ގައުމީ ޓީމުގެ ހެޑު ކޯޗުކަމާ ހަވާލުވުމަށް އުރުބާނީ ރާއްޖެއަށް

ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ހެޑު ކޯޗުކަމާ ހަވާލުވި އުރުބާނީ އާއެކު އެފްއޭއެމުގެ ނައިބު ރައީސް ހުސައިން ޝާފިއު (ކޮކީ)-- ފޮޓޯ: އެފްއޭއެމް

ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމްގެ ހެޑު ކޯޗްކަމާއި، އެފްއޭއެމުގެ ޓެކްނިކަން ޑައިރެކްޓަރުގެ ޒިންމާއާ ހަވާލުވުމަށް ހަންގޭރީގެ އިސްޓަވާން އުރުބާނީ ރާއްޖެ އަތުވެއްޖެއެވެ.

ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ހެޑު ކޯޗުކަމުގެ މަގާމާ ތިންވަނަ ފަހަރަށް ހަވާލުވުމަށް އުރުބާނީ ރާއްޖެ އައުމުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވުމުގައި އިސްކޮށް ހަރަކާތްތެރިވީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސް ހުސައިން ޝާފިއު (ކޮކީ) އާއި ގޯލްކީޕަރު އިމްރާނު މުހައްމަދެވެ.

އުރުބާނީ، ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމަށާއި، އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމަށް އައްޔަންކުރުމަށް ނިންމީ އެ އެސޯސިއޭޝަންގެ އެކްސްކޯ ބައްދަލުވުމުގައެވެ.

މީގެކުރީން، 2009 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ވެސް ރާއްޖޭގެ ފުޓްބޯޅަ ޓީމަށް އޭނާ އިރުޝާދު ދީފައިވާއިރު، އެ ފަހަރުގެ މުބާރާތުގައި ރާއްޖޭން ރިހި މެޑެލް ހާސިލްކުރިއެވެ.

އޭގެފަހުން 2012 ވަނަ އަހަރު ލަންކާގައި ކުރިއަށްދިޔަ މަހިންދަ ރާޖަޕަކްސަ ފުޓްބޯޅަ މުބާރާތް ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމަށް ކާމިޔާބުކޮށްދިނީ ވެސް އުރުބާނީ އެވެ. އެއީ، ރާއްޖޭގެ 23 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމަކުން ބައިނަލްއަގުވާމީ މުބާރާތެއްގައި އެންމެ ފުރަތަމަ ހޯދީ ކާމިޔާބީއެވެ.

ހަންގޭރީގެ މީޑިއާތަކުގައި ވާހަކަދައްކަމުން އުރުބާނީ ބުނީ އޭނާގެ އެންމެ ބޮޑު އަމާޒަކަށްވާނީ ރާއްޖޭގައި އޭރު ކުރި މަސައްކަތްތައް ނިންމި ހިސާޞުން އަނެއްކާވެސް ފެށިގެން ކުރިއަށްގެންދިއުން ކަމަށެވެ. އަދި ވަރުގަދަ ޓީމެއް ބިނާކުރުމަަށް މަސައްކަތްކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު