"އެހެން މީހުންނަށް އިހާނެތިކޮށް ހިތާފައި މާފަށް އެދުމެއްނެތި އެކަމާ ޒިންމާވުމެއްނެތި ހުރުމުން ބައެއްފަހަރު ތިބާ ހީނުކުރާފަދަ ގޮތަކަށް އެކަމުގެ ބަދަލުގައި ހިތްދަތިކަން ލިިބިދާނެއެވެ. އެހެން މީހުންނަށް ހެޔޮކޮށް ހިތާ އޯގާތެރިވާން މަސައްކަތްކުރާށެވެ. "
***
އަޔާޝް އަނެއްކާ ފޯނުން މީހަކާއި ވާހަކަދައްކަން ފެށިއެވެ. ޔަލްވީ ކުރިމަތީގައި އިނީ ފިރިމީހާގެ ކޮންމެ އިޝާރަތަކަށް ބަލަބަލައެވެ. ހިތްހަމަނުޖެހޭގޮތަކަށް ނާސްތާ ތައްޔާރުކުރެވިދާނެތީވެސް އޭނަ އިންތިހާއަށް ކަންބޮޑުވެއެވެ. އަޔާޝް ދިޔުމާއެކު އޭނަ އަވަހަށް ދޮންތައަށް ގުޅައިގެން ޚަބަރު އޮޅުންފިލުވަން މަސައްކަތްކުރިއިރު އެބުނާ "ކިއުއެކްސް"އެއްގެ ނުރައްކާތެރިކަން އަންދާޒާކުރިވަރަށްުވުރެ ބޮޑެވެ. އޭނަ އަވަހަށް ފިހާރައަށްގޮސް ސަނިޓިއިޒާ ފުޅިއެއް ގަތެވެ. މޭވާއާއި ތަރުކާރީއަދި ވިޓަމިންސީވެސް ގެނައެވެ. އޭނައަށް ފޯނަށް ބެލެންފެށުނީ ބިރުގެންފައި އިނދެއެވެ. އިރުއިރުކޮޅާ އަތް ދޮވެލާފައި ތަންތަނުގައި ސަނިޓައިޒާ ލެވެއެވެ. އަޔާޝްއާއި މިނާހް ހޮސްޕިޓަލުގައި މަސައްކަތްކުރަންޏާ އާއިލާއަށް އޮންނާނީ ކޮން ރައްކާތެރިކަމެއް ހެއްޔެވެ؟
***
ހޮސްޕިޓަލުގައިވެސް ފްލޫ ކުލިނިކެއް ހުޅުވާ ހޮސްޕިޓަލަށް އަންނަ މީހުންގެ ހުންހުރި ވަރު ބަލާ ރޯގާގެ އަލާމާތެއްވާނަމަ ފްލޫ ކުލިނިކަށް ގެންގޮސްގެން ޗެކްކުރަންފެށުނެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން ދިޔަސް ކިއުއެކްސްއަށް ޕޮޒިޓިވްވާ މީހުން ގިނަވާންފެށީ ކުއްލިއަކަށެވެ. އަލާމާތެއް ނެތަސް ބައެއްފަހަރު ޕޮޒިޓިވްވެއެވެ. އޭރު ވެކްސިނެއްވެސް ވުޖޫދަށް އައުމުގެ މަގުމަތީގައެވެ.
ހޮސްޕިޓަލުން ބަލިޖެހުނު ޑޮކްޓަރ އިބްރާހިމްވެސް ފެސިލިޓީގައި ބަހައްޓައިގެން ފަރުވާދިނުމަށްފަހު ރަގަޅުވެގެން ދޫކޮށްލެވުނެވެ.
"އަހަރެން ޖެހުނީ އާދައިގެ ރޯގާއެއް، އެކަމަކު މިފަހަރު ކެއްސުން ވަރަށް ވަރުގަދަ...ޗުއްޓީގަނޑެއް ލިބިއްޖެނު.."
"ހޫމް...ކީކޭ ބުނާނީ ދެން. އިބޫ ތިބުނީ ދޮގެއްނޫން..ކޮންމެ މިފަދަ މުސީބާތެއްވެސް އަންނަނީ ހަމަ ނުބަޔާއިއެކު ރަގަޅުވެސް ހިފައިގެން..އަހަރެމެންވެސް ބަލާނީ ފައިދާއެއް ނަގަން..ޗުއްޓީގެ އިތުރުން އެހެން ފައިދާވެސް ލިބިއްޖެ..." މިނާހު މާސްކަށް އަތުން އިޝާރަތްކޮށްލިއެވެ.
"އަންހެންކުދިންނަށް ފިލައިގެން އުޅެނީ ކީއްވެތަ؟"
"އެސްފީނާ ޖެހިދާނެތީ..." މިނާހު ހިނިގަނޑެއް ޖަހައިލިއެވެ.
"އަމިއްލަ ނަފުސަށްވެސް އެސްފީނާޖެހިދާނެ...ތިމާއަށް ތިމާ ފެނިއްޖެއްޔާ..މާން."
ޑޮކްޓަރ އިބްރާހިމްއާއި އޭނަގެ ކޮއްކޮ އާސީން ކޮންމެވެސް ކަހަލަ ގުޅުމެއް އޮންނަކަން އޭނަ ދަނެއެވެ. މިނާހުއަށް ރަގަޅީވެސް މިފަދަ ހިތްހެޔޮ ޅިޔަނެއް ދިރިއުޅުމަށް އައުމެވެ. އަޔާޝްގެ ސީރިޔަސްކަމާއި ހަރުކަށިކަމާއިހެދި ބޭބެއަކާއި ކޮއްކޮއެއްގެ އޮންނަންޖެހޭފަދަ ގާތް ގުޅުމެއް އޮތީއެއްނޫނެވެ. އެއަށްވުރެ އެކުވެރިންވެސް މާ ރަގަޅުކަން ނޭގެއެވެ.
***
ހަވީރުގެ ރަން އަލި ފަރުދާތައް ފޫ އަޅުވާލާފައި ކޮޓަރިތެރެ އުޖާލާކޮށްލީ މާމުއިކުލައާއިއެކު ހޫނުކަން އިތުރުކޮށްކަމުންނެވެ. ހަޔާގެ ކޮޓަރިތެރެއިން އެންމެ ފާހަގަވާ އެއްޗަކީ އޭނަގެ ފޮތް ހަރުގަނޑެވެ. އެކިކަހަލަ ފޮތްތަކުން ބަރާވެފައެވެ. ދުވަސްވީ އަދި އާ ފޮތްތަކެވެ. ދީނީ ވާހަކަތަކާއި ސީރަތް އަދި ގުރުއާނުގެ ތަފްސީރާއި ހަދީސްފޮތްތަކެވެ. އަދި އައުލިޔާއިންގެ ދިރިއުޅުމުގެ ވާހަކަތަކެވެ.
ހަޔާ އެނދަށް އަރާފައި އިނީ ކަންފަތުގައި ފޯނު ޖައްސާ ބާރުކޮށްލައިގެންނެވެ. އުނގުމަތީގައި އޮތް ފޮތެއްގައި މަޑުމަޑުން އިނގިލި ހިންގަމުން ދިޔައީ ބޭއިޚުތިޔާރުގައެވެ.
"އެނގޭތަ؟ އަހަންނަށް ބައެއްފަހު ހީވަނީ މި އައުލިޔާއިން އަހަންނާއި މާ ގާތް ގުޅުމެއް އޮންނަހެން..އާއްމުކޮށް އެކީގައި އުޅޭ މީހުންނަށްވުރެ.."
"އަބަދުވެސް ބުނާނީ ތިހެން..ކޮން ފޮތެއް ތިކިޔަނީ؟" ޔަލްވީ އެހިއެވެ.
"ގަރުނުތަކެއް ކުރިން އުޅުނު ވަލީވެރިއެއްގެ ސްޓޯރީ......ހިތް ހަލާކުވެފައިވާ މީހުން އެބޭކަލެއްގެ ކައިރިއަށް އަންނަނީޔޯ...އެ ބޭކަލަކު ސުވާލެއްނުކޮށް ހަމައެކަނި ދުއާކޮށްދެނީ...އެއާއެކު އެ އަންނަމީހުންގެ ހުރިހާކަމެއް ބަދަލުވެގެންދޭ..."
"މިރެކްލްއަކާއި ވައްތަރީ..."
"އާނ..އެއީ ހަމަ އެހެން..އެކަމަކު މީހުން އެކްސްޕެކްޓްކުރާކަހަލަ އެއްނޫން ދޯ...އަލިފާނާއި އަލިކަމާއި އެގޮތަށް ޑެރެމްޓިކްކަމެއް ނޫން ދައްކަނީ...ހަމައެކަނި ދުއާއިން ހިތްތަކަށް ޝިފާލިބުން...އެއީ އެންމެ ބޮޑު ކަރާމާތެއް ނޫންތަ؟"
ދުރުން އެމްބިއުލެންސްގެ ސައިރެންގެ އަޑު އިވުނެވެ." ދޮންތަ ބަލިވެގެން މިގެ ކަރަންޓީނުކުރުމުން އަހަރެން ގިނައިން ކިޔަވާންފެށީ..ގުރުއާންގެ ތަފްސީރުކިޔަމުންގޮސް އައުލިޔާއިންނާއި ބެހޭގޮތުން ހުރި ފޮތެއް ކީ...އަހަންނަށް ފީލްވީ ﷲ ގައިޑިން މީ ޖެންޓްލީކަން މިހުރިހާ ބިރުވެރި އަޑުގަދަ ކަންތައްތަކުގެ ތެރެއިން..ގުރުއާނުން ހީލްވާކަން....."
"ކުރިން ނުވެސް ބުނަމެއްނު އެކަހަލަ ގޮތެއް ފީލްވީ ވާހަކަ.."
"އަހަންނަށް އެހެން އެކްސްޕެލެއިން ކޮށްދޭން ނޭގުނީ..އެކަމަކު ވަލީވެރިން ﷲ ތައާލާއަށް ޓްރަސްޓްްކޮށް އަދި ކެތްތެރިވާވަރު ފެނުމުން އަހަރެންގެ ބިރުވެރިކަން ކުޑަވާންފެށި.އެމީހުންވެސް ހަގުރާމަތަކާއި ތާއޫނުފަދަ ބަލިމަޑުކަން އަދި އެކަނިވެރިކަމުގެ ތެރޭ އުޅުނު...އެކަމަކު އެ ހިތްތަކުގައިވީ އަމާންކަމާއި ހަމަޖެހުން..އުފަލުން އުޅުނީ....."
"އަދި އެނގޭތަ؟ކޮންމެވެސް ވަލީވެރިއަކު އަމިއްލަ އަތުގައި އެއްވެސް އެއްޗެއް ނެތް ހާލުގައި އެހެންމީހުންނަށް ކާއެތިކޮޅު ދިނީ....އެކަމަކު ކޮންމެވެސް ގޮތަކަށް އެބޭކަލެއްގެ ގޭގައި ކާނާ މަދުނުވެ ލިބެންފެށި...މީހުން އެއަށް ކިޔަނީ ކަރާމާތް...އެކަމަކު އަހަރެން ބުނާނީ އެއީ ﷲތައާލާއަށް ޓްރަސްޓްކުރުމޭ...."ހަޔާ ވާހަކަ ކުރިއަށް ގެންދިޔައެވެ.
"ހަޔާ ކިޔައިދޭގޮތުން ވަރަށް ޝައުގުވެރިވެއްޖެ.......ވަރަށް ރީތި...އަހަރެންވެސް މިހާރު ތި ފޮތްތައް ކިޔާހިތްވެއްޖެ............."
"އަހަރެން ގެންގޮސްދެންތަ؟"
އެކަމަކު ކަރަންޓީނުގައި ދޯ ހެހެ.އަހަރެންވެސް ބިރުން މިހިރީ ގެއިން ބޭރަށް ފިޔަވަޅެއް އަޅަން ނުކެރިފައި....މިގޭ ކުދިން އަދި ވާކްކުރަނީ ހޮސްޕިޓަލުގައިވީމަ ވަރަށް ރިސްކްު އެބައޮތް..މިކަންތައް ނިމުނީމަ ބަލާނީ...މި އަޔާ ވެސް އަހަރެން ގެއިން ބޭރަށް ނުކުތުން މަނާކޮށްފި....."ޔަލްވީ ހީގަތެވެ.
"ދެމީހުން އެކީގައި މިފޮތްތައް ކިޔާފައި އަދި އިތުރަށް މިވާހަކަދައްކަންވާނެދޯ...އަހަރެމެންވެސް މިހެންކަން ނޭގޭ އުޅެންޖެހެނީ......"
ހަޔާ ފޯނު ބޭއްވުމާއެކު ތަނުގެ ތެރެއަށް ހިމޭންކަން ފެތުރިގެން ދިޔައެވެ. އޭނަ ފޯނު އެއްފަރާތުގައި ބާއްވާފައި ފޮތް ހުޅުވައިލިއެވެ. ބޭރުން ފެންނަ ދުނިޔެއާއިމެދު އެއްވެސް ޔަގީންކަމެއްނެތަސް މި ފޮތްތަކާއި ދުޢާތަކާއި ﷲ ތައާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރާ ބޭކަލުންގެ ސަބަބުން އޭނައަށްވެސް ރައްކާތެރިކަން ލިބޭފަދަ އިހުސާސެއްކުރެވުނެވެ.
ކުއްލިއަކަށް އޭނަގެ ހަނދާނުގެ ލޯގަނޑަށް އެރި މީހެއްގެ ސަބަބުން ތަބީއަތު ބަދަލުވާން އުޅުނެވެ. ނަމަވެސް ވަގުތުން ހިތް އެހެން ދިމާލަކަށް އަނބުރުވާލައިފިއެވެ.
***
ހަޔާ ކަޅުކުލައިގެ އަބާޔާއެއް ލައިގެން ޝޯލް އޮޅާލައިގެން ގޮސް ލޯގަނޑުކުރިމަތީގައި ހުއްޓުނެވެ. ބުރުގާ އަޅާފައި ހުރުމުން އިސްތަށިގަނޑު ފޮރުވިފައި އޮތުމުން މާޒީއަށް ފިލައިގެން އުޅެވޭނެކަމަށް އޭނަ ގަބޫލުކުރެއެވެ. އޭނަގެ އިސްތަށިގަނޑަކީ ޚާއްސަ ސިފައެކެވެ.
"އަހަރެންގެ ހިތް ހަލާކުކޮށްލާފައި އެ ފިރިހެނާ ކޮބައިތަ؟އެވަރަށް މީހަކަށް މީހަކު ދެރަކޮށްލެވޭނީ....އެވަރު ބޮޑު ލަނޑެއް..އެވަރު ބޮޑު ލަދެއް ދުވަހަކު ނުގަނޭ.........."
ނުނިމޭ