރުންތައް ގެނެސްދީފައިވާނީ އަޅުގަނޑަށް ސިފަކުރެވޭ ގޮތަށެވެ. މީ ފަހަރެއްގައިވެސް ހިނގަމުންދާކަމަކާ ނުވަތަ ހިނގާފައިވާ ކަމަކާ ނުވަތަ ހިނގާފާނޭކަމަށް ލަފާކޮށް ލިޔަމުން ގެންދާ ވާހަކައެއް ނޫނެވެ. މި ވާހަކައަކީވެސް ތިޔަ ކިޔުންތެރިންނަށް ކަމުދާނެ ތަފާތު ރީތި ވާހަކައަކަށް ވާނެކަމަށް އުންމީދުކުރަމެވެ. މި ފުރުސަތުގައި އަޅުގަނޑުގެ ވާހަކަތަކަށް ތިޔަ ދެއްވާ ތަރުހީބަށް ހިތުގެ އިޚްލާސްތެރި ޝުކުރު ރައްދުކުރަމެވެ. -ހިމީ-