ވަރުގަދަ ބެޓެރީއަކާއެކު ރިއަލްމީ ނިއޯ 8 ބާޒާރަށް ނެރެފިއެވެ.
ރިއަލްމީގެ މަޝްހޫރު ނިއޯ ސީރީޒްގެ އެންމެ ފަހުގެ ފޯނު، "ރިއަލްމީ ނިއޯ 8" ބުރާސްފަތި ދުވަހު ޗައިނާގައި ބާޒާރަށް ނެރެފައިވާއިރު، ތިން ކުލައަކުން ލިބެން ހުންނަ މި ފޯނަކީ މިހާތަނަށް ފޯނެއްގައި ހިމެނޭނެ އެންމެ ވަރުގަދަ ފީޗާސްތަކާއެކު ފަރުމާކޮށްފައިވާ ފޯނެކެވެ.
މި ފޯނުގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ މީގައި ހިމެނޭ 8,000 މިލީއެމްޕަޔާގެ ބޮޑު ބެޓެރީއެވެ. މި ބެޓެރީ ޗާޖުކުރުމަށް 80 ވޮޓްގެ ފާސްޓް ޗާޖިން ސަޕޯޓްކުރާއިރު، ފޯނު ބޭނުންކުރަމުން ޗާޖުކުރެވޭ "ބައިޕާސް ޗާޖިން" ޓެކްނޮލޮޖީވެސް މި ފޯނުގައި ވަނީ ހިމަނާފައެވެ.
ޕްރޮސެސަރެއްގެ ގޮތުގައި އެންމެ ފަހުގެ ސްނެޕްޑްރެގަން 8 ޖެން 5 ޗިޕްސެޓް ބޭނުންކޮށްފައިވާ މި ފޯނުގައި 16 ޖީބީއާ ހަމައަށް ރޭމް އަދި 1 ޓީބީއާ ހަމައަށް ސްޓޯރޭޖް ލިބެން ހުރެއެވެ. މިއީ މިހާރު މާކެޓުގައި ހުރި އެންމެ ބާރުގަދަ ސްމާޓްފޯންތަކުގެ ތެރޭގައި ހިމެނޭނެ ފޯނެކެވެ.
ފޯނުގެ ޑިސްޕްލޭއަށް ބަލާއިރު، މީގައި ހިމެނެނީ 6.78 އިންޗީގެ އެމޯލެޑް ސްކްރީނެކެވެ. ސަމްސަންގުގެ އެންމެ ފަހުގެ މެޓީރިއަލް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ މި ޑިސްޕްލޭގައި 165 ހާޓްޒްގެ ރިފްރެޝް ރޭޓެއް ހިމެނޭއިރު، މިއީ ވަރަށް އަލިގަދަ ސްކްރީނެއްކަމަށް ރިއަލްމީއިން ބުނެއެވެ.
ކެމެރާގެ ގޮތުގައި ފޯނުގެ ފަހަތުގައި 50 މެގަޕިކްސަލްގެ މައި ކެމެރާއަކާއި، 8 މެގަޕިކްސަލްގެ އަލްޓްރާވައިޑް ކެމެރާއެއްގެ އިތުރުން 50 މެގަޕިކްސަލްގެ ޓެލެފޮޓޯ ކެމެރާއެއް ހިމެނެއެވެ. އަދި ސެލްފީ ނެގުމަށް 16 މެގަޕިކްސަލްގެ ކުރިމަތީ ކެމެރާއެއް ވަނީ ހިމަނާފައެވެ.
ރިއަލްމީ ނިއޯ 8 އަކީ ފެނާއި ހިރަފުހުން ރައްކާތެރިކޮށްދޭ އައިޕީ66، އައިޕީ68 އަދި އައިޕީ69 ރޭޓިން ލިބިފައިވާ ފޯނެކެވެ. މީގެ އިތުރުން ސްކްރީން ރައްކާތެރިކުރުމަށް "ކްރިސްޓަލް އާމާ ގްލާސް" ބޭނުންކޮށްފައިވާއިރު، ފޯނު ހުޅުވުމަށް އަލްޓްރާސޯނިކް 3ޑީ ފިންގާޕްރިންޓް ސެންސަރެއް ހިމެނެއެވެ.
އެންޑްރޮއިޑް 16 އަށް ބިނާކޮށްފައިވާ ރިއަލްމީ ޔޫ.އައި 7.0 ގައި ހިނގާ މި ފޯނަށް ތިން އަހަރުގެ އެންޑްރޮއިޑް އަޕްޑޭޓާއި ހަތަރު އަހަރުގެ ސެކިއުރިޓީ އަޕްޑޭޓް ލިބޭނެކަމަށް އެ ކުންފުނިން ބުނެއެވެ. އަދި މި ފޯނުގައި ވައިފައި 7 އާއި ބްލޫޓޫތު 6.0 ފަދަ އެންމެ ފަހުގެ ކަނެކްޓިވިޓީ ވަސީލަތްތައް ހިމެނެއެވެ.
މި ފޯނުގެ އަގުތަކަށް ބަލާއިރު، 12 ޖީބީ ރޭމް އަދި 256 ޖީބީ ސްޓޯރޭޖް ހިމެނޭ މޮޑެލްގެ އަގު އުޅެނީ ގާތްގަނޑަކަށް 330 ޔޫއެސް ޑޮލަރު (2,399 ޔުއާން) ގައެވެ. އަދި އެންމެ މަތީ 16 ޖީބީ ރޭމް އާއި 1 ޓީބީ ސްޓޯރޭޖް ހިމެނޭ މޮޑެލްގެ އަގު އުޅެނީ ގާތްގަނޑަކަށް 510 ޔޫއެސް ޑޮލަރު (3,699 ޔުއާން) ގައެވެ. މި ފޯނު މިހާރު ޗައިނާގެ ބާޒާރުން ގަންނަން ލިބޭނެއެވެ.