" كُلُّ نَفْسٍ ذَآئِقَةُ الْمَوْتِ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ الْقِيَامَةِ فَمَن زُحْزِحَ عَنِ النَّارِ وَأُدْخِلَ الْجَنَّةَ فَقَدْ فَازَ وَما الْحَيَاةُ الدُّنْيَا إِلاَّ مَتَاعُ الْغُرُورِ ކޮންމެ ނަފުސަކީވެސް މަރުގެ ރަހަ ލިބިގަންނާނެ އެއްޗެކެވެ. އަދި ތިޔަބައިމީހުން ކުޅަ އަމަލުތަކަށް ފުރިހަމަ ޖަޒާ ދެއްވާނެކަން ކަށަވަރީ ގިޔާމަތް ދުވަހުންނެވެ. ފަހެ ނަރަކައިން އެއްކިބާ ކުރައްވައި ސުވަރުގެއަށް ވެއްދެވި މީހާދަންނާށެވެ. ފަހެ އެމީހަކު ނަސީބު ލިބިގެންފިކަން ކަށަވަރެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއް ދޭ އެެއްޗެއް ކަމުގައި މެނުވީ ދުނިޔޭގެ ދިރިއުޅުން ނުވެއެވެ. "
***
"މަންމަ ސިއްރުން ކުރިކަމަކާއި ވައްތަރީ....ހާސްވީމަ..."އާސީން ލޯ ހަނިކޮށްލިއެވެ.
"އެގޭގައި ތިބި ބަލިކުދިންތަކަކަށް ކާ އެއްޗެއް ގެންގޮސްދިނީ......"
"އަޅުގަނޑުގެ ފްރެންޑެއްވެސް އެހިސާބުގައި ދިރިއުޅޭ...އެކަމަކު ސީދާ ކޮން އެޑްރެސްއެއްކަމެއް ނޭގޭ...." ޔަލްވީވެސް ވާހަކައިގާ ބައިވެރިވެލިއެވެ.
"ބަލިކުދިންނޭ ތިބުނީ؟ ކަރަންޓީނުކޮށްފައިވާ ގެއެއްތަ؟"
އާދައިގެ މަތިން އަޔާޝްއިނީ ބުމަ ކައިރިކޮށްލައިގެންނެވެ. އެހެން މީހުންނަށް ނޭގޭ ސިއްރެއް އޭނައަށް އެނގޭފަދައެވެ. ދޮންމަންމައާއި އެހެން ކުދިން ވާހަކަދައްކާއިރުވެސް އާސީންގެ ރާގުގައި ހުންނަނީ ޖެއްސުމާއި ދިމާކުރުމެވެ. ދޮންމަންމަގެ ކުށްތަކަށް ފާރަލައިގެން ބޭޒާރުކުރާން އެކުއްޖާ މަސައްކަތްކުރެއެވެ. އަޔާޝް ފަޚުރުވެރިވާނެކަމުގެ އުއްމީދުގައެވެ.
"ކަރަންޓީނު ނިމިއްޖެ..."ތަގުވާ މަޑުމަޑުން ބުނެލިއެވެ.
"މަންމަ ދިޔަ ގޭގެ ނަންވެސް ބުނެދެވިދާނެއްނު.."އާސީން ލޮލަށް ގޮތެއް ހަދައިލިއެވެ.
"އެގޭގެ ނަމެއް ހަދާނެއް ނެތް...ސަހަރާ ގޯޅީގައި ހުންނަ ބިލްޑިންއެއް...."ތަގުވާ އިތުރަށް ބުނެދިނެވެ.
"ކަރަންޓީނު ނިމުނަސް ގޭގެއަށް ދިޔުން ރަގަޅެއްނުވާނެ. އެހާ ނުރައްކާތެރި ވައިރަސްއެއްވީމަ އަދި ތި ބަލިމީހުންގެ ގައިން އެއްކޮށް ވައިރަސް ފިލަދިޔަކަމެއް ނޭގޭ..ހޭވް ޓު ބީ ކެއަރފުލްއެއްނޫންތަ....އައިމް ސްކެއާޑް...ތިން މީހުން މަރުވެއްޖެ..." އާސީން ގަދަކަމުން ކެއްސައިލިއެވެ."އަނެއްކާ......ކިއުސީތަ؟"
"މިނާހް ބުމަ އަރުވައިލިއެވެ."ސީރިޔަސްކޮށް؟ ތިބުނާހާ ނުރައްކާތެރި ވައިރަހެއްނޫން އެއީ....އާދައިގެ ރޯގާއެއް.."
"ދޮންބެ ބުނާގޮތުން ބިރުވެރި..."
އެވަރުންވެސް އަޔާޝް ޚިޔާރުކުރީ ހިމޭންކަމެވެ.
"މިކަހަލަ ބަލިމަޑުކަމެއް އައީމަ ބަލިން ސަލާމަތްކުރައްވާތޯ ދުޢާކުރަންވީ...މިފަދަ ކޮންމެ މުސީބާތަކީ ފިލާވަޅެއް...އޭގެ އިތުރުން ރައްކާތެރިކަމުގެ ފިޔަވަޅު އަޅާ ވެރިން ބުނާގޮތަށް ހެދީމަ ރަގަޅުވާނެ..."
"ކަމަކާ ނުލާ ގެއިން ބޭރަށް ނުދާށޭ ކިޔާފައި އޮތްވާ މަންމަވެސް އެދިޔައީނު...ސިންވެސް ފޮތްކޮޅެއް ގަންނަން އެބަޖެހޭ....."
"ދޮންބެއާއެކު ދާންވީނު.."ސަލާހުއްދީން ބުނެލިއެވެ.
"އާސީން..ދޮންބެ ބުނީ ކީކޭ؟ ހަނދާން އެބަހުރިތަ؟"އަޔާޝްގެ ނަޒަރުން އާސީންވެސް ހިންދިރުވައިލިއެވެ. އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލާފައި އަވަހަށް ކާންފެށިއެވެ.
"ލޭކްވިއުއިން އެއްވެސް މީހަކު މިބަލީގައި އަދި މަރެއްނުވޭ ދޯ.."ސަލާހުއްދީންގެ ސުވާލު އަމާޒުވީ އަޔާޝްއަށެވެ.
"އެޑްމިޓްކޮށްފައި ތިބިމީހުންގެ ތެރޭގައި ހާލު ދަށަށްދާ ބަލިމީހުން ގިނަ...އެހެންވީމަ އަދި ފުރާނަ ނުދިޔަސް ހަމަ ވަރަށް ގިނަ މީހުން މަރާއި ހަނގުރާމަކުރަމުންދަނީ....މިވަގުތު ބޭނުންވަނީ ވީހާވެސް އަވަހަށް ވެކްސިނެއް ތައްޔާރުކުރުން، އެނޫނީ މިލިއަނުން މީހުން މަރުވެދާނެ................."އަޔާޝްގެ އެ ޖުމްލައިން އެންމެންގެ ހިތްތަކަށް ބިރުވެރިކަން ވަނެވެ. މިނާހް ފިޔަވައެވެ. އޭނަގެ މޫނުމަތިން ފެނުނީ ހަމަޖެހުމެވެ.
ޔަލްވީ ދެވަނަފަހަރަށް ސަނިޓައިޒާ ފުޅިން އަތް ސާފުކޮށްލިއެވެ.
އޭނައަށް މިނާހްވެސް ފެނުނީ ބޮޑު ބިރެއްގެ ގޮތުގައެވެ. އޭނަ ދެކޭގޮތުން ބަލިމީހުންނަށް އެހީތެރިވާ އެންމެން ތިބެންޖެހޭނީ ފެސިލިޓީތަކުގައެވެ. ފަޅުރަށެއްގައި ފެސިލިޓީއެއް ހަދާފައި ބަލިވާ އެންމެންނާއި އެހީތެރިން އެރަށަށް ލާފައި ކަރަންޓީނުކޮށްލާނީއެވެ. އަދި އެއަށްވުރެ ބަސްނާހާ މީހަކީ ތަގުވާ ނޫންހެއްޔެވެ؟ އެވަރަށް ތަންތަނަށް ނުދާން ކިޔަކިޔާ ތިއްބާ މާ މާތް މީހަކަށް ވާން ވެގެން ބަލިމީހުންނަށް ކާއެއްޗެހި ހިފައިގެން ދިޔައީ ކީކޭ ހިތަށް އަރައިގެން ހެއްޔެވެ؟ އަޔާޝްވެސް އެހާ ފޫހިވަނީ މި އަންހެނާ އުޅޭ ވައްތަރަކުންނެވެ. ހިތުގައި އެނބުރިގަތް ޝުއޫރުތަކަކާއިއެކު ކުޑަކޮށް ކަޅިވެސް އަޅައިލެވިއްޖެއެވެ. މޮޔައީ ކަން ނޭގެއެވެ. ހިސާބަށްވުރެ ގަމާރީއެވެ. އެހެންނޫނަސް މި އާއިލާގެ އެންމެން މަރުވީމަ އޭނައަށް ފައިދާވާނެކަން އެނގޭތީ މަރައިލަން އުޅެނީކަމަށްވެސް ވެދާނެއެވެ. ހިތުގައި އުފެދިގަތް ޝުއޫރުތައް އާސީންއާއި ހިއްސާކުރާ ހިތުން އިނދެވުނީއެއްވެސް ނޫނެވެ. ކައި ނިމިގެން ދޮންމަންމައަށް އެހީތެރިވުމެއްނެތި އޭނަވެސް އާސީންގެ ފަހަތުން ހިނގައިގަތެވެ.
"ސިން....އެނގޭތަ؟ދޮންމަންމައަކީ ވަރަށް މަކަރުވެރިމީހެއް..."
"ކަމެއް އެނގުނީތަ؟"އާސީންގެ ދެލޯ ދިއްލުނެވެ.
ދެމީހުން އަވަސް އަވަހަށް ގޮސް ލައިބްރަރީ ކޮޓަރިއަށް ވަނެވެ.
އެންމެން ފޮތް ކިޔާ ކޮޓަރިވެސް ތަނަވަސްވެފައި އެތައް ވައްތަރެއްގެ ފޮތްތައް ހަރުތަކުުގައި ހުރެއެވެ. އިށީންނަން ސޯފާސެޓެއް ހުރެއެވެ. ދެމީހުންގޮސް ސޯފާގައި ޖައްސައިލުމާއެކު ޔަލްވީ ސުޕާރީ ދަޅުން އެތިކޮޅެއް ދިއްކޮށްލިއެވެ. ޔަލްވީގެ މޫނު އޮމާންކަމުން ދިއްލިފައިވާއިރު ރީތިކަމުން ފެންނަ ކޮންމެމީހަކު ރުހޭނެއޭ ހިތަށް އެރުމުން އާސީންގެ ހިތަށް އުދަގޫވިއެވެ. އޭނަގެ މައިންބަފައިންގެ ރީތިކަން ބޭބެމެންނަށް ލިބިފައިވީއިރު އޭނައަށް ވާރުތަވީ ފިރިހެން ސިފަތަކެވެ. އާއްމު ދިވެހިކުދިންނާއި ބަލާއިރު އިސްކޮޅުން ދިގުވެފައި ބާމަތި ފުޅާ ކަސްރަތީ ހަށިގަނޑެކެވެ. ބޭބެމެންނަށް މަންމަގެ ދޮންކަން ލިބުނުއިރު އޭނަގެ ކުލަ ކަޅުކަމުން ބައްޕަވެސް ބައްޕަގެ މުށިގަނޑު ނޫނީ ބްރައުނީވެސް ކިޔާނެއެވެ. އިސްތަށިގަނޑުވެސް އިސްޕިރީ ލާފައި ހުންނަހެންނެވެ. އޭނަ ހިތްހަމަޖެހޭ އެއްވެސް ސިފައެއް ހުރިކަމަކަށް ނުވެއެވެ. ކިޔެވިއިރުވެސް އެހެންކުދިންނަށްވުރެ އޭނަ އިސްކޮޅު ދިގުކަމުން ރައްޓެހިވާނެ ފިރިހެންކުއްޖަކުވެސް ނުވިއެވެ. މިފަހަކަށްއައިސް އިބްރާހިމް ކިޔާ ޑޮކްޓަރަކާއި ދިމާވެ ކޮންމެވެސް ވަރެއްގެ އެކުވެރިކަމެއް އުފެދުނެވެ. އިބްރާހިމްގެ ހިތުގައި އޭނައަށްޓަކާ އިހުސާސެއްވާކަމެއް ނޭގެއެވެ.
"ހިތަށް އެރި އެއްޗެއް....މިސާލަކަށް ބައްޕަގެ މުދަލުން އެއްވެސް އެއްޗެއް ދޮންމަންމައަށް ވާރުތަވާނެތަ؟"
"ހޫމް ހީވަނީ...."އާސީން ލޯ ހިމަކޮށްލަމުން ނިތްކުރީގައި އަތް ކާއްތައިލިއެވެ.
"އެހެންވެއްޖެއްޔާ އެންމެން މަރުވެއްޖެއްޔާ ހުރިހާ މުދަލެއް އޭނައަށް ދޯ ލިބޭނީ..."
އާސީން ކަކައަޅާފައި ހޭންފެށިއެވެ."ހާދަ ދުރަށް ޔަލް ތިވިސްނީ...އަދި މަރުވާވަރަށް މުސްކުޅިއެއްވެސް ނުވެއެއްނު..."
"އޭނަ އެވަރުން ކަރަންޓީން ޕޭޝަންޓުންނަށް ވިޒިޓްކުރުމުގެ ނިޔަތަކީ ކޮބާ؟"
"ސިއްރުވެރިގޮތެއްވެސް ހުރޭ..އިނގިރޭސިން ނިކަން މަކަރުވެރިވާނެ...އެކަމަކު މީހަކު މަރާހާ ހިތްނުބައި މީހެއްހެން ހިޔެއްނުވޭ...ދޮންބެ އެހާ ހޭޓްކުރާއިރުވެސް އޯގާތެރި..."އާސީން ހީލިއެވެ."އެނީވޭސް އަހަރެމެން ދެން ވިސްނައިގެން އުޅޭނީ..ޔަލް ބުނީމެއްނު ސަހަރާ ކައިރީގައި ފްރެންޑެއް އުޅެއޭ. އޭނަ ކައިރިން އަހާލަންވީނު.."
"އޮހް.....އެގެވެސް ކަރަންޓީނު ކުރި...އަނެއްކާ އެގެއަށް ވިޒިޓްކުރީކަމަށް ވެދާނެ...އަހައިލަން ޖެހޭނީ.."
"ޔަލް ރަގަޅަށް ތިކަންބަލާ...ދޮންބެގެ އެނެމީއަށް ވީމަ ކާއެއްޗެއްސަށް ޒަހަރުވެސް އަޅާފާނެ..."
އާސީންގެ ޖުމްލައިން ޔަލްވީގެ މެޔަށް ފިނިވެގެން ދިޔައެވެ.
އެބުނާހެން ގޭގެ ހުރިހާ މަސައްކަތެއްކޮށް ކެއްކުމުގައި އުޅޭ މީހަކަށް އެފަދަކަމެއްކުރުމަކީ ފެންފޮދެއް ބޯލުންހަ ފަސޭހަކަމެކެވެ. ނޭގޭގޮތަށް ކާ ބައިގާ ކެމެރާ ހަރުކުރަންވީއެވެ. ނޫނީ އާސީން އެބުނިހެން ކާއެއްޗެއްސަށް ޒަހަރު އަޅަންވެސް ފަހެއްނުޖެހޭނެއެވެ. އަޔާޝް އެހާވަރުން ގެއިން ބޭރަށް ނުދާން އެންމެނަށް އަމުރުކޮށްފައިވަނިކޮށް އެކަމާއި ދެކޮޅުހެދި މީހަކަށް އިތުބާރެއް ނުކުރެވޭނެއެވެ. ހިތުގައި ހިނގައިގަތް ބިރުވެރިކަމާއިއެކު ސިކުނޑިއަށް މުޅިންވެސް ވަންނަމުން ދިޔައީ އެކި ވަސްވާސްތަކެވެ. މީހުންނާއިމެދު ނުބައި ޝައްކުކުރުމަކީ ހުއްދަކަމެއްނޫންކަން ޔަލްވީއަކަށް ނޭގުނެވެ. އެކަމުގެ ސަބަބުން ނަފުސާއި ރޫހުގެ ހަމަޖެހުން ނެތިގެން ދިޔުން ނޫންކަމެއްނުވެއެވެ.
"ހިނގާ ސީރީޒް ބަލައިލަން...ގޭގައި ބަންދުވެގެން ތިބީމަ ދެން ވަކި ކޮންކަމެއް އޮންނާނީ؟"އާސީން ޚިޔާލެއް ދިނެވެ.
"ކޮރެއާ ނޫނީ ޕާކިސްތާން؟"
"މިފަހަރު ތަފާތުކޮށްލަން ތުރުކީ ޑްރާމާއެއް ބަލާނީ.."
""ޔެސް...."
ދެމީހުން ޗިޕްސްއާއި ކޯކް ހިފައިގެން އެނދަށް އެރިގޮތަށް ރަޖާދަށުގައި ތިބިއިރު ބިއްލޫރި ބެލްކަނީއިން ވާރޭވެހޭ މަންޒަރުވެސް ފެނެއެވެ.
***
ހަޔާގެ ދުވަސްތަކުގެ ތާވަލް އޮންނަނީ ރާވާފައެވެ. އާއްމުކޮށް ނުވައެއްޖަހާއިރު ނިދާފައި ހަތަރެއްޖަހާ އެހާކަށްހާއިރު ތެދުވެ ތަހައްޖުދުކޮށްލުމަށްފަހު ދުޢާކުރުމާއި ގުރުއާން ކިޔެވުމުގައި އިނދެފައި ފަތިސް ނަމާދުކޮށްލައިގެން ގުރުއާން ހިތުދަސްކުރަން އިންނަނީއެވެ. ޟުހާ ނަމާދަށްފަހު ހިނގާލަން ގޮސްފައި ސައިބޮއިގެން ދުވާލާއި ކުރިމަތިލާއިރު މީހާ ހުންނަނީ ތާޒާވެ މުރާލިވެފައެވެ. ހަށިގަނޑުގައި ކަންނެތްކަމާއި ލޮޑުކަމުގެ އެއްވެސް އަސަރެއް ނުހުރެއެވެ. އޭނަ ބެލި ދަރުހެއްގައިވެސް އޮތީ ބޭރު މީހުން އިސްލާމްދީނުގައި ހުންނަމިފަދަ އުސޫލުތައް ކޮޕީކުރާ ވާހަކައެވެ. މުސްލިމުން އެފަދަ އާދަތައް ފަހަތަށް ޖައްސާލައިގެން ތިއްބާ ހެނދުނުގެ ހަކަތައާއި ބަރަކާތް ހޯދަންވެގެން އެމީހުން ތިބެނީ އަތުކުރި އޮޅާލާފައެވެ. ގިނަފަހަރަށް ރޭގަނޑު ހޭލާ ތިބެން ހަދައިގެން ފަތިސްނަމާދު ނުކުރެވޭ މުސްލިމުންވެސް އެބަތިއްބެވެ.
ހަޔާ އަވި އައިނާއި މާސްކު އަޅައިގެން ބޭރަށް ނުކުތީ މެންދުރަށް ކައްކަން ބޭނުންވާ ސާމާނު ގަނެލުމަށެވެ. ޚިޔާލުތަކެއްގައި ހުރެ ބަލާނުލާ ކުއްލިއަކަށް މަގު ހުރަސްކޮށްލިތަނާ ފަހަތުން އައިސް އޭނަގެ ގައިގާ ޖެހިގަތީ ކޯނޗެއްކަމެއްވެސް ނޭގުނެވެ. ވިއްސައިގެން ދިޔަގޮތަށް މާ ދުރުގައި ޖެހުމާއެކު ހުރިހާތަނެއް ފުސްވެ އަނދިރިކަމުގެ ތެރެއަށް ގެނބިގެން ދިޔަފަދަ އިހުސާސެއް ކުރެވުނެވެ.
"ޔާﷲ..ހެލްޕްމީ..."
ހަޔާ ލޯ ހުޅުވައިލުމާއެކު ނަޒަރު ހުއްޓުނީ އެނދު ކައިރީގައި މަޑުކޮށްލައިގެން ހުރި މީހަކަށެވެ.
ނުނިމޭ