އަޔުޝްމާން އާއި ސާރާގެ ފިލްމު މި އަހަރު ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށް ކަރަން ބުނެފި

ބަތަލާ ސާރާ އަލީ ޚާން އަދި އެކްޓަރު އަޔުޝްމާން ކުރާނާ--ފޮޓޯ/އެމްއެސްއެން

ބޮލީވުޑްގެ ތަރިން ކަމަށްވާ އަޔުޝްމާން ކުރާނާ އާއި ސާރާ އަލީ ޚާން ދަރުމާ ޕްރޮޑަކްޝަންސްއަށް ކުޅޭ ފިލްމުގެ މަސައްކަތް ހުއްޓާނުލާ ކަމަށާއި އެ ފިލްމު މި އަހަރުތެރޭ ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށް ޕްރޮޑިއުސަރު ކަރަން ޖޯހަރު ބުނެފިއެވެ.

ހިންދުންސްތާން ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ކަރަން ބުނީ ކަރަންގެ ފިލްމު ކުންފުންޏާއި ޑައިރެކްޓަރު ގުނީތު މޯންގާގެ ސިކްޔާ އެންޓަޓެއިންމަންޓް ގުޅިގެން އުފައްދާ އެ ފިލްމާ ބެހޭގޮތުން ފެތުރިފައި ވަނީ މުޅިން ގޯސް ޚަބަރުތަކެއް ކަމަށެވެ.

މިހާތަނަށް ނަން ހާމަކޮށްފައި ނުވާ އެ ފިލްމުގެ ޝޫޓިންގްގެ ދެން ބާކީ އޮތީ އެންމެ 10 ދުވަހުގެ މަސައްކަތް ކަމަށާއި މި އަހަރު ފިލްމު ސިނަމާތަކަށް ގެންނާނެ ކަމުގެ ޔަގީންކަން ކަރަން ވަނީ ދީފައެވެ.

ސާރާ އަލީ ޚާން ފިލްމު ޕްރޮޑިއުސަރު ކަރަން ޖޯހަރުއާ އެކު--ފޮޓޯ/އެމްއެސްއެން

އާކާޝް ކޯޝިކް ޑައިރެކްޓްކުރާ މި ފިލްމުގެ މަސައްކަތް ކުރިއަށްދަނީ އެންމެ ފުރަތަމަ ވެސް ޕްލޭންކުރި ގޮތަށް ކަމަށާއި ފިލްމުގެ މަސައްކަތަށް އެއްވެސް ކަހަލަ ހުއްޓުމެއް ނާންނަ ކަމަށް ދަރުމާގެ އިސްވެރިޔާ އަދި ފިލްމު ޑައިރެކްޓަރު ކަރަން ވަނީ ބުނެފައެވެ. އެ ފިލްމު ކުރިންވެސް ރިލީޒްކުރާ ގޮތަށް ނިންމާފައި ވަނީ މި އަހަރުއެވެ. މި ފިލްމަކީ އަޔުޝްމާންއާ އެކު ސާރާ މަސައްކަތް ކުރާނެ ފުރަތަމަ ފިލްމެވެ.

އަޔުޝްމާން އެންމެފަހުން ބެލުންތެރިންނަށް ގެނެސްދީފައި ވަނީ މިދިޔަ އަހަރު މެޑޮކް ފިލްމްސްގެ ހޮރޯ ކޮމެޑީ ޔުނިވާސްއިން ގެނެސްދިން ފިލްމު "ތާމާ"އިންނެވެ. އޭނާގެ ކުރިއަށްހުރި ފިލްމުތަކުގެތެރޭ "ޕަތީ ޕަތުނީ އޯތް ވޯ 2" އަދި "ޔޭ ޕްރޭމް މޯލް ލިޔާ" ހިމެނެއެވެ.

ފިލްމީ ދާއިރާއިން މިހާތަނަށް މާބޮޑު ކާމިޔާބީއެއް ހޯދިފައި ނުވާ ބަތަލާ ސާރާ އަލީ ޚާން އެންމެފަހުން ބެލުންތެރިންނަށް ގެނެސްދިނީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ސްކައި ފޯސް" އަދި "މެޓްރޯ އިން ދިނޯ"އެވެ.

comment ކޮމެންޓް