ރެއާލް މެޑްރިޑުގެ ސަޕޯޓަރުން އޭނާއާ ދެކޮޅަށް އަޑުއުފުލާތީ އެ ކުލަބު ދޫކޮށްލާނެކަމަށް ބުނެ އެ ޓީމުގެ ތަރި ވިނީޝަސް ޖޫނިއާ އަނެއްކާވެސް ބޮޑާހާކަން ފަށައިފިއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައިވެސް ވިނީޝަސް ވަނީ ކުލަބު ދޫކޮށްލާނެކަމަށް ބުނެ ވާހަކަދައްކާފައެވެ. އެފަހަރު މައްސަލަ ހޫނުވީ އޭރުގެ ކޯޗު ޒަބީ އެލޮންސޯއާ ދެމެދު ކޯޅުން ބޮޑުވެގެންނެވެ.
ކޯޗާއި ވިނީޝިއަސް މައްސަލަ ޖެހުނީ ފުރަތަމަ އެގާރައިން ވިނީޝިއަސްއަށް ފުރުސަތު ނުދޭން ފެށި ހިސާބުންނެވެ. އެއަށްފަހު ވިނީޝިއަސް ދަނީ އެކި މަންސަތަކުގައި ބޮޑާހާކަމުންނެވެ.
މިހާރު އެ ކުލަބުގެ ކޯޗުކަން އަލޮންސޯ ބޭރުކޮށްލި ފަހުންވެސް ދެން ފެނުނީ ވިނީޝަސްގެ ބޮޑާހޭކުމެވެ. އެއީ މިިދިޔަ ހޮނިހިރު ދުވަހު ލެވަންޓޭ އަތުން ރެއާލް 2-0 ގެ ނަތީޖާއަކުން މޮޅުވި މެޗަށްފަހުއެވެ.
ރެއާލްއާއެކު ވިނީޝަސްގެ އެއްބަސްވުން ހަމަވާނީ 2027 ގައެވެ. އެ ކުލަބުން ދަނީ އޭނާގެ އެއްބަސްވުން އައުކުރުމަށް ވާހަކަދައްކަމުންނެވެ. ނަމަވެސް ކޮންމެ ފަހަރަކު ވިނީޝަސްގެ އަމަލުތައް ހުންނަގޮތުން އެކަމަށް ގޮތެއް ނުނިންމެއެވެ.
ކުލަބުގެ އައު މެނޭޖަރު އާބެލޯއާ ވަނީ މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާފައެވެ. އޭނާގެ ޕްލޭނުގައި ވިނީޝަސްއަކީ ބޭނުންވާ މޮޅު ކުޅުންތެރިއެއްކަމަށް އޭނާ ވަނީ މީގެކުރިން ވާހަކަދައްކަމުން ބުނެފައެވެ.
"ވިނީޝަސްއަށް އިތުރު ފުރުސަތުތައް ދަނޑުމަތީގައި ތަނަވަސްކޮށްދޭން އަހަރެން ކުޅުންތެރިން ގާތު ބުނާނަން" އާބެލޯއާ މީގެކުރިން ބުންޏެވެ.
އަލޮންސޯގެ ކޯޗުކަމުގެ ދަށުން ވިނީޝިއަސް ބޮޑަށް ބޭނުންކުރީ ބެންޗުން އަރާ ކުޅުންތެރިއެއްގެ ގޮތުގައެވެ. ނުވަތަ މަދު ވަގުތުކޮޅެއް ދަނޑުމަތިގައި ހޭދަކުރާ ކުޅުންތެރިއެއްގެ ގޮތުގައެވެ. މައްސަލަ ހޫނުވީވެސް މި ސަބަބާހުރެ އެވެ.