ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ދުރަންދަރު"ގެ ރޯލެއް ކުޅުނު ބަތަލާ ސޯމިއާ ޓަންޑަންއަށް އަނެއްކާ ވެސް ބޮޑު ފިލްމަކުން ފުރުސަތު ލިބިއްޖެއެވެ.
ސޯމިއާއަށް އަލަށް ގުޅުނު ފިލްމަކީ މަޝްހޫރު ފިލްމު ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ އާ ފިލްމު "ޔޭ ޕްރޭމް މޯލް ލިޔާ"އެވެ. މި ފިލްމަކީ ފިލްމީ ތަރިން ކަމަށްވާ އަޔުޝްމާން ކުރާނާއާއި ޝަރުވަރީ ވާގް ލީޑް ރޯލްތަކުން ފެންނާނެ ފިލްމެކެވެ.
މި އާއިލީ ލޯބީގެ ފިލްމުގެ ކާސްޓާ ސޯމިއާ ގުޅުނު ނަމަވެސް ބަތަލާ ފިލްމުގައި ކުޅޭނީ ކޮންކަހަލަ ކެރެކްޓާއެއްކަން އަދި ހާމަކޮށްފައެއް ނުވެއެވެ.
ފިލްމީ ތަރިން ކަމަށްވާ ކަރީނާ ކަޕޫރު ޚާންއާއި ޝާހިދު ކަޕޫރުގެ ފިލްމު "ޖަބް ވީ މެޓް"ގެ ވެސް ރޯލެއް ކުޅުނު ބަތަލާ ފިލްމު "ދުރަންދަރު"ގައި ކުޅެފައިވަނީ އެ ފިލްމުގެ އެންމެ މުހިއްމު އެއް ކެރެކްޓަރު ކުޅުނު އަކްޝޭ ކަންނާގެ އަންހެނުންގެ ރޯލެވެ.

ސޯމިޔާ ފިލްމު 'ދުރަންދަރު'ގެ މަންޒަރެއްގައި--ފޮޓޯ/ޕިންކްވިލާ
އަކްޝޭ ކަންނާއަށް ފިލްމުން ގިނަ ބައެއްގެ ސަމާލުކަން ލިބުނުއިރު "ދުރަންދަރު'ގައި ސޯމިޔާ ކުޅުނު ރޯލަށް ވެސް ބެލުންތެރިންގެ ތައުރީފު ލިބުނެވެ.
ޓެލެވިޒަން ދާއިރާއިން ލިބުނު މަގުބޫލުކަމާ އެކު ފިލްމު އިންޑަސްޓްރީއަށް ތައާރަފުވި ބަތަލާ ވަނީ ބައެއް ޓީވީ ޝޯތައް ވެސް ހޯސްޓްކޮށްފައެވެ. ސޯމިއާގެ މަގުބޫލު ޓެލެވިޒަން ސީރީސްތަކުގެ ތެރޭ "ބާބީޖީ ގަރް ޕަރް ހޭ" އަދި "އޭސަ ދޭސް ހެ މޭރާ" ހިމެނެއެވެ.
މިހާރު ޝޫޓިން ކުރިއަށްދާ ސޫރަޖްގެ ފިލްމު "ޔޭ ޕްރޭމް މޯލް ލިޔާ"އިން ސޯމިއާއަށް ލިބުނު ފުރުސަތާ އެކު ބަތަލާއަށް ފިލްމު އިންޑަސްޓްރީއިން އިތުރު ފުރުސަތުތަކެއް ހުޅުވޭނެ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ކުޅަދާނަ ފިލްމު ޑައިރެކްޓަރު ސޫރަޖްއާ އެކު މަސައްކަތް ކުރުމަކީ ސޯމިއާއަށް ގިނަ ފިލާވަޅުތަކެއް ދަސްވާނެ ވަރަށް ރަނގަޅު ތަޖުރިބާއެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ. ސޫރްޖެ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ 2023ގައި ގެނެސްދިން ފިލްމު "އޫޗާއީ"އެވެ.