ފާތިމާއާއި ވިޖޭގެ 'ގުސްތާކް އިޝްޤް' މާދަމާ ސްޓްރީމިންގްއަށް ދޫކޮށްލަނީ

ބޮލީވުޑްގެ ފިލްމީ ތަރިން ކަމަށްވާ ފާތިމާ ސަނާ ޝެއިހާއި ވިޖޭ ވަރުމާ އަލަށް އެކީގައި ކުޅުނު ފިލްމު "ގުސްތާކް އިޝްޤް" ޖިއޯ ހޮޓް ސްޓާއަށް ސްޓްރީމިންގްއަށް ދޫކޮށްލަން ނިންމާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28ގައި ސިނަމާތަކަށް ދޫކޮށްލި މި ފިލްމަކީ އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރު މަނިޝް މަލްހޯތުރާގެ އަމިއްލަ ފިލްމު ކުންފުނި 'ސްޓޭޖް 5 ޕްރޮޑަކްޝަންސް'ގެ އުފެއްދުމެކެވެ. މަނިޝް ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކުރި މި ފިލްމުގެ ޑައިރެކްޓަރަކީ ވިބޫ ޕޫރީއެވެ.

ވިބޫ ޕޫރީއަކީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ސާވަރިޔާ" އަދި "ގުޒާރިޝް"ގައި ސްކްރީން ރައިޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ޑައިރެކްޓަރެކެވެ. އޭނާ ޑައިރެކްޓްކޮށް ގެނެސްދިން ފިލްމުތަކުގެތެރޭ "ހަވައިޒާދާ" އަދި "11 މިނެޓްސް" ހިމެނެއެވެ.

ފިލްމު "ގުސްތާކް އިޝްޤް"ގެ ޓްރެއިލާ ޕްރީމިއާގައި ފިލްމުގެ ކާސްޓުން މަނީޝްއާ އެކު-- ފޮޓޯ/ ޕިންކްވިލަ

މީގެއިތުރުން އެމެޒޯން ޕްރައިމް ވީޑިއޯގެ "ތާޖް: ޑިވައިޑެޑް ބައި ބްލަޑް" އަދި ސަންޖޭ ލީލާ ބަންސާލީގެ އަލަތު ވެބް ސީރީސް "ހީރާމަންޑީ"ގެ ޑައިރެކްޓަރަކީ ވެސް ވިބޫއެވެ.

ފާތިމާ ސަނާ އަދި ވިޖޭގެ އިތުރުން ތަޖުރިބާކާރު އެކްޓަރު ނަސީރުއްދީން ޝާހް މުހިއްމު ރޯލެއް ކުޅުނު "ގުސްތާކް އިޝްޤް"އަކީ ވަރަށް ރީތި ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

މި ފިލްމުގައި ގެނެސްދޭ ވާހަކަ ބިނާކޮށްފައި ވަނީ 1990އިގެ އަހަރުތަކުގެ ތީމަކަށެވެ. ޒުވާނަކު އޭނާގެ ބައްޕަގެ ޕްރިންޓިންގް ޕްރެސް ވިޔަފާރި ހިނގުން ހުއްޓުވުމަށް ކުރާ މަސައްކަތުގެތެރޭ އޭނާ ވަރަށް ގަދަރުކުރާ މީހެއްގެ އަންހެން ދަރިފުޅަށް ހިތްކިޔައި ދެ މީހުންގެ މެދުގައި އުފެދޭ ލޯބީގެ ގުޅުން ފިލްމުގައި ގެނެސްދީފައި ވަނީ ވަރަށް ކްލެސިކަލް ގޮތަކަށެވެ.

މި ފިލްމަށް ބެލުންތެރިންގެ ތަރުހީބާއި ލޯބި ލިބުނުއިރު ފިލްމަކީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ލޯބީގެ ފިލްމުތަކުގެ ހަނދާން އާ ކުރުވައިދިން ފިލްމެއްގެ ގޮތުގައި ބައެއް މީހުން ވަނީ ސިފަކޮށްފައެވެ. ހަމައެއާއެކު ޑައިރެކްޓަރު ވިބޫ ފިލްމު ގެނެސްދީފައި ވަނީ ވަރަށް ހިތްގައިމު ޅެމެއް ގެނެސްދޭ ސިފައިގައި ކަމަށް ބެލުންތެރިން ވަނީ ބުނެފައެވެ.

މަނިޝްގެ އަމިއްލަ ފިލްމު ކުންފުނިން ބެލުންތެރިންނަށް ގެނެސްދިން މި ފުރަތަމަ ފިލްމު ވަނީ ސިނަމާތަކުގައި ރިލީޒްކުރުމުގެ ކުރިން 56 ވަނަ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް އޮފް އިންޑިއާގައި ޕްރީމިއާކޮށްފައެވެ.

comment ކޮމެންޓް