ގްރީންލޭންޑް ގަތުމަށް ބާރުގެ ބޭނުން ނުކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ގްރީންލޭންޑަކީ ޑެންމާކުގެ ސިޔާދަތުގެ ދަށުގައިވާ އެެހެން ނަމަވެސް ލާމަރުކަޒީ ގޮތުން ވަކި ވެރިކަމެއް ކުރުމުގެ ބާރު ދީފައިވާ އައުޓޮނަމަސް ސަރަހައްދެކެވެ. ގްރީންލޭންޑުގެ އާބާދީއަކީ ގާތްގަނޑަކަށް 60،000 މީހުންނެވެ.
އެ މީހުންގެ ތެރެއިން ކޮންމެ މީހަކަށް 10،000 ޑޮލަރާއި އެއް ލައްކަ ޑޮލަރާ ދެމެދުގެ އަދަދަކަށް ފައިސާ ދިނުމަށްފަހު، އެމެރިކާގެ ބާރުގެ ދަށުގައިވާ ތަނަކަށް ގްރީންލޭންޑު ހެދުމާ ބެހޭ ގޮތުން ޓްރަމްޕް ވަނީ މީގެ ކުރިން ވާހަކަފުޅުދައްކަވާފައެވެ.
ކަން އެހެން އޮއްވައި، ސްވިޒަލޭންޑްގައި ކުރިއަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމް (ޑަބްލިއުއީއެފް) ގައި ޓްރަމްޕް ވަނީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ގްރީންލޭންޑްގައި އެމެރިކާ ސިފައިން ތިބިކަން ފާހަގަކުރައްވައިފައެވެ. އެހެންކަމުން ގްރީންލޭންޑުގެ ކޮންޓްރޯލް ނެގުމަށް އޭނާ ކުރާ މަސައްކަތް އިންސާފުވެރި ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
"އަހަރެމެން ގްރީންލޭންޑް ސަލާމަތްކޮށް، ހަނގުރާމައަށްފަހު އެތަން އަނބުރާ ޑެންމާކަށް ދިނީ. އެއީ ކިހާ މޮޔަ ކަމެއް؟ އެކަމަކު މިހާރު އެ މީހުން [ޑެންމާކް] ޝުކުރުވެރިއެއް ނުވޭ،" ޓްރަމްޕް ވިދާޅުވިއެވެ.
ގްރީންލޭންޑާ ބެހޭ ގޮތުން ޓްރަމްޕް އިތުރަށް ވިދާޅުވީ، އެ ބޮޑު ބިމާއި، އެ ބޮޑު ގަނޑުފެންގަނޑު ހިމާޔަތް ކުރެވޭނެ ހަމައެކަނި ގައުމަކީ އެމެރިކާ ކަމަށެވެ.
"ގްރީންލޭންޑް އެމެރިކާއިން ގަތުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް މިހާރުން މިހާރަށް މަޝްވަރާ ކުރަން ބޭނުންވަނީ،" ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް ވިދާޅުވީ ގްރީންލޭންޑު އެމެރިކާއިން ކޮންޓްރޯލް ކުރުމަކީ ނޭޓޯއަށް އޮތް ނުރައްކަލެއް ނޫން ކަމަށާއި އެއީ ސަލާމަތަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމެއް ކަމަށެވެ.
ޓްރަމްޕް ވިދާޅުވީ މީހުން ހީކުރި ގޮތާ ޚިލާފަށް އޭނާ ގްރީންލޭންޑު ހޯދަން ބާރުގެ ބޭނުމެއް ނުކުރާނެއެވެ.
"އެކަމަކު އަހަރެން [ބާރުގެ ބޭނުމެއް] އެކަމެއް ނުކުރާނަން. މީހުން ހީކުރީ އަހަރެން ބާރުގެ ބޭނުން ކުރާނެ ކަމަށް. އަހަރެން ބޭނުމެއް ނޫން ބާރުގެ ބޭނުން ކުރާކަށް،" ތަކުރާރުކޮށް ޓްރަމްޕް ވިދާޅުވިއެވެ.
ގްރީންލޭންގެ ބޮޑުވަޒީރު ޖެންސް ފްރެޑިރިކް ނެއިލްސަން މީގެ ކުރިން ވަނީ އެމެރިކާގެ އިސްތިއުމާރުގެ ދަށަށް ދާން ގްރީންލޭންޑް ބޭނުންނުވާ ކަމަށް ވިދާޅުވެފައެވެ. އަދި، ގްރީންލޭންޑްގެ ރައްޔިތުން އެމެރިކާ އަތުން ރިޝްވަތު ބޭނުންކޮށްގެން އެ މީހުންގެ ވަޒަން ވިއްކާލަން ބޭނުންނުވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ޔޫރަޕްގެ ލީޑަރުންވަނީ ގްރީންލެންޑް ހިފުމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެކަމުގެ ސަބަބުން އެމެރިކާއާއި ޔޫރަޕްގެ އިތުބާރު ގެއްލި އެކުގައި މަސައްކަތް ކުރުމަށް ބޮޑެތި ހުރަސްތަކެއް އެޅޭނެ ކަމެއް ކަމަށް ސިފަކޮށްފައެވެ.