އަލިރަސްގެފާނު ފަދަ އަޒުމު ވަރުގަދަ ދަރީން ކޮންމެ ޖީލެއްގެ ކަރާމަތް ނަގަހައްޓާނެ: ރައީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒު: ވިދާޅުވީ، އަލިރަސްގެފާނު ފަދަ އަޒުމު ވަރުގަދަ ދަރީން ދިވެހި ޖީލުގެ ކަރާމަތް ނަގަހައްޓާނެ ކަމަށް --- ފޮޓޯ/ ރައީސް އޮފީސް

އަލިރަސްގެފާނު ފަދަ އަޒުމު ވަރުގަދަ ދަރީން، ދިވެހި ކޮންމެ ޖީލެއްގެ ކަރާމާތް ނަގަހައްޓާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ވަނީ ދިވެހި ޤައުމުގެ ދިފާޢުގައި ޖިހާދު ކުރައްވަނިކޮށް އަލިރަަސްގެފާނު ޝަހީދުވިތާ މިއަދަށް 482 އަހަރު ފުރުނުއިރު، އެންމެ ފަހު ނޭވަޔާ ހަމަޔަށް ހިތްވަރުގަދަ ޤައުމީ ބަޠަލު ދެއްކެވި ހިތްވަރާއި ފަންވަރުގެ ރޫޙު ތާ އަބަދު މި ޤައުމުގައި ދިރިދިރި ހުންނާނެ ކަމަށް ވިދާޅުވެފައެވެ.

މިގޮތުން، ޤައުމަށްޓަކައި ޖިހާދު ކުރައްވައި ޝަހީދުވި ފަހުލަވާނުންނާއި ޤައުމީ ޚިދުމަތުގައި ވާޖިބު އަދާކުރަމުން ދަނިކޮށް ޝަހީދުވި ހިތްވަރުގަދަ ކެރޭ ދަރީންގެ ފަނޑުވުމެއް ނެތް ޒިކުރާ މިއަދު އާކުރަނީ ޝުކުރު ވެރިކަމާ އެކީގައި ކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރަށް، އަލިރަސްގެފާނު ފަދަ ޢަޒުމު ވަރުގަދަ ދަރީން ކޮންމެ ދިވެހި ޖީލެއްގެ ކަރާމާތް ނަގަހައްޓާނެ ކަމަށް ވިދާޅުވެ، އެ މަނިކުފާނު ވަނީ މި ގައުމު މިނިވަންކަން މަތީ ދެމިއޮތުމަށް ދުއާކުރައްވާފައެވެ.

ރާއްޖޭގައި ޝަހީދުންގެ ދުވަސް ފުރަތަމަ ފާހަގަކުރީ 1400 ވަނަ އަހަރުގެ ޝަޢުބާންމަހުގެ އެއްވަނަ ދުވަހެވެ. އެއީ، މީލާދީން 14 ޖޫން 1980 ގައެވެ. ޝަހީދުންގެ ދުވަހަކީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރުމަށް ޢަލިރަސްގެފާނު ކުރެއްވި ޖިހާދުގެ ހަނދާން އާކުރާ ދުވަހެކެވެ.

comment ކޮމެންޓް