އެމެރިކާގައި ޓިކްޓޮކް ހިންގުން އެމެރިކާ ކުންފުންޏަކާ ހަވާލުކޮށްފި

މި ކުންފުނީގެ ބޯޑުގެ އަޣުލަބިއްޔަތު އޮންނާނީ އެމެރިކާ މީހުންނަށް ---

އެމެރިކާގެ ސަރުކާރާއި ޓިކްޓޮކާ ދެމެދު އުފެދިފައިވާ ދިގުލީ އަރާރުންތަކަށް ނިމުމެއް އައިސް، އެމެރިކާގައި އެ އެޕް ހިންގުމަށްޓަކައި "ޓިކްޓޮކް ޔޫއެސްޑީއެސް ޖޮއިންޓް ވެންޗާ" ރަސްމީކޮށް ބުރާސްފަތި ދުވަހު އުފައްދައިފިއެވެ.

މި އާ ކުންފުނި އުފެއްދީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސެޕްޓެންބަރު 25، 2025 ގައި ސޮއިކުރެއްވި އެގްޒެކެޓިވް އޯޑަރަކަށް ފަހުގައެވެ. މި ކުންފުނީގެ ބޯޑުގެ އަޣުލަބިއްޔަތު އޮންނާނީ އެމެރިކާ މީހުންނަށެވެ. އަދި، އެމެރިކާގެ ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކުގެ ހުރިހާ މަޢުލޫމާތެއް ދެން ރައްކާކުރާނީ އެމެރިކާގެ "އޮރަކަލް" ކުންފުނީގެ ކްލައުޑް ސިސްޓަމްގައެވެ.

މި ޖޮއިންޓް ވެންޗާގެ މައިގަނޑު ހަތަރު މަސްއޫލިއްޔަތެއް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ޔޫޒަރުންގެ ޕްރައިވެސީ ރައްކާތެރިކުރުމާއި، ކޮންޓެންޓް ރިކޮމެންޑްކުރާ 'އެލްގޮރިދަމް' އަލުން ތަރުތީބުކުރުމާއި، އެޕްގެ ސޯސް ކޯޑުތައް ރިވިއުކުރުން އަދި ކޮންޓެންޓް މޮޑަރޭޝަން ނުވަތަ ފިލްޓާ ކުރުމުގެ ސިޔާސަތުތައް ހިމެނެއެވެ.

މި އާ ކުންފުނީގެ 15 އިންސައްތަ ހިއްސާކުރަނީ ސިލްވާ ލޭކް، އޮރަކަލް އަދި އެމްޖީއެކްސްއެވެ. ޗައިނާގެ ބައިޓްޑާންސް ކުންފުންޏަށް އޮންނާނީ 19.9 އިންސައްތަ ހިއްސާއެވެ. މި ކުންފުނީގެ ދަށުން ޓިކްޓޮކްގެ އިތުރުން ކެޕްކަޓް އަދި ލެމަން8 ފަދަ އެޕްތައް ވެސް އެމެރިކާގައި ހިންގާނެއެވެ.

https://sun.mv/215810

ކުންފުނީގެ ބޯޑުގައި ހަތް މެންބަރުން ތިބޭއިރު، އޭގެ ތެރޭގައި ޓިކްޓޮކްގެ ގްލޯބަލް ސީއީއޯ ޝޯ ޒީ ޗޫ ހިމެނެއެވެ. ނަމަވެސް، އެމެރިކާގެ އާ ކުންފުނީގެ ސީއީއޯއަކަށް ހަމަޖައްސާފައިވަނީ އެޑަމް ޕްރެސާއެވެ. އަދި، ޗީފް ސެކިއުރިޓީ އޮފިސަރަކީ ވިލް ފަރެލްއެވެ.

މި ވަގުތަށް ޓިކްޓޮކްގެ ޔޫޒަރުންނަށް މާ ބޮޑު ބަދަލެއް ފާހަގަނުވި ނަމަވެސް، ކުރިއަށް އޮތް ހަފުތާތަކާއި މަސްތަކުގެ ތެރޭގައި ޓިކްޓޮކްގެ "ފޯ ޔޫ" ޕޭޖުން ފެންނަ ކޮންޓެންޓަށް ބަދަލުތަކެއް އައުން އެކަށީގެންވެއެވެ. އެއީ، އެމެރިކާގެ އާ ކުންފުނިން އެލްގޮރިދަމް އަލުން ތަރުތީބުކުރަން ފަށާތީއެވެ.

މި އެއްބަސްވުމާ ގުޅިގެން ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގައި ވިދާޅުވީ، ޓިކްޓޮކް ސަލާމަތްކޮށްދެވުނީތީ ވަރަށް އުފާކުރައްވާ ކަމަށެވެ. އަދި، މިކަމުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން ދެއްވި އެއްބާރުލުމަށް ވެސް ޓްރަމްޕް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މިއާއެކު، އެމެރިކާގައި ޓިކްޓޮކް ބޭންކުރުމާ މެދު އުފެދިފައި އޮތް ބިރުވެރިކަން މިވަނީ ނިމުމަކަށް އައިސްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު