ޖީމެއިލްގެ ސްޕޭމް ފިލްޓަރުތަކަށް މައްސަލަ ޖެހި، ގިނަ ބަޔަކަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ޖީމެއިލް ބޭނުންކުރާ ފަރާތްތަކަށް އީމެއިލްތައް ތަރުތީބުކުރުމުގައާއި ސްޕޭމް ފިލްޓަރު ކުރުމުގައި ބޮޑެތި މައްސަލަތަކަކާ މިއަދު ކުރިމަތިލާން ޖެހިފައިވާއިރު، ގޫގުލް ވޯކްސްޕޭސްގެ ރަސްމީ ސްޓޭޓަސް ޑޭޝްބޯޑުން ދައްކާ ގޮތުގައި، މި މައްސަލަ ދިމާވާން ފެށީ ހޮނިހިރު ދުވަހުގެ ހެނދުނު ޕެސިފިކް ގަޑިން ފަހެއް ޖަހާކަންހާއިރުއެވެ.
މި މައްސަލައިގެ ސަބަބުން އީމެއިލްތައް ނުބައި ގިންތިތަކަށް ދިއުމާއި، އާންމުކޮށް އަންނަ މުހިންމު އީމެއިލްތަކުގައި ވެސް "ސްޕޭމް ވޯނިންގް" ނުވަތަ އިންޒާރު ދައްކާ މައްސަލަ ދަނީ ކުރިމަތިވަމުންނެވެ.
ގިނަ ބަޔަކު ފާހަގަކުރި ގޮތުގައި، އާންމުކޮށް "ޕްރޮމޯޝަންސް"، "ސޯޝަލް" ނުވަތަ "އަޕްޑޭޓްސް" ބަޔަށް ދާންޖެހޭ އީމެއިލްތައް މިހާރު ވަންނަމުންދަނީ ސީދާ މައި އިންބޮކްސް (ޕްރައިމަރީ އިންބޮކްސް) އަށެވެ. އަދި ދަންނަ މީހުން ފޮނުވާ ރަނގަޅު އީމެއިލްތައް ވެސް ސްޕޭމްގެ ގޮތުގައި ސިފަކުރަމުންދާ ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.
މީސްމީޑިއާގައި ޝަކުވާ ކުރި ބައެއް މީހުން ބުނެފައިވާ ގޮތުގައި ޖީމެއިލްގެ ފިލްޓަރުތައް ވަނީ "މުޅިން ހަލާކުވެފަ" އެވެ. އަދި ހުރިހާ ސްޕޭމް އީމެއިލްތަކެއް އެއްވެސް ހުރަހެއް ނެތި ސީދާ އިންބޮކްސްއަށް ވަންނަމުން ދާ ކަމަށް ވެސް ގިނަ ބަޔަކު ބުނެފައިވެއެވެ.
މިކަމާ ގުޅިގެން ގޫގުލް އިން ބުނީ، މި މައްސަލަ ހައްލުކުރުމަށް މިހާރު އަމަލީ ގޮތުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އަބަދުވެސް އިލްތިމާސްކުރާ ފަދައިން، ނުދަންނަ ފަރާތްތަކުން ލިބޭ މެސެޖުތަކަށް ސަމާލުވުމަށް ބޭނުންކުރާ ފަރާތްތަކަށް ބާރުއަޅަން،" ގޫގުލް އިން ބުނެފައިވެއެވެ.
ޖީމެއިލް އަކީ ދުނިޔޭގައި އެންމެ ފުޅާދާއިރާއެއްގައި ބޭނުންކުރާ އީމެއިލް ޚިދުމަތަށް ވާއިރު، އީމެއިލްތައް އޮޓޮމެޓިކުން ގިންތިކުރުމާއި ސްޕޭމް ފިލްޓަރު ކުރުމަށް އެ ކުންފުނިން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި މެޝިން ލާނިންގްގެ އެހީގައި ވަރުގަދަ ނިޒާމެއް ބޭނުންކުރެއެވެ.
މި ނިޒާމުގެ މައިގަނޑު ބޭނުމަކީ ބޭކާރު އިޝްތިހާރުތަކާއި ނުރައްކާތެރި "ފިޝިންގް" މެސެޖުތަކުން ޔޫޒަރުން ސަލާމަތްކޮށް، މުހިންމު މެސެޖުތައް ފަސޭހައިން ފެންނާނެ ގޮތް ހެދުމެވެ.
ޖީމެއިލްގެ ފިލްޓަރުތަކަށް މައްސަލައެއް ދިމާވެއްޖެ ނަމަ، އެތައް ބިލިއަން މީހުންގެ މުއާމަލާތްތަކަށް އޭގެ ނޭދެވޭ އަސަރުކޮށް، ސައިބާ ސެކިއުރިޓީގެ ނުރައްކާތަކަށް މަގުފަހިވުމުގެ ފުރުސަތު ބޮޑުވެއެވެ.
މީގެ ކުރިން ވެސް މަދުން ނަމަވެސް މިފަދަ ޓެކްނިކަލް މައްސަލަތައް ދިމާވެ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ޔޫޒަރުންނަށް ދަތިތަކާ ކުރިމަތިވެފައިވެއެވެ.