ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި މިއަދު ނޭޕާލް ބަލިކޮށް ރާއްޖެއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދުމާ ގާތަށް ޖެހިލައިފިއެވެ.
ނޮންތަބުރީ ޕްރޮވިންސް ސްޓޭޑިއަމް އިންޑޯ ހޯލުގައި މިއަދު ކުޅުނު މެޗު ރާއްޖެއިން ކާމިޔާބުކޮށްފައިވަނީ ނޭޕާލާ ވާދަކޮށް 2-1 ގެ ނަތީޖާއަކުންނެވެ.
މިއީ މި މުބާރާތުގައި ރާއްޖޭގެ ހަތަރުވަނަ މޮޅެވެ. ރާއްޖެއާ ވާދަކުރި ނޭޕާލު ވަނީ ދެ މެޗުން އެއްވަރުވެ އެއް މެޗުން މޮޅުވުމުގެ އިތުރުން ރާއްޖެ އަތުން ބަލިވެފައެވެ.

ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި ނޭޕާލާއި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން-- ފޮޓޯ: ސާފް
މި މޮޅާއެކު ރާއްޖެ އޮތީ ކުޅުނު ހަތަރު މެޗުންވެސް މޮޅުވެ ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. ރާއްޖެއަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް ބޭނުންވަނީ ދެ ޕޮއިންޓެވެ.
އޭގެކުރިން މިއަދު ޕާކިސްތާނާ ބަންގްލަދޭޝް ކުޅޭ މެޗު އެއްވަރުވެއްޖެ ނަމަ ރާއްޖެއަށް މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުވާނެއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެއަށް އެއްވެސް ލަނޑެއް ކާމިޔާބެއް ނުވެއެވެ. ނަމަވެސް މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު އަހުމަދު ހަމީދު (އައްމަޑޭ) ތަނަވަސްކޮށްދިން ފުރުސަތަކުން އަބްދުﷲ ޝާފިއު (ޝާއްޕެ) ވަނީ ރާއްޖެއަށް ލީޑު ނަގައިދީފައެވެ.
އޭގެފަހުން ނޭޕާލުން އެއްވަރުކުރީ ލިބުނު ކޯނަރަކުން ބިކްރާންތު ކާމިޔާބުކުރި ލަނޑުންނެވެެ. އެއަށްފަހު ނޭޕާލުގެ އަމިތު ލާމާއަށް ރަތްކާޑު ދެއްކިއެވެ. އޭނާއަށް ރަތްކާޑު ދެއްކީ ކުރި ފައުލްއަކާ ގުޅިގެން މެޗުގެ 13 ވަނަ މިނެޓުގައެވެ.

ކެޕްޝަން..
ލިބުނު ހިލޭޖެހުމެއްގައި ރާއްޖޭގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ވަނީ ރާއްޖެއަށް ލީޑު ނަގައިދީފައެވެ.
މުބާރާތުގައި ރާއްޖެއަށް ދެން އޮތީ ބޫޓާނާ ލަންކާއާ ދެކޮޅަށް ކުޅޭ މެޗެވެ. ބޫތާނާ ދެކޮޅަށް 24 ވަނަ ދުވަހު ކުޅޭއިރު، ލަންކާއާ ދެކޮޅަށް ކުޅޭނީ 26 ވަނަ ދުވަހުގައެވެ.