މިދިޔަ އަހަރު އިންޑިއާގައި ރިކޯޑު އަދަދަކަށް އައިފޯން ވިއްކައިފި، އެޕަލްއަށް ތާރީޚީ ކާމިޔާބެއް

އެޕަލްގެ ސީއީއޯ ޓިމް ކުކް އައިފޯން 17 ޕްރޯ ދައްކާލަނީ --- ފޮޓޯ: ސީއެންބީސީ

މިދިޔަ އަހަރު އިންޑިއާގައި އައިފޯން ވިއްކި މިންވަރު ރިކޯޑު އަދަދަކަށް އަރައި، އެޕަލް ކުންފުނީގެ ތާރީޚުގައި ވެސް އިންޑިއާގެ މާކެޓުގައި އެންމެ ކާމިޔާބު އަހަރަކަށް 2025 ވަނަ އަހަރު ވެއްޖެއެވެ.

މާކެޓް ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ފާއިތުވި އަހަރު އެޕަލްއިން އިންޑިއާއަށް ފޮނުވި (ޝިޕްކުރި) އައިފޯނުގެ އަދަދު ވަނީ 14 މިލިއަނަށް އަރާފައެވެ.

ކައުންޓަޕޮއިންޓް ރިސާޗާ ހަވާލާދީ ޓެކްކްރަންޗްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، 2025 ވަނަ އަހަރު އިންޑިއާގެ ސްމާޓްފޯން މާކެޓުގައި އެޕަލްގެ ހިއްސާ ވަނީ ނުވަ އިންސައްތައަށް އުފުލިފައެވެ. މިއީ 2024 ވަނަ އަހަރު އެ ކުންފުނީގެ މާކެޓް ހިއްސާ އޮތް ހަތް އިންސައްތައާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެކެވެ.

https://sun.mv/212906

އިންޑިއާގެ މުޅި ސްމާޓްފޯން މާކެޓް 152 މިލިއަން ޔުނިޓުގައި މާ ބޮޑު ބަދަލެއް ނައިސް ހުރި ނަމަވެސް، އެޕަލްއިން ވަނީ އެ ގައުމުގައި ބޮޑު ކުރިއެރުމެއް ހޯދާފައެވެ. މާކެޓް ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ އެންމެ ފަހުގެ އައިފޯން 17 ސީރީޒްގެ އިތުރުން، އައިފޯން 16 އަދި އަގުހެޔޮ މޮޑެލްއެއް ކަމަށްވާ އައިފޯން 16އީ އަށް އޮތް ތަރުހީބެވެ.

މީގެ އިތުރުން، އިންސްޓޯލްމަންޓަށް ފައިސާ ދެއްކޭނެ ފަސޭހަ ގޮތްތަކާއި ބޭންކުތަކުން ދޭ ޚާއްސަ އޮފާތަކުގެ ސަބަބުން އައިފޯން ގަންނަ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.

އެޕަލްއިން އަންނަނީ ޗައިނާގެ ބަދަލުގައި އިންޑިއާގައި ފޯނު އުފެއްދުމުގެ މަސައްކަތް ބާރުމިނެއްގައި ފުޅާކުރަމުންނެވެ. އިންޑިއާގެ އިލެކްޓްރޯނިކްސް އެންޑް އައިޓީ މިނިސްޓަރު އަޝްވިނީ ވައިޝްނައު ހާމަކުރެއްވި ގޮތުގައި، "މޭކްއިން އިންޑިއާ" އިނީޝިއޭޓިވްގެ ދަށުން އިންޑިއާގައި އުފެއްދި 50 ބިލިއަން ޑޮލަރުގެ (ގާތްގަނޑަކަށް 4.51 ލައްކަ ކްރޯޑް ރުޕީސް) އައިފޯން މިހާތަނަށް ވަނީ އެކްސްޕޯޓްކޮށްފައެވެ.

ފޮކްސްކޮން ފަދަ ކުންފުނިތަކާ ގުޅިގެން އިންޑިއާގައި ފޯނު އުފައްދަމުންދާ އެޕަލްއިން ހިނގަމުންދާ 2026 ވަނަ މާލީ އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި އެކަނި ވެސް 16 ބިލިއަން ޑޮލަރުގެ ފޯނު ވަނީ ބޭރު ގައުމުތަކަށް އެކްސްޕޯޓްކޮށްފައެވެ. އިންޑިއާގެ މާލީ އަހަރު ނިމެން އަދި ދެ މަސް ދުވަސް އޮތުމާ އެކު، މި އަދަދު މިއަށްވުރެ އިތުރުވާނެ ކަމަށް ބެލެވެއެވެ. އިންޑިއާގައި މާލީ އަހަރު ފެށެނީ އޭޕްރީލް އެއްވަނަ ދުވަހެވެ. އަދި، ނިމެނީ ޖެހިގެން އަންނަ އަހަރުގެ މާރިޗު 31 އަށެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ސްމާޓްފޯން މާކެޓުގެ ގޮތުގައި އޮތް އިންޑިއާގައި އެޕަލްއިން ހޯދަމުން އަންނަ މި ކާމިޔާބީއަކީ އެ ކުންފުނިން އެ ގައުމަށް ދޭ އިސްކަން ހާމަކޮށްދޭ ކަމެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު