ތައިލެންޑުގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގެ އަންހެން ޑިވިޝަނުގައި ރާއްޖޭގެ އަންހެން ޓީމަށް ލަނޑުޖަހަން ލިބޭ ފުރުސަތުތަކުގެ ބޭނުން ބޭނުންހިފޭ ނަމަ ޓީމުން ތަފާތު ފެންނާނެކަމަށް ހެޑު ކޯޗު އާތިފް މުހައްމަދު (އާތީ) ބުނެފިއެވެ.
އެންމެފަހުން ރާއްޖެ ކުޅުނު މެޗުތަކުގެ ތެރެއިން ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖެއަށް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. ނަމަވެސް ނިންމާނުލެވި ދިޔަ ބޯޅަ ގިނަވިއެވެ.
އާތީ ބުނީ ރާއްޖެއިން ދަނީ މެޗަކަށްފަހު މެޗެއް ކުޅުން ރަނގަޅުކުރަމުން ކަމަށާއި އެންމެ ފަހުން ކުޅުނު މެޗުގައި ވެސް ލަނޑުޖަހަން ލިބޭ ފުރުސަތުތައް ފާހަގަކޮށްލެވޭ ކަމަށެވެ. ނަމަވެސް ނިންމާލަން ލިބޭ ފުރުސަތުތަކުގެ ބޭނުން ނުހިފޭކަމަށް ކޯޗު ބުުންޏެވެ.

ރާއްޖެ ކުޅުނު މެޗެއްގެ ތެރެއިން ކޯޗު އާތީ
އެހެންކަމުން ޓީމުން ރަނގަޅުކުރަންޖެހޭ ކަމެއްގެ ގޮތުގައި ކޯޗު އެންމެ ބޮޑަށް ފާހަގަކުރީ ފިނިޝިންގެ މައްސަލަ ކަމަށް ކޯޗު ފާހަގަކުރިއެވެ. އަދި ލިބޭ ފުރުސަތުތަކުގައި އަވަހަށް ނިންމާލުމެވެ.
ނިންމާނުލާ ލިބޭ ފުރުސަތުގެ ބޭނުން އިދިކޮޅު ޓީމަށް ލިބޭކަން ފާހަގަކޮށް ކޯޗު ބުނީ ނިންމާލުމުގެ މައްސަލަ ހައްލުވެއްޖެ ނަމަ ތަފާތު ފެނިގެންދާނެ ކަމަށް ކޯޗު ބުންޏެވެ.
އިންޑޯގައި އެއްވެސް ފަރިތަކުރުމެއް ކުރުމުގެ ފުރުސަތު ނުލިބި ޓީމު ތައިލެންޑުގައި ކުރިއަށްދާ މުބާރާތުގައި ވާދަކުރާއިރު، މެޗަކަށްފަހު މެޗެއް ޓީމުގެ ކުޅުންތެރިން އަންނަނީ ކުރިއެރުން ހޯދަމުންނެވެ.
އަންހެން ގައުމީ ޓީމު މިއަދު 18:00 ގައި ބޫޓާނާ ދެކޮޅަށް ކުޅޭނެއެވެ.