"ބައިނަލްއަޤްވާމީ މިފަދަ މުބާރާތެއްގެ އެއްވަނަ ހޯދުމަކީ ތާރީޚީ ފަޚުރެއް"

މުބާރާތުގެ އެއްވަނަ ހޯދި ރާއްޖޭގެ ފިރިހެން ގައުމީ ފުޓްސަލް ޓީމު--

ގައުމީ ފުޓްސަލް ޓީމުގެ ކާމިޔާބީއަކީ ޤައުމީ ރޫޙާއި ޢަޒުމުގައި ހިތްވަރުކޮށް ކާމިޔާބު ހޯދުމުގައި ދެވަނައެއް ނެތް ރީތި ނަމޫނާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ބޫޓާނާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް، ޤައުމީ ޓީމުން މުބާރާތުގެ ޗެމްޕިއަންކަން ހޯދުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ، އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ހިއްސާކުރެއްވި ޕޯސްޓުގައި ވަނީ، ކުޅިވަރުގެ މައިދާނުގައި ދިވެހި ހިތްވަރުގަދަ ދަރީން ހޯދަމުންދާ ރަން ވަނަތައް އިތުރުވުމަކީ، ޤައުމުގެ މުސްތަޤުބަލަށް އުޖާލާކަން ލިބޭކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ވަކީން ޚާއްޞަކޮށް، ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، ބައިނަލްއަޤުވާމީ މިފަދަ މުބާރާތެއްގެ އެއްވަނަ ހޯދުމަކީ ތާރީޚީ ފަޚުރެއްކަމަށާއި، މިއީ ޤައުމީ ރޫޙާއި ޢަޒުމުގައި ހިތްވަރުކޮށް ކާމިޔާބު ހޯދުމުގައި ދެވަނައެއް ނެތް، ރީތި ނަމޫނާއެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މުބާރާތުގައި ޤައުމީ ޓީމުން ހޯދި ކާމިޔާބީއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުހައްމަދު ލަޠީފު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ވަނީ، މި ތާރީޚީ ކާމިޔާބީއަށްޓަކައި، ޤައުމީ ފުޓްސަލް ޓީމަށް ތަހުނިޔާ ވިދާޅުވެ، މި ކާމިޔާބީއަކީ، ޒުވާން އެތުލީޓުންނަށް ލިބޭ ހިތްވަރަކަށް ވާނޭކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.

މިއީ ފުޓްސަލްގެ ތާރީހުގައި ރާއްޖެއިން ހޯދި ފުރަތަމަ ބައިނަލްއަޤްވާމީ ތައްޓެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު