އިންޑިއާގެ ފިލްމީ ތަރިންނަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އިންޓަނެޓުގައި ފާޑުކިޔަމުން އަންނަ އެކްޓަރު/ޕްރޮޑިއުސަރު ކަމާލް އާރް ޚާން ދިރިއުޅޭ ގެ ހުންނަ ސަރަހައްދުގައި ބަޑިޖެހި މައްސަލައަކާ ގުޅިގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ކޭއާރްކޭގެ ނަމުން މަޝްހޫރު ކަމާލް ބަޑިޖެހި ސަރަހައްދަކީ އިންޑިއާގެ މަގުބޫލު ފިލްމު ޑައިރެކްޓަރު ނީރަޖް ކުމާރު މިޝްރާ ވެސް ދިރިއުޅޭ ގެ ހުންނަ ސަރަހައްދެވެ.
މުމްބާއީ ފުލުހުން ކަމާލް ހައްޔަރުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ އޭނާގެ އަމިއްލަ ސްޓޫޑިއޯގައި ހުއްޓައެވެ. މި މައްސަލައާ ގުޅިގެން ފުލުހުންނަށް ދިން ބަޔާނުގައި ކޭއާރްކޭ ބުނީ، ހަތަރު ބުރަކަށް އޭނާގެ އަތުގައި އޮތް ބަޑިން ވަޒަންތަކެއް ދޫކޮށްލި ކަމަށެވެ.

ފިލްމު އެކްޓަރު އަދި ޕްރޮޑިއުސަރު ކަމާލް ޚާން--ފޮޓޯ/ބޮލީވުޑްހަންގާމާ
އެއީ، އެއްވެސް މީހަކަށް ގެއްލުމެއް ދިނުމުގެ ބޭނުމުގައި ކުރި ކަމެއް ނޫން ކަމަށާއި އެކަމެއް ހިނގީ އޭނާ ގެންގުޅޭ ބަޑި ސާފުކުރުމުގެ މަސައްކަތް ކުރުމުގެ ތެރޭ ނޭނގުމެއްގައި ކަމަށް ކޭއާރްކޭ ވަނީ ބުނެފައެވެ. އެއީ އެ ބަޑީ ޓެސްޓް ކުރުމުގެ ގޮތުން ކުރި ކަމެއް ކަމަށް ވެސް ތަހުގީގައި އޭނާ ވަނީ ބުނެފައެވެ.
ކޭއާރްކޭ އަތުގައި އޮންނަނީ ކަމާބެހޭ އިދާރާއިން ހަތިޔާރު ގެންގުޅުމުގެ ހުއްދަ ދީފައި އޮންނަ ލައިސަންސް ބަޑިއެއް ކަމަށްވީ ނަމަވެސް ފުލުހުންގެ ތަހުގީގަށް އޭނާ ގެންގުޅޭ ބަޑި ވަނީ ނަގާފައެވެ.
އޭނަ ބަޑި ޓެސްޓްކުރުމުގެ ގޮތުން ހަމަލާ އަމާޒުކުރީ ގޭގެ ކުރިމަތީގައި ހުރި ބިޔަ ގަހަކަށް ކަމަށާއި ނަމަވެސް ހީކުރިގޮތާ ޚިލާފަށް ބަޑީގެ ވަޒަން ކޭއާރްކޭ ދިރިއުޅޭ އިމާރާތުގެ ތެރެއަށް ދަތުރުކުރީ ކަމަށް ވަނީ ބުނެފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނެތް ނަމަވެސް ކޭއާރްކޭ އަދިވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. މި މައްސަލައިގެ ތަހުގީގު ނިމުނުހާ އަވަހަކަށް ކޭއާރްކޭއަށް ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް މުމްބާއީ ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ވަނީ ބުނެފައެވެ.