ކެމޮމައިލް ފަހު ބައި

"ހަޔާތަކީ ކުޑަ ދުވަސްކޮޅެއްގެ އިމްތިހާނެކެވެ. ތިބާ އެންމެ ލޯބިވާ އެއްޗެހިންވެސް އިމްތިހާން އަންނާނެއެވެ. ދުނިޔޭގައިވާ ކޮންމެ އެއްޗަކަށް ނިމުން އަންނާކަމީ ފެންނަން އޮތް ހަގީގަތެވެ. މުދަލާއިި ލޯބިވާ މީހުންވެސް ވަކިވެގެން ދާނެއެވެ. އެކަންތައްތަކަށް ކެތްތެރިވެ ﷲ ތައާލާއަށް ހަމްދުކޮށް ވަކީލުކުރާށެވެ. ހަނދާންކުރަންވީ މިއީ ވަގުތީ ފާލަމެއްކަމެވެ. ދާއިމީ ގެދޮރު ބިނާކޮށް މިއީ އަބަދަށް އުޅެންވީ ދުނިޔެކަމުގައި ނުދެކެ ހަގީގީ މަންޒިލަށް ދަތުރު ހެދުމުން ދުނިޔެއާއި އެހާ ދޯޅެއް ނުވާނެއެވެ. ކިތަންމެ އެއްޗެއް އެއްކުރިޔަސް ދާނީ ހުސްއަތާއެވެ. ތިބާއާއެކު ވާނީ ހެޔޮ އަމަލުތަކެވެ."

***

އަހަރެން ރުއީ މިރިއަމް ގާތުގައި ހުރިއިރުވެސް "ހަނދާން"ވާވަރުންނެވެ. އަދިވެސް މިރިއަމް އަހަރެންގެ ގާތުގައިވާތީއެވެ. އެދެ ކަންތައް އެއްފަހަރާ ކުރާނެގޮތެއް ނުވިސްނޭތީއެވެ. އަހަރެން ފެންފޮދަކުން މޫނު ދޮވެލައިގެން ކޮޓަރިއަށް އަނބުރާ ވަންއިރު މިރިއަމްއޮތީ ހޭލައެވެ. ސީލިންއަށް ނަޒަރު ހުއްޓާލައިގެން އޮވެ ނާނާއެއް އަޅުވާލައިގެންނެވެ. އަހަރުތަކެއްކުރިން އަހަންނަށް ކިޔައިދިން ލަވައެކެވެ. ގާތުގައި އިށީނުމުންވެސް ބަލައެއްނުލައެވެ. އެކަމަކު ސިކުންތުކޮޅެއްފަހުން އަތުގައި ހިފެހެއްޓިއެވެ. ކޮންމެހެން އެނގިގެނެއް ނޫނެވެ. އެ ހަލާކުވެފައިވާ ބިރުވެރި ދުނިޔޭގައިވެސް އަހަރެންގެ ސަބަބުން ސަލާމަތާއި ރައްކާތެރިކަން އިހުސާސްކުރެވޭތީއެވެ.

މިރެއަށް އެވަރުން ފުދެއެވެ.

***

މިރިއަމް އަށް ނިދުނުއިރެއް އޭނައަކަށް ނޭގެއެވެ. އޭނައަށް އިހުސާސްވީ ފިނިވައިރޯޅީގައި ވާރެއާއި ލޮނުގެ އަސަރު އެކުލެވޭކަމެވެ. ހަމްޒާ އޭނަގެ މޫނުގައި ދެއަތުން ހިފެހެއްޓިއިރު އިނގލިތައް ތުރުތުރުލީކަމެވެ. އޭގެފަހުން ވީނުވީއެއް ނޭގުނެވެ. އޭނައަށް ހޭލެވުނުއިރު ދުނިޔެ ހިމޭންވެ މަންމަންވެފައިވާފަދައެވެ. ފުރަތަމަވެސް ފެނުނީ ހުދެވެ. ބިރުވެރިކަމުން ލޯ ކަނުވާފަދަ ހުދުކަމެއް ނޫނެވެ. އެއަށްވުރެ މަޑު ކުލައެކެވެ. ފަރުދާގެ ތެރެއިން އަލި ދަތުރުކުރާފަދައެވެ. ބޯ މަތިން ސީލިން ފެނުނަސް ދެނެ ފަރިތަ ތަނަކަށް ނުވިއެވެ. އެއް ރާގަކަށް ކޮންމެވެސް ކަހަލަ އަޑެއް ކަންފަތުގައި ހަރުލިއެވެ. ރާޅުތައް އަދި ވާރޭގެ އަޑެއްވެސް ނޫނެވެ.

އެއީ މެޝިނެއްގެ އަޑެވެ.

އޭނަ ހިރިވެސް ނުލާ އޮތީ ގުޑާލިޔަސް މި ނާޒުކް ހިމޭންކަން ހަލާކުކޮށްލަފާނެތީއެވެ. އަމިއްލަ ހަށިގަނޑު ބުރަހެލިވެފައި، އެނދުގައި ނަގިލިއަޅާފައިވާ ފަދައެވެ. އޭނަ އަތްތިލަ ނަގާފައި ބަލައިލުމާއެކު ސިހޭގޮތްވިއެވެ.

އަތްތިލައިގެ ސިފަ ހުރީ އޭނަ އުއްމީދުކުރިގޮތަކަށް ނޫނެވެ.

ހަންގަނޑު ތުނިވެފައި ރޮގުތައް ލާފައެވެ. ނޫކުލައިގެ ނާރުތައް ވައިރުތަކެއްހެން ފެންނާން ހުއްޓެވެ. އޭނަ އަތްތިލަ އަނބުރައިލުމުން ކުޑަކޮށް ތުރުތުރުލީކަން އެނގުނެވެ. އޭނައަށް ބުމަ ކައިރިކޮށްލެވުނެވެ.

"މާބޮޑަށް ވަރުބަލިވީކަމަށްވާނީ...."އަމިއްލަ އަޑު އިވުމުންވެސް ސިހުނެވެ. މާ ބަރުވެފައި ދުވަސްވީ މުސްކުޅިއެއް ފަދައިންނެވެ. އޭނަގެ ޚިޔާލުގައިވާ މިރިއަމްގެ ޒުވާންކަމާއި ޖޯޝުން ފުރިފައިވީ އަޑެއް ނޫނެވެ.

އޭނަ މޫނު އަނބުރައިލިއިރު އެނދުކައިރީގައި ހުރި ގޮނޑީގައި މީހަކު އިށީދެލައިގެންއިނެވެ. ހުދުކުލައިގެ ހެދުމެއްގައެވެ.

އެއީ ކޮންމެ ކޮންމެ މީހެއް ނޫނެވެ. އޭނައާއެކު އަބަދު ހިޔަނިފަދައިން ވީ ޝަޚުސެކެވެ. ރަށުގައިވެސް އަދި ކުޑައިރުވެސް އަބަދު އޭނައަށް ފެންނަމުން ދާ ޒުވާނާއެވެ. އެއީ ދެނެފަރިތަ މޫނެކެވެ. އެ ޒުވާނާ ކުޑަކޮށް ކައިރިވެލުމުން މޫނަށް އަލި އެޅުމާއެކު ސާފުކޮށް ފެނުނެވެ. އެއީ ޖިންނިއެއްނޫނެވެ.

"ހަމްޒާ..."

ހަމްޒާގެ ލޮލުގެ ވިދުން ގަދަވިއެވެ. އެތައް ފަހަރު "ޒުބޭރު"ގެ ނަން އަޑުއިވި އެންމެފަހުން އޭނަގެ ނަމުން ގޮވައިލުމުން ހިތަށް ހޫނުކަމެއް އިހުސާސްވިއެވެ.

މިރިއަމް އެ މޫނަށް ބަލަން އޮތްވާ ޔަގީންވީ މިއީ އޭނަ ދަންނަ ހަމްޒާ ނޫންކަމެވެ. އޭނައާއިއެކު މަގުމަތީގައި ހިނގާ އުޅުނު އަދި ތެމިފޯވެގެންހުރެ ކައިރީގައި ކުޑަކަކޫ ޖައްސާލައިގެން އިން ހަމްޒާއެއް ނޫނެވެ. މި މީހާގެ އިސްތަށިގަނޑުގައި ރިހިކުލައިގެ އިސްތަށިތައް އެބަހުއްޓެވެ. ލޮލުގެ ކައިރީގައި ކުދި ރޫތަކެއް ފައުޅުވެއެވެ.ކޮނޑު ސޮއްސާލައިގެން އިންގޮތުން ދުނިޔެ ކޮނޑަށް ލައިގެން އިންފަދައެެވެ.

މީހާ ބަދަލުވިޔަސް ލޮލުގައި ތަފާތެއް ނެތެވެ. ހަމްޒާގެ ލޮލެވެ. އެ ވިދުމެވެ. ތޫނުކަމެވެ.

"މިރިއަމް..."ހަމްޒާގެ އަޑުގައިވެސް ވީ ކުލުނެވެ.

"އާން...." އަޑުގައި ޔަގީންކަމެއްނެތެވެ." އެއީ އަހަރެން..."

އޭނަގެ މޫނުމަތީގެ އަސަރުތަކަށް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބުނެވެ. ހިނދުކޮޅަކަށެވެ. މިިރިއަމްގެ އެފަދަ ވަގުތުކޮޅުޔަކަށް އެވަރަށް އިތުބާރުކޮށްގެން ނުވާނެކަމަށް އޭނައަށް ތަޖުރިބާކުރެވިފައިވިއެވެ.

"މިރިއަމްއަށް ހޭލެވުނީ ދޯ...."

މިރިއަމް ވަށައިގެން ނަޒަރު ހިންގައިލިއެވެ. އެނދާއި ވަށައިގެންވާ ރެއިލިންއާއި އައިވީލައިންއަށެވެ.

"އަހަރެން މިއޮތީ ކޮންތަނެއްގައި؟"

"ހޮސްޕިޓަލުގައި...."އޭނަ ޖަވާބުދިންއިރު އަޑު އެއްވަރަކަށް ހިފެހެއްޓި އާދަވެފައިވާފަދައެވެ. ނަމަވެސް އެތެރެހަށީގެ ކޮންމެވެސް ދިމާލަކުން ތުރުތުރުލައިގެން ދިޔައެވެ.

"އަހަރެން ވެއްޓުނީ؟" މިރިއަމް ވިސްނަން އޮވެފައި އަހައިލިއެވެ.

"އާނ..މާ ބޮޑަށް ވަރުބަލިވީ..."

އެވާހަކައިގާ ތެދުވެރިކަން ވާކަމަށް އިހުސާސްކުރެވުނެވެ.

މިރިއަމް ކުޑަކޮށް އަރިއަކަށް އޮށޯންނަން އުޅުމުން އިސްތަށިގަނޑުން ބަޔެއް މޫނަށް ފައިބައިގަތެވެ. އިސްތަށިގަނޑުގައި ހުރީ ހުދުކުލައެވެ. މިރިއަމް ގަނޑުވާގޮތްވިއެވެ. މިރިއަމް އިސްތަށިގަނޑު އަތަށް ނަގަމުން އެންމެ އިސްތަށްޓަކަށް ވަކިން ބަލައިލީ ފަރުވާތެރިކަމާއެކުގައެވެ. އިރުގެ އަލީގައި ދިއްލި ހުދުކުލަ އަރާފައިވިއެވެ. އެކަތި ދޭއްޗެއް ނޫނެވެ. ގިނައީ އެކުލައިގެ އިސްތަށްޓެވެ.

"މިއީ.......ގޯހެއް އެބައުޅޭ...އިސްތަށިގަނޑަށް ކިހިނެއްވީ؟"

އޭނަ ބަލަހައްޓައިގެން އިނީ ފަރުވާތެރިކަމާއެކުގައެވެ. ދެއަތް މަހާލައިގެން އިނީ އަމިއްލަ ނަފުސްވެސް ސާބިތުކުރަން މަސައްކަތްކުރާފަދައިންނެވެ.

"އަހަރެންގެ އުމުރު؟" މިރިއަމް ސުވާލުކުރިއެވެ.

އޭނަ ވަގުތުން ޖަވާބެއް ނުދިނެވެ. އެ ހިމޭންކަން މިރިއަމްއަށް ހުރިހާ އެއްޗެއް ބުނެދިނެވެ.

""މިރިއަމްއަށް ހަތްދިހަ އެއް އަހަރުވީ...."ހަމްޒާ އޭނަގެ އަތުގައި މަޑުމަޑުން ފިރުމައިލިއެވެ.

އެނަމްބަރުވެސް އޭނަގެ ސިކުނޑީގައި ހިރަފުސްފަދައިން މަޑުމަޑުން އެއްވެގަތެވެ. ސިހި ބިރުގަންނާނެކަމަށްވެސް ހީކުރެވުނެވެ. ސިކުނޑި އެކަން ދޮގުކުރާނެކަމަށްވެސް ހީވިއެވެ. ހަމްޒާއާއި އަރައިރުންވެ ދެކޮޅުހަދާނެފަދަ އެދުމެއްވެސް އުފެދިދާނެކަމަށް ވިސްނުނެވެ. ނަމަވެސް އެއިން އެއްވެސް އިހުސާސެއް ހޭނުލިއެވެ. އިހުސާސްތައް ނިދަންފެށީއެވެ. އޭގެ ބަދަލުގައި ސިކުނޑީގައިވިހާ ބުރަދަނެއް ފިލާ ހަމަޖެހުން ލިބުނުފަދައެވެ.

"އޯ....."މިރިއަމް ބާލީސްތަކަށް ލެނގިލަމުން ސީލިންއަށް ނަޒަރު ހުއްޓާލައިގެން އޮތްއިރު އެކި ތަސްވީރުތައް އަރާ ފައިބަމުން ދިޔައެވެ. ކޮންމެހެން އެހާ ތަރުތީބަކުން ނޫނެވެ. އެހާ ސާފެއްވެސް ނޫނެވެ. ލޮނު ނާޅާ ކެއުމެކެވެ. ކުޑަކުއްޖެއްގެ ހުނުމެވެ. ވާރެއެވެ. މޫދުކައިރީގައި ހުރި ދިގު ގޮނޑިއެކެވެ. ކެމޮމައިލް ވަސް އެކުލެވޭ މަންމަގެ އަތްތިލައެވެ.

"މަންމަ.....މަގޭ މަންމަ އަންނާނެ ދޯ..."މިރިއަމް ވައި އަޑަކުން އަހައިލިއެވެ.

އޭނައަށް ހިނދުކޮޅަކަށް ލޯ މަރައިލެވުނެވެ.

"ނޫން މިރިއަމް..މަންމަ މާކުރިން ދުނިޔެއާއި ވަކިވެގެން ހިގައްޖެ...."

މިރިއަމް އެއްބަސްވުމުގެ ގޮތުން ބޯ ޖަހައިލިއެވެ. ހަމްޒާ އެބުނީ ތެދަކަށް ވެދާނެއެވެ.

"މަރްވާ ކޮބާ؟ މަރްވާ ވަރަށް ކުޑަ ދޯ...."

"ނޫން މިރިއަމް..މަރްވާވެސް ބޮޑުވެ މީހަކާއި އިނދެގެން ދިރިއުޅުމެއް ފަށައިފި..ކޮންމެ ދުވަހަކު އެތައް އިރެއްވާންދެން މިރިއަމްގާތުގައި އިނދޭ..." އޭނަގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އެ ކުޑަ އާދައިންވެސް ދޭހަކޮށްދިނީ އޭނަގެ ހިތުގައި ދަރިފުޅަށްޓަކައި ވާ ލޯތްބާއި ފަޚުރެވެ.

"އަހަރެން މަރްވާއަށް ދުވަހަކުވެސް އަނިޔާއެއް ކުރިންތަ؟" މިރިއަމް އޭނައާއި ދިމާލަށް ބަލަން އިތެވެ.

"ނޫން.....ވަރަށް ވަރަށް ލޯބިވި..." އޭނަ ޔަގީންކަންދިނެވެ.

މިރިއަމް އޭނަގެ މޫނު ދިރާސާކުރަމުން ދިޔައެވެ."އަބަދުވެސް އަހަންނާއެކު ހަމްޒާ ވީމެއްނު....ނެތްކަމަށް ހީކުރިއިރުވެސް...."

"އާނ...."އޭނަގެ އަޑު މަޑުވެ ޖަޒުބާތީވާގޮތްވިއެވެ. ވާހަކަދައްކަންވެސް ފަސޭހައެއްނުވިއެވެ."އަބަދުވެސް ހުރިން....."

އެވަގުތު ކޮޓަރިތެރެއަށް ފޭދިގަތީ ދެނެ ފަރިތަ މަލެއްގެ ވަހެވެ. ކެމޮމައިލްގެ ލުއިވަހެވެ. މިރިއަމް އެތެރެއަށް ނޭވާލުމުން ހިތާއި ރޫހަށްވެސް ތާޒާކަން ލިބުނެވެ."މަންމަ ކޮންމެ ދުވަހަކު މި ސައިބުއި.....މަންމަ ބުނާގޮތުން ސިކުނޑިއަށް އަރާމުލިބޭ......."

އޭނަ އެނދުގެ އަރިމަތީގައި ހުރި ކުޑަ މޭޒުމަތިން ސައިޖޯޑެއް ނެގިއެވެ. "މިރިއަމްވެސް މި ސައިދެކެ އެހާބޮޑަށް ގަޔާވޭ........ކޮންމެ ދުވަހަކު ހަވީރު ކެމޮމައިލް ސައިދޭން ބުނަމެއްނު..........."

މިރިއަމް ދެއަތުން ޖޯޑުގައި ހިފެހެއްޓިއިރު އޭނަވެސް އަތުން ދޫކޮށެއްނުލައެވެ.މިރިއަމް އަމިއްލައަށްވެސް ފާހަގަވީ ދެއަތުގެ އިނގިލިތައް ތުރުތުރުލާވަރެވެ. އޭނަ ސައިތަށި ބޮމުން ދިޔަވަރަކަށް ހަށިގަނޑަށް ހޫނުކަން ފޯރުކޮށްދިނެވެ. ފިޔަވަޅުތަކެއްގެ އަޑު އިވުމުން ބަލައިލިއިރު ދެ އަންހެނުންނެވެ. ހަމްޒާ އެކުވެރިންނަށް ވަގުތުދީފައި އެތަނުން ދާން ހިނގައިގަތެވެ. އެކަކު ހުރީ ނިގާބުގައެވެ. ސާދާ އަބާޔާއެކެވެ. އެ ލޮލުން ފެނުނީ އޯގާތެރިކަމާއި މަޑުމޮޅިކަމެވެ. އެނގުނީ ކިހިނެއްކަމެއް ނުވިސްނުނަސް އެއީ ސަަޔާރާކަން އޭނަ ދެނެގަތެވެ. ކައިރީގައި ދެން ހުރީ ލައިލާކަންވެސް އެނގުނެވެ. ލޯ ތެމި އަތްތިލަ މަހާލައިގެން ހުރިގޮތުން ކަންބޮޑުވެ ހާސްވެފައިކަން ވިސްނުނެވެ.

"މިރިއަމް އަހަރެމެން ބިރުގަންނަވާލައިފި..."ލައިލާ ހިނިތުންވާން ކުރި މަސައްކަތް ނާކާމިޔާބުވިއެވެ.

ސަޔާރާ އެނދުކައިރިއަށް އައިސް މިރިއަމްގެ އިސްތަށިގަނޑުގައި ފިރުމަންފެށިއެވެ." ﷲ އިރާދަކުރެއްވީތީ ސަލާމަތްކުރައްވައިފި...އެވަރުން ފުދޭ.."

އޭނަ މިތާގައި އޮތީ ކޯމާއެއްގައިހެއްޔެވެ؟ ސަޔާރާމެން އެހެން އެބުނީ ކީއްވެހެއްޔެވެ؟ މި އެނދުގައި އޮތްއިރު އޭނަގެ ހަނދާނަށް އަންނަމުން ދިޔައީ ކުރީގެ ހަނދާންތައްހެއްޔެވެ؟ އޭނަ މިހާރު އެކައްޗެއްވެސް ހަނދާނެއްނެތެވެ.

މެޝިނުން އެލާމް އަޅަންފެށުމުން ހަމްޒާ އަވަހަށް އެނދުކައިރިއަށް އައެވެ.

"އަހަރެން ހަނދާންވީ ޅައިރު.....އަދިވެސް މާޒީގައި ކަމަށް ހީކުރީ...."މިރިއަމްގެ އަޑު މަޑުވިއެވެ.

"ސިކުނޑި އަބަދުވެސް ހިފެހެއްޓިފައިވާނީ އެންމެ ރައްކާތެރި ދުވަސްކޮޅުގައި.."ހަމްޒާ ބުނެލިއެވެ.

"އަހަރެންގެ ސަބަބުން ވަރަށް އުދަގޫވިތަ؟"

"ނޫން....."އޭނަ ބޯ ހޫރުވައިލިއެވެ."މިރިއަމްގެ މަންމަ ފަދައިން..."

މިރިއަމްގެ މޫނުމަތިން ފެނުނީ ހަމަޖެހުމާއި އުފާވެރިކަމެވެ. ޅަ ދުވަސް އިއާދަވީފަދައެވެ.

"މަންމަ ވަރަށް ހިތްވަރުގަދަ...."ހަމްޒައަށް ވުރެ ކުރިން މިރިއަމް ބުނެލިއެވެ.

"ޢާނ..މިރިއަމްވެސް ހަމަ އެހެން..."

އެ ޖަވާބުން މިރިއަމްގެ މޫނު މަލެއްފަދައިން ފޮޅުނެވެ. މަންމަފަދަ މީހަކަށްވެއްޖެއްޔާ އޭނަ ދިރިއުޅުނީ ހަމަ އެންމެ ރަގަޅަށެވެ. އޭނަގެ ހަޔާތުގައި ދުށް އެންމެ ހިތްވަރުގަދަ ހިތްހެޔޮ އަދި އަމިއްލަ އެދުމެއްނެތް މީހަކީ މަންމައެވެ. އޭނަ މަންމަފަދަ މީހަކަށްވެފައި މަރްވާ ރަގަޅަށް ތަރުބިއްޔަތު ކުރެވިފައި ވަންޏާ މަންމަފަދަ މިސާލަކަށް ވީއެވެ. އޭނަގެ މަންމަ އޭނަދެކެ އިންތިހާއަށް ލޯބިވިއެވެ. އެއީ އެންމެ ރަގަޅު މަންމައެވެ. އޭނަ ހެއްދެވިފަރާތަށް ހަމްދުކުރިއެވެ. މަޑުމަޑުން ޒިކުރުކުރަންފެށިއެވެ. ގުރުއާންގެ ބައެއް އާޔަތްތައް ހަނދާނުގައި ހަރުލާފައިވިއެވެ.

މިރިއަމް ވަރުބަލިވާންފެށިއެވެ ކުރީގައި އެވާފަދަ އުދަގޫދެނިވި ގޮތަކަށް ނޫނެވެ. މާ ފުން އަދި އަރާމުލިބޭފަދަ ވަރުބަލިކަމެކެވެ.

"ހަމްޒާ...."މިރިއަމް މަޑުމަޑުން ގޮވައިލިއެވެ.

"ޔެސް؟"

"އަހަަންނަށް ހީވަނީ މަންމަ އިންތިޒާރުގައިހެން ހުރީ.."

ހަމްޒާގެ ލޯ ކަރުނުން ފުރިގެން އައެވެ.

މިރިއަމްގެ ތުންފަތަށް ނިކަން ފަނޑު ހިނިތުންވުމެއްވެރިވިއެވެ. ލޮލުގައިވީ ވިދުމާއި އުޖާލާކަމެވެ.

"ހަމްޒާ...އަހަރެންގެ ދިރިއުޅުން ވަރަށް އުފާވެރި....އަލްހަމްދުލިﷲ...."

"އަލްހަމްދުލިﷲ...."އޭނަ ހަނދާންވީ މިރިއަމްއަށްޓަކާ ކުރާ ދުޢާއެވެ. ހުރިހާ އެއްޗެއް ހަނދާނުން ފޮހެވިގެން ދިޔަސް މިރިއަމް އުފަލުގައި ހުރުމަށް އޭނަ އަބަދު ދުޢާކުރަމުން އައީ އިޚުލާސްތެރިކަމާއެކުގައެވެ.

މަރްވާއާއި އާއިލާއަށްވެސް އެންމެ ފަހު ވަގުތު އާދެވުނެވެ. މިރިއަމްގެލޯ އަބަދަށްޓަކާ މެރިގެން ދިޔައިރު ވައިގާ ހިފާފައި ހުރީ ކެމޮމައިލްގެ ވަހެވެ. ހަނދާންތައް މިފަހަރު އެހާ އަވަސްވެގަންނާކަށް ނޫޅުނެވެ. ލަސްލަހުން މާޒީގެ ހުރިހާ އެއްޗެއް ފެންނާންފެށީ ފިލްމެއްގެ މަންޒަރު ފަދައިންނެވެ. މަޑުމަޑުންގޮސް އެއް ދިމާލަކަށް އެއްވެ މަޑުޖެހިލީ ފަތްތައް ގޮސް ސާފު ފެންގަނޑެއްގައި ހަރުލީފަދައިންނެވެ.

ނިމުނީ

މިވާހަކަ ތަރުޖަމާކުރުމުގެ ތައުފީގު ދެއްވިކަމަށްޓަކާ ﷲއަށް ހަމްދުކުރަމެވެ. އަދި ހުރިހާ ކިޔުންތެރިންގެ ތަރުހީބާއި ދެއްވި އެއްބާރުލުމަށް އަޅުގަނޑުމެންގެ ފަރާތުން އިންތިހާއަށް ޝުކުރުވެރިވަމެވެ.

ލަވެންޑަރއާއި ހަޔަސިންތު ފަދައިން ކެމޮމައިލްއަކީވެސް ތަފާތު ރަހަތަކެއް އެކުލެވޭ ރީތި އިނގިރޭސި ވާހަކައެކެވެ. އާއިލާގެ ވަރަށް ޚާއްސަކުއްޖަކު އިނގިރޭސިބަހުން ލިޔުނު މި ވާހަކަތައް ތަރުޖަމާކުރީ މި ވާހަކަތަކުގައި ދީނަށް ލޯބިކުރާ ޝަޚުސުތައް ހުރުމާއެކު ދީނީ މެސެޖްތަކަކާއިއެކު އިބުރަތެއް ހާސިލުވާނެކަމުގެ އުއްމީދުގައެވެ. މިރިއަމްގެ ޑިމެންޝިއާ ދަތުރުގެ ސަބަބުން ހަނދާންނެތުމުގެ ބައްޔާއިމެދު ހޭލުންތެރި ކުރުވުމަކީވެސް އަޅުގަނޑުގެ މަގުސަދެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު