ލިސާން: ވާހަކަ --

އެއާއެކު ހައިފާއަށް ދެލޯ ބޮޑުކޮށްލެވުނެވެ.

ހައިރާންވީ ވަރުން ނެވެ. ފަހަރަކު މީހެއްގެ މޫނަށް އޭނައަށް ބަލައިލެވުނެވެ. ރަނީމްއަށް ނަޒަރު ހުއްޓާލުމާއެކު އޭނަ ރަނީމްގެ ފަރާތުން ތަފްސީލީ ޖަވާބަކަށް އިންތިޒާރުކުރިއެވެ.

"އާނ ހައި، އެއީ އަހަރެންގެ ބައްޕައާ ފިރިމީހާ...." ރަނީމް ދެވަނަ ފަހަރަށް ތަކުރާރުކޮށްލީ އެކަން ހައިފާއަށް ޔަޤީންކޮށްދޭން ބޭނުންވާ ފަދައަކުންނެވެ.

"އެކަމަކު އެހެން ކިހިނެއްވާނީ؟" ހައިފާއަށް ބުނެވުނެވެ. އޭނައަށް އެނގޭގޮތުން ރަނީމްގެ ބައްޕަވަނީ މަރުވެފައެވެ. "ދެން... ރަނީމް ކޮން އިރަކު ކައިވެނި ކުރީ؟"

ހިތުގައި އުފެދުނު ސުވާލުތައް އޭނައަށް ރަނީމްއާ ކޮށްލެވުނެވެ. ރަނީމް ހައިފާގެ އަތުގައި ހިފައްޓާލަމުން ނާވީމެންނާ ދިމާލަށް ހިނގައިގަތެވެ. އެ ދެމީހުންގާތު ހުއްޓުމަށްފަހު އޭނަ އެންމެ ފުރަތަމަ ހައިފާ ތަޢާރަފްކޮށްލަދިނީއެވެ. އެއަށްފަހު އޭނަ ހައިފާގެ ސުވާލަށް ޖަވާބު ދިނެވެ.

"އައެމް ސޮރީ ނުބުނެ ދެވުނީމަ. އަހަރެން ހީކުރީ ބައްޕަ ދުނިޔޭގައި ނެތްކަމަށް. އެއީ އަހަރެންގެ ގާތުގަ މާމަމެން ބުނެފައިވާ ގޮތަށްވީތީ. އަހަންނަށްވެސް ބައްޕަ ދުނިޔޭގައި ހުރިކަން އެނގުނީ މިފަހުން. މަންމަ ނިޔާވީމަ އަހަރެންވެސް ބައްޕައާއެކީ ދިޔައީ. ހައި ހަނދާންވޭތަ ޝާރިފް އަހަންނާ ހެދި އުޅެން ހެދީމަ އަހަރެން ކުއްޖަކާ ރައްޓެހިވެގެންކަމަށް ބުނެ ދޮގު ހެދި ހަނދާން. އެއީ އަސްލު އަހަރެން ހެދި ދޮގެއް ނޫނޭ. އޭރުވެސް އަހަރެން އުޅުނީ ނާވީއާ ލޯބީގެ ގޮތުން ގުޅިގެން. ކައިވެނި ކުރެވުނީ އިހަކަށް ދުވަހު ބައްޕަމެން ރަށުގަ...." ރަނީމް އޮޅުން ފިލުވައިދިނެވެ.

"ދެން މިކޮޅަށް ބަދަލުވީތަ؟" ރަނީމް ދެއްކި ވާހަކަތައް އަޑު އަހަން ހުރުމަށްފަހު ހައިފާ ސުވާލުކޮށްލިއެވެ.

"ނޫން.... މިއަދު މިއުޅެނީ ފުރަންވެގެން.... އާދެވުނީމަ ހައިއާ ބައްދަލުކޮށްނުލާ ދާން ބޭނުން ނުވީ. ތީ އަހަންނަށް ހެޔޮ އެދޭ ރަޙްމަތްތެރިއެއް. އެނގޭ ކުއްލިއަކަށް ގެއްލުނީމަ ހައި ހުންނާނީ ވަރަށް ކަންބޮޑުވެފައިކަން.... ތެންކިއު ހައި. ތެންކިއު ސޯ މަޗް..." ރަނީމް ހައިފާގެ ގައިގައި ބައްދާލިއެވެ. އޭނަ އެކުވެރިޔާއަށްޓަކައި އަބަދުވެސް ހެޔޮ ދުޢާ ކުރާނެއެވެ. ހައިފާއަކީ އޭނައަށް ހެޔޮ އެދޭ ރަޙްމަތްތެރިއެކެވެ. ދުރުވެލިއިރު ހައިފާ ހުރީ ކުޑަކޮށް ފެންކަޅިވެފައެވެ.

"އަހަންނަށް މިކޮޅުގައި ހުރެވޭކަށް ނެތޭ ހައި. އަހަރެންގެ ދިރިއުޅުން މިހާރު ވަނީ އެކޮޅަށް ބަދަލުވެފައި. އެ ދިރިއުޅުން ވަނީ ބައްޕައާ ފިރިމީހާއާއެކު." ރަނީމް ބުނެލިއެވެ. ހައިފާ ހިނިތުންވެލުމަށްފަހު ނާވީއަށް ބަލައިލިއެވެ. ނާވީ ހުރީ ހިނިތުންވެލައިގެންނެވެ. އެ މޫނުމަތީން ފެންނަނީ ހިޔްހެޔޮ ކަމެވެ. އަނެއްކޮޅުން ރަނީމްގެ ބައްޕަވެސް ހުރީ ހިނިތުންވުމެއްގައެވެ.

"ޝުކުރިއްޔާ ހައިފާ! ރަނީމްގެ ތިފަދަ ރަޙްމަތްތެރިއެއް ހުރިމަކީ އަހަރެން އުފާކުރާކަމެއް." ރައާބިލް ވެސް ހައިފާއަށް ޝުކުރު އަދާކުރިއެވެ. ހައިފާއަކީ ރަނީމްއާ މެދު ވިސްނާ ރަނީމްގެ އިޙްސާސްތައް ދަންނަ ރަޙްމަތްތެރިއެއްކަން އެވީ ކުޑަ ވަގުތުކޮޅުވެސް އޭނައަށް ފަހުމްވެގެން ދިޔައެވެ.

އަހަރެން ވާހަކައެއް އަހާލަންތަ؟" ދެކެވުނު ވާހަކަތަކަށްފަހު ތަނުގެ ނުތަނަވަސްކަން ލުއިވެގެން ދިޔުމާއެކު ރަނީމް ހައިފާއަށް ބަލައިލިއެވެ. ހައިފާ ބޯ ޖަހައިލުމުން އޭނަ ވާހަކަ ދައްކަން ފެށިއިރު، ރައާބިލްއާ ނާވީއަށްވެސް އަވަސް ނަޒަރެއް ދިނެވެ.

"ޝާރިފް... ޝާރިފް ކިހިނެއްތަ؟ ޔޫނުސް ސާރމެންގެ ޙާލަކީ ކޮބާ؟" ރަނީމް އަހައިލިއެވެ.

"ޝާރިފް އެކަހަލަ ގޮތެއް. ޔޫނުސް ސާރގެ އަންހެނުންގެ ޙާލު ވަރަށް ދެރަ. ޔޫނުސް ސާރއާވެސް ކުރިން ދުވަހު ދިމާވި. ވަރަށް ދެރަވެފަ ހުރީ. ގެސްޓް ހައުސްގެ ކަންތައްތައްވެސް އެ ޢާއިލާގެ މީހަކާ ވަގުތީ ގޮތުން ހަވާލުކޮށްފަ އެ ދެމަފިރިންވީ ޝާރިފް ގޮވައިގެން މާލެ ގޮސް." ހައިފާ ބުނެލިއެވެ.

"އޭގެފަހުން ޚަބަރެއް ނުލިބޭތަ؟ އެއްވެސް ކުރިއެރުމެއް ނާދޭތަ؟" ރަނީމް ސުވާލުކޮށްލިއެވެ.

"އަދިވެސް ނާންނަކަމަށް ވަނީ. ޝާރިފްގެ ސިކުނޑި ގޯސްވީ ކަމަށްވަނީ. ހަމަޖެހޭ ވާހައެއްވެސް ނުދައްކަޔޯ....." ހައިފާ ބުނެލިއެވެ.

ވަރަށް ދެރަ ދޯ. ޔޫނުސް ސާރމެން ފަދަ ރަނގަޅު ބަޔަކަށް އެގޮތަށް ދިމާވީމަ އަހަރެންވެސް ދެރަވޭ... އަހަންނާ ދޭތެރޭވެސް ޔޫނުސް ސާރ ކަންތައްކުރީ ވަރަށް ރަނގަޅަށް. މަންމައަށްވެސް އެހާ އެހީތެރިކަން ފޯރުކޮށްދިން. އަހަރެންގެ ސަލާމް ބުނެދެއްޗޭ. އަދި އަބަދުވެސް އަހަރެންގެ ހެޔޮ ދުޢާ ޔޫނުސް ސާރއާއެކު ވާކަމުގައި ބުނެދެއްޗޭ....." ރަނީމް ބުނެލުމުން ހައިފާ ބޯ ޖަހައިލިއެވެ.

"އެއްޗެއް ކާލަންވީނު." ރަނީން އަހައިލިއެވެ. ހައިފާ ނޫނެކޭ ބުނެ ދެފަރާރަށް ބޯ ހޫރައިލިއެވެ.

'ކޮން އިރަކު ފުރަނީ؟" އޭނަ އަހައިލިއެވެ.

"މިއަދު ހަވީރު...." ރަނީމް ބުނެލިއެވެ.

ރަނީމް ހައިފާއާއެކު އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލިއެވެ. އެ ރަށް ދޫކޮށްފައި ދިޔަނަމަވެސް، އެ ރަށަށް އާދެވޭ ފަހަރުތަކުން ފަހަރެއްގައި އޭނަ އަދި ހައިފާއާ ދިމާކުރާނެއެވެ. ރަނީމްގެ އޭނަގެ ހަޤީޤަތް ހައިފާއަށް ސިއްރުކުރިއެވެ. އެއީ އިތުބާރުކުރެވޭ ރަޙްމަތްތެރިއަކަށް ވިޔަސް ވެހެވެ. ހައިފާ ފަހު ފަހަރަށް ރަނީމްއާ ސަލާމްކޮށްލާފައި، ގެއިން ނުކުތުމަށް ދިޔައެވެ. އޭނައާއެކު ރަނީމްވެސް ދިޔައެވެ. ދޮރޯށި ކައިރިން ދެ ރަޙްމަތްތެރިން ވަކިވުމުގެ ކުރިން، އެކަކު އަނެކަކުގެ ގައިގައި ބައްދާލާފައި ހެޔޮ ދުޢާ ކުރިއެވެ.

ރަނީމް އެތެރެއަށް ވަތްއިރު ރައާބިލްއާ ނާވީއާ ދެމީހުން ތިއްބެވެ.

"އެއީ ދަރިފުޅަށް ހެޔޮއެދޭ ރަޙްމަތްތެރިއެއް. އޭނަ ބައްޕަމެންގެ އެހީ ބޭނުންވާ ކޮންމެ ވަގުތަކު ލިބޭނެ." ރައާބިލް ބުނެލިއެވެ. ރަނީމް ހިނިތުންވެލުމަށްފަހު ހައިފާއަކީ ހަމަ ހަޤީޤަތުގައިވެސް އޭނައާ މެދު ވިސްނާ އެކުވެރިއެއްކަމުގައި ބުންޏެވެ.

ގެއިން ނުކުމެގެން ރުއްފާތެރެއަށް ދިޔުމަށްފަހު، ޝަހަރަށް ދިޔުމަށްޓަކައި ތިން މީހުންވެސް އަވަސްވެގަތެވެ.

*****

ޝަހަރަށް ދިޔުމަށްފަހު، ރައާބިލް އެމީހުންނާ ވަކިވިއެވެ. އޭނަ ދިޔައީ އޭނައަށް ޚާއްސަކޮށްފައިވާ ގެއަށެވެ. ރަނީމްއާ ނާވީ ދިޔައީ ގަނޑުވަރަށެވެ. އެންމެ ފުރަތަމަ ރައާބިލް މިނިވަންކަމުގައި ފެނުމުން ޝަހަރުގައި ތަފާތު އަޑުތައް ފެތުރިގެން ދިޔައެވެ. ރަސްކަމާ ހަވާލުވުމަށްފަހު، ނަމީރު އިންޖާބުގެ ހުރިހާ އުސޫލެއް އުވާލަނީކަމަށް ބުނެއެވެ. އެ ސުވާލަށް ދޭނެ ޖަވާބެއް ނަމީރަކަށް ނޭނގުނެވެ. އެންމެފަހުން އެ ކަންތައް ހަމައަކަށް އެޅުވުމަށްވެސް އެހީވީ ބަތީލާއެވެ. އިންޖާބު ދުނިޔޭގައި ރައާބިލް މިނިވަންކުރި ކަމަށާއި އެފަހުން އޭނަގެ މިނިވަންކަމަށް ހުރަސް ނާޅާކަމުގައި ބަތީލާ ބުނެލިއެވެ. ބަތީލާއަކީ ދޮގު ހަދާ މީހަކަށްނުވާތީއާ އެންމެން އިޚްތިރާމްކުރާ މީހަކަށްވާތީ އެ ވާހަކަތައް ޤަބޫލުކުރަން ޝަހަރުގެ ޖިންނީންނަށް މަޖުބޫރުވީއެވެ. އިންޖާބު ނެތަސް ނަމީރުގެ ވެރިކަމާ ދެކޮޅަށް ތެދުވުމަކީވެސް ފަސޭހަކަމެއް ނޫނެވެ. ނަމީރާ ނާވީއަކީވެސް ބާރު ގަދަ ބައެކެވެ. އިންޖާބު މަރުވެގެން ދިޔަ ނަމަވެސް ވެރިކަމުގެ ހައިބަތަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ގަނޑުވަރުގެ ފާރަވެރީންނާ ސިފައިންނަކީ ކުރީއްސުރެ އިންޖާބަށް ވަފާދާރު ބަޔަކަށްވީތީ އެ ޢާއިލާއާ ދެކޮޅުވުމަކީ އެމީހުން ކުރާނެކަމެއް ނޫނެވެ. މިހާރަކު އެކަމަކާ ސުވާލުކުރާނެ މީހަކުވެސް ނެތެވެ. އިހުގައި ކަންތައްތައް ހުރި ގޮތަށް ހުރިހާކަމެއް ވެސް ބަދަލުވެގެން ހިނގައްޖެއެވެ.

ނާވީއާއި ރަނީމްއާ ދެމީހުން ގަނޑުވަރަށް ދިޔައިރު، ޝައިސްތާއާއި، ބަތީލާއާ ދެމީހުން ތިބީ ބޮޑުކޮޓަރީގައެވެ. އޭރު ނަމީރު ފެންނާކަށް ނެތެވެ. އޭނަ ވީ އިސް ވަޒީރުންނާ ބައްދަލުކޮށްލަން ގޮހެވެ. ގަނޑުވަރުގެ ޚާދިމުންތައް ކޮންމެވެސް ވަރަކަށް ހަރަކާތްތެރިވާތަން ފެނެއެވެ. ނާވީއާއި ރަނީމްގެ ކައިވެނީ ކުރެވުނުކަން އެ ޢާއިލާގެ އިތުރުން ދެން އެނގެނީ ގަނޑުވަރުގެ ޚާދިމުންނަށް އެކަންޏެވެ. އެމީހުންނަކީ ވަފާތެރިކަމުގައި ނަމޫނާ ބައެކެވެ. އެހެންނޫނަސް، ގަނޑުވަރުގެ ސިއްރެއް ހާމަކުރުމަކީ ބޮޑެތި އަދަބުތަކެއް ލިބޭނެކަމެއް ކަން އެނގޭތީ އެކަން ކުރުމަކީ އެއްވެސް ޚާދިމަކު ކުރާނެ ކަމެއް ނޫނެވެ.

"ދަރިފުޅުމެން އައީތަ... ކޮބާ ރައާބިލް؟" އެންމެފުރަތަމަ ސުވާލުކޮށްލީ ބަތީލާއެވެ. އޭނައަށް އިންޖާބު ނެތުމުގެ ފަޅުކަން ކިތަންމެ ވަރަކަށް އިޙްސާސް ވިނަމަވެސް، މިހާރު ވަނީ ހަމައަކަށް އެޅިފައެވެ. ރަނީމް ބުނެލީ ރައާބިލް އަރާމުކޮށްލަން ގެއަށް ދިޔަކަމުގައެވެ. އިރުކޮޅެއްފަހުން، ނަމީރު އަތުވެއްޖެއެވެ. އޭނަ ޝައިސްތާއަށް ބަލައިލިއެވެ. ޝައިސްތާ ލޮލުން އިޝާރާތް ކޮށްލިއެވެ. ކޮންމެވެސް ވާހަކައެއް ނާވީމެންނާ ދައްކާށޭ ބުނުމުގެ ގޮތުންނެވެ.

"ނާވީމެން ދެކުދިންނާ ބައްޕަ އެބައޮތް ވާހަކައެއް ދައްކަން ބޭނުންވެފަ." ނަމީރު، ފަހަރަކު މީހެއްގެ މޫނަށް ފުންކޮށް ބަލައިލިއެވެ. ނާވީ ކުޑަކޮށް ނުތަނަވަސްވާގޮތްވިއެވެ. އޭނައަށް ބަލައިލެވުނީ ރަނީމްއާ ދިމާލަށެވެ.

"ކިހިނެއްވީތޯ ބައްޕާ؟" ނާވީއަށް ސުވާލުކޮށްލެވުނެވެ.

"ދަރިފުޅު ތިހާ ހާސްވީ ކީއްވެ؟ މިއީ އުފާވެރި ޚަބަރެކޭ...." ނަމީރު ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އެކަމަކު އެ ވާހަކަ ބުނުމުގެ ކުރިން އޭނަ ގަނޑުވަރުގެ ޚާދިމަކަށް ގޮވާލުމަށްފަހު ރައާބިލް އެތަނަށް ގެނައުމަށް އެދުނެވެ. އެއާއެކު ލަސްނުކޮށް އޭނަ އެތަނުން ދިޔައީ ނަމީރުގެ ބަހަށް ކިޔަމަން ވުމުގެ ގޮތުންނެވެ.

ގިނަ އިރުތަކެއްނުވެ ރައާބިލް އެތަނަށް އަތުވެއްޖެއެވެ. ކުއްލިއަކަށް ނަމީރު އޭނަ އަންނަން ބުނުމުން ރައާބިލްގެ މޫނުމަތީންވެސް ނުތަނަވަސްކަން ފާޅުވެލިއެވެ. ރަނީމްގެ ކައިވެންޏަށް ފަހު އޭނަ އެ ގަނޑުވަރަށް އައިސްފައެއް ނުވެއެވެ. އޭނަ ނަމީރާ މުޅީންވެސް ބައްދަލުކުރަނީ ގަނޑުވަރުން ބޭރުންނެވެ. ވާހަކަ ދައްކާ މަޝްވަރާކުރަނީ އެހެން މީހަކަށް ނުފެންނަ ފަދަ ތަންތަނުގައި ތިބެގެންނެވެ. ވީއިރު ކޮންމެހެންވެސް އައުމަށް ނަމީރު ބުނާނީ ބޮޑުކަމެއް ވީމަކަމުގައި ރައާބިލްއަށް ޤަބޫލުކުރެވެއެވެ.

"އަހަރެން މި ގަސްތުކުރަނީ ނާވީއާއި ރަނީމްގެ ކައިވެނިކުރެވުނުކަން އިއުލާނުކުރަން...." ނަމީރު ބުނެލިއެވެ.

"އެކަމަކު.... އޭރުން...." ރައާބިލް ނުތަނަބަސްވިއެވެ. ރަނީމްއަކީ އެހެން މީހުންނާ ތަފާތު ކުއްޖެކެވެ. އެކަން އެހެން މީހަކަށް ފާހަގަވާކަށް އޭނަ ބޭނުމެއް ނޫނެވެ. ރައާބިލް ވިސްނަނީ ކޮން ކަމަކާކަން ނަމީރަށް އެނގުނެވެ. އޭނަ ރައާބިލްގެ ހިތްހަމަ ޖައްސައިދޭން މަސައްކަތްކުރިއެވެ.

"ރަނީމްގެ ޙަޤީޤަތެއް އެކަކަށްވެސް ނޭނގޭނެ... އަހަރެމެން އޭނަ ތަޢާރަފްކުރާނީ ނާވީގެ އަނބިމީހާގެ ގޮތުގައި. ރައާބިލްއާ ގުޅުން ހުރި ކުއްޖެއްގެ ގޮތުގައެއް ނޫން. އަހަންނަށް އެނގޭ ރައާބިލް ތި ކަންބޮޑުވަނީ އެކަމާކަން. އެއީ ރައާބިލްގެ ދަރިއެއްކަން އެނގޭ ހިސާބުން، ފާޑު ފާޑުގެ ޚަބަރުތައް ފެތުރޭނެ. އަހަރެމެންގެ ތެރޭގައި އިންސިއެއްގެ ބަނޑުން އުފަންވެފައިވާ ކުއްޖަކަށް ޖާގައެއް ނެތްކަން އަހަންނަށް ވެސް އެނގޭ. ޔަޤީންކުރޭ އަހަރެން ރަނީމް ހިމާޔަތްކޮށްދޭނަން. އެހެން ނޫނަސް ރަނީމްއަކީ ކޮން ކަހަލަ ކުއްޖެއްކަން އެނގޭނީ އެކަން ބެލުމުގެ ހުނަރު ހުރި މީހަކު ރަނީމްގެ ގައިގައި އަތްލުމުން. އަހަރެމެންގެ ބެލުމުގެ ދަށުގައި ހުއްޓާ އެގޮތަށް ކަންތައް ވާކަށް ފުރުސަތެއް ނުދޭނަން." ނަމީރު ޔަޤީންކަން ދިނެވެ. އެހެންނަމަވެސް ރައާބިލްގެ ނުތަނަވަސްކަމަކަށް ބަދަލެއް ނައެވެ.

"ރަނީމްއަށް ގެއްލުން ވެދާނެތީ އަހަރެން ޖެހިލުންވޭ ނަމީރު... އެއީ އަހަރެންގެ ހުރިހާވެސް މީހަކީ. ސަމްރާގެ ހަނދާނަކީވެސް އެއީ..." ރައާބިލްއަށް ބުނެވުނެވެ. ނަމީރު ރައާބިލްގެ ގައިގައި ބއްދާލިއެވެ. އޭނަ ރައާބިލްއަށް ހިތްވަރު ދިނެވެ. އޭނަ އެކަން ޤަބޫލުކުރާކަމުގައި ބުނެލިއެވެ. ރަނީމްއަކީ މިހާރު އޭނަގެވެސް ދަރިއެއްކަމުގައި ނަމީރު ބުނެލިއެވެ.

"ރައާބިލް އަހަރެމެންނަށް އިތުބާރު ނުކުރަނީތަ؟ ނާވީއަށް އިތުބާރު ނުކުރަނީތަ؟ ރަނީމް ހިމާޔަތްކުރަން އޭނަގެ ފުރާނަ ޤުރުބާންކުރަންވެސް ނާވީ ފަސްނުޖެހޭނެކަން ޤަބޫލުނުކުރެވެނީތަ؟ ކަންތައްތައް ވީގޮތް ރައާބިލް ހަނދާން ނެތުނީތަ؟ ނާވީ ހުއްޓާ އެކަކަށްވެސް ރަނީމްއަށް ގެއްލުން ދޭން ކެރޭނެހެން ހީވޭތަ؟" ނަމީރު ރައާބިލްއާ ދުރުވެލުމަށްފަހު، ބުނެލިއެވެ. ރައާބިލް ނާވީއަށް ބަލައިލިއެވެ. މާޒީގައި ނާވީ ރަނީމްއާ މެދު ރައްކާތެރިވި މިންވަރާ ރަނީމްއަށް ހިމާޔަތް ދިން މިންވަރު ހަނދާންވުމުން އޭނަގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. ނާވީއާ ދިމާލަށް ދިޔަ ރައާބިލް ވާހަކަ ދެއްކިއެވެ.

"އަހަރެން އެހެން އެކަކަށް ވުރެވެސް ބޮޑަށް ނާވީއަށް އިތުބާރުކުރަން. ނުހަނު ލޯބިވާ ދަރިފުޅު ނާވީއާ ހަވާލުކުރަން ކުޑަކޮށްގެން ޖެހިލުންނުވި ސަބަބަކީ އެއީ...." ރައާބިލް ބުނެލިއެވެ. އޭނަ ގޮސް ނާވީއާއި ރަނީމްގެ އަތުގައި ހިފައްޓައިލިއެވެ. އެއަށްފަހު އޭނަ އެކަމަށް އެއްބަސްވެ ނަމީރަށް ބަލައިލިއެވެ.

"އެކަމަކު އަހަރެން ބޭނުމެއް ނޫން ރަނީމްއަކީ ކާކުކަން އެނގޭކަށް. އަހަރެންގެ ދަރިއެއްކަން އެނގޭކަށްވެސް ބޭނުމެއް ނޫން. އެކަން އެގޮތަށް ވެއްޖެނަމަ ރަނީމްއަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އަހަރެން ޖެހިލުންވޭ." ރައާބިލް ބުނެލިއެވެ.

"ބައްޕާ... އަޅުގަނޑުގެ ބައްޕައަކީ ކާކުކަން އެނގިގެން ގެއްލުމެއް ވެދާނެތީ އަޅުގަނޑު ޖެހިލުމެއް ނުވެޔޭ... އެއްތަނެއްގައި ބައްޕައަކީ ނުވެސް ދަންނަ މީހަކަށް ހަދައިގެން އުޅޭނީ ކިހިނެއް؟" ރަނީމްއަށް އެގޮތް ކަމަކު ނުދިޔައެވެ. ހަޤީޤަތް ހާމަވުމުން ކުރިމަތިވެދާނެ ނުރައްކަލަކާ ދޭތެރޭވެސް އޭނައަށް ވިސްނައެއް ނުލެވުނެވެ. ރައާބިލް އެހެން ބުނެލި ނަމަވެސް، އެކަމުން ޚުދު އޭނަވެސް ހިތަށްވެސް ތަދުވާނެކަން ރަނީމްއަށް އެނގުނެވެ.

"އެނގޭ ތިހެން ބުންޏަސް ބައްޕަ ދެރަވާނެކަން.... އަޅުގަނޑު ކިހިނެއްތޯ ބައްޕައާ ނު....." ރަނީމްގެ ވާހަކަ މެދު ކެނޑުނީ ނާވީ އޭނަގެ އަތުގައި ހިފާ އަނބުރާލުމުންނެވެ.

"ރަނީމް... ރަނީމްއަށް އަދި ފެނިފައިވަނީ މިތަނުގައި ކަންތައްތައް ހިނގާ ގޮތުގެ ކުޑަ މިންވަރެއް. އަހަރެމެންނަކީ ރަސްކަމުގެ ވެރި ބައެއްކަމުގައި ވިޔަސް ހަތަރު ފަރާތުން ކުރިމަތިވާ ނުރައްކާތަކެއް ކުޑައެއް ނޫން. ޝަހަރުގެ ބޭރު ޖިންނީންވެސް އެތިބެނީ އަބަދު އަހަރެމެންނަށް ފާރަލާލާ... އެހެން ރަސްރަސްކަލުންނާ، އެހެން ޝަހަރުތަކުގެ، މީހުންގެ ލޯތައް އަބަދު އަހަރެމެންނަށް އަމާޒުވޭ... އަހަރެންވެސް ބޭނުމޭ ރަނީމްގެ ބައްޕައަކީ ކާކުކަން މުޅި ދުނިޔެއަށް އިއުލާނުކުރަން. އެކަމަކު، އެކަމުން ނުރައްކާ ވާނީ ރަނީމްއަށޭ. އަހަރެން ކިހިނެއް އެކަން އެގޮތަށް ކުރާނީ؟ ރަނީމް ބުނެބަލަ ރަނީމްއަށް ގޮތެއް ވިއްޔާ އަހަރެން ކިހިނެއް ހަދާނީ؟ ރަނީމްގެ ބައްޕައަށް ވާނީ ކިހިނެއް؟" ނާވީ ރަނީމްއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. ރަނީމްގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. އެ ފަދަ ބޮޑު ޤުރުބާނީއެއް ވާން ދޫކޮށްލަނީ ކިހިނަކުން ހެއްޔެވެ؟

ބައްޕަ މިހުރީ އެކަމާ ދެރަވެފައެއް ނޫނޭ ދަރިފުޅާ. ބައްޕަ މިހުރީ ވަރަށް އުފަލުން. ތީ ބައްޕަގެ ދަރިއެއްކަން ނުޖެހޭ ކޮންމެހެން އެންމެންނަށް އަންގާ އިއުލާނު ކުރާކަށް. އެކަން އެނގެން ޖެހޭ އެންމެން މިތިބީ މިތާ..." ރައާބިލް ވެސް ރަނީމްއަށް ވިސްނައިދިނެވެ. ބަތީލާ އާއި ޝައިސްތާވެސް ރަނީމްއަށް ނަސޭހަތް ދިނެވެ.

އެންމެ ފަހުން ރަނީމް އެއްބަސްވިއެވެ. އަދި އެކަމަށްޓަކައި ޖެހިގެން އައި ހަފްތާގެ ދުވަހެއް ކަނޑައެޅުމަށްފަހު ތައްޔާރީތަކުގެ ވާހަކަތައްވެސް ކޮންމެވެސް ވަރަކަށް ދެކެވުނެވެ. އެއަށްފަހު ނަމީރާ ރައާބިލްއާ މަޝްވަރާކޮޓަރިއަށް ދިޔައިރު، ނާވިއާއި ރަނީމްއަ ދެމީހުން ދިޔައީ ގަނޑުވަރުގައި އެމީހުންނަށް ޚާއްސަކޮށްފައިވާ ކޮޓަރިއަށެވެ.

"ރަނީމް... އަދިވެސް އެކަމާތަ ތި ވިސްނަނީ؟" ރަނީމް ކަންބޮޑުވެފައިހުރީތީ، ނާވީ ސުވާލުކޮށްލިއެވެ،. އޭނަ ރަނީމް އޭނައާ ވީ ދިމާލަށް އަނބުރާލިއެވެ. "ކީއްވެ ތިހާ މާޔޫސްވެފަ ތިހުރީ؟"

ނާވީ ރަނީމްގެ ކޯތާފަތުގައި އަތް ޖައްސައިލިއެވެ.

"ބައްޕަ ދެރަވާނެކަން އަހަންނަށް އެނގޭ...." ރަނީމް ބުނެލިއެވެ.

"ރަނީމްގެ ބައްޕަ ރަނީމް ދެކެ ވަރަށް ލޯބިވޭ. ބައްޕަމެން އެހެން އެބުނަނީ ހަމަ ރަނީމްއަށް ރަނގަޅަކަށޭ. ދެން އެކަމާ ނުވިސްނަބަލަ. ހުރިހާކަމެއް ވެސް ވާނީ ރަނގަޅަކަށޭ... " ނާވީ ރަނީމްގެ ގައިގައި ބައްދާލިއެވެ. ރަނީމް ނަވީއާ ދުރުވެލިއެވެ. ރަނީމްގެ ލޯ ހުރީ ނޫކުލައިގައެވެ. މިހާރަކަށް އައިސް އޭނަގެ ލޮލުގެ ކުލަ އާއްމުކޮށް ހުންނަނީ އެކުލައިގައެވެ. އެއީބާރުތައް ހޭލަމުން ދާކަމުގެ ނިޝާނެކެވެ. އެ ބާރުތައް އެކީ ކޮންޓްރޯލްކުރެވުމުން ލޮލުގެ ކުލަ ކަޅުކުއަކަށް ބަދަލުވެއެވެ. ކިތަންމެ ވަރަކަށް އެ ކަން އެކީ ކޮންޓްރޯލްކުރަން މަސައްކަތްކުރިޔަސް ބައެއްފަހަރު އެކަން ކުރުމަށް ރަނީމްއަށް އުނދަގޫވެއެވެ. ނާވީ ދަނީ އެކަން ކުރާނެ ގޮތް ރަނީމްއަށް ދަސްކޮށްދެމުންނެވެ.

"މިރޭ ކޮންތާކަށް ދާނީ؟" ނާވީ ލޯތްބާއެކު ރަނީމްގެ އިސްތަށިގަނޑުގައި ފިރުމާލަމުން ސުވާލުކޮށްލިއެވެ.

"ނާވީ ބޭނުންތަނަކަށް... އަހަންނަށް އޯކޭ ކޮންމެތަނެއްވެސް..." ރަނީމް ބުނެލިއެވެ. އޭނަ ހިނިތުންވެލިއެވެ.

މިތަނާ ތަންކޮޅެއް ދުރުގައި އޮންނާނެ ވަރަށް ރީތި ފަޅުރަށެއް. ހިނގާ އެ ރަށަށް..." ނާވީ ބުނެލިއެވެ. އެއަށްފަހު އޭނަ ރަނީމްގެ އަތުގައި ހިފައްޓާލިއެވެ. ކައިރިން އެރި ފެހިނޫ އައްޔާއެކު އެ ދެމީހުން އެތަނުން ގެއްލުނީއެވެ.

ފަޅު ރަށުގެ ގޮނޑި ދޮށުގައި ނާވީގެ ފައިތިލަ ބީހިލީއިރު ރަނީމް އޮތީ އޭނަގެ އަތުތެރޭގައި ނާވީގެ ކަރުގައި އަތް އަޅުވާލައިގެންނެވެ. އޭނަގެ ނަޒަރުވަނީ ނާވީއަށް ހުއްޓިފައެވެ. ނާވީ ރަނީމްއަށް ބަލައިލުމަށްފަހު، ނިތުގައި ބޮސްދީފައި ތިރީގައި ބެހެއްޓިއެވެ. އޭރު ފަޅި ހަނދެއް އުޑުމަތީގައި ރަސްކަން ކުރަމުން ދިޔަ ނަމަވެސް، އެތައް ހާސް ތަރިތަކުން އުޑުމަތި ވަނީ ޖަރީކޮށްލާފައެވެ. ޖެހެމުން ދިޔައީ ލުއި ލުއި ވައިރޯޅިތަކެކެވެ. އެއީ މިހާރު ކޮންމެ ރެއެއްގެވެސް އާދައެވެ. ނާވީ ރަނީމް ގޮވައިގެން މީހުން ނޫޅޭ ކޮންމެވެސް ތަނަކަށް ޒިޔާތަތްކުރެއެވެ. އެތަނުން ނުރައްކަލެއް ނެތްކަން ޔަޤީންކުރުމަށްފަހު ރަނީމްއަށް އޭނަގެ ބާރުތައް ބޭނުންކުރާނެ ގޮތްތައް ދަސްކޮށްދެއެވެ.

ދޮންވެލިގަނޑު މަތީގައި ދެމީހުން އިށީނދެލިއެވެ. ރަނީމް ނާވީގެ ކޮނޑުގައި ބޯ އަޅައިލިއެވެ. ނާވީ ވެސް ރަނީމް އޭނަގެ ގަޔާ ގާތްކޮށްލިއެވެ. ރަނީމްގެ ނުތަނަވަސްކަން ފިލާ މިހާރު ހުރީ ހަމަޖެހިފައިކަމުން ނާވީއަށްވެސް ހަމަޖެހުން ލިބުނެވެ. އޭނަގެ ހިތުގައި އަބަދުމެ ވާ އެދުމަކީ ރަނީމް އޭނައާ އެކުގައިވުމެވެ. އެތަނުގައި ދެމީހުން އެރޭ އުފާވެރި ވަގުތުތަކެއް ހޭދަކުރިއެވެ. އެތަކެއް ވަޢުދެއްވިއެވެ. ދެމީހުން އެކަކު އަނެކަކަށް އެދޭ ވަރު ހާމަކުރިއެވެ.

ދެކެވެމުން ދިޔަ ވާހަކައެއްގެ ތެރެއިން ރަނީމް ނާވީއަށް ވަރަށް ފުންކޮށް ބަލައިލިއެވެ.

"ނާވީ...." ރަނީމް ގޮވައިލިއެވެ.

"ކިހިނެއްވީ؟" ނާވީއަށް ބުނެވުނެވެ.

"އަހަރެން ބޭނުން އެތަން ބަލާލަން. އެއްފަހަރު...." ރަނީމް ބުނެލިއެވެ. އޭނަ އެކަމެއްގައި ނާވީ ގާތުން އެދޭތާ ދުވަސްކޮޅެއް ވެއްޖެއެވެ.

"ނޫން..." ނާވީ ދުރުބަލައިލިއެވެ. އޭނައަށް ރަނީމް އެބުނާ ކަމަށް އެއްބަސްވެވޭނީ ކިހިނަކުން ހެއްޔެވެ؟ ރަނީމްއަށް އިތުރު ތަކުލީފެއް ލިބޭކަށް އޭނަ ބޭނުމެއް ނޫނެވެ.

"އެންމެ ފަހަރަކު.... ހަމަ އެންމެ ފަހަރަކު...." ރަނީމް ނާވީގެ އަތުގައި ހިފައްޓައިލިއެވެ. "އަހަންނާ ދިމާލަށް ބަލާލަބަ...." ރަނީމް ބުނެލިއެވެ. ނާވީ ނޫނެކޭ ބުނެ އެ އިން ގޮތަށް އިނީއެވެ. އެހެންނަމަވެސް މާގިނައިރު އޭނައަކަށް އެހެންނެއް ނީނދެވުނެވެ. ރަނީމްގެ އާދޭސްތަކަށް ބީރުކަންފަތެއް ދޭން ނުކެރުނީއެވެ.

"އެއީ ނިމިފަ އޮތްކަމެއްނު. ދެން ކީއްވެ؟" ނާވީއަށް އުނދަގޫވިއެވެ. މާޒީއަށް ފަސް އެނބުރި ބަލާކަށް އޭނަ ބޭނުމެއް ނޫނެވެ. އެކަމުން އިތުރު ތަކުލީފެއް ލިބޭކަށްވެސް ބޭނުމެއް ނޫނެވެ. ވެ ނިމިފައިވާ ކަމެއްގެ ސަފްޙާތަކެއް ހުޅުވުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ރަނީމްގެ ދެލޯ ފެންކަޅިވިއެވެ. ނާވީ ދެކޮޅު ހަދާ ސަބަބު އޭނައަށް އެނގެއެވެ. އެހެންނަމަވެސް، އެންމެ ފަހަރަކު އެތަން ބަލާލުމުގެ ހައްޤު އޭނައަށް އޮތްކަމުގައި ޤަބޫލުކުރެވޭތީ ރަނީމްއަށް އާދޭސްކުރެވެނީއެވެ.

"އެންމެ ރަނގަޅު. އެންމެ ފަހަރަކު.... " ނާވީ ލޯ މަރައިލިއެވެ. އޭނައަށް އިތުރު ގޮތެއް ނެތް ފަދައަކުންނެވެ.

"ހިނގާ...." އޭނަ ބުނެލިއެވެ. ރަނީމް ގޮވައިގެން ނާވީ އެތަނުން ދިޔައީ ގަނޑުވަރަކަށް ނޫނެކެވެ. އޭނަ ރަނީމް ގޮވައިގެން ގޮސް ވަނީ ބިންގަރާހަށެވެ. އަނދިރި ބިންގަރާހަށް ރަނީމް ވަތް ފުރަތަމަ ފަހަރު ކަމުން އޭނަގެ މެއަށް ގޮތެއް ވެލިއެވެ. ނާވީއާއެކު ކުރިއަށް ހިނގަމުން ދިޔައިރު އެތަނުގައިވަނީ އަލިފާނުގެ އަލިކަން އެކަންޏެވެ. ބޭރުގެ އަލިކަން އެތަނަށް ނުވަންނާނެކަން ރަނީމްއަށް އެނގުނެވެ. ވަކި ހިސާބަކުން މަޑުޖެހިލި ނާވީ ރަނީމްގެ އަތުން ދޫކޮށްލިއެވެ. އެއަށްފަހު އޭނަ އަތުން އެއްފަރާތަށް އިޝާރާތްކޮށްލިއެވެ. އެނދިމާލަށް ބަލައިލުމެއް ނެތިއެވެ.

"މީތަ އެތަން؟" ރަނީމް ނާވީ ދައްކައިލި ގޮޅިއަށް ބަލައިލިއެވެ. ނާވީ ހަމަ އެކަނި "ހޫމް"އަކުން ފުއްދައިލީއެވެ.

"މީތަ އަހަރެންގެ ބައްޕަ ފާއިތުވެދިޔަ ހުރިހާ އަހަރުތަކެއް ވޭތުކުރި ތަނަކީ؟ މީތަ އެ ހުރިހާ އަނިޔާއެއް ތަޙައްމަލުކުރި ތަނަކީ؟"

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު