ޖަލީލަކީ ސީދާ "ކަންބަޅިއެއް"، ރައީސް ބޭނުންވަނީ އާދަމް އާޒިމް ހޮވެން: ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، ރައީސް މުއިއްޒާއި، މާލޭ މޭޔަރުކަމަށް ވާދަކުރައްވާ ޖަލީލް: ޔާމީން ވިދާޅުވީ ޖަލީލަކީ ސިޔާސީ "ކަންބަޅިއެއް" ކަމަށް --

ވެރިކަންކުރާ ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ މޭޖާ ޖެނެރަލް ރިޓަޔާޑް މޫސާ ޢަލީ ޖަލީލަކީ ކަތިލާ ކަންބަޅިއެއް ކަމަށާއި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުވަނީ މިހާރުގެ މޭޔަރު އަދި އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި މިފަހަރުގެ އިންތިޚާބުގައި ވާދަކުރައްވާ އާދަމް ޢާޒިމް މޭޔަރު ކަމަށް ހޮއްވަވަން ކަމަށް، ކުރީގެ ރައީސް ޢަބްދުالله ޔާމީން މިރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނުގެ އަމިއްލަފުޅު ޕާޓީ ޕީއެންއެފުން ސިލްސިލާކޮށް ބާއްވަމުން އަންނަ ޖަލްސާތަކުގެ ތެރެއިން މިރޭ ބޭއްވި ޖަލްސާގައި ޔާމީން ވަނީ، އެމަނިކުފާނުގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި ޖަލީލަށް ތައުރީފްކުރައްވައިފައެވެ. އެގޮތުން ޖަލީލަކީ ޚިދުމަތްތެރި، ޝަރަފުވެރި، ނަމޫނާ ބޭފުޅެއް ކަމަށް ވިދާޅުވެ، އޭނާގެ އަގުވެއްޓެން ނޭދޭ ކަމަށް ޔާމީން ވިދާޅުވިއެވެ.

އެހެންވެ ޖަލީލު މާލޭގެ މޭޔަރުކަމަށް ވަޑައިގަތުމަށް ޕީއެންސީން އެރުވި ފުރުސަތު ގަބޫލުކުރުމުން ހިތާމަކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒާއި، މާލޭ މޭޔަރުކަމަށް ވާދަކުރައްވާ ޖަލީލް -- ފޮޓޯ: ޕީއެންސީ

"ދެން ޖަލީލަށް މިހާރު އެނގިވަޑައިގަންނަވަން ވާނެ ކީއްކަން މިވީ، ޖަލީލަކީ ކަތިލާ ކަންބަޅިއެއް، މުޢިއްޒު ބޭނުންވަނީ އާދަމް ޢާޒިމް ހޮވެން، އެހެންވީމާ ހަމަ އެ ސަބަބަށް ޓަކައި މާލެ ސިޓީ ކައުންސިލަށް ކުރިމަތިލައިގެން އުޅޭ ހުރިހާ ޕީއެންސީގެ ކައުންސިލަރުންނަށް އަންގައިފި މޫސާ ޖަލީލާއެކީ ކަލޭމެން ފޮޓޯނަގައިފައި ޕޯސްޓަރު ހަދައިގެން ނުވާނެއޭ،" ޔާމީން ވިދާޅުވިއެވެ.

އަންނަ އޭޕްރިލް މަހުގެ ކުރީކޮޅު އޮންނަ ލޯކަލް ކައުންސިލު އިންތިޚާބާ ދިމާކޮށް، ރައްޔިތުން އެދޭ ތަރައްގީއެއް ގެނެވޭނީ ވެރިކަންކުރާ ޕީއެންސީގެ މެންބަރުން އިންތިޚާބުކޮށްގެން ކަމަށް ވިދާޅުވާ ފަދަ މޭރުމަކުން ރައީސް ދެއްކެވި ވާހަކަފުޅަށް އިޝާރާތްކުރައްވައި، އެއީ އާންމުންނަށް ދިން އިންޒާރެއްގެ ގޮތުގައި ޔާމީން ސިފަކުރެއްވިއެވެ.

"ޑިމޮކްރަސީއަށް އަހުލުވެރިކަމެއްނެތް، ވެރިކަމުގެ ވައްޓަފާޅިއެއް ނެތް، ހުދުމުޚުތާރު ސިފައެއްގެ ވާހަކަ މި ދައްކަނީ، ކައުންސިލު އޮތަސް ނެތަސް ރައްޔިތުން ބޭނުންވާ ތަރައްގީ ރައްޔިތުންނަށް ގެނެސްދޭންވާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ދެހާސް އެކާވީސްވަނަ އަހަރުން ފެށިގެން ވެރިކަމަށް ވަޑައިގަތުމާ ހަމައަށް، ރައީސް މޭޔަރުކަން ކުރެއްވިއިރު ބައިވަރު ކަންކަން ހިނގާފައި ހުރި ކަމަށް ވިދާޅުވެ، ޔާމީން ތުހުމަތުކުރެއްވި ގޮތުގައި ޢާޒިމް ގެންދެވީ ރައީސް ކުރެއްވި ކަންކަން ފަސް އަޅައި ފޮރުއްވަމުންނެވެ.

އެއާއެކު، އެމަނިކުފާނު ވިދާޅުވީ ޢާޒިމް ކުރައްވަންވީ ކަމަކީ ރައީސްގެ މޭޔަރުކަމުގައި ކައުންސިލުން ކުރި ކަންކަމުގެ އޮޑިޓެއް ހެދުން ކަމަށެވެ. ޔާމީން އެހެން ވިދާޅުވިނަމަވެސް، މޭޔަރުކަމުގެ މަގާމުގައި ހުރެ ގާތްތިމާގެ އެއްވެސް މީހަކަށް ނުފޫޒުގެ ބޭނުންކޮށް ކޮންޓްރެކްޓްކޮށްފައި ނޯންނާނެ ކަމަށާއި، ކޮންޓްރެކްޓްތައް އޮޑިޓްކުރެވި، ގޯހެއް އުޅެންޏާ ކަމާބެހޭ އިދާރާތަކަށް ވާނީ ފޮނުވައިފައި ކަމަށް އާޒިމް ވިދާޅުވެފައިވެއެވެ.

ފާހަގަކުރެވޭ ގޮތުގައިޕީއެންސީގެ ޓިކެޓުގައި ޖަލީލު ވާދަކުރައްވާކަން ހާމަކުރެއްވީ މީގެ އެއް މަސް ކުރިން، އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ކައުންސިލު އިންތިޚާބުގެ އެ ޕާޓީގެ ކެމްޕެއިން މެނޭޖަރު އިބްރާހީމް ފަލާޙެވެ. ފަލާޙް އެ ދުވަހު ހާމަކުރެއްވި ގޮތުގައި، ޕީއެންސީގެ ޕްރައިމަރީގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަނީ ޖަލީލު އެކަންޏެވެ. އެހެންވެ، އޭނާއަށް ވަނީ އޮޓޯއިން ޓިކެޓު ކަށަވަރުވެފައެވެ.

ޖަލީލު ވަނީ ނޮވެންބަރު 3ގެ ނުރައްކާތެރި ޢުދުވާނީ ޙަމަލާއާ ގުޅިގެން، ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާއުގައި ނުކުންނަވައިފައެވެ. އަދި ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރު ކަން ވެސް ކުރައްވައިފައެވެ.

އަދި އެމްޑީޕީގެ ޓިކެޓު އާދަމް ޢާޒިމް ކަށަވަރުކުރެއްވީ މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޢާޒިމާ ވާދަކުރައްވައެވެ.

comment ކޮމެންޓް