ހދ. އަތޮޅު ކައުންސިލުން, ތަޖުރިބާ ދަތުރުތަކަށް ތިންލައްކައަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރިއިރު، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ އެންގުމާ ޚިލާފަށް މުވައްޒަފުންނަށް އެޓެންޑެންސް އެލަވަންސްގެ ގޮތުގައި އެއްލައްކައަށްވުރެ ގިނަ ރުފިޔާ ދިންކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
ހދ. އަތޮޅު ކައުންސިލް އިދާރާގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި ތަޖުރިބާ ހޯދުމަށް ކައުންސިލް އިދާރާ ތަމްސީލުކުރާ 10 މެންބަރުން ހިމެނޭ ގޮތަށް 12 ބޭފުޅުން އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީއަށް ކޮށްފައިވާ ދަތުރާއި، ފ އަދި ދ އަތޮޅުގެ ހަތް ރަށަކަށް އެ 12 މުވައްޒަފުން ކޮށްފައިވާ ދަތުރަށް ޖުމްލަ 358،722 ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ.
މި ޚަރަދަކީ ދައުލަތުގެ ޚަރަދުތައް ކޮންޓްރޯލްކޮށް، އެފިޝަންސީ އިތުރުކުރުމަށް، ފިނޭންސް މިނިސްޓްރީ އަދި ލޯކަލް ގަވަނަންސް މިނިސްޓްރީން އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ޚަރަދެއްކަމަށް ބެލެވެން ނެތް ކަމަށް އޮޑިޓްގައި ބުނެފައިވެއެވެ.
ހަމައެއާއެކު އެ ދަތުރުގެ ބޭނުމަކީ ކައުންސިލްތައް ހިނގާ ނުހިނގާ ގޮތް ބަލައި، ތަޖުރިބާކުރުން ކަމުގައި ބަޔާންކޮށްފައިވީ ނަމަވެސް، ދަތުރުކޮށްފައިވާ ތިން ރަށެއްގެ ކައުންސިލްތަކާއި ބައްދަލުކޮށްފައިވާކަން ކަށަވަރުކުރެވިފައި ނުވާކަމަށް އޮޑިޓްގައި ބުންޏެވެ. އަދި އެ ދަތުރުތަކުން ހާސިލުކުރަން ބޭނުންވާ ކަންކަމާއި، އެ ދަތުރުތަކުން ލިބޭ ތަޖުރިބާ ކައުންސިލްގެ އިދާރާގައި ބޭނުންކުރާނޭ ގޮތެއް، ދަތުރުކުރުމުގެ ކުރިން ކަނޑައަޅާފައި ވެސް ނުވާ ކަމަށް އޮޑިޓުން ފާހަގަކުރިއެވެ.
އޭގެ އިތުރުން ސްޓޭޓް ހައުސް އިމާރާތް މަރާމާތުކުރުމުގެ މަސައްކަތް 683،298 ރުފިޔާއަށް ހަވާލުކޮށްފައިވީ ނަމަވެސް، މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ބައެއް މަސައްކަތްތައް ކޮށްފައި ނުވާ ކަމަށް އޮޑިޓުގައި ބުންޏެވެ. އަދި މަސައްކަތަށް ގެނެވުނު ބަދަލުތަކާ ގުޅިގެން އަގަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްފައިނުވާ ކަމަށް ވެސް ބުންޏެވެ. އަދި މަސައްކަތް އިންސްޕެކްޓުކޮށް، މަސައްކަތް ނިންމިކަމުގެ ލިޔުން ތައްޔާރުނުކޮށް، މަސައްކަތުގެ އަގު ދޫކޮށްފައިވުމާއި މަސައްކަތަށް ގެނެވުނު ބަދަލުތައް ލިޔެކިޔުމުން ބަލަހައްޓާފައި ނުވާ ކަމަށް ވެސް އޮޑިޓްގައި ފާހަގަކުރިއެވެ.
އިތުރު ކަމަކަށް އޮޑިޓްގައި ފާހަގަކުރީ ސިވިލް ސާވިސް ކޮމިޝަންގެ އެންގެވުމާއި ޚިލާފަށް، މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން އޮކްޓޫބަރު މަހުގެ ނިޔަލަށް އެ ކައުންސިލް އިދާރާގެ މުވައްޒަފުންނަށް އެޓެންޑެންސް އެލަވަންސްގެ ގޮތުގައި 172،250 ރުފިޔާ ދީފައިވާ ކަމަށެވެ.