ސަމާލުވޭ! ބަރުދަން ލުއިކުރާ ބޭހެއް ކަމަށް ބުނެ، ގެއްލުންވެދާނެ ފަދަ ބޭހެއް ވިއްކަނީ

ފާމަސީއެއް: ނުބައިކޮށް ލޭބަލްކޮށްގެން ބޭސް ވިއްކާތީ ސަމާލުވާން ވަނީ އިލްތިމާސްކޮށްފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ބައެއް ބޭސްތައް ބޭނުންކުރާ އަސްލު މަގުސަދުގެ ބަދަލުގައި އެހެން ކަންކަމަށް އެހީވާ ކަމަށް ބުނެ، އިޝްތިހާރުކުރަމުން އަންނާތީ އެ ކަމަށް ސަމާލުވާން މޯލްޑިވްސް ފުޑް އެންޑް ޑުރަގު އޮތޯރިޓީ (އެމްއެފްޑީއޭ)އިން މިއަދު އިލްތިމާސްކޮށްފިއެވެ.

ބޭސް ގަންނައިރު އާންމުން ސަމާލުވާން އިއްޔެ ވެސް އެ އޮތޯރިޓީން އިލްތިމާސްކުރިއެވެ.

އެ އޮތޯރިޓީން މިއަދު ކުރި އިތުރު އިއުލާނެއްގައި ބުނީ، ބައެއް އޮންލައިން ޕޭޖްތަކުން އެ އޮތޯރިޓީން ހުއްދަ ނުނަގާ ބޭސް ވިއްކައި، އިޝްތިހާރުކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެއީ، މަނާ ކަމެއްކަން ފާހަގަކޮށް އެ ކަމަށް ސަމާލުވާން އިއްޔެގެ އިއުލާނުގައި ވެސް ބުނެފައިވެއެވެ.

އެމްއެފްޑީއޭއިން މިއަދު ބުނީ، ލޭގައި ހުންނަ ހަކުރު ދަށްކުރަން ބޭނުންކުރާ ސެމަގްލޫޓައިޑް [Semaglutide] އަކީ ބަރުދަން ލުއިކުރާ ބޭހެއް ކަމަށް ބުނެ އިޝްތިހާރުކުރަމުން އަންނަ ކަމަށެވެ. އަދި، ހަމުގެ މައްސަލަތަކުގައި ބޭނުންކުރާ އޭޒްލޭއިކް އެސިޑް [Azelaic acid] އަކީ މޫނުގެ ހަންގަނޑު ރީތިކޮށް އަލިކުރާ ބޭހެއް ކަމަށް ބުނެ ޕޭޖްތަކުގައި އިޝްތިހާރުކުރަމުން އަންނަ ކަމަށެވެ.

އެމްއެފްޑީއޭއިން ބުނީ، މި ފަދަ ބޭސްތަކަކީ ކޮންމެހެން ބޭނުންކުރަންޖެހޭ ހާލަތްތަކުގައި، އެ ކަމަކަށް ޚާއްސަ ޑޮކްޓަރަކު ލިޔެދިނުމުން ނޫނީ ބޭނުންކޮށްގެން ނުވާނެ ބޭސް ކަމަށެވެ.

"ފާމަސީތަކުން ވެސް މި ފަދަ ބޭސް ދޫކުރެވޭނީ ޑޮކްޓަރު ލިޔެދީފައިވާ ބޭސް ސިޓީއަށެވެ. ޑޮކްޓަރެއްގެ ލަފައާއި އިރުޝާދާ ނުލާ މިފަދަ ބޭސް ބޭނުންކުރުމުން، ހީވެސް ނުކުރާ ފަދަ ހިތާމަވެރި ހާލަތަކަށް ހުށަހެޅުމަކީ ދުރުގައިވާ ކަމެއް ނޫން،" އެމްއެފްޑީއޭގެ އިއުލާނުގައިވެއެވެ.

https://sun.mv/216842

އެ އޮތޯރިޓީން ވަނީ ހުއްދަ ނުނަގާ ބޭސް އެތެރެކޮށް، ވިއްކާ، އިޝްތިހާރުކުރާ ނަމަ، ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައެވެ.

ބޭސް ގަންނައިރު އެ ކަންކަމަށް ސަމާލުވާން އެމްއެފްޑީއޭއިން އިއްޔެ ވެސް ވަނީ އިލްތިމާސްކޮށްފައެވެ. އެ ގޮތުން:

  • ބޭސް ވިއްކުމުގެ ހުއްދަ ފާމަސީގައި ހަރުކޮށްފައިވޭތޯ ބެލުން
  • ފާމަސިސްޓެއްކަން އަންގައިދޭ ކާޑު އަޅާފައިހުރިތޯ ޔަގީންކުރުން
  • ބޭހުގެ މުއްދަތު ހަމަވާ ތާރީޚު ބެލުން
  • ބޭސް ބޭނުންކުރަންވީ ގޮތުގެ އިރުޝާދު ލިޔެފައިވޭތޯ ބަލައި، ޔަގީންކުރުން
  • ބޭސް ޕެކްކޮށްފައި ހުރި ރައްކާތެރިކޮށްތޯ ޔަގީންކުރުން
comment ކޮމެންޓް