ގޫގުލް ފޮޓޯސް ބޭނުންކުރާ ފަރާތްތަކަށް އަމިއްލަ ފޮޓޯ ބޭނުންކޮށްގެން މަޖާ 'މީމް' ތައްޔާރުކުރެވޭ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފީޗަރެއް ގޫގުލްއިން ތައާރަފުކޮށްފިއެވެ.
"މީ މީމް" ގެ ނަމުން ނަންދީފައިވާ މި ފީޗަރުގެ އެހީގައި، ޔޫޒަރުންގެ އަމިއްލަ ފޮޓޯތައް މަޝްހޫރު މީމް ފޯމެޓްތަކަށް ފައްތާލައި، އެކި ކަހަލަ މަޖާ ލިޔުންތަކާއެކު މީމްތައް އުފެއްދޭނެއެވެ.
މި ފީޗަރުގެ ޚަބަރުތައް އެންމެ ފުރަތަމަ ފެންމަތިވެފައިވަނީ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އޭގެ ތިން މަސް ފަހުން މިހާރު މި ވަނީ ރަސްމީކޮށް މި ފީޗަރު އާންމުކޮށްފައެވެ. ގޫގުލް ފޮޓޯސްގައި މިހާރުވެސް ހިމެނޭ "ކްރިއޭޓް ވިތް އޭއައި"، "ފޮޓޯ ޓު ވީޑިއޯ" އަދި "ކޮލާޖް" ފަދަ އޭއައި ވަސީލަތްތަކަށް މި ފީޗަރުގެ ސަބަބުން އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް ގޫގުލްއިން ބުނެއެވެ.
މި ފީޗަރު ބޭނުންކުރުމަށްޓަކައި ޔޫޒަރުން ފޮޓޯ ލައިބްރަރީން އަމިއްލަ ޕޯޓްރެއިޓް ފޮޓޯއެއް އިޚްތިޔާރު ކުރުމަށްފަހު "ކްރިއޭޓް" ނުވަތަ "މީމް" އޮޕްޝަނަށް ފިއްތާލަން ޖެހޭނެއެވެ. އެއަށްފަހު، ގޫގުލް އިން ދީފައިވާ އެކި ކަހަލަ މީމް ޓެމްޕްލޭޓްތަކުގެ ތެރެއިން ބޭނުންވާ ސްޓައިލެއް ނުވަތަ އަމިއްލަ ޓެމްޕްލޭޓެއް ވެސް ބޭނުންކުރެވިދާނެއެވެ. އޭއައިގެ އެހީގައި އުފައްދާ މި މީމްތަކުގައި ހިމެނޭ ލިޔުންތައް ވެސް ޔޫޒަރުން ބޭނުންވާ ގޮތަށް ބަދަލުކޮށްލުމުގެ ފުރުސަތު އޮވެއެވެ.
ގޫގުލްއިން ހާމަކުރި ގޮތުގައި "މީ މީމް" ފީޗަރު މިވަގުތު ލިބެން ހުރީ ހަމައެކަނި އެމެރިކާގެ ޔޫޒަރުންނަށެވެ. ކުރިއަށް މަދު ހަފްތާތަކެއްގައި ދުނިޔޭގެ ހުރިހާ ހިސާބަކަށް މިފީޗާ ތައާރަފުކުރާނެކަމަށް ރިޕޯޓްތައް ބުނެއެވެ.
މިއީ އިޚްތިޔާރީ ފީޗަރެއް ކަމަށްވާއިރު، ޔޫޒަރު އަމިއްލައަށް ބޭނުންވެގެން ނޫނީ އެއްވެސް ފޮޓޯއަކުން އޭއައި މީމްއެއް ނުހަދާނެ ކަމުގެ ޔަގީންކަން ގޫގުލް އިން ދެއެވެ. މިގޮތަށް އުފައްދާ މީމްތައް ސޭވް ނުވަތަ ޝެއާ ނުކުރާހާ ހިނދަކު، އެ ތަކެތި ހުންނާނީ ހަމައެކަނި ޔޫޒަރުގެ އަމިއްލަ އެޕްލިކޭޝަނުގައެވެ.
މި ފީޗަރު މެދުވެރިކޮށް އުފައްދާ މީމްތަކަކީ އައު ފައިލްތަކެއްގެ ގޮތުގައި ބެލެވޭތީ، އެ ތަކެތި ގޫގުލް ފޮޓޯސްގެ ސްޓޯރޭޖް ލިމިޓުން ޖާގަ ހޭދަވާނެ ކަމަށް ބެލެވެއެވެ.
ގޫގުލްގެ މަގްސަދަކީ ސޯޝަލް މީޑިއާގައި އާންމުކޮށް ބޭނުންކުރާ މީމްތަކުގެ އަސްލު ގެއްލުނަ ނުދީ، މަޖާ ގޮތަކަށް މީހުންނާ ހިއްސާކުރެވޭނެ ވަސީލަތެއް ފޯރުކޮށްދިނުމެވެ.