ލިސާން: ވާހަކަ --

"މީތަ އަހަރެންގެ ބައްޕަ ފާއިތުވެދިޔަ ހުރިހާ އަހަރުތަކެއް ވޭތުކުރި ތަނަކީ؟ މީތަ އެ ހުރިހާ އަނިޔާއެއް ތަޙައްމަލުކުރި ތަނަކީ؟"

ރަނީމްގެ އަޑުން ހިތާމައިގެ އަސަރު ފާޅުވެގެން ދިޔައިރު އޭނަގެ ދެލޮލުން ކަރުނަތައްވެސް އޮހޮރިގެން ދިޔައެވެ. އެތަނަށް ބަލާލުމުން އެކަނިވެސް އެކަނިމާއެކަނި ބައްޕަ ތަޙައްމަލްކުރި ވޭން އޭނައަށް އަންދާޒާ ކޮށްލެވިއްޖެއެވެ. ނާވީއަށް ރަނީމްއާ ދިމާލަށް ބަލާލާކަށް ނުކެރުނެވެ. އެ ހުރިހާ އަނިޔާއެއް ރައާބިލްއަށް ލިބުނީ ހަމަ އޭނަގެ ޢާއިލާގެ ސަބަބުންނެވެ. ވީއިރު މިއަދު އޭނަ ރަނީމްއާ ހަތަރު ކަޅި ހަމަކުރާނީ ކިހިނަކުން ހެއްޔެވެ؟ އޭނަ ރަނީމްގެ ކައިރީގައި ބުނާނީ ކީކޭ ހެއްޔެވެ؟

"ނާވީ...." ނާވީގެ ހިމޭންކަމުން ރަނީމްއަށް އުނދަގޫވިއެވެ.

ރަނީމް ނާވީގެ ކުރިމައްޗަށް އެރުމާއެކު ނާވީ މާފަށް އެދުނެވެ. އަދި ރަނީމްގެ ލޮލުން އަންނަމުން ދިޔަ ކަރުނަތައް ފުހެދިނެވެ.

"ނާވީ ނުޖެހޭނެ މާފަށް އެދޭކަށް. އަހަރެން ނާވީއަށް ޝުކުރުވެރިވުން ހައްޤު. ބައްޕަ މިތަނުން ސަލާމަތްވީ ނާވީގެ ސަބަބުން. މަންމަ ނިޔާވުމުގެ ކުރިން ބައްޕައަށް މަންމައާއި ބައްދަލުކުރެވުނީވެސް ނާވީގެ ސަބަބުން. އެ އަނިޔާ ބައްޕައަށް ދިން ނާވީގެ ކާފަވެސް ދުނިޔެއަކު ނެތް. ހުރިހާކަމެއް ވެސް ބަދަލުވެއްޖެ. މާޒީ ހަނދާން ނައްތާލެވިއްޖެ. އެކަމަކު މިތަން ފެނުމުން އަހަންނަށްވެސް ކެތް ނުކުރެވުނީ..." ރަނީމް ބުނެލިއެވެ. އޭނަ ނާވީގެ އަތުގައި ހިފައްޓާލިއެވެ. ނާވީ ރަނީމް ގެނެސް އޭނަގެ އަތުތެރޭގައި ހައްޔަރުކޮށްލިއެވެ. އިތުރު ބަޔަކު އެ ހިސާބަށް ނާންނަނީސް އޭނަ ރަނީމް ގޮވައިގެން ދިޔުމަށް އަވަސްވެގަތެވެ. ރަނީމް ބޭނުންވީ ރައާބިލްއާ ބައްދަލުކުރަން ދާށެވެ. ނާވީވެސް އެކަމަކަށް ދެކޮޅެއް ނަހަދައެވެ. ރައާބިލް އިނީ ގަހެއްގެ ގޮފިގަނޑު މަތީގައި އިށީނދެލައިގެންނެވެ. ރަނީމްމެން ފެނުމާއެކު އޭނަ ތިރިއަށް ފޭބިއެވެ. އެއާއެކު ރަނީމް ރައާބިލްގެ އަތުގައި ހިފާލުމަށްފަހު، އެ އަތަށް ބޮސް ދިނެވެ. ދެލޮލުން ކަރުނަތައް އަނެއްކާވެސް ފައިބައިގަތެވެ. ރައާބިލް ބަލައިލީ ނާވީއަށެވެ.

"ދަރިފުޅު، ކިހިނެއްވީ؟" ރައާބިލް ބުނެލިއެވެ.

"ބައްޕާ... އެތަން ފެނިއްޖެ. ބައްޕަ ތަޙައްމަލް ކުރި ވޭން އެކަކަށްވެސް ތަސައްވަރެއް ނުކުރެވޭނެ." ރަނީމްއަށް ބުނެވުނެވެ. އެއާއެކު ނާވީއަށް ދެލޯ މަރައިލެވުނީ އޭނައަށްވެސް ކުރި އަސަރުންނެވެ.

"ރަނީމް ގޮވައިގެން ބިންގަރާހަށް ދިޔައީތަ ނާވީ؟" ރައާބިލް ރަނީމްގެ ނިތަށް ބޮސް ދިނުމަށްފަހު އެނބުރުނީ ނާވިއާ ދިމާލަށެވެ. ނާވީ ބޯ ޖަހައިލުމުން ރައާބިލް ހިތްހަމަ ނުޖެހިފައި ވާހަކަ ދެއްކިއެވެ.

"އަހަރެން މަނާކުރީމެއްނު ރަނީމް އެތަނަށް ގެންދަން." ރައާބިލް ބުންޏެވެ.

"ބައްޕާ. މިކަމުގައި ނާވީގެ ކުށެއް ނެތޭ. މިކަން ކުރީ އަޅުގަނޑު ބޭނުންވެގެން..." ރަނީމް ވަގުތުން ވާހަކަ ދެއްކިއެވެ. ނާވީއާއި ބައްޕައާ ދެމެދު ނުތަނަވަސްކަމެއް އުފެދޭކަށް އޭނަ ބޭނުމެއް ނޫނެވެ. "ނާވީ ދެކެ ރުޅި ނާދޭ ބައްޕާ...."

ރަނީމްގެ އާދޭސްތަކަށް ބީރުކަންފަތެއް ރައާބިލްއަކަށް ނުދެވުނެވެ. އޭނަ ބޯ ޖަހައިލިއެވެ. އަދި ހަރުކަށިވެވުނީތީ ނާވީގެ ގާތުން މާފަށް އެދުނެވެ. މާޒީގެ ހިތިކަން ރަނީމްއަށް އެނގެން ބޭނުންނުވާކަމުގައި ރައާބިލް ނާވީގެ ގާތުގައި ބުނީ ރަނީމްއަށް ނޭނގޭ ގޮތަށެވެ. އެކަމުގެ ސަބަބުން އެ ދެމީހުންގެ ގުޅުމަށް ވެސް ބުރު އަރަން ނޭދޭކަމުގައި އޭނަ ހާމަކޮށްލިއެވެ. އޭނަ ގޮސް ނާވީގެ ގައިގައި ބައްދާލިއެވެ.

*****

އެންމެފަހުން ހަފްލާ ބާއްވަން ހަމަޖެހުނު ދުވަސްވެސް އަތުވެއްޖެއެވެ. ހަފްލާއަށްޓަކައި ރަނީމް ލާފައިހުރީ އެ ޢާއިލާގެ ޝާހީ ހެދުމެކެވެ. އެއީ އެ އާއިލާއަށް މީގެ އެތައް ސަތޭކަ އަހަރުތަކެއް ކުރިން ވެސް ވާރުތަވަމުން އައިސްފައިވާ ހުދުކުލައިގެ ހެދުމެކެވެ. ހެދުންވަނީ އެކި އެކި ޖަވާހިރުތަކެއް ވިދާ މިނާ އެއްޗެހިތަކަކުން ޖަރީކޮށްލާފައެވެ. ރަނީމްއަށް ހެޔޮވަރު އެ ހެދުން އޭނަގެ ގަޔަށް ހިފާލާފައި ހުރިއިރު ބޮލާ ދިމާލުން ތިރިއަށް ދޫކޮށްލާފައިވާ ފޮތިގަނޑު ދިގުކަމުން ބިންމަތީގައި ކޭތެއެވެ. ހެދުމުގެ އަތްވެސް ބިންމަތީގައި ކޭތެއެވެ. އެހެންނަމަވެސް، އަތުގެ ކުޑަ ހުޅާހިސާބުން ފަސޭހަވާނެ ފަދަ ގޮތަކަށް އަތުކުރި ވަނީ ފަޅާލާފައެވެ. ކަރުގައި އަޅާފައިވަނީ އެކި އެކި މުތީތަކާ ޖަވާހިރުތަކުން ޖަރީކޮށްލާފައިވާ ހާރެކެވެ. އަތުގައި އަޅާފައިވާ ކެވެލި ގަނޑާ، ފައިގައި އަޅާފައިވާ ކެވެލިގަނޑުވެސް ހަމަ އެފަދައެވެ.

ނާވީވެސް ހުރީ ޝާހީ ހެދުމެއްގައެވެ. ބޮޑަށް ވައްތަރީ ޝާހީ ރަސްރަސްކަލުން އަޅާފަދަ ހެދުމަކާއެވެ. އޭނައަށް ރަނީމް ފެނުމާއެކު ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ރަނީމްގެ ކައިރިއަށް ގޮސް ހުއްޓުމަށްފަހު ރަނީމްގެ ކަންފަތް ދޮށުގައި އޭނަ ވާހަކަ ދެއްކިއެވެ.

"އަހަރެންގެ އަނބިމީހާ، ހާދަ ރީއްޗޭ...." ނާވީގެ އަޑާއެކު ރަނީމްގެ މޫނު ލަދުން ރަތްވިއެވެ. ނާވީއާ ދިމާލަށް ބަލައިލުމާއެކު، ރަނީމްގެ އަތުގައި ހިފާފައި އެއަތަށް ނާވީ ބޮސް ދިނެވެ.

"ވަރަށް ލޯބިވޭ...." ނާވީ ބުނެލިއެވެ.

"އަހަރެންވެސް ހަމަ އެހާ ލޯބިވޭ..." އެއްވެސް ޖެހިލުމެއްނެތު ރަނީމްވެސް ހާމަކޮށްލިއެވެ. ރަނީމްގެ އުނަގަނޑުގައި ހިފާފައި އޭނައާ ގާތަށް ދަމައިލަމުން ނާވީ، ރަނީމްގެ ކޯތާފަތުގައި ފިރުމައިލިއެވެ.

އެހެން ތިއްބާ ޝައިސްތާ އަތުވެއްޖެއެވެ. ގަނޑުވަރުގެ ތިރީ މައިދާނުގައި އެމީހުންނަށްޓަކައި ޚާއްސަކޮށްފައިވާ ހަފްލާއަށް ދާންޖެހޭ ވަގުތު ޖެހިއްޖެކަމުގައި އޭނަ ބުނެލިއެވެ.

"ރަނީމްއާ ނާވީ.. މަންމަގެ ދެކުދިން. ހާދަ ރީއްޗޭ...." ޝައިސްތާގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ. އޭނަގެ ލޯބިވާ ފިރިހެން ދަރިފުޅާމެދު އޭނަ ފަޚުރުވެރިވިއެވެ.

ޝައިސްތާއާއެކު ނާވީއާއި ރަނީމް ތިރިއަށް ދިޔައިރު މައިދާން ވަރީ ޒީނަތްތެރިކޮށްލާފައެވެ. އެމީހުންނަށްޓަކާ ޚާއްސަކުރެވިފައިވާ އެ ހަފްލާގެ ކޮންމެ ދިމާލަކުންވެސް ފެންނަނީ ފުރިހަމަކަމެވެ. ނާވީގެ ކައިވެނި ކުރެވިގެން ދިޔަކަމާއި އޭނަގެ އަނބިމީހާގެ ގޮތުގައި ރަނީމް ތަޢާރަފްކުރެވިގެން ދިޔައެވެ. ރަނީމްއަށް ބަލައިލެވުނީ މީހުންތަކުގެ އެއްފަރާތުގައި ހުރި ރައާބިލްއަށެވެ. ރައާބިލް އަތުން ހަނާއަޅާލުމުން ރަނީމް ހިތްހަމަޖެހުނު ނަމަވެސް، ރައާބިލް ގެ ލޮލުން ފާޅުވި ކަރުނަ އާއެކު އޭނަ ކަންބޮޑުވިއެވެ. ހަފްލާގެ ވަކި ހިސާބަކުން، އޭނަ ނާވީއާއެކު ގޮސް ރައާބިލްގެ ކައިރިއަށް މަޑުކޮށްލިއެވެ.

"ބައްޕާ...." އޭނައަށް ގޮވައިލެވުނީ ކަންބޮޑުވެފައިވާ ގޮތަކަށެވެ.

"ބައްޕަ މި ރޮނީ އުފަލުންނޭ..." ރަނީމް ކަންބޮޑުވަނީ ކޮންކަމަކާކަން އެނގުމާއެކު ރަނީމްއަށް އިތުރު އެއްޗެއް ބުނުމުގެ ފުރުސަތު ނުދީ އޭނަ ބުނެލިއެވެ. ރައާބިލް އޭނަގެ ލޯބިވާ ދަރިފުޅުގެ ގައިގައި ބައްދާލިއެވެ. އެއަށްފަހު ނާވީގެ ގައިގައިވެސް ބައްދާލިއެވެ.

"އަހަރެން އަހަރެންގެ ދަރިފުޅުގެ ޒިންމާ ނާވީއާ ހަވާލުކުރީ ވަރަށް އިތުބާރުކޮށްފަ. ތިއަށްވުރެ ބޮޑަށް އަހަރެން އިތުބާރުކުރާނެ އިތުރު މީހަކު ނުހުންނާނެ. އަހަރެންގެ ދަރިފުޅަކީ ނާވީގެ ޒިންމާއެއް. އޭނަ އަބަދުވެސް އުފަލުގައި ގެންގުޅޭތި." ރައާބިލް ވަޞިއްޔަތްކުރިއެވެ. ނާވީ ބޯ ޖަހާލިއެވެ.

"އަހަރެން ވީ ވަޢުދަށް މަރުދުވަހާ ޖެހެންދެންވެސް ކަމޭ ހިތާނަން. ރަނީމްއަށް އުމުރު ދުވަހު ލޯތްބާ ހިމާޔަތާ ރައްކާތެރިކަން ދޭނަން." ނާވީ ބުނެލިއެވެ.

"މަންމަ މަތީން ވަރަށް ހަނދާންވޭ..." ރަނީމްއަށް ބުނެވުނެވެ. އޭނަ މާޔޫސްވުމުން ރައާބިލްއާ ނާވީ ރަނީމްގެ ހިތްހަމަ ޖައްސައިދިނެވެ. ސަމްރާއަށް ހެޔޮ ދުޢާ ކުރުމަށް ބުނެދިނެވެ.

އެވަގުތު ނަމީރާ ޝައިސްތާގެ އިތުރުން ބަތީލާވެސް އައިސް އެ ތަނަށް މަޑުކޮށްލިއެވެ.

"ނާވީ..." ކުއްލިއަކަށް އެންމެންގެ ކަންފަތަށް އިވުނު އަޑާއެކު އެންމެނަށް އެ ދިމާލަށް ބަލައިލެވުނެވެ. އެތަނުގައި ހުރީ ދައިސަމްއެވެ. ނާވީ ގޮސް ދައިސަމްގެ ގައިގައި ބައްދާލިއިރު، ރަނީމްވެސް ގޮސް ދައިސަމްގެ ކައިރީގައި ހުއްޓުނެވެ. ދައިސަމްއަށް ހަފްލާއަށް މަރުޙަބާ ކީ ރަނީމްއެވެ.

"މަރްޙަބާ ދައިސަމް...." ރަނީމް ބުނެލިއެވެ. ދައިސަމް ބޯ ޖަހައިލުމަށްފަހު، ނާވީއާއި ރަނީމް ގާތު ބުނީ އޭނަ އެ ދެމީހުންގެ ގާތުގައި ބުނަން ބޭނުންވާ ވާހަކައެއް އޮތްކަމުގައެވެ. ނަމީރުމެންނަށް ބަލައިލާފައި އެ ތިން މީހުން ދުރަށް ޖެހިލިއެވެ.

"އަހަރެން ބޭނުން މީހަކު ނާވީމެންނަށް ތަޢާރަފްކޮށްދޭން." ދައިސަމް ބުނެލިއެވެ. ނާވީއަށް ބުމަ އަރުވައިލެވުނެވެ. އޭނަ ކާކުތޯ ދައިސަމް ގާތު ސުވާލުކޮށްލުމާއެކު، ދައިސަމް އަތުން ހަނާ އަޅައިލިއެވެ. އެވަގުތު ފެހިކުލައިގެ އަލިކޮޅެއް އައިސް އޭނަގެ ގާތުގައި ހުއްޓުނެވެ. އެތަނުން ފާޅުވީ ޒުވާން އަންހެނެކެވެ. އޭނަގެ ހަމުގެ ކުލަ ވަރަށް ކަޅެވެ. ދައިސަމްމެންނާ ކުޑަކޮށް ތަފާތު ގޮތެއް ހުއްޓެވެ.

"މީ އަހަރެންގެ...." ދައިސަމް ބުނެލީ ހަމައެކަނި އެހެންނެވެ. ނާވީ ޝަކުވާކުރުމުން ދައިސަމް ބުނީ އަދި މާ ގިނަ ދުވަހެއް ނުވާކަމުގައެވެ. އޭނަ މަޑުކުރީ ގަނޑުވަރުގެ ކަންތައްތައް ހަމައަކަށް އެޅެންދެން ކަމުގައެވެ. އެވާހަކަ ބުނަން އުޅޭތާ ދުވަސްކޮޅެއް ވެއްޖެކަމަށާއި ފުރުސަތު ލިބުނީ އަދި މިއަދު ކަމުގައެވެ. ނާވީއާއި ރަނީމްއަ ދެމީހުން އެ ދެމީހުންނަށް މަރްޙަބާ ކިޔެވެ.

ވަށައިގެންވީ މާހައުލަށް ބަލައިލުމާއެކު ރަނީމްއާއި ނާވީއާ ދެމީހުން އެކަކު އަނެކަކަށް ބަލައިލާފައި ހިނިތުންވެލިއެވެ. މުޅި މާހައުލު ވަނީ ހަލަބޮލިވެފައެވެ. ނާވީ ރަނީމްގެ އަތުގައި ހިފައިގެން މީހުންގަނޑާ ދުރަށް ހިނގައިގަތެވެ. ނާވީގެ ބޭނުން ރަނީމްއަށް އެނގުމުން އޭނަވެސް އިތުރު އެއްޗެއް ނުބުނެއެވެ. އެ މަންޒަރު ރައާބިލްގެ އިތުރުން ނަމީރުމެން އެންމެންނަށްވެސް ފެނުނެވެ. އެހެންނަމަވެސް، އެ ދެމީހުންނަށް ގޮވާ ގެންނާކަށް އެކަކުވެސް ނޫޅުނެވެ. އެރި އައްޔާއެކު ދެމީހުން އެތަނުން ގެއްލުނުކަންވެސް އެމީހުންނަށް އެނގުނެވެ.

ނާވީގެ ގޮސް ތިރިކޮށްލީ ހުދު ސާފު ފިނޮޅަކަށެވެ. އޭރު ރަނީމް އޮތީ އޭނަގެ އަތުތެރޭގައެވެ. އެހެންޏާވެސް އޮންނަ ގޮތަށް ކަރުގައި އަތް އަޅުވާލައިގެންނެވެ. ރަނީމް، ފިނޮޅުގެ ފަސްގަނޑުގެ މަތީގައި ބެހެއްޓުމުގެ ކުރިން ނާވީ ރަނީމްގެ ނިތުގައި ބޮސް ދިނެވެ.

ބުރު ހަމަ ހަނދެއްގެ އުޑުމަތީގައި ރަސްކަންކުރަމުން ދިޔައިރު ހަނދުވަރުގެ އަލިން ފިނޮޅުމަތި ވަނީ ދިއްލާލާފައެވެ. ތަރިތައް ވެސް އުޑުމަތީގައި ހަނދުގެ އިސްތިޤްބާލުގައި އެތުރިލައިގެން ތިބިއިރު، ހީވަނީ ކުދި ކުދި ޖަވާހިރުކޮޅުތަކެއް ހެންނެވެ. މޫދުގެ ލޮނުގަނޑަށް ހަނދުގެ އަލިކަން އެޅީފައިވާ އިރު ހިތްގައިމެވެ. ޖެހެމުން ދިޔަ ތެތްފިނި ވައިރޯޅިތަކުން އަރާމުވެއެވެ. އެ ވައިރޯޅިތަކާއެކު ރަނީމްގެ ހެދުމުގެ ފަސްބަޔާއި ބޮލުގައި އަޅާފައި އޮތް ފޮތިކޮޅުވެސް އުދުހެމުން ދިޔައެވެ. ދިގުކޮށް ދުރު ދުރަށް ފެތުރިފައި އޮތް ދޮންވެލި ފިނޮޅުގެ ދެފަރާތަށް ބީއްސަމުން ދިޔަރާޅުތަކުގެ އަޑުވެސް ލުއިލުއި މިއުޒިކެއްފަދަ އެވެ. ނާވީ ރަނީމްގެ އަތުގައި ހިފައްޓާލިއެވެ.

"މިރޭ އަހަންނަށް ކޮންކަމެއް ދަސްކޮށްދޭނީ؟" ރަނީމް ސުވާލުކޮށްލިއެވެ.

"މިރޭ އަހަރެން މިއައީ ހަމައެކަނި ރަނީމްއާއެކު އެކަހެރިވެލާ އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމުގެ ބޭނުމުގައި." ނާވީ ރަނީމްގެ އަތަށް ބޮސް ދިނެވެ. ރަނީމްގެ މޫނު ލަދުން ރަތްވީ ނާވީގެ މޫނުމަތީން ފެނުނު އަސަރުތަކުންނެވެ. އޭނައަށް ނާވީގެ މޭމަތީގައި އަތް ޖައްސާލެވުނެވެ. ރަނީމް ގެ އިސްއުފުލައިލީ ނާވީއެވެ. އެއަށްފަހު ހަތަރު ކަޅި ހަމަކޮށްލުމަށްފަހު އޭނަ ރަނީމްގެ މޫނުގައި ދެއަތުން ހިފައްޓާލިއެވެ.

"އަހަރެން ވަރަށް ވަރަށް ބޮޑަށް ލޯބިވޭ...." ނާވީ ބުނެލިއެވެ. އޭނަގެ އަޑުގައިވި ޖަޒުބާތުތަކުން ރަނީމްގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ނާވީގެ ފެހިނޫކުލައިގެ ތޫނު ދެލޮލުގައިވަނީ އަޖައިބެއްފަދަ ބާރެކެވެ. ރަނީމްގެ ނޫކުލައިގެ ދެލޮލުގެ ވިދުންވެސް ގަދަވެލިއެވެ. އޭނަގެ ހިތުތެރޭގައިވެސް ޖަޒުބާތުގެ އޮއިވަރެއް އުފެދިގެން ދިޔައެވެ.

"އަހަރެންވެސް ނާވީ ދެކެ ވަރަށް ވަރަށް ބޮޑަށް ލޯބިވޭ. ދުވަހަކު ވަކިވާކަށް ނޭދެން." ރަނީމް ވެސް ބުނެލިއެވެ. އޭނަގެ ދެލޮލުން އުފާވެރިކަމުގެ ކަރުނަ ނީރައިލިއެވެ.

"މި އުފާވެރި ރޭވެސް ރޮނީތަ؟" ނާވީ ރަނީމްގެ ލޮލުގައި ބޮސް ދިނެވެ.

"އުފަލުން...." ރަނީމްއަށް ބުނެވުނެވެ.

"އަހަރެން ހުއްޓާ އިރާދުކުރެއްވިއްޔާ ދުވަހަކުވެސް ރަނީމް ދެރަވާކަށް ނުޖެހޭނެ. ރަނީމްގެ އުވާފެރިކަމުގެ ހުރިހާ ޒިންމާއެއް އަހަރެން ނަގާނަން." ނާވީ ބުނެލިއެވެ. ރަނީމް ނާވީގެ ގައިގައި ބައްދާލިއެވެ. އޭނަ އިރުކޮޅަކު އެގޮތުގައި ހުއްޓެވެ. ދުރުވެލުމަށްފަހު، ހިނިތުންވެލާފައި ރަނީމް ފަހަތަށް ފިޔަވަޅެއް އަޅައިލިއެވެ. އޭނަގެ ދެލޮލުގެ ވިދުން ގަދަވެލުމާއެކު، ރަނީމް ދެ އަތް ފުޅާކޮށްލިއެވެ. އެހިނދު ކުއްލިއަކަށް އެރި ނޫކުލައިގެ އަލިކަމާއެކު އޭނަގެ ވަރަ ހުޅުވިގެން ދިޔައެވެ. ކައިރީގައި ނޫކުލައިގެ ކުދި ކުދި ދިއްލޭ އަލިގުޅަތަކެއްވެސް ހަރަކާތްތެރިވާން ފެށިއެވެ. ބިއްލޫރިކޮޅެއްހެން ހީވާ ވަރައިގެ އެކި ދިމަދިމާލުގައި ހުރި ނޫކުލައިގެ އަލިކޮޅުތައް ޖަވާހިރުކޮޅުތަކެއް ފަދައިން ވިދަމުން ދިޔައެވެ. އެ ވަރައިގެ ރީތިކަން އެހެންޏާ ފެންނަ ގޮތަށްވުރެ މާ ފުރިހަމަވެފައި ރީތިހެން މިރޭ ހީވެއެވެ. ނާވީމެންގެ ވަރައާއި ރަނީމްގެ ވަރައިގެ އެންމެ ބޮޑު ތަފާތަކީ ނާވީމެންގެ ވަރައިގައި ހުންނަ ފެހިނޫ އަލިކަން ހުންނަނީ ވަރަޔަށް އެކީ ފެތުރިފައި ހުންނަ ފަދަ ގޮތަކަށެވެ. ނާވީއަށް ރަނީމްއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ރަނީމްގެ ރީތިކަމުން އޭނައަށް އަސަރުތަކެއް ކުރުވަމުން ދިޔައެވެ.

ރަނީމް ފަހަތަށް ފިޔަވަޅެއް އަޅާލުމަށްފަހު، އޭނަ އަތުލާށޭ ބުނެފައި ދާންވެގެން އުޅުނު ނަމަވެސް، ނާވީ އެ ފުރުސަތެއް ނުދިނެވެ. އޭނަ އެ ދިޔަ ގޮތަށް ގޮސް ރަނީމްގެ ކުރިމައްޗަށް އަރާ އެ އަތުތެރޭގައި ހައްޔަރުކޮށްލިއެވެ.

"މީ އަހަންނަށް މާ އުނދަގޫކަމެއް ނޫން..." އޭނަ އެހުރި ގޮތަށް ހުރި ބުނެލިއެވެ. އޭނަ ރަނީމްގެ އިސް އުފުލައިލިއެވެ. އެ ދެލޮލަށް ބަލައިލުމަށްފަހު، ކޯތާފަތުގއި ފިރުމައިލިއެވެ. ލޯބި ވާވާހަކަ ހާމަކުރިއެވެ. ރަނީމްވެސް މެއެވެ. އެ މާހައުލުގައި އެ ދެމީހުން ނޫން އެހެން މަޅްލޫޤެއްގެ ހިލަމެއް ނުވެއެވެ. ދެމީހުން އެކަކު އަނެކަކަށް އެތަކެއް ވައުދެއްވިއެވެ. ހަނދުވަރުގެ އަލީގައި ނާވީއާއި ރަނީމްއާ ދެމީހުން އެކަކު އަނެކަކުގެ އަތުތެރޭގައި ތިބިއިރު، މުޅި މާހައުލުވެސް ހީވަނީ އެ ދެމީހުންނަށް މަރުޙަބާ ކިޔަމުން ދިޔަހެންނެވެ. ނާވީގެ އަތުތެރެއިން ދުރުވާކަށް ރަނީމްވެސް ނޫޅުނެވެ. އެ ތޫނު ދެލޮލަށް ގެއްލިފައި އޭނައަށް ވެސް ހުރެވުނީއެވެ. އެ ދެލޮލުގެ ފުންކަމުގެ ތެރެއިން އޭނައަށްޓަކައި ވާ ލޯބި ސާފުކޮށް ފެންނަމުން ދިޔައެވެ. އުންމީދަކީ އަބަދުވެސް އެކުގައި ވުމެވެ. އެ ލޯތްބަށް ދުވަހަކުވެސް ނިމުމެއް ނައުމެވެ.

(ނިމުނީ)

ނޯޓް: ٱلْحَمْدُ لِلَّٰهِ. ވާހަކަ ނިންމާލުމުގެ ހެޔޮ ތައުފީޤު ދެއްވިކަމަށްޓަކައި މާތް ﷲ އަށް ޙަމްދާއި ޝުކުރުކުރަން. ވާހަކަ ފެށިގެން ނިމެންދެން ވިދާޅުވި ހުރިހާ ކިޔުންތެރިންނަށް ވެސް ވަރަށް ބޮޑަށް ޝުކުރުދަންނަވަން. ވާހަކަ ކުރިއަށް ގެންދެވުނީ ކިޔުންތެރިންގެ ފަރާތުން ވާހަކައަށް ދެއްވި ތަރުހީބާއި އެއްބާރުލުމުގެ ސަބަބުންކަން އުފަލާއެކު ފާހަގަކޮށްލަން. ހަމައެއާއެކު ވާހަކަ ފެށިގެން ނިމެންދެން ކޮމެންޓްކުރި ހުރިހާ ކިޔުންތެރިންނަށް ވެސް އިޚްލާސްތެރިކަމާއެކު ޝުކުރުރައްދުކުރަން. މި ވާހަކައަކީ ވެސް ތިޔަ ކިޔުންތެރިންނަށް ކަމުދިޔަ، ތަފާތު ރީތި ވާހަކައަކަށް ވީކަމަށް އުންމީދުކުރަން.

ޝުކުރިއްޔާ!

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު