ހެންލީ ޕާސްޕޯޓު އިންޑެކްސްގައި ރާއްޖޭގެ ޕާސްޕޯޓު ދެކުނު އޭޝިއާ ސަރަހައްދުގެ އެއްވަަނަ ޕާސްޕޯޓުގެ މަގާމު ޖެހިޖެހިގެން ހަތްވަނަ ފަހަރަށް ދިފާއުކޮށް، އެއް ދަރަޖަ ކުރިއަށް ޖެހިލައިފިއެވެ.
ހެންލީ ޕާސްޕޯޓު އިންޑެކްސްގައި ރާއްޖެ ހިމެނެނީ 52 ވަނައިގައި، ވިސާއާ ނުލައި 92 ގައުމަކަށް ދަތުރުކުރެވޭ ޕާސްޕޯޓެއްގެ ގޮތުގައެވެ. ނަމަވެސް، މިދިޔަ އަހަރު އެ ލިސްޓުގައި ރާއްޖެ އޮތީ 53 ވަނައިގައެވެ. އެއީ، ދެކުނު އޭޝިއާ އެހެން ގައުމުތަކަށް ވުރެ ބޮޑު ކުރިއެރުމެއް ކަމަށްވާއިރު، މި ސަރަހައްދުގެ ގައުމުތަކުން ދެން އެންމެ ކުރީގައި އޮތީ އިންޑިއާއެވެ.
އެ ގައުމުން ލިސްޓުގެ 80 ވަނައިގައި އޮތްއިރު ވިސާއާ ނުލައި އެ ޕާސްޕޯޓުގައި ދަތުރުކުރެވެނީ 55 ގައުމަކަށެވެ.
މި ސަރަހައްދުގެ ގައުމުތަކުން ތިންވަނައިގައި އޮތް ބޫޓާންގެ ޕާސްޕޯޓުގައި ވިސާއާ ނުލައި ދަތުރުކުރެވެނީ 50 ގައުމަކަށެވެ. އެއީ، ލިސްޓުގެ 85 ވަނައިގައި ހިމެނިގެން ކަމަށްވާއިރު، އެ ލިސްޓުގެ އެންމެ ފަހަތުން 101 ވަނައިގައި އޮތީ އަފްޣާނިސްތާނެވެ.
ހެންލީ ޕާސްޕޯޓު އިންޑެކްސްގައި އެންމެ ބާރުގަދަ ޕާސްޕޯޓުގެ މަގާމު ދެމެހެއްޓީ ސިންގަޕޫރުގެ ޕާސްޕޯޓުންނެވެ. އެ ގައުމުގެ ޕާސްޕޯޓުން 192 ޤައުމަކުން އޮންއެރައިވަލް ވިސާ ލިބެއެވެ.