ޑިއާޒް ޕެނަލްޓީ ބޭކާރުކުރުން، ސަޕޯޓަރުން ބުނަނީ ސިހުރެއް ކަމަށް

ބްރަހިމް ޑިއާޒް ޕެނަލްޓީ ޖެހި ވަގުތު--

އެފްރިކާ ބައްރުގެ އެންމެ ޝަރަފްވެރި މުބާރާތް ކަމަށްވާ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަންކަން ސެނެގޯލުން ހޯދި މެޗުގައި ނަތީޖާ އަނބުރާލުމުގެ އެންމެ ހުސް ފުރުސަތެއް ލިބުނީ މޮރޮކޯގެ ބްރަހިމް ޑިއާޒް އަށެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރުވަގުތުގެ ތެރޭގައި އެ ޓީމަށް ޕެނަލްޓީއެއް ލިބުނެވެ. ނަމަވެސް އެ ޕެނަލްޓީ ލިބުމާއެކު ސެނެގޯލުގެ ކުޅުންތެރިން ދަނޑު ދޫކޮށްދިޔައެވެ. އަދި ސެނެގޯލުގެ ސަޕޯޓަރުން ހަމަނުޖެހުން ހިންގިއެވެ.

އޭގެފަހުން އާންމު ހާލަތަކަށް ދިޔައީ ރެފްރީ ޕެނަލްޓީ ދިންތާ 24 ވަރަކަށް މިނެޓުފަހުންނެވެ. އެއީ ސެނެގޯލް ޓީމު އެނބުރި ދަނޑުމައްޗަށް އައުމާއި އެކުގައެވެ. ފުރިހަަމަ ވަގުތުގައި ކުޅެން ލިބުނު އެންމެ ފަހު ބޯޅައިގައި މޮރޮކޯގެ ބްރަހިމް ޑިއާޒް ޖެހި ޕެނަލްޓީ ދިޔައީ ސެނެގޯލްގެ ކީޕަރު އެޑުއާޑް މެންޑީ އަތަށެވެ. އޭނާ ޖެހީ މަޝްހޫރު ނަމުން ނަމަ "ޕަނެންކާ" ޕެނަލްޓީއެކެވެ.

ކީޕަރާ ދިމާލަށް މަޑުމަޑުން ހިއްލާލި ބޯޅަ ސެނެގޯލުގެ ތަޖުރިބާކާރު ކީޕަރު މެންޑީ ދިފާއުކުރީ ފަސޭހަކަމާއެކު އެވެ. ނަމަވެސް މިއީ އަމިއްލަ ދަނޑުގައި ކުޅުނު މެޗެއްގައި ސަޕޯޓަރުންނަށް ހަޖަމުކުރަން ފަސޭހަވި ކަމެއް ނޫނެވެ.

ޑިއާޒް ވަނީ މެޗަށްފަހު ސަޕޯޓަރުންގެ ކިބައިން މައާފަށްއެދި، ހުރިހާ ޒިންމާއެއް އޭނާ ނަގާކަމަށް ބުނެފައެވެ. އެއާއެކު ސަޕޯޓަރުން އެކި ގޮތްގޮތަށް ވާހަކަދެއްކިއެވެ. އެގޮތުން ސެނެގޯލުގެ ކުޅުންތެރިން ޑިއާޒްއަށް ސިހުރު ހެދިކަމުގެ ތުހުމަތުވެސް ކޮށްފައިވެއެވެ. އެކަމަށް ބާރުލިބޭ ގޮތަށް ސަޕޯޓަރުން ދަނީ އެކި ޝުއޫރުތައް މީސްމީޑިއާގައި ފާޅުކުރަމުންނެވެ.

"އަހަރެމެން ގަބޫލެއް ނުކުރަން އޭނަ (ޑިއާޒް) އެ ބޯޅަ ބޭކާރުކޮށްލާނެ ކަމަކަށް، އެ ދަނޑިވަޅު އޭނައަށް އެ ބޯޅަ ރަނގަޅަށް ފޮނުވެންވާނެ، މުޅި މެޗުގަވެސް މޮޅަށް ކުޅުނު، އެކަމަކު ޕެނަލްޓީގަ އެހެން ވީމަ ގަބޫލެއް ނުކުރަން، ސިހުރުގެ ކަމެއް އެބައުޅޭ، މީގެކުރިންވެސް މި ލަނޑު ލިބުނު އަހަރެމެންނަށް" މޮރޮކޯގެ ސަޕޯޓަރެއް ބުންޏެވެ.

މޮރޮކޯއިން އެންމެފަހުން އެފްރިކަން ކަޕު އުފުލާލީ 1976 ގައެވެ. އެ ގައުމަށް ވަނީ މިފަހަރުގެ ފެއާޕްލޭ ޓީމުގެ މަގާމު ލިބިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު