މޯނީއަށް ފިރިހެނުންތަކެއް ފުރައްސާރަކުރި މައްސަލަ ބަލައިދިނުމަށް އެދެފި

ޓެލެވިޒަން ބަތަލާ މޯނީ ރޯއި--ފޮޓޯ/ބޮލީވުޑްހަންގާމާ

އިންޑިއާގެ ހަރިޔާނާގައި ދާދިފަހުން ބޭއްވި ހަފްލާއެއްގައި ބައިވެރިވުމަށް އެ ސްޓޭޓަށް ދިޔަ ބަތަލާ މޯނީ ރޯއިއަށް ފިރިހެނުންތަކެއް ފުރައްސާރަކުރުމާ ގުޅިގެން އެ މައްސަލަ ބަލައި ދިނުމަށް ކަމާބެހޭ އިދާރާތަކަށް މޯނީ ގޮވާލައިފިއެވެ.

މަގުބޫލު ޓީވީ ސީރީސް "ނާގިން"އިން ބޮޑު މަޝްހޫރުކަމެއް ހޯދި ބަތަލާ މިކަމާ ގުޅިގެން އިންސްޓަގްރާމްގައި ނެރުނު ދިގު ބަޔާނެއްގައި ވަނީ ހަރިޔާނާގައި ބޭއްވި ހަފްލާއަށް ދިޔަ ގިނަ ބަޔަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ހަރިޔާނާގެ ކާނަލްގައި ކުރިއަށްދިޔަ ހަފްލާއެއްގައި މޯނީ ޕާފޯމްކުރަމުންދިޔަ ވަގުތު އެތަނަށް އެއްވެ ތިބި ފިރިހެނުންތަކެއް ވަނީ މޯނީގެ ފޮޓޯ ނެގުމުގެ ނަމުގައި ބަތަލާއަށް އުދަނގޫވާ މިންވަރަށް ކައިރިވެ ގައިގެ އެކި ގުނަވަންތަކުގައި އަތްޖައްސަން މަސައްކަތްކޮށްފައި ކަމަށް މޯނީ ވަނީ ބުނެފައެވެ.

އޭގެތެރޭގައި އުމުރުން ދުވަސްވެފައިވާ މޯނީގެ ކާފަ އުމުރުގެ ދެ މީހަކު ވެސް ހިމެނޭ ކަމަށް ފިލްމު "ބްރައްމަސްތުރާ"ގެ ބަތަލާ ވަނީ ބުނެފައެވެ.

މޯނީ, ފިރިމީހާ ސޫރަޖް ނަމްބިއަރުއާ އެކު--ފޮޓޯބޮލީވުޑްލައިފް

މޯނީއާ އެކު ފޮޓޯ ނަގަން މަސައްކަތްކުރި މީހުން ގާތު ދުރަށް ޖެހުމަށް ބުނުމުން އެކަމާ ނުރުހުން ފާޅުކުރި ކަމަށާއި އެ މީހުންގެ އަމަލުތައް ހުރީ "ވަރަށް މުޑުދާރު, ހުތުރު ގޮތަކަށް" ކަމަށް މޯނީ ވަނީ ސިފަކޮށްފައެވެ.

އޭގެފަހުން މޯނީ ސްޓޭޖްގައި ހުށަހަޅަން ފެށުމުން އެމީހުންގެ އަމަލުތައް އިންތިހާއަށް ގޯސްވި ކަމަށާއި މުޅިން ގޯސް އެންގަލްތަކުން ބަތަލާގެ ފޮޓޯ ނަގަން އެ މީހުން މަސައްކަތް ކުރި ކަމަށް މޯނީ ވަނީ ބުނެފައެވެ.

އެންމެފަހުން މޯނީއަށް ޖެހުނީ ހުށަހަޅަމުންދިޔަ އައިޓަމް މެދުކަނޑާލުމަށްފަހު ބެކް ސްޓޭޖަށް ގޮސް އެކަން އެ ހަފްލާ އިންތިޒާމުކުރި މީހުންނަށް އެންގުމަށް ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

އަނެއްކާވެސް އެނބުރި ސްޓޭޖަށް ދިޔައީ ދެން އެ އަމަލު ތަކުރާރު ނުވާނެ ކަމުގެ އުއްމީދުގައި ނަމަވެސް އެކަންވީ ނާކާމިޔާބު ކަމަށް މޯނީ ވަނީ ބުނެފައެވެ. ބަތަލާއަށް އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ އެ ހަފްލާ އިންތިޒާމްކުރި ފަރާތްތަކުން އެކަމާ އެއްވެސް ފިޔަވަޅެއް އެޅި މަންޒަރު ނުފެނުމުން ކަމަށް މޯނީ ވަނީ ބުނެފައެވެ.

އެ ހަފްލާ އިންތިޒާމްކުރި މީހުންގެ އިތުރުން އެތަނުގައި އެވަގުތު ތިބި އެހެން މީހުން ވެސް މޯނީއަށް ރައްކާތެރިކަން ހޯދައި ދިނުމަށް އެއްވެސް މަސައްކަތެއްކުރި މަންޒަރު ނުފެނުމުން އެކަމާ ވަރަށް ބޮޑަށް މާޔޫސްވި ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

މޯނީމެން ކަހަލަ އާޓިސްޓުންނަކީ ތެދުވެރިކަމާ އެކު އާމްދަނީ ހޯދަން ވަރަށް ބުރަކޮށް މަސައްކަތްކުރާ ބައެއް ކަމަށް ބަތަލާ ވަނީ ބުނެފައެވެ. ހަރިޔާނާގައި މޯނީ ތަޖުރިބާކުރި ކަންކަމާ ގުޅިގެން ވަރަށް ބޮޑަށް ހިތަށް ބިރުވެރިކަން އިހުސާސްވެފައިވާ ކަމަށާއި އެ މައްސަލަ ކަމާބެހޭ އިދާރާތަކުން ބަލައި ދިނުމަށް ބަތަލާ ވަނީ ގޮވާލާފައެވެ.

ޓީވީ ދާއިރާއިން ލިބުނު މަޝްހޫރުކަމާ އެކު މޯނީ މިހާރު އަންނަނީ ފިލްމީ ދާއިރާގައި މަސައްކަތް ކުރަމުންނެވެ. އެގޮތުން ބަތަލާ ވަނީ ބައެއް ވެބް ސީރީސްތަކުގައި ވެސް މަސައްކަތްކޮށްފައެވެ.

comment ކޮމެންޓް